ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ ބަލާއާފާތް

ހަފުތާއަކުން 387 ޕޮޒިޓިވްވެ، ނުރައްކާވެފައި

Jan 16, 2021
4

ކޮވިޑްގެ ބަލިމަޑުކަމުގައި ދިވެހިން 314 ދުވަސް ހޭދަ ކޮށްފި އެވެ. މިދިޔަ 10 މަސް ދުވަހު 14,375 މީހުންނަށް ރާއްޖެއިން ކޮވިޑް ބަލި ޖެހިއްޖެ އެވެ. އޭގެ ތެރެއިން 9,029 މީހުންނަކީ ދިވެހިންނެވެ. މި މުއްދަތުގައި 39 މީހަކު ކޮވިޑްގައި މަރުވެއްޖެ އެވެ. އެއީ 32 ދިވެހިންނާއި ހަތް ބިދޭސީންނެވެ.

ކޮވިޑާއެކު ހޭދަ ކުރި ދުވަސްތަކުގައި ރާއްޖޭގެ ހާލަތު އެންމެ ގޯސްވީ މިދިއަ އޯގަސްޓް މަހުގެ ތެރޭގަ އެވެ. އެ މަހު އެކަނި ވެސް 3،900 މީހުން ބަލިވެ 12 މީހަކު މަރުވި އެވެ. ކޮވިޑުން ރައްކާތެރިވުމަށް އެ ދުވަސްވަރެއްގެ ހާލަތާ ގުޅޭ ގޮތުން ހަރުކަށި ފިޔަވަޅުތައް އެޅިއެވެ. މިސްކިތުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލި އެވެ. އޭގެ ފަހުން މިސްކިތްތައް ބަންދު ވެސް ކުރިއެވެ. އެ ރަށުން އަނެއް ރަށަށް ދަތުރު ކުރުން މުޅީން މަނާ ކުރި އެވެ. ރާއްޖޭގެ ބޯޑަރު ބަންދުކޮށް އިގްތިސޯދުގެ މައި އިންޖީނު ކަމަށްވާ ޓޫރިޒަމް ވަގުތީ ގޮތުން ހުއްޓާލި އެވެ.

މާލޭ ސިޓީގައި ކާފިއު ހިންގާން ފެށި އެވެ. ހޮޓާ، ކެފޭ، ރެސްޓޯރަންޓް އަދި ފިހާރަތަކާއި އާންމު ހިދުމަތްދޭ ތަންތަނުގެ ހިދުމަތް ހުއްޓުމަކަށް ގެނައެވެ. މިފަދަ އެތައް ފިޔަވަޅުތަކެއް އެޅި އެވެ. އެ ފިޔަވަޅުތަކާއެކު އާންމު ދިރިއުޅުމަށް ބުރޫއެރި އެވެ. ކިތަންމެ ކިތަންމެ ކަމަކުން މަހުރޫމް ވެގެން ތިބެން ޖެހުނެވެ. އެތައް ދަތިތަކެއް ކުރިމަތިވި އެވެ. ހަރަކާތްތެރި ދިރިއުޅުން މުޅިން ބަދަލުވި އެވެ. މިހެން ގޮސް ކިތަންމެ ކިތަންމެ ކަމެކެވެ.

ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ބޯލެނބުމުގެ ނަތީޖާއެއްގެ ގޮތުން ކޮވިޑްގެ ބަލިމަޑުކަމުން ރައްކާތެރިކަމުގެ އައްސޭރިއަކަށް ދަތުރު ވަނީ ފެށިފަ އެވެ. ކާފިއު އުވާލެވި ހޮޓާ، ކެފޭ، ރެސްޓޯރަންޓް އަދި ފިހާރަތައް ހުޅުވިއްޖެ އެވެ. މިސްކިތްތައް ހުޅުވި ޖަމާއަތުގައި ނަމާދު ފެށިއްޖެ އެވެ. އެންމެ ފަހުން ސުކޫލުތައް ހުޅުވި ދަރިވަރުންގެ ކިޔެވުން ވެސް ފެށިއްޖެ އެވެ.

ނަމަވެސް ސުކޫލުތަކުގެ ކިޔެވުން ފެށި މިދިޔަ ހަތް ދުވަހުގެ ތެރޭގައި ޕޮޒިޓިވް ކޭސްތައް އިތުރުވެއްޖެ އެވެ. އެއީ ސުކޫލުތައް ހުޅުވުމުން ދިމާވި ކަމަކަށް ނުވިޔަސް ރާއްޖެއިން ޕޮޒިޓިވް ކޭސްތައް އިތުރުވުމަކީ ރައްކާތެރިވުމަށް ދެވޭ އިންޒާރެކެވެ. މިދިޔަ ހަތް ދުވަހު 387 މީހަކު އަލަށް ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ. އޭގެ ތެރޭގައި ގިނަ އަދަދަކަށް ރިސޯޓްތަކުން ބަލި ޖެހުނު މީހުން ހިމެނެޗއެވެ.

ދެން ހިމެނެނީ ގއ. ދެއްވަދޫއިން ޕޮޒިޓިވްވި މީހުންނެވެ. ދެއްވަދޫ ކްލަސްޓާއާ ގުޅުންހުރި 52 މީހަކު ޕޮޒިޓިވް ވެއްޖެ އެވެ. އެތައް ބަޔަކު ކޮންޓެކްޓުންގެ ގޮތުގައި ފާހަގަ ކުރެވިފައިވާއިރު 100 ވުރެ މީހުންނަކީ ހައިިރިސްކު މީހުންނެވެ. އެ ކްލަސްޓާއާ ގުޅިގެން ފަސް ރަށެއް އޮތީ މޮނިޓަރިންގަ އެވެ. މިއީ މިފަހުން އަތޮޅުތެރޭގައި ކްލަސްޓާއެއް އުފެދި މި މިންވަރަށް ފުޅާވި ފުރަތަމަ ފަހަރެވެ.

މީގެ އިތުރުން ރިސޯޓްތަކުން 121 މީހަކު ޕޮޒިޓިވް ވެއްޖެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ބިޔާދޫ ރިސޯޓުން ޕޮޒިޓިވްވި 53 މީހަކާއި ސަންގެލި ރިސޯޓުން ޕޮޒިޓިވްވި 42 މީހަކާއި އޮޅުވެލިން ޕޮޒިޓިވްވި 27 މީހެކެވެ. އޭގެ ތެރޭގައި ބޮޑު ޕަސެންޓަކީ މުވައްޒިފުންނެވެ.

މިދިޔަ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ސުކޫލުތަކާއި ގުޅުންހުރި ފާހަގަކުރެވިފައި ވަނީ ޕޮޒިޓިވް އެންމެ ކޭހެކެވެ. އެއީ އަމީނިއްޔާގެ ގުރޭޑް ތިނަކަށް ކިޔަވައިދޭ ޓީޗަރެއް ޕޮޒިޓިވްވުމެވެ. އެޗްޕީއޭއިން ބުނާ ގޮތުން އެ ކޭހާއި ގުޅިގެން އިތުރު ޓީޗަރުންތަކެއް ކަރަންޓީން ކުރަން ޖެހުނެވެ. ނަމަވެސް ދަރިވަަރުންނަށް ބަލި ފެތުރުމުގެ ފުރުސަތެއް ނެތެވެ.

އަދި ޝީގައި ބޭއްވި ކައިވެނި ޕާޓީގެ ކްލަސްޓާ ވެސް ވަނީ ބޮޑުވެފަ އެވެ. މިހާތަނަށް އެ ކްލަސްޓާއާ ގުޅުންހުރި 100 މީހަކު ޕޮޒިޓިވްވެއްޖެ އެވެ. އަދި 300 މީހުން ވަނީ ކަރަންޓީން ކޮށްފައެވެ. ސަތޭކައަށްވުރެ ގިނަ މީހުންނަކީ ހައި ރިސްކް މީހުންނެވެ.

މީގެ ދެ ހަފްތާއެއްހާ ދުވަސްކުރިން އެކްޓިވް ކޭސް 500 އިން ދަށުގައި ހުރި ނަމަވެސް މިހާރު އެ އަދަދު ހުރީ 845 އަށް އަރާފަ އެވެ. އެ މުއްދަތުގައި ހޮސްޕިޓަލްގައި ފަރުވާ ދެމުންދިޔައީ 25 މީހަކަށް ނަމަވެސް މިހާރު އެ އަދަދު ވަނީ 61 އުފުލިފައެވެ. މި ހުރިހާ ނަންބަރުތަކުން ބުނެދެނީ ކޮވިޑްގެ ހާލަތު އަލުން ގޯސްވެދާނެ ކަމެވެ.

ކޮވިޑްގެ ނަންބަރު ބޮޑުތަނުން އުފުލި އަލުން ނުރައްކާތެރި ހާލަތަށް ނުގޮސް ހިފެހެއްޓުމުގެ ފުރިހަމަ އިހުތިޔާރު ރައްޔިތުންގެ އަތްމަތީގައި އެބައޮތެވެ. އެކަން ކުރެވޭނީ އެޗްޕީއޭގެ ގައިޑްލައިންތަކަށް ތަބާވެގެންނެވެ. ބޭރަށް ނިކުންނައިރު މާސްކް އަޅާ ސާފުތާހިރު ކަމަށް އިސްކަންދީގެންނެވެ. ގައިދުރު ކަމަށް ހާއްސަ އިސްކަމެއް ދީގެންނެވެ. މިއީ އާންމު ރައްޔިތުންގެ ހިތްވަރު ދައްކަންވީ ވަގުތެވެ. ގައިޑްލައިންތައް ފޮލޯކޮށް ކޮވިޑްބަލިން ރައްކާތެރިވެ އަމާން އައްސޭރިއަކަށް ދަތުރުކުރެވޭތޯ މަސައްކަތް ކުރަންވީ ވަގުތެވެ.