ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރިޕޯޓް

ޕާކިސްތާނު މީހާ ކޭސް: ފިޔަޅުތައް ފޫގޮސްފައި!

Apr 29, 2020
19

މިދިއަ އާދީއްތަ ދުވަހު ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނޭ ޕާކިސްތާނު މީހާ، ރާއްޖޭގައި ހުންނަ އެންމެ ބޮޑު ދެ ޕްރައިވެޓް ހޮސްޕިޓަލަށް ދިޔަ ކަމަށް ސަރުކާރުން ބުނެ އެވެ. އެންއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބުރޫކު އަޒީޒް ވިދާޅުވި ގޮތުގައި، އެ މީހާ ތިން ފަހަރެއްގެ މަތީން މާލޭގައި ހުންނަ އޭޑީކޭ ހޮސްޕިޓަލުގެ އިތުރުން ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލަށް ގޮސްފައި ވެއެވެ. ނަމަވެސް، އޭނާއަށް ކޮވިޑް-19 ޖެހިފައިވާކަން އެނގިފައިވަނީ އައިޖީއެމްއެޗަށް ދިއުމުން އެތަނުން ހެދި ޓެސްޓުތަކަށް ފަހު އެވެ.

މި ކޭހާ އާ ގުޅިގެން އެންއީއޯސީން ހާމަކޮށްފައިވާ މައުލޫމާތުތަކުން ގިނަ ސުވާލުތަކެއް އުފެދެ އެވެ. އަދި އެހެން ކޭސްތަކާ ހިލާފަށް، މި މީހާއާ ގުޅިގެން މި ބައްޔާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކާ ގުޅޭ ގޮތުން ކަންބޮޑުވުން އެބައޮތެވެ.

މަބުރޫކު ރޭ ވިދާޅުވި ގޮތުގައި ޕާކިސްތާނުގެ އުމުރުން 48 އަހަރުގެ އެ މީހާ އެންމެ ފުރަތަމަ ދިއައީ އޭޑީކޭއަށެވެ. އޭނާ އެ ހޮސްޕިޓަލަށް ދިއައީ ހުން އައިސްގެނެވެ. މިއީ މަބުރޫކު ވިދާޅުވި ވާހަކަ އެކެވެ. އަދި އޭގެ ފަހުން ދެ ފަހަރެއްގެ މަތީން އޭނާ ޓްރީޓޮޕަށް ދިޔަ ވާހަކަ ވެސް ވިދާޅުވަނީ ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ އެވެ.

މިމަހުގެ 15 ވަނަ ދުވަހު މާލެއިން ކޮވިޑް-19 އިގެ ފުރަތަމަ ކޭސް ފެނުމުގެ ކުރީން ވެސް، ހާއްސަކޮށް މާލޭ ސަރަހައްދުގައި ހުރި ހުރިހާ ހޮސްޕިޓަލު އަދި ގިނަ ކްލިނިކްތަކަށް ދާ މީހުން ސްކްރީން ކުރުމުގެ ފިޔަވަޅުތައް ހުރީ އަޅައިފަ އެވެ. ހޮސްޕިޓަލުތަކަށް ވަންނަ ހުރިހާ އެންމެންގެ ހުން ބެލުމާއި، ރޯގާގެ އެއްވެސް އަސަރެއް ހުރިތޯ ދިއައީ ބަލަމުންނެވެ. އެޑްމިޓުކޮށްފައި ތިބި ބަލި މީހުނަށް ޒިޔާރަތް ކުރުން އެކީގައި ހުއްޓުވި އެވެ. އަދި އޮންލައިން ކުލިނިކުތައް ތައާރަފްކުރީ ވެސް، ހޮސްޕިޓަލުތަކަށް ދާ މީހުން މަދު ކުރާށެވެ. އޭގެ ތެރޭގައި އޭޑީކޭ އާއި ޓްރީޓޮޕްވެސް ހިމެނެ އެވެ. އަދި މާލެ ތެރޭގައި އެ ބަލި ފެތުރިގެން ދިއުމާއެކު އެ ފިޔަވަޅުތައް ވަނީ އިތުރަށް ހަރުކަށިވެސް ކޮށްފަ އެވެ.

އަވަސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، އެ މީހާއަށް ވަރަށް ބޮޑަށް ރޯގާ ޖެހި ހުން އައިސް ގެން ޑޮކްޓަރަށް ދައްކަން ގޮސްފައި ވަނީ މާލެ ލޮކްޑައުން ވެސް ކުރި ފަހުންނެވެ. ޕާކިސްތާނު މީހާއާ ގުޅިގެން ސުވާލު އުފެދެނީ އެ ސަބަބާ ހެދި އެވެ.

ބަލި ޖެހިފައި މީހުން ދެނަގަންނަން، ފަސްޓް ލައިން އޮފް ޑިފެންސަކީ އަދި އޮފެންސަކީ ވެސް ސިއްހީ ފަރުވާދޭ މަރުކަޒުތައް ވީމަ އެވެ. މިހެން އޮތް އިރު، ހާއްސަކޮށް ރާއްޖޭގެ އެންމެ ބޮޑު ދެ ޕްރައިވެޓު ހޮސްޕިޓަލުގައި މިކަމާ ގުޅިގެން ޑިފެންސަށް ޖަހާފައިވާ ނެޓުތައް ފޫއެޅީ ކީއްވެ ހެއްޔެވެ؟ ރޯގާގެ އަލާމާތްތައް އެހާ ބޮޑަށް ހުރި މީހަކު ދޫވެގެން ދިއައީ ކީއްވެގެން ހެއްޔެވެ؟

އޭޑީކޭގެ މެނޭޖިންގް ޑިރެކްޓަރު އަހުމަދު އަފްއާލު ވިދާޅުވި ގޮތުގައި ކޮވިޑް-19 އާ ގުޅިގެން ސްކްރީނު ކުރުން ފަދަ ވަރަށް ހަރުދަނާ ފިޔަވަޅުތަކެއް އެ ހޮސްޕިޓަލުގައި އަޅާފައި ވެއެވެ. އަދި ރޯގާގެ އަލާމާތްތައް ހުންނަ މީހުން އޮންލައިންކޮށް ހިދުމަތް ހޯދުމަށް ނުވަތަ ސަރުކާރުން ގާއިމު ކޮށްފައިވާ ފްލޫ ކްލިނިކަށް ދިއުމަށް އިރުޝާދު ދެމުން ވެސް ދެއެވެ.

"އޮންލައިން ކްލިނިކް މެދުވެރިކޮށް ދެއްކުމަށް ނޫނީ ފްލޫ ކްލިނިކަށް ދިއުމަށް އަޅުގަނޑުމެން އިރުޝާދު ދެނީ. ދެން ބައެއް ފަހަރު އެ އިރުޝާދުތައް އެގޮތަށް ގަބޫލު ނުކޮށް، އެހެން ހޮސްޕިޓަލަކަށް ދައްކަން ދިއުން ފަދަ ކަންކަން މެދުވެރިވެފައި އެބަހުރި،" އަފްއާލު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ދެ މަރުހަލާއެއްގެ ތެރެއިން އެ ހޮސްޕިޓަލަށް ދާ މީހުން ސްކްރީން ކުރެ އެވެ. އަދި ކޮވިޑް-19އަށް ޝައްކު ކުރެވޭ އަލާމާތްތައް ހުންނަ މީހުން، ހާއްސަ ވޯޑަކަށް ގެންގޮސް އެތަނުގައި އެކަހެރި ކުރުމަށްފަހު، އެޗްޕީއޭއާ ގުޅިގެން އެފަދަ މީހުން ޓެސްޓު ކުރުމުގެ މަސައްކަތް ކުރެ އެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، ރައްކާތެރިކަމުގެ ފިޔަވަޅުތައް ކިތަންމެ ވަރުގަދަކޮށް އެޅި ނަމަވެސް، މިފަދަ ހާދިސާތައް މެދުވެރިވުމަކީ އެކަށީގެންވާކަމެކެވެ. ނަމަވެސް، މި ކޭހާ ގުޅިގެން ޕާކިސްތާނު މީހާއާ ސީދާ ބައްދަލު ވެގެން ޓެސްޓު ކުރި އޭޑީކޭގެ އަށް މީހުންވެސް ނެގެޓިވް ވެފައިވުމަކީ، އެ ހޮސްޕިޓަލުގެ މުވައްޒަފުންނަށް ޕީޕީއީ ފަދަ އާލާތްތައް ފޯރުކޮށްދެވި، ރައްކާތެރިކަމުގެ ފިޔަވަޅުތައް ރަނގަޅުވުމުގެ ނަތީޖާގެ ގޮތުގައި އަފްއާލް ސިފަކުރެއްވި އެވެ.

ވަކި މީހެއްގެ ޒާތީ ސިއްހީ މައުލޫމާތު އަފްއާލަށް ހާމަ ނުކުރެއްވޭތީ، މިކަމާ ގުޅިގެން އޭނާ ވާހަކަފުޅު ދެއްކެވީ ޖެނެރަލް ކޮށެވެ. ނަމަވެސް އަވަސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ޕާކިސްތާނު މީހާ އޭޑީކޭގެ އިތުރުން ޓްރީޓޮޕްގައި ވެސް ޑޮކްޓަރަށް ދެއްކި އެވެ. އަދި އޭނާގެ އެސްކްރޭއަކާއި އެމްއާރުއައި އެއްވެސް ނެގި އެވެ. ނަމަވެސް، އޭނާ އައިޖީއެމްއެޗަށް އެންމެ ފަހުން ދިއައީވެސް، އޭނާގެ ބައްޔަށް ފަރުވާއެއް ލިބުމުގައި މާބޮޑު ކުރިއެރުންތަކެއް ނުލިބިގެނެވެ.

މިދިއަ ހޯމަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވި ގޮތުގައި ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުންގެ ތެރެއިން ދަރުމަންތަ ހޮސްޕިޓަލްގައި މިވަގުތު ފަރުވާދެމުންދާ ތިން މީހުންގެ ތެރޭގައި އެ ޕާކިސްތާނު މީހާ ހިމެނެ އެވެ.

ކޮރޯނާ ވައިރަސްގެ ސަބަބުން ހާލަތު ސީރިއަސްވެ ބަލި މީހުންނަށް ފަރުވާ ދިނުމަށް ހާއްސަ ކޮށް ދަރުމަންތަ ހޮސްޕިޓަލްގެ އައިސީޔޫގައި އެމީހާއަށް އޮކްސިޖެން ދެމުންދާ ކަމަށް އަފްޒަލް ވިދާޅުވެ އެވެ. އޭނާގެ ފުއްޕާމޭގައި އަމިއްލައަށް އޮކްސިޖަން ލެވެލް ނުހިފެހެއްޓޭވަރަށް ހާލަތު ގޯސްވެފައި ވަނީ، އެ ބައްޔަށް ފަރުވާ ނުދެވި ލަސްވެގެނެވެ.

މިކަމުގައި ޓްރީޓޮޕް ހޮސްޕިޓަލުގެ ބަހެއް ލިބޭގޮތެއް ނުވެއެވެ. ޓްރީޓޮޕުން އޭނާއާ ސީދާ ބައްދަލުވި ހަތަރު މީހެއްގެ ސާމްޕަލް ނެގި އެވެ. ނަމަވެސް، އޭގެ ނަތީޖާ އަދި ނުލިބޭ ކަމަށް ރޭ މަބުރޫކު ވިދާޅުވެފައި ވެއެވެ.

ރާއްޖޭގެ ސިއްހީ ނިޒާމުގައި ގިނަ ބަލި މީހުންތަކަކަށް އެ ފަހަރާ ފަރުވާދެވެން ނެތުމަކީ، ކޮވިޑް-19 އާ ގުޅިގެން މިހާރު ގައުމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކަލެވެ. އެފަދަ ބަލިކަށި ނިޒާމެއްގެ ތެރެއިން، އެއްވެސް ހޮސްޕިޓަލެއް ކަރަންޓީނު ކުރަންޖެހޭ ހާލަތަކަށް ގޮސްފިނަމަ ވެގެންދާނެ ގޮތް ސިކުންޑިއަށް ގެންނަންވެސް ދައްޗެވެ. އެތަނެއްގައި މަސައްކަތްކުރާ ޑޮކްޓަރުންނާއި ނަރުހުންގެ ހިދުމަތް ނުލިބި ހޭދަވެގެން ދާނެ ދުވަސްތަކުގައި އިއާދަ ނުކުރެވޭނެ ގެއްލުންތައް ވާނެކަން ޔަގީންވެ އެވެ.

މި ކޭހާ ގުޅިގެން ނުރައްކަލުގެ ރަނގަބީލުތަކެއް އެޅެނީ އެހެންވީމަ އެވެ. ބަލީގެ އަލާމާތްތައް އެހާ ބޮޑަށްހުރި މީހަކު ދެ ހޮސްޕިޓަލުން ދޫވެގެން ދިއުމަކީ ގަބޫލުކުރަން ދަތި ކަމެކެވެ. އެކި މަރުހަލާތަކުން މީހުން ސްކްރީން ކުރެވޭއިރު، އެ ބައްޔަށް ޝައްކުރެވޭ މީހެއްގެ ގޮތުގައި އޭނާ ފާހަގަ ނުވެ ދިޔަ ދިއުމަކީ ވަރަށް ބޮޑު މައްސަލައެކެވެ. މިހާރު އަޅާފައިވާ ފިޔަވަޅުތަކާމެދު އިތުރަށް ވިސްނަން މަޖުބޫރުވެ އެވެ. އެ ފިޔަވަޅުތަކުގައި ބާގަނޑެއް ހުރި ނަމަ، އަވަހަށް އެ ބައްދަން ޖެހެ އެވެ.

ހޮސްޕިޓަލުތަކާއި ސިއްހީ ފަރުވާދޭ ތަންތަން އެކަންޏެއް ނޫނެވެ. މި ކޭހަކީ ރައްޔިތުންނަށް ވެސް ފިލާވަޅެކެވެ. ރޯގާގެ އަލާމާތެއް ހުރިނަމަ، ހޮސްޕިޓަލުތަކަށް ނުދިއުމުގެ މުހިއްމުކަން މިކަމުން ވިސްނެން ޖެހެ އެވެ. މި ސިއްހީ ކާރިސާގެ ތެރެއިން، އެހެން ބަލިތަކަށް ފަރުވާ ހޯދަންޖެހޭ މީހުން ތިބިކަން ހަނދާން ކުރާށެވެ. އެތަންތަނަށް ދާންޖެހޭ އެހެން ބަލި މީހުން ނުރައްކަލުގެ ތެރެއަށް ވެއްޓުނަ ނުދޭށެވެ. ކޮންމެހެން ޑޮކްޓަރަކަށް ދައްކަން ޖެހޭ ނަމަވެސް، ފްލޫ ކްލިނިކަށް ދާށެވެ. ހުރިހާ ކަމެއް ކަމާބެހޭ ފަރާތްތަކަށް ދޫކޮށްލައިގެން ތިބެވޭކަށްނެތެވެ. ފަރުދީ ޒިންމާ ވެސް އަދާ ކުރާށެވެ.