ރާއްޖޭގައި ދީނީ ހަރުކަށި ފިކުރު މޫލާފައިވާ ބިރުވެރި މިންވަރު ސިފަ ކޮށްދޭން އެކި ގޮތްގޮތުން ދައްކާ ވާހަކަތަކާއި ދޭ އިންޒާރުތަކުގެ އަޑުއިވެ އެވެ. އަޑީ ދައުލަތެކޭ ވެސް ކިޔަ އެވެ. އަނެއް ބައި ފަހަރާ އެއީ އަނދިރި ދައުލަތެކެވެ. ސަލާމަތީ ބާރުތަކުގެ ތެރޭގައިވެސް އެ ފިކުރަށް ވާގިދޭ ބައަކު ތިބި ކަމުގެ ބިރުވެރި ތުހުމަތު އޮވެ އެވެ. ނަމަވެސް އެ ފިކުރުގެ ނުރައްކާތެރިކަން މިނަން ގެންގުޅޭ ނާޅި މި އޮންނަނީ ސީރިއާ ފަދަ ގައުމުތަކަށް ޖިހާދުގެ ނަމުގައި ދާ ދިވެހިންނާ ގުޅުވައިފަ އެވެ. އެގޮތުން، ސީރިއާއަށް ބޭރު ގައުމުތަކުން ޖިހާދަށް ދާ މީހުންގެ ތެރެއިން އާބާދީގެ ނިސްބަތުން އެންމެ ގިނަ މީހުން ގޮސްފައިވަނީ ރާއްޖޭން ކަމަށް ބުނަމުން ދެއެވެ. "ޕާ ކެޕިޓާ" އިން ސީރިއާގައި އުޅޭ ހަރުކަށި ފިކުރުގެ ޖަމާއަތްތަކަށް އެންމެ ގިނަ ހަނގުރާމަވެރިން ފޮނުވަނީ ރާއްޖޭންކަމަށް ބުނުން ބޭރުގެ މީޑިއާތަކާ ހަމައަށް ވެސް ފޯރާފައި ވެއެވެ.
ދުނިޔެއަށް ބަލާއާފާތެއްގެ ގޮތުގައި ކުރިމަތިވެފައިއޮތް ކޮވިޑް-19 މިހާރު ވަނީ 200 އަށް ވުރެ ގިނަ ގައުމަށްވަނީ ފެތުރިފަ އެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަދިވެސް މަޑުޖެހުމެއްނެތި ބަލި ފެތުރެމުން ދާއިރު، އެ ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 3.3 މިލިއަނަށް ވުރެ މައްޗަށް އަރާފަ އެވެ. އަދި ދުނިޔޭގެ ޖުމްލަ މަރުގެ އަދަދު ހުރީ 230،000 އަށް ވުރެ މަތީގަ އެވެ.
ރާއްޖޭގައި ވެސް ބަލި ފެތުރުން ކޮންޓްރޯލް ކުރެވިފައި އޮތް ކަމަށް ހީވެފައި އޮއްވާ، މިހާރު އެ ބަލި މުޖުތަމައު ތެރޭގައި ވަކި ހިތްޕާލައި ވައިރަސްގެ މިސްރާބު ހުރީ ވަރަށް ނުރައްކާތެރި އަމާޒެއްގަ އެވެ. މިދިއަ މަހުގެ 15 ވަނަ ދުވަހު މާލެއިން ފުރަތަމަ ކޭސް ފެނުމާ ހަމައިން، ރޭ ދަންވަރު 12:00 އާ ހަމައަށް އެ އަދަދު ވަނީ 491 އަށް އަރާފަ އެވެ.
ރާއްޖޭގައި އެ ބަލި ފެތުރެމުންދާ ހަލުވިމިނަށް ބަލާއިރު، ބިރުވެރިކަމުގެ ނާޅި ނަގައިގެން، ބަލި ޖެހިފައިވާ މިންވަރު އާބާދީގެ ނިސްބަތުން ބަލައިލުން މުނާސަބަކަމެއްގެ ގޮތުގައި ފެނެ އެވެ. އޭގެ ސަބަބުން ރާއްޖެއަށް މިހާރު ކުރިމަތިވެފައިއޮތް ބިރުވެރި ހާލަތު، ދުނިޔޭގެ އެހެން ގައުމުތަކާ އަޅާބަލާއިރު ދެނެގަންނަން ފަސޭހަވާނެ ކަމަށް ބެލެވެ އެވެ.
އެންމެ ފުރަތަމަ ބަލާލަންޖެހެނީ ރާއްޖޭގެ އާބާދީގެ އަދަދުތަކަށެވެ. ރާއްޖޭގައި އެންމެ ފަހުން ބޯހިމަނާފައި ވަނީ މީގެ ހަ އަހަރު ކުރިން ކަމަށްވާތީ، އެ އަދަދު މިހާރު ބޭނުން ކުރުން އިންސާފުވެރިއެއް ނުވާނެ އެވެ. އެހެންކަމުން، އިންސާފުވެރިކޮށް މި އަދަދު ހޯދުމަށްޓަކައި، ޔޫއެންއެފްޕީއޭ އާ ގުޅިގެން ސްޓެޓިސްޓިކްސް ބިޔުރޯއިން ތައްޔާރުކޮށްފައިވާ އާބާދީގެ އަންދާޒާތަކަށް ބަލާލާއިރު، މި އަހަރު ރާއްޖޭގެ އާބާދީ ހުންނާނެ ކަމަށް ލަފާކޮށްފައި ވަނީ 557،426 ގައި އެވެ. އެއީ 379،270 ދިވެހިންނާއި 178،156 ބިދޭސީންނެވެ. އެހެން ގައުމުތަކުގައި "ޕާ ކެޕިޓާ" ކޮންމެ ގޮތަކަށް ކަލްކިއުލޭޓު ކުރި ނަމަވެސް، ރާއްޖޭގައި ބިދޭސީންގެ ނިސްބަތް އެހާ ބޮޑުއިރު، އަދި ކޮވިޑް-19 އެންމެ ގިނައިން ޖެހިފައިވަނީ ވެސް އެ މީހުނަށް ކަމަށް ވާތީ، ޖުމްލަ އާބާދީ ހިމެނުން މުހިއްމުވެ އެވެ.
އެގޮތުން، މިހާރު ޕޮޒިޓިވްވި ޖުމްލަ އަދަދާ އަޅާބަލާއިރު، ކޮންމެ އެއްލައްކަ މީހުންގެ ތެރެއިން 88 މީހަކަށް އެ ބަލި މިހާތަނަށް ވަނީ ޖެހިފަ އެވެ. ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ރަސްމީކޮށް ތަފާސް ހިސާބެއް ނުކުރާތީ، އެ އަދަދު މީގެ ތެރޭގައި ހިމަނަން ދަތިވެ އެވެ. ނަމަވެސް، އެ އަދަދު ހިމަނައިފިނަމަ މި އަންދާޒާއަށް ތަފާތުތަކެއް އަންނާނެ އެވެ.
ކޮވިޑްގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ގައުމުތައް
- އެމެރިކާގެ ކޮންމެ އެއްލަކަ މީހުންގެ ތެރެއިން ބަލި ޖެހިފައިވާ އަދަދު: 335
- ސްޕެއިންގެ ކޮންމެ އެއްލަކަ މީހުންގެ ތެރެއިން ބަލި ޖެހިފައިވާ އަދަދު: 519
- އިޓަލީގެ ކޮންމެ އެއްލަކަ މީހުންގެ ތެރެއިން ބަލި ޖެހިފައިވާ އަދަދު: 343
- ޔޫކޭގެ ކޮންމެ އެއްލަކަ މީހުންގެ ތެރެއިން ބަލި ޖެހިފައިވާ އަދަދު: 261
- ފްރާންސްގެ ކޮންމެ އެއްލަކަ މީހުންގެ ތެރެއިން ބަލި ޖެހިފައިވާ އަދަދު: 256
ކޮވިޑް-19 އެއް ގައުމަކުން އެންމެ ގިނަ މީހުނަށް ޖެހިފައިވަނީ އެމެރިކާގަ އެވެ. އެގައުމުގައި މިހާތަނަށް 1.1 މިލިއަނަށް ވުރެ ގިނަ މީހުނަށް ވަނީ އެ ބަލި ޖެހިފަ އެވެ. ބަލި ޖެހުނު ނިސްބަތުން ސްޕެއިން ދެވަނާގައި އޮތް ނަމަވެސް، އާބާދީގެ ނިސްބަތުން ބަލި ޖެހިފައިވާ މީހުންގެ އަދަދު އެމެރިކާއަށް ވުރެ ބޮޑުތަން އިތުރެވެ. އެގޮތުން، ކޮންމެ އެއްލައްކަ މީހުންގެ ތެރެއިން އެމެރިކާގައި އެ ބަލި ޖެހިފައިވަނީ 335 މީހުނަށެވެ. ސްޕެއިންގެ އެ އަދަދު ހުރީ 519 ގަ އެވެ.
އާބާދީގެ ނިސްބަތުން މި ތަފާސް ހިސާބު އަނބުރާލާއިރު، ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދުން ތިން ވަނާގައި އޮތް އިޓަލީ ވެސް އުޅެނީ އެމެރިކާއަށް ވުރެ ކުރީގަ އެވެ.
ކޮންމެއަކަސް، ރާއްޖެ އާއި އެ ވައިރަހުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ގައުމުތަކާ ވަރުން އަޅުވާލާއިރު، އަދި އެހާ ނުރައްކާތެރި ހާލަތަކަށް ނުދާ ކަމަށް ނަމްބަރުތައް ބުނެ އެވެ. ނަމަވެސް، ރާއްޖެއާ ގާތަށް ޖެހިލައި، ސަރަހައްދުގެ ގައުމުތަކާއި ހާއްސަކޮށް އަވަށްޓެރި ގައުމުތަކުގެ އަދަދުތަކަށް ނަޒަރު ހިންގާލާއިރު ރާއްޖޭގ ތަފާސް ހިސާބުތައް ހުރީ ކަންބޮޑުވާންޖެހޭ ދަރަޖައިގަ އެވެ.
ސާކް ސަރަހައްދު
- ރާއްޖެ: ކޮންމެ އެއްލަކަ މީހުންގެ ތެރެއިން ބަލި ޖެހިފައިވާ އަދަދު - 88
- އިންޑިއާ: ކޮންމެ އެއްލަކަ މީހުންގެ ތެރެއިން ބަލި ޖެހިފައިވާ އަދަދު - 2.5
- ލަންކާ: ކޮންމެ އެއްލަކަ މީހުންގެ ތެރެއިން ބަލި ޖެހިފައިވާ އަދަދު - 3.2
- ޕާކިސްތާނު: ކޮންމެ އެއްލަކަ މީހުންގެ ތެރެއިން ބަލި ޖެހިފައިވާ އަދަދު - 8
- އަފްޣާނިސްތާނު: ކޮންމެ އެއްލަކަ މީހުންގެ ތެރެއިން ބަލި ޖެހިފައިވާ އަދަދު - 6
- ނޭޕާލް: ކޮންމެ އެއްލަކަ މީހުންގެ ތެރެއިން ބަލި ޖެހިފައިވާ އަދަދު - 0.2
- ބަންގްލަދޭޝް: ކޮންމެ އެއްލަކަ މީހުންގެ ތެރެއިން ބަލި ޖެހިފައިވާ އަދަދު - 5
- ބޫޓާން: ކޮންމެ އެއްލަކަ މީހުންގެ ތެރެއިން ބަލި ޖެހިފައިވާ އަދަދު - 0.9
އާބާދީ އާ ސައިޒުގެ ގޮތުން އެތައް ގުނައެއް ބޮޑު އިންޑިއާގައި އެ ބަލި މިހާތަނަށް ޖެހިފައިވަނީ 35،000 އަށް ވުރެ މީހުނަށެވެ. މީގެ މާނައަކީ 1.3 ބިލިއަން މީހުންގެ އާބާދީއެއްގެ ތެރެއިން އެއްލައްކަ މީހުން ނަގާއިރު، އޭގެ ތެރެއިން ޕޮޒިޓިވްވެފައިވާ އަދަދު ނިސްބަތުން ތިން މިހުނަށް ވެސް ނާރަ އެވެ. އެ މިންގަނޑުން ބަލާއިރު، ސަރަހައްދުގެ އެއްވެސް ގައުމެއް، 10 އަކަށްވެސް ނަރާއިރު، ރާއްޖެ އެދަނީ 100 އާ ގާތް ކުރާށެވެ.
ސަރަހައްދުން ތަންކޮޅެއް ދުރަށް ޖެހިލާއިރު، މެލޭޝިއާ ވެސް އުޅެނީ އާބާދީގެ ނިސްބަތުން ރާއްޖެއަށް ވުރެ މާބޮޑަށް ފަހަތުގަ އެވެ. އެއްލައްކަ މީހުންގެ ތެރެއިން މެލޭގައި ބަލިޖެހިފައި ވަނީ ގާތްގަނޑަކަށް 18 މީހުނަށެވެ. ޕާ ކެޕިޓާ ނާޅިން މިނާއިރު، ކޮވިޑް-19 އެންމެ ފުރަތަމަ ފެނުނު ބައިބޯ ޗައިނާގެ އަދަދަކީ އެންމެ 5.8 އެވެ. ޗައިނާއާ އިންވެގެން އޮންނަ ހޮންގްކޮންގްގައި އެ ބަލި ޖެހިފައިވާ ޖުމްލަ މީހުންގެ އަދަދަކީ 1،040 އެވެ.
ރާއްޖޭގައި އެ ބަލި ފެތުރޭ ސްޕީޑު ހަގީގަތުގައި ވެސް މިހާރު ވަނީ ކަންބޮޑުވާންޖެހޭ މިންވަރަށް އަވަސްވެފަ އެވެ. ކޮންމެ ދުވަހަކު ފެންނަ ކޭސްތަކުގެ އަދަދު 100 އަށް ވުރެ މަތީގައި އުޅޭއިރު، އަދިވެސް ކޭސްތައް އިތުރުވާނެ ކަމަށް ޑޮކްޓަރުން އެ ގެންދަވަނީ އިންޒާރު ދެއްވަމުންނެވެ. ބަލި ފެތުރޭ ގްރާފުތަކުގެ ރޮނގުތައް ސީދާ ކޮޅަށް ހުރިއިރު، އާބާދީގެ ނިސްބަތުން އެހާ ގިނަ އަދަދެއްގެ މީހުން ކަރަންޓީނު ކުރުމާއި ހާލު ސީރިއަސްވާ މީހުނަށް ފަރުވާ ދިނުމުގެ ގާބިލުކަން ހުރިތޯ އެއީ އަދިވެސް އެންމެ އެދެވޭ ޖަވާބެއް ނުލިބޭ ސުވާލެކެވެ.