ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރިޕޯޓް

ފުރަތަމަ މަރު: ލަސްވުމެއްތޯ، އިހުމާލެއްތޯ ބުނެދީ!

Apr 30, 2020
15
ކޮވިޑަށް ޕޮޒިޓިވްވި މީހަކު އެކަހެރި ކުރުމުގެ މަސައްކަތް ކުރަނީ: ރާއްޖެއިން ވަނީ އެކަކު މަރުވެފައި އަދި އޭނާއަށް ފަރުވާ ދިނުމުގެ ކަންކަމުގައި ސުވާލު އުފެދިފައިވޭ -- އަހުމަދު އަޝްހާދު އަބްދުﷲ | އަވަސް
12.5%
25%
62.5%

ރާއްޖޭގައި ކޮވިޑް-19 ބަލި ހުރި މީހަކު މަރުވިކަން ރޭ މެންދަމު މީޑިއާތަކަށް ތިލަވި އެވެ. އޭގެ ގަޑިއެއްހާއިރު ފަހަށް ސަރުކާރުން ނޫސްވެރިންގެ ބައްދަލުވުން ތާވަލުކުރި އެވެ. އޭގެ ފަހުން އިތުރަށް މައުލޫމާތު އެއްކުރަން ކަމަށް ބުނެ ބައިގަޑިއިރަށް ނޫސްވެރިންގެ ބައްދަލުވުން ފަސް ވެސް ކުރި އެވެ. އެ ގަޑި ވެސް ހަމަވެ، އިރުގަނޑެއް ފަހުން ފެށި އެ ނޫސްވެރިންގެ ބައްދަލުވުން ނިމިގެން ދިޔައީ މާ ގިނަ މާ މުހިންމު މައުލޫމާތުތަކެއް ނުލިބި، ސާފު ނުވެ އެވެ.

އެނގުނު އެއްޗަކީ ކޮވިޑް-19 ބަލި ޖެހިގެން ރާއްޖެއިން މަރުވި ފުރަތަމަ މީހަކަށް ވީ އަންހެނެކެވެ. އެއީ އުމުރުން 83 އަހަރުގެ އައިމިނަތު އާދަމެވެ. އޭނާއަކީ ޕޭޝަންޓް 126 ގެ ކޮންޓެކްޓް ޓްރޭސިންގައި ފާހަގަވި މީހެކެވެ. މިއީ އެޗްޕީއޭއިން ރޭގައި އާންމުކުރި މައުލޫމާތުގެ މިންވަރެވެ. މިވަރު ނޫސްވެރިން ބަދަލުވުމަށް ގޮވާލި އިރުވެސް މިޑިއާއަށް އެނގެ އެވެ.

އަވަސްއަށް އެނގިފައިވާ ގޮތުގައި، ޕޭޝަންޓް 126 އަކީ ވެރިރަށް މާލޭގެ ވަރަށް ބޮޑު ހޯލްސޭލް ފިހާރައެއްގައި މަސައްކަތް ކުރާ މީހެކެވެ. މަރުވެފައިވަނީ އެ ތާނގެ ވެރިޔާގެ އަންހެނުންނެވެ. އައިމިނަތު އާދަމްގެ ފިރިމީހާއަކީ ޕޭޝަންޓް 126 އާ ޑައިރެކްޓް ކޮންޓެކްޓެއްގެ ގޮތުގައި ފާހަގަ ކުރެވިފައި ވެއެވެ. ދެމަފިރިންނަކީ ވެސް އުމުރުން ދުވަސްވީ ހައިރިސްކްގެ ދެ މީހުންނެވެ.

ޕޭޝަންޓް 126 ގެ އިތުރުން ވެސް އެ ދެމަފިރިންގެ އާއިލާގެ ބައެއް މީހުންނާއި ގުޅުންހުރި އެހެން ބަޔަކު ވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވެ އެވެ.

ޕޭޝަންޓް 126، ކޮވިޑަށް ޕޮޒިޓިވްކަން އެނގިފައި ވަނީ މި މަހުގެ 24 ވަަނަ ދުވަހު އެވެ. އެ ދުވަހު އޭނާގެ ކޮންޓެކްޓް ޓްރޭސިން ފަށައި، ދުވަސްވީ ދެމަފިރިން އުޅޭ ގެ ވެސް މޮނީޓަރިންއަށް ގެންދިޔަ އެވެ. އެ ދެމަފިރިން ޓެސްޓް ކުރަން ސާމްޕަލް ނަގާފައި ވަނީ މިދިޔަ އަންގާރަ ދުވަހު އެވެ. އެއީ 28 ވަނަ ދުވަހެވެ.

އާއިލާއިން ބުނާ ގޮތުން ސާމްޕަލް ނެގުމަށް ދިޔައީ ވެސް އެޗްޕީއޭގައި ވަރަށް ގިނައިން އާދޭސްކުރި ފަހުންނެވެ. އޭރު ޕޭޝަންޓް 126 ފެނުނުތާ ހަތަރު ދުވަސް ވެއްޖެ އެވެ. ސާމްޕަލްގެ ނަތީޖާ ލިބިފައިވަނީ ރޭގަ އެވެ. އެއީ އައިމިނަތު އާދަމް މަރުވި ފަހުންނެވެ. ނަތީޖާ ލިބުމަށް ވެސް 24 ގަޑިއިރަށްވުރެ ގިނަ ވަގުތު ހޭދަވެފައިވެ އެވެ.

މަރުވި އައިމިނަތު އާދަމަކީ އުމުރުން ދުވަސްވުމުގެ އިތުރުން އެހެން ބަލިތަކަށް ވެސް ފަރުވާ ހޯދަމުން އައި މީހެކެވެ. ނޭވާލުމުގައި ވެސް ދަތިތަކެއް ހުއްޓެވެ. އެހެންކަމުން އޭނާއަކީ އެންމެ ހައިރިސްކު، އަދި ބަލި ޖެހިއްޖެނަމަ އެންމެ ބޮޑުވަރުވާނެ ހާލަތުގައި ހުރި މީހެކެވެ. އޭނާގެ ޓެސްޓް ހަދަން ހަތަރު ދުވަސް ވެގެން ދިޔުމަކީ ލަސްވުމެއް ކަމަށް އާންމުން ބަލާ މިންގަނޑަކުން ބުނާނަމަ ބުނެވިދާނެ އެވެ.

އެކަމަކު އެންމެވެސް ބޭނުންވާނީ މިކަމުގެ ޕްރޮފެޝަނަލް އޮޕީނިއަންނެވެ. އެޗްޕީއޭއިން މިިކަމުގައި ދެކޭ ގޮތާއި އަމަލުކުރި ގޮތެވެ.

އެހެންވެ، ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެންމެ މުހިންމު ސުވާލަކަށް ވެފައި އޮތީ އެ ސުވާލެވެ. ޕްރެސްގައި އެ ސުވާލު ތަކުރާރު ވެސް ވިއެވެ. އެކަމަކު، އެންމެ އެކަށީގެންވާ ޖަވާބެއް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވެސް އިންނެވި ޕެނަލްގައި ތިއްބެވި އެއްވެސް ބޭފުޅެއްގެ އަތްޕުޅަކު ވެސް ގެންގުޅުއްވި ކަރުދާސްތަކަކު ވެސް ނެތެވެ.

މިނިސްޓަރު އަމީން: އިހުމާލެއް އޮތްތޯ ބަލާނެ ކަމަށް ވިދާޅުވި --

ފުރަތަމަ ސުވާލަކަށްވީ އައިމިނަތު އާދަމަކީ ހައިރިސްކުގެ މީހަކަށްވާއިރު އެޗްޕީއޭއިން ސާމްޕަލް ނެގުމުގައި އިސްކަން ދޭ އަދި އަމަލު ކުރާ ގޮތާ ގުޅޭ ގޮތުންނާއި، މޮނީޓަރިންއަށް ގެންދާ ގެތަކުގައި ތިބޭ ސީރިއަސް ބަލި މީހުން މޮނީޓާ ކުރާ ގޮތެވެ.

އެ ސުވާލަށް ޖަވާބު ދެއްވަން ހެލްތު މިނިސްޓަރު އަމީން ވިދާޅުވި ގޮތުގައި މީހަކު ޕޮޒިޓިވްވުމުން ކޮންޓެކްޓް ޓްރޭސިން ހެދުމަށްފަހު ހައިރިސްކު މީހުން ބަލަ އެވެ. އަދި ހައިރިސްކު އަދި އަލާމާތްތައް ފެންނަ މީހުންގެ ސާމްޕަލްތައް ނަގާ އެވެ. އަމަލު ކުރަން ހަދާފައިވާ އެސްއޯޕީގައި އޮތީ އެހެނެވެ.

"އެފަދަ މީހުންގެ ސާމްޕަލް ނަގާ އޭގެ އަނެއް ދުވަހު އަޅުގަނޑުމެން ނަތީޖާ ދެން، ހަ ގަޑިއިރު އަޅުގަނޑުމެން މިހާރު އާންމުކޮށް މި އިންނަނީ ނަތީޖާ ނެރުމުގައި، އަލާމާތްތައް ފެންނަ މީހުންނާއި ހައިރިސްކު މީހުންގެ ސާމްޕަލްތައް ނެގުމުގައި ތަރުތީބު ކުރަން ޖެހޭ ކަމަށް އަޅުގަނޑުމެންނަށް ގަބޫލު ކުރެވޭ، އެގޮތަށް އަމަލު ކުރެވެމުން ދަނީ،" އަމީން ވިދާޅުވި އެވެ.

ނަމަވެސް އައިމިނަތު އާދަމްގެ ކޭހުގައި އެ ތަރުތީބަށް އިސްކަން ދެވުނު ނަމަ، ސާމްޕަލް ނެގުމަށް ހަތަރު ދުވަސްވާނެ ހެއްޔެވެ؟ ހަ ގަޑިއިރު ތެރޭގައި ނަތީޖާ ވެސް ނުލިބެ އެވެ. މިތާނގައި ރެންޑަމް ސާމްޕަލް ނެގުމާއި ބިދޭސީންގެ ގިނަ ސާމްޕަލްތަކެއް ނަގަން ޖެހުމާ ހެދި ހުރިހާ ނަތީޖާއެއް ވެސް ލަސްވަނީ ކަމަށް ދޭހަވާ ގޮތަކަށް މިނިސްޓަރު ވާހަކަ ދެއްކެވި އެވެ. އެހެންނަމަ މިއީ ބޮޑު މައްސަލައެކެވެ. އެސްއޯޕީގައި ހައިރިސްކަށް އިސްކަން ދޭން ޖެހޭނަމަ އެކަން އެގޮތަށް ކުރަން ޖެހޭނެ އެވެ.

މިކަމުގައި އެޗްޕީއޭއިން އަމަލުކޮށްފައިވާ ގޮތް އިތުރަށް ސާފު ކުރުމަށް އައިމިނަތު އާދަމް، ކޮންޓެކްޓުން ފާހަގަވި ދުވަހާއި އޭނާ ދިރިއުޅޭ ގެ މޮނީޓަރިންއަށް ލެވުނު ތާރީހު ހޯދަން ވެސް ނޫސްވެރިޔަކު ސުވާލެއް ކުރި އެވެ. އެ ސުވާލަށް ޖަވާބު ދެއްވީ ޑރ. އަލީ ލަތީފެވެ. އޭނާ ވިދާޅުވި ގޮތުގައި އޭގެ މައުލޫމާތުތަކެއް ނެތެވެ. ކޮންޓެކްޓް ޓްރޭސިންގައި އަމަލީ ގޮތުން ނޫޅުއްވާތީ އެކަމެއް އެނގިވަޑައެއް ނުގަންނަވަ އެވެ.

އަލީ ލަތީފް ވިދާޅުވި ގޮތުގައި ހައިރިސްކު މީހުންގެ ނަތީޖާ ނުލިބު ނަމަވެސް އެމީހުންނަކީ ކޮވިޑަށް ޕޮޒިޓިވް މީހުން ކަމަށް ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅަންޖެހެ އެވެ. އެއީ ޓެސްޓް ހެދުމަށް ލަސް ވިޔަސް، އަދި ސާމްޕަލް ނެގުމަށް ލަސް ވިޔަސް، ބަލަން ޖެހޭނީ ޕޮޒިޓިވްވެދާނެ ކަމަށެވެ. ބަލިނަމަ ނުވަތަ ހައިރިސްކު މީހެއްނަމަ އެޗްޕީއޭއަށް އަންގަން ވެސް ޖެހޭނެ އެވެ.

ޑރ. ލަތީފް: ލަސްވުމެއްވާނަމަ، އުސޫލު ބަދަލު ކުރާނެ ކަމަށް ވިދާޅުވި

ލަތީފް ވިދާޅުވި ގޮތަށް އައިމިނަތު އާދަމް، ހައިރިސްކުކަން އަދި އޭނާ ޕޮޒިޓިވް ވެދާނެ ކަމަށް ވެއްޖެނަމަ ހާލަތު ގޯސް ވާނެކަން ވެސް އެޗްޕީއޭއަށް އެނގެ އެވެ. އެކަން އެ އާއިލާއިން ވެސް އޮތީ އެޗްޕީއޭއަށް އަންގާފަ އެވެ. އެ އާއިލާގެ އިހުމާލުގެ ބޮޑެތި ތުހުމަތުތަކެއް އެޗްޕީއޭއަށް ދިއްކުރަނީ ވެސް ކަންކަން އެހެން ހުރެގެނެވެ. ވީއިރު ހައިރިސްކު މީހަކަށް ފަރުވާ ދިނުމުގައި ލަސްވުމެއް އޮތްތޯ މިހާ ހިސާބުން ސުވާލު އުފެދެ އެވެ. އެ ސުވާލަށް މިނިސްޓަރު އަމީން ވެސް ލަތީފު ވެސް ސީދާ ޖަވާބެއް ނުދެއްވަ އެވެ.

ލަތީފް ތަކުރާރު ކުރެއްވީ ސާމްޕަލް ނެގި ތާރީހެވެ. އޭނާ ވިދާޅުވި ގޮތުގައި އައިމިނަތު އާދަމް ބަލިވި ކަން އެނގިފައިވަނީ އިއްޔެ ހެނދުނު އެވެ. އެއަށްފަހު ހޮސްޕިޓަލަށް ގެންދެވުނީ އެވެ. ހެނދުނު އޭނާ ބަލިކަން އެނގުނު ކަމަށް ލަތީފް ވިދާޅުވިއިރު އައިމިނަތު އާދަމް އައިޖީއެމްއެޗަށް ގެންގޮސްފައި ވަނީ އިރުއޮއްސެން އުޅެނިކޮށެވެ. އާއިލާއިން ބުނާ ގޮތުގައި އައިމިނަތު އިއްޔެ ބޮޑަށް ބަލިވެގެން އެޗްޕީއޭއަށް ގުޅައި އެކަން އެންގުމުން އެކަމަށް އެޓެންޑްވީ ވެސް އެތައް އާދޭހެއް ކޮށްގެނެވެ.

ލަތީފު ވިދާޅުވި ގޮތުގައި ކޮވިޑް-19 އަށް ދޭނެ ހާއްސަ ފަރުވާއެއް ނޯވެ އެވެ. މަރުވި އައިމިނަތަށް ހާއްސަ ފަރުވާއެއް ނުދެވިވާ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވެ އެވެ. ވިދާޅުވާ ގޮތުގައި ހައިރިސްކު މީހުންގެ ސާމްޕަލް ނެގުން އިތުރަށް އަވަސްކޮށް ހަރުދަނާ ކުރަން ޖެހޭނަމަ އެކަން ކުރައްވާނެ އެވެ.

މިނިސްޓަރު އަމީން ވިދާޅުވި ގޮތުގައި ޓީމް އޮތީ ނުރައްކާތެރި ކަމެއްގައި ކުރިއަށްދާއިރު ކަމެއް ލަސްކޮށް ނުވަތަ ގޯސްކޮށް ކުރެވިއްޖެނަމަ އެކަމެއް އިސްލާހު ކުރުމުގައި ރޫހުގަ އެވެ. ދަތި ތަކާއި އުނދަގޫތައް ހުރިހާ ގޮތަކުން ވެސް އެބައޮތެވެ.

ދެން އުފެދޭ ސުވާލަކަށް އޮތީ މިކަމުގައި އިހުމާލެއް އޮތްތޯ އެވެެ؟ އެ ސުވާލު ނޫސްވެރިން ރޭ ތަކުރާރުކުރި އެވެ. އެއަށް އަމީން ދެއްވާ ޖަވާބަކަށް ވީ އެކަމުގައި އެޗްޕީއޭގެ އިހުމާލެއް އޮތްތޯ ބައްލަވާނެ އެވެ. އަދި މި މައްސަލައަށްފަހު އެސްއޯޕީއަށް ބަދަލެއް ގެންނަން ޖެހިއްޖެނަމަ، އެކަން ވެސް ކުރައްވާނެ އެވެ.

މީގެ ކުރިން ވެސް އެޗްޕީއޭއިން އަމަލު ކުރަމުންދިޔަ އެސްޕީއޯތައް ބަދަލުކޮށްފައިވެ އެވެ. އެފަދަ އެއް ފަހަރަކީ ކޮވިޑް-19 އާ ގުޅިގެން ލިބުނު "ފިލާވަޅެއް" ކަމަށް އެޗްޕީއޭއިން ބުނި ފަހަރެވެ. އެފަހަރު ރާއްޖޭގައި ކަރަންޓީނުގައި ތިބުމަށްފަހު ފުރުވާލި އިޓަލީގެ ދެޓޫރިސްޓަކު ޕޮޒިޓިވްވި އެވެ. އެމީހުންގެ ނަތީޖާ ލިބުނީ ރާއްޖެއިން ފުރި ފަހުންނެވެ. އޭގެ ފަހުން އެސްއޯޕީއަށް ބަދަލު ގެނަ އެވެ.

އަދި، އުތުރުގައި ވަރަށް ބޮޑު ކަންބޮޑުވުންތަކެއް އުފެދުނު ހއ. އުލިގަމް ކޭހާއި ގުޅިގެން ވެސް އެސްއޯޕީ ބަދަލުކޮށްފައިވާ ކަމަށް ބުނެފައިވެ އެވެ. އުލިގަމުން ޕޮޒިޓިވްވި މީހަކާ ޑައިރެކްޓް ކޮންޓެކްޓްވި މީހަކު ހދ. ހިރިމަރަދޫގައި ހުއްޓެވެ. އޭނާގެ ސާމްޕަލް ނުނަގާ ވަރަށް ގިނަ ދުވަސްތަކެއް ދިޔަ އެވެ. އެ ދުވަސްތައް ދިގުލާތީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށް އެ ކަންބޮޑުވުން ނޫސްވެރިން ފާޅު ކުރުމުން ބުނީ އެސްއޯޕީގައި އޮތް ގޮތުން ޑައިރެކްޓް ކޮންޓެކްޓެއް ވިޔަސް، އަލާމާތް ނުފެންނަ ނަމަ ޓެސްޓް ނުކުރަނީ އެވެ. ނަމަވެސް ކަންބޮޑުވުންތަކާއި ޝަކުވާތަކާހުރެ އެސްއޯޕީ ބަދަލުކޮށް އެމީހާގެ ސާމްޕަލް ނެގި އެވެ.

މިފަހަރު އެސްއޯޕީ ގުޅިފައިވަނީ މީހެއްގެ މަރާ އެވެ. ކުރިއަށް ވެސް އޮތީ ކޮވިޑް-19 އިގެ ބިރުވެރި ދުވަސްތަކަކަށްވާއިރު ގޯހެއް ނުވަތަ ލަސްވުމެއް އުޅޭނަމަ އަވަހަށް އެކަމަށް ރިއާޔަތްކޮށް ފިޔަވަޅުތައް ހަރުދަނާ ކުރަން އެބަ ޖެހެ އެވެ. މިއީ އެންމެ ބޮޑު ފޯކަސްއެއް ދީފައިވާއިރު މާލޭގައި ހިނގައިދިޔަ ކަމެކެވެ. މިހާރު އުތުރުގެ ރަށްތަކެއްގައި ވެސް އެ ދަނީ ކޮވިޑް-19 ފެތެރެމުންނެވެ. ށ. ނަރުދޫއިން ނުވަ މީހަކު ޕޮޒިޓިވްވެގެން ދިޔައިރު އެ ސަރަހައްދުގައި ކަރަންޓީނު ފެސިލިޓީއެއް ވެސް ނެތެވެ. ފެސިލިޓީ އަދި އެ ހަމަޖެހުނީ އެވެ. އަނެއް ކޮޅުން ހައިރިސްކު މީހުންނަށް އިސްކަން ދިނުމާއި އެފަދަ މީހުން މޮނީޓާ ކުރުމުގައި ރަށްރަށުގައި އަމަލު ކުރާނެ ގޮތްތައް ވެސް މިހާރު މިވަނީ ވަރުގަދަ ކުރަން ޖެހިފަ އެވެ.

15 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ޙަގީގަތް

އެޗްޕީއޭ ވަނީ އޯވަ ރ ލޯޑްވެފަ އެ މީހުންގެ އެހާކެޕޭސިޓީއެއް ނެއް.

އެޗް ޕީ އޭ

އަބަދުވެސް ކެޕޭސިޓީ ނެތޭ ކީ ދެއްތޯ

ކޮކްޓޭލް އަލ

ބޮޑައް ލަފާކުރެވެނީ އިޓަލީގެ ހެދިހެން އުމުރުން ދުވަސް މީހުންނާ އަޅާނުލުމުގެ ސިޔާސަތެއް ގެންގުޅެނީހެން ދޮންމީހުން އުޅޭގޮއް ބަލައިގެން އެމީހުންނާއި އެއްގޮއްކޮއްލަން މަސް އަލަޔަކީ އިސްލާމުންނޭ ކިޔައިގެން އިސްލާމީ ނަންނަން ތިޔަޑޮކްޓަރުންނައްވެސް އަދި މިނިސްޓަރަވެސް ކިޔާކަން ކީއްތޯ ކުރާނީ މާތް ﷲ އާއި ވަކީލް ހައދަވާ ބޮޑު ކުރެއްވި ރަސްކަލާކޯ މިނުރައްކާތެރި ބަލިން ނާއި އަނިޔާ ވެރިވާ ވެރިންގެ ކިބައިން މިގައުމުދެ ނިކަމެތި ރައްޔަތުން ސަލާމައް ކުރައްވާފާން ދޭވް އާމީން

އޭޢޭ

އެ ގެ މޮނިޓަރިންގަށް ލީ އެޕްރިލް މަހުގެ 22 ވަނަ ދުވަހު. އޭގެ ފަހުން ހަވަނަ ދުވަހު 28 ވަނަ ދުވަހު ގޮސް ޓެސްޓް ކުރީ މި. މިއީ އިހުމާލެއްނޫންތޯ؟ ނިޔާވި މީހާ އަކީ އަހަރެން ދަންނަ މީހެއް. މޮނިޓަރިންގަށް ގެ ލީ ދުވަހު ޓެސްޓް ކޮށް ފަރުވާ ދޭން ފެށުނު ނަމަ މިހެން ނުވުގެ ފުރުސަތު އޮތޭ ވެސް ބުނެވިދާނެ. އެއީ އެހެން ގައުމުތަކުގައިސް ވެންޓިލޭޓަރަށް ލާފައިވެސް ދުވަސް ވީ މީހުން އެބަރަގަޅުވޭ.

ެއެޗް ޕީ އޭ

އިހުމާލު ކަމެއް ލަސްކަމެއް ބުނާކަށް ނޭގެ...ކޮންމެ މީހެއްގެ ކޮންޓެކްޓް ލިސްޓުގަ އޮވޭ ރަށެއްގެ ރައްޔިތުން..ވަކިވަރެއްތާ ވާނީ އެމީހުންނައްވެސް

ތަމެންދަލާދީނިއަނޭސް

މިހާރު ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް 19 ގެ ވަބާއިން ދުނިޔެ ސަލާމަތް ވާނެ މެއި މަހުގެ 12 ވަނަ ދުވަހު އެއީ ދީނީ ގޮތުން ބަލާއިރު އެކަން އޮންނަގޮތޭ ދެން ތަމެން މިސްކިތް ތަކުގައި ޖަމާއަތުގައި ނަމާދު ކުރަން ބަންދު ކުރީ ތަމެންގެ ލާދީނީ ސަރުކާރުގެ ލާދީނީ ގޮތް ތައް ބޮޑު ކަމުންނޭ މަމެން ބުނަން ނެތީމޭ...

ބުނަންތޯ

މިނޫސް ކިޔާލުމުން އަޅުގަނޑު ޤަބޫލުކުރާގޮތުގައި ވަރަށް ރަންގަޅަށް ކޮވިޑް19 ކަންތައްތަށް ބަލަހައްޓަވަމުންގެންދަވާ މުޅިޓީމު، ނޭވަޔަކު ދެކޮޅު ނޫސްވެރިންގެ ބައްދަލުވުންތަކެއް ބޭއްވިޔަސް، ޢަމަލީގޮތުން މިކަހަލަ ހަލުވި ސްޕީޑެއްގައި ކަންކަން ފުރޮޅާލުމުގު ބާރުލިބިފައިވާ ކޮވިޑް19ޔަށް ސީދާގޮތުން އެޓެންޑުނުވެވޭކަމުގެ ވަރަށް ބޮޑު ހަޣީގަތެއްމީ. މިވަގުތަށް އެއްމެ ރަންގަޅުވާނީ އެކަކު އަނެކަކު ކުއްވެރިކުރުމުގެ ބަދަލުގައި ދެންވެސް އެޓެންޑުވުމުގެ ސްޕީޑު ހަލުވިކުރުންކަމަށް ފެނޭ.

ހަސަނާ

ﷲގެ އަޅުތަކުންނޭވެ.މާތްﷲ އަޅުގަޑުމެނާ ކުރިމަތިކުރައްވާފަ މިވާ އިމްތިހާނުން އަޅުގަޑުމެންފާސްވާނީ ކެތްތެރިކަމާ އެކު މިކަމާ ކުރިމަތިލައިގެން މިކަމުގެ އެންމެކުރީސަފުގަ ފުރާނަ އަތްމައްޗައްލައިގެން އަޅުގަޑުމެންނައް ހިދުމަތްދޭން ތިބި ހިދުމަތްތެރިން ނައް އިހުތިރާމްކޮއްގެންނެވެ މިތާގަ މިކަން މިހިސާބައް ގޮސްގެން ވެސް މިއުޅެނީ ދިވެހިން ހޯދި ކަންތަކެއްގެ ސަބަބުންނެވެ މަސްދަތުރުތަކާ ޕާޓިކުރުން ބޭއްވީއެވެ. ވިސާނެތް މަގުމަތީމީހުންލައްވާމަސައްކަތްކުރުވާ އެބައިމީހުންގެ ބާރުގެދަށައް ފުރަމާލެވެސް ދީ ދިވެހިން ޤާފިލުވެ މަސައްކަތާދުރުވީއެވެ ނަތީޖާ އަކައްވީ މިބައިމީހުންގެ ފުށުންވެސް ބަލިފެތުރިގަތީއެވެ....ސިއްހީ ހިދުމަތްތެރިން ކުރަމުން އެދާ ބުރަ އެހެނަސް ނުރައއކާތެރި މަސައްކަތުގަ އެބައިމީހުނައްﷲގެ ރައްކާތެރިކަން ދެއްވާށި އާމީން

ހުރަޒިމްރީ

އަހަރެން އޭރުވެސް ބުނިން އިޓަލީ ދެމަފިރިންނަށް ފައިވްސްޓާއޭ، ބަންގްލަދޭޝް ޤައުމުގެ ބޭފުޅުންނަށް ތިރީ ސްޓާއޭ ، ދިވެހިންނަށް ވާނުވާ އޭ! މިވަނީ އެހެން. ކުދިންނޭ އަމިއްލަ ސަލާމަތް އަމިއްލަޔަށް ހޯދާލާ! ސިޓިން ރޫމް ކާޑުގެޔަށް ނުހަދާށޭ ބުނީ އެސް.ޓީ.އޯ އަމްރު. އެންމެ ބޮޑަށް ފޭލިވީވެސް އެތަން. ޑެލިވަރީ އަށް މާކުރިން ތައްޔާރުވެ، ހުއްދަ ދޫކޮށްފީމޭ ބުނީ ސިފާ. އެވެސް ފޭލިވެ، އެންމެފަހުން ހުއްދަތައްވެސް ރައްޓެހިކުދިން ކޮޅުއަތުލަން މިޖެހުނީ. ބޮޑުތަނުން ފޭލި! ދެން ގއ.އަށް ކިނބުލެއް އެރީމާ އޭތި ފެނިއްޖެ. ލޮލް

ޕިކްސް

ރާއްޖޭގަ ދުވާލަކަށް މިހެދެނީ ވަކިވަރަކަށް ޓެސްޓް. އެހެންކަމުން ހުރިހާ ހައިޕްރޮފައިލް މީހުންގެ ޓެސްޓް ދުވަހުން ދުވަހަށް ނުހެދިދާނެ. ފުރަތަމަ އިސްކަން ދޭންޖެހޭނީ އަލާމަތްތަށް ފެންނަ މީހުންގެ ޓެސްޓުތައް ހަދަން. ހައިޕްރަޮފައިލްވިޔަސް އަލާމާތެއް ނުފެންނަނަމަ ޓެސްޓްހަދަން އުދަގޫވާނެ. އަދި އެހަދާ ޓެސްޓުން ޕޮޒިޓިވްކަމަށް އެވަގުތުގަ ނުދައްކަފާނެ.

ޒާރާޒަރީ

ސަރުކާރުން ބުނެފަ އެބޮތް އެންމެ ކްރިޓިކަލް ކޮންޑިޝަނަށްވެސް ވަރަށް ފުރިހަމައަށް ތައްޔާރޭ. ދެން ތީ ކިންވާހަކައެއް.

އަލީރާޖާ

ކޮވިޑް ޖެހިންގެ 185 ގައުމުން 2 ލައްކަ 27 ހާހަށްވުރެ ގިނަމީހުން މިހާތަނަށް މަރުވެއްޖެ. މިއީ ސަރުކާރެއްގެ ނުވަތަ ބައެއްގެ އިހްމާލުން މަރުވި ބައެއް ނޫން. ކޯވިޑުޖެހުމުން އޭގެ ތެރެއިން އެވްރެޖުކޮށް %3 މަރުވުން މިއީ އެންމެ ކުރިއަރާފައިވާ ސިއްހީ ނިޒާމުތައް އޮތް ގައުމުތަކުގައިވެސް ކަން ހިގާ ގޮތް. ބައެއް މީހުންނަށް ހީވަނީ އިހްމާލެއް ނެތިއްޔާ ދެން ކޮވިޑް ޖެހުނަސް މަރެއް ނުވާނެއޭ! މި ބަލި ނުވެސް ޖެހޭނެއޭ! ހިތް ރުހުނަސް ނުރުހުނަސް އެ ހުރިހާ ގައުމަކަށް ވީގޮތް މިތާވެސް ވާނެ! ކުރެވެން އޮތް ކަމަކީ ސިއްހީ ދާއިރާތަކުން ދޭ ނަސޭހަތް އަޑު އަހައިގެން އެގޮތަށް އުޅުން.

ހިސެން

ހީވަނީ 4.2މިލިޔަނުން މުސާ ރަދީފަ އަތްޖަހަން ބައިންދާފަ އިން ޕަޕެޓެއްހެން. އެހެންނޫންނަމަ ކު ރި އިސްތިހާ ރާ އިހްމާލް ސާފުވާނެ.

އަސްލުބޮޑޭ

4 ދުވަހުން ޓެސްޓު ހެދިޔަސް ބަލިން ފަސޭހަވާން ދޭނެ ބޭހެއް ނެތް.

އަސްލު

މައްސަލައަކީ މަރުވުމެއްނޫން، މައްސަލައަކީ ހައިރިސްކް މީހެއްކަން އެނގިތިބެ ޓެސްޓްހަދަން 4 ދުވަސްވުން، އެމީހުންނަށް ނަތީޖާލިބެންނަގާ 6 ގޑިއިރުގެ ބަދަލުގަ މިކޭސްގަ 24 ގަޑިއިރުވުން، ހެނދުނުބަލިވިކަން އެނގުުނީ އެކަމަކު އެތަށް އާދޭހެއްކޮއްގެން އިރުއޮއްސެނިކޮށް ހޮސްޕިޓަލަށްގެންދެވުން...

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345