ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރިޕޯޓް

މާޔޫސްވާނެ، އަރައިގަނެވޭނީ ވެސް މަޑުމަޑުން

ލޮކްޑައުންކޮށްފައިވާ މާލެއަށް ލުއިތަކެއް ދެއްވާނެކަމުގެ އިޝާރާތެއް މީގެ ހަފުތާއެއްހާ ދުވަސް ކުރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވުމާއެކު، ދޮޅު މަހެއްހާ ދުވަހު ގޭބަންދުވެ، މާޔޫސްވެފައި ތިބި ރައްޔިތުންގެ ހިތަށް ކޮންމެވެސް ފިނިކަމެއް ލިބިގެން ދިއަ އެވެ. ގޭގެ ހަތަރު ފާރުން ބޭރަށް "ނިއު ނޯމަލް" އެއްގައި ނަމަވެސް، އާއްމު ދިރިއުޅުމަށް އަނބުރާ ދިއުމުގެ ފުރަތަމަ ފިޔަވަޅު އެޅޭނެކަމުގެ އުއްމީދު އާވި އެވެ.

ނަމަވެސް ރޭ އިއުލާނުވި "ލުއި" ތަކުން ގިނަ ބައެއްގެ މާޔޫސްކަން އިތުރުވި އެވެ. ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވި ގޮތުގައި މިދިއަ އެޕްރީލް 15 ގައި ކޮވިޑް-19 އަށް ޕޮޒިޓިވް މީހަކު މާލެ އިން ފެނުމާ ގުޅިގެން، މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގައި އިއުލާންކުރި ލޮކްޑައުނަށް ލުއި ދޭން ނިންމާފައި ވަނީ ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ. އެހެން ނަމަވެސް ފުރަތަމަ ފިޔަވަހީގެ ދަށުން ތަފްސީލުކޮށް ދެއްވި ފިޔަވަޅުތަކަކީ "ލުއި" ތަކެއް ކަމަށް ގިނަ ބައަކަށް ވަނީ ގަބޫލު ކުރަން ދަތިވެފަ އެވެ.

ރައްޔިތުންގެ އިހުސާސްތައް ވެސް ބަލައިގަންނަންޖެހެ އެވެ. ކުދި ކުދި ތަންކޮޅުކޮޅުގައި މީގެ ކުރިން ޝިފްޓު ބަހައިގެން ނިދާ އުޅުނު އެތައް ބައަކު، ގޭބަންދުވެފައި ތިބެން ޖެހުމަކީ ހިތަށް ގެންނަން ވެސް ދަތި އުނދަގޫ ހާލަތެކެވެ. ނަފްސާނީ ގޮތުންވެސް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމެކެވެ. ގިނަ މީހުން މިހާރު ވެސް ތިބީ ވަޒީފާ ގެއްލި، ފައިސާ ފޮއްޗެއް ހޯދޭނެ ހުރިހާ ދޮރުތައް ބަންދުވެ، ގޮތް ހުސްވެފަ އެވެ.

އެކަމަކު މި ބަލީގެ ޒާތާ މެދު ފިކުރު ހިންގާލުމަކީ ވެސް މުހިއްމު ކަމެކެވެ. އޭގެ މިސާލުތައް ބަލައިލި ކޮންމެ ދިމާއަކުން އެއޮތީ ފެންނާށެވެ. ބަލި ކޮންޓްރޯލް ކުރެވި، ލޮކްޑައުން ލުއި ކުރި ހުރިހާ ގައުމެއްގައި ބަލި އަލުން ވަނީ ފެތުރިގެންފަ އެވެ. އެ މިސާލުތަކުން ރާއްޖެއިން ފިލާވަޅު ލިބިގަންނަންޖެހޭ ކަމަށް ރޭ ހެލްތު މިނިސްޓަރު ވެސް ފާހަގަ ކުރެއްވި އެވެ.

ފުރަތަމަ ފިޔަވަހީގެ ލުއިތައް

  • ގޭބީސީތަކުން ނުކުމެވޭ މީހުންގެ އަދަދު އިތުރުކޮށް، ވަގުތު އިތުރުކުރުން
  • ނިކުމެ އުޅެވޭ ޒޯންތައް އިތުރު ކުރުން
  • ރީޓެއިލް ފިހާރަތައް ހުޅުވުމުގެ ހުއްދަ ދިނުން
  • ބައެއް ފިހާރަތަކަށް އޮންލައިންކޮށް ވިޔަފާރިކޮށް، ޑެލިވަރީ ކުރުމުގެ ހިދުމަތް ދިނުން
  • ވޯކްޝޮޕްތަކާއި މަސް މާރުކޭޓް ހުޅުވުން
  • ބޭންކްގެ ހިދުމަތް ދޭ ވަގުތު އިތުރު ކުރުން
  • ރެސްޓޯރަންޓް ކެފޭތަކަށް ޑެލިވަރީ އަދި ޓޭކްއަވޭ ހުއްދަ ދިނުން
  • ޓެކްސީ އަދި ޕިކަޕުގެ ހިދުމަތުގެ ހުއްދަ ދިނުން
  • ސިއްހީ ހިދުމަތްދޭ ތަންތަނުން އޮންލައިންކޮށް ހިދުމަތް ދިނުމުގެ ހުއްދަ ދިނުން
  • ކޮލެޖް، ޔުނިވާސިޓީތަކަށް އޮންލައިންކޮށް ކިޔަވައިދިނުމުގެ ފުުރުސަތު ދިނުން
  • އުމުރުން ދުވަސް މީހުނަށް ވަކި ވަގުތެއްގައި ބޭރަށް ނުކުތުމުގެ ހުއްދަ ދިނުން

"ފުރަތަމަ ފިޔަވަހީގެ ލުއިތައް ބިނާ ކުރެވިފައި ވަނީ މީހުންނަށް ނުކުމެ އުޅެވޭނެ ގޮތާއި އިގްތިސޯދީ ހަރަކާތްތަކަށް ފުރުސަތު ދިނުމާއި ވިޔަފާރިކުރަން ޖާގަ ދިނުމާއި ދަތުރުފަތުރު ކުރުމުގެ ލުއިތަކާއި ސިއްހީ ހިދުމަތްތައް ހޯދަން ހުރި ޖާގަތައް ދިނުމަށް،" އަމީން ވިދާޅުވި އެވެ.

ސަރުކާރުން ރޭ އާންމު ކުރި މައުލޫމާތުތަކަށް ބަލާއިރު، ފުރަތަމަ ފިޔަވަހި ވެސް ވަނީ ދެ ބައަކަށް ބަހާލައިފަ އެވެ. އެއީ ފުރަތަމަ ދެ ހަފުތާގެ ތެރޭގައި ލުއިތައް ދޭން ފަށައި، ޖެހިގެން އަންނަ ދެ ހަފުތާގެ ތެރޭގައި އެ ލުއިތައް އިތުރަށް ފުޅާކުރުމުގެ ވިސްނުމެއްގެ ތެރެއިންނެވެ.

އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ ފުރަތަމަ ދެ ހަފުތާގައި ފުލުހުންގެ ހުއްދައާއެކު ކޮންމެ ގެއަކުން ތިން މީހަކަށް ހަފުތާއަކު ދެ ދުވަހަށް ދެ ގަޑިއިރަށް ބޭރަށް ނުކުމެވޭނެ ގޮތަށް ދެވުނު ލުޔެވެ. އެ ފުރުސަތުގައި އެހެން ގޭގެއަށް ޒިޔާރަތްކުރުން މަނަލެވެ.

ތިން ވަނަ ހަފުތާއިން ފެށިގެން ހުއްދަ ދޭ މީހުންގެ އަދަދު ފަހަކަށް އިތުރު ކުރާނެ އެވެ. އޭގެ އިތުރުން، އުމުރުން ދުވަސްވީ މީހުނަށް ވެސް ހުއްދައާއެކު، ފަތިހު 5:00 އިން ހެނދުނު 8:00 އާ ދޭތެރޭ ބޭރަށް ނުކުތުމުގެ ފުރުސަތު ވަނީ ދީފަ އެވެ. އަދި ތިން ހަފުތާއިން ފެށިގެން އެ ފުރުސަތު ކުޑަކުދިންނާ ހަމައަށް ފުޅާކުރާނެ އެވެ.

ފުރަތަމަ ފިޔަވަހީގައި ނުދޭނެ ލުއިތައް

  • މިސްކިތްތައް ނުހުޅުވާނެ
  • ސްކޫލްތައް ނުހުޅުވާނެ
  • ކޮންމެހެން ހުޅުވަންޖެހޭ ސަރުކާރުގެ އޮފީސްތައް ފިޔަވައި ނުހުޅުވާނެ
  • އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން މަނާވާނެ

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ މެޑިކަލް އޮފިސަރު ޑރ. ފާތިމަތު ނަޒްލާ ރަފީގު ރޭ ވިދާޅުވި ގޮތުގައި، ފުލުހުންގެ ހުއްދަ ހޯދާ ގޮތަށް ހަމަޖެއްސީ އެއް ވަގުތެއްގައި ބޭރަށް ނުކުމެ އުޅޭ މީހުން ކޮންޓްރޯލް ކުރުމުގެ ބޭނުމުގަ އެވެ.

"އެއްކޮށް ދޫކޮށްލައިފިއްޔާ އަތްނުފޯރާ ވަރަށް ކޭސްތައް އިތުރު ވެގެން ދާނެ. އެންމެންނަށް ވެސް އެކަން ގަބޫލު ކުރެވޭނެ. އެހެންވެ މި ބަލަނީ މަޑުމަޑުން ކޮންޓްރޯލް ކުރެވޭ މިންވަރަށް ލޮކްޑައުނަށް އިތުރު ލުއިތަކެއް ދިނުމަށް،" ނަޒްލާ ވިދާޅުވި އެވެ.

ކުރީގެ ގޯސްތަކުން ފިލާވަޅެއް

ބަލި ބޭރުގެ ފަތުރުވެރިއެއްގެ ކިބައިން ފެނުނު ފަހުން ސަރުކާރުން ފިޔަވަޅު އެޅުން ލަސްވި ކަމަށް އަދިވެސް ގިނަ ބައަކު ގަބޫލުކުރެ އެވެ. އަދި މުޖުތަމައު ތެރޭގައި ބަލި ފެތުރިގެން ދިއުމުގެ މާލެ ލޮކްޑައުންކޮށް އެކަށީގެންވާ މިންވަރަށް ޓެސްޓު ނުކުރެވުނުކަމުގެ އިލްޒާމުތައް ވެސް ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.

ޑރ. އަލީ ލަތީފު ފާހަގަކުރައްވާ ފަދައިން ލޮކްޑައުނަކަށް ދިއުމުގެ ކުރިން، މާލޭގައި ތިން ގަޑިއިރަށް ހިންގި ކާފިއުއިން ވެސް ހާލަތު އިތުރަށް ގޯސްވި އެވެ. އެ ގަޑި ޖެހުމުގެ ކުރިންނާއި، ކާފިއު ހަމަވުމާއެކު އެއް ފަހަރާ މީހުން މަގުތައް ތޮއްޖެއްސި އެވެ. އެއީ އެންމެ ތިން ގަޑިއިރަށް ރައްޔިތުން ގޭބަންދު ކުރުމުން ފެނުނު މަންޒަރެވެ. ދޮޅު މަހުގެ ގޭބަންދަކަށް ފަހު، މިނިވަންވުމާއެކު މީހުންގެ އަމަލުތައް ހުންނާނެ ގޮތެއް ލަފާކޮށްލަން ވެސް ދަތިކަމަށް އަލީ ލަތީފު ވިދާޅުވެ އެވެ.

"އަޅުގަނޑުމެންނަށް ހަގީގަތުގައި ވެސް އަންދާޒާކޮށްލަން ވެސް ދަތިވޭ، މިހާ ގިނަ ދުވަހުގެ ލޮކްޑައުނަކަށް ފަހު، ލޮކްޑައުން އުވާލުމުން ރައްޔިތުން އަމަލު ކުރާނެ ގޮތެއް،" އޭނާ ވިދާޅުވި އެވެ.

އެއީ ގަބޫލުކުރަން ކިތަންމެ ދަތި ނަމަވެސް، ކަމުގެ ހަގީގަތެވެ. ރައީސް ސޯލިހު ލޮކްޑައުން ލުއިކުރާ ވާހަކަ ވިދާޅުވުމާއެކު، ކޮފީތަކާއި ދަތުރުތައް ރާވަމުންދާ މީހުން މަދެއް ނޫނެވެ. ލޮކްޑައުން އެކީގައި ކުއްލިއަކަށް އުވާލައިފިނަމަ، ސުން ސިކުންތައް އެންމެން އެއް ފަހަރާ ބޭރަށް ނުކުންނާނެކަން ޔަގީނާ ގާތަށް ބުނަން އެނގެ އެވެ.

އެކަމަކު އަލީ ލަތީފާއި ނަޒްލާ ފާހަގަ ކުރައްވާ ފަދައިން، ބަލީގެ ނުރައްކާ އަދިވެސް ބޮޑެވެ. ބަލި ފެތުރޭ މިންވަރު ކޮންޓްރޯލް ކުރެވިފައި އޮތީ ލޮކްޑައުން އޮތީމަ އެވެ. ރައްޔިތުންގެ އެހާ ޑިސިޕްލިން ހުރި ނަމަ، ފަހަރުގައި މިފަދަ ހަރުކަށި ހާލަތަކަށް ދާން ނުޖެހި ސަލާމަތް ވެވުނީހެވެ.

މި ބައްޔާ އެކީ އުޅެން ޖެހިފައިވާއިރު، މި ނިއު ނޯމަލަށް ރައްޔިތުން އަހުލުވެރިވެ، ފަރިތަވާން ވެސް ވަގުތު ބޭނުންވެ އެވެ. ތޮއްޖެހިފައިވާ މާލޭގައި ގައިދުރުކުރުން ބެހެއްޓޭނެ އުކުޅުތަކެއް ހޯދަން ޖެހެ އެވެ. އޮފީސްތަކާއި އިމާރާތްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމާއި، ޝިފްޓް ބަހައިގެން މުވައްޒަފުން ނެރުމުގެ އުސޫލުތައް ފައްކާ ކުރަން ވެސް ފުރުސަތު ދޭންޖެހެ އެވެ. ކުއްލިއަކަށް ލޮކްޑައުން އެކީގައި ލުއި ކުރުމުގެ ނަތީޖާއަކަށް ވަނީ، އަލުން އެނބުރި ލޮކްޑައުންގެ ހާލަތަކަށް ދާންޖެހުމެވެ.

"އަޅުގަނޑުމެން ދެ ހަފުތާގެ މިހާ ބޮޑު ރިސްޓްރިކްޝަންއެއް މި ބާއްވަނީ އަޅުގަނޑުމެން ދޫކޮށްލީމަ އޭގެ ސަބަބުން ނުކުންނަ ނަތީޖާ މި އިނގެނީ އޭގެ ދެ ހަފުތާ ފަހުން. އެހެންވެ އަޅުގަނޑުމެންނަށް ނުކެރޭނެ އެހާ ބޮޑަށް ދޫކޮށްލަން. އެހެންވެގެން މިހާ ބޮޑަށް ހިފަހައްޓާފަ މި އޮތީ،" އަލީ ވިދާޅުވި އެވެ.

ސަރުކާރުގެ ޕްލޭނަށް ބަލާއިރު، އަދި އިތުރު މަހެއްހާ ދުވަހު ވެސް އޮތީ ހަމަ ޒާތެއްގެ ގެންބަންދެކެވެ. ހަފުތާއަކު އެންމެ ގިނަވެގެން ހަތަރު ގަޑިއިރަށް ފިޔަވައި ބޭރަށް ނުކުމެ ނޫޅެވޭނެ އެވެ. ގިނަ ބައަކު އުއްމީދު ކޮށްގެން ތިބި ގޮތް ނޫނަސް، މިއީ ނިއު ނޯމަލް އެވެ.