ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރިޕޯޓް

އެސްއޯޕީ ބަދަލު ނުކޮށް އަލުން ލިޔަންވީ!

މިދިއަ މާޗް މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ސަރުކާރުން ސިލްސިލާކޮށް ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުންތަކުގައި ތަކުރާރުކޮށް އިވޭ ވާހަކައެއް އޮވެ އެވެ. އެއީ ކޮވިޑް-19 އާ ގުޅިގެން ކުރިމަތި ވެދާނެ ހުރިހާ ހާލަތެއްގައި އަމަލު ކުރާނެ ގޮތުގެ އުސޫލުގެ ވާހަކަ އެވެ. އޭރު އެ ބައްދަލުވުންތަކުގެ މައިކުގެ ކުރިމަތީގައި ތިއްބެވި އެކިއެކި ބޭފުޅުންގެ ބަހުރުވައިންނަމަ، "އެސްއޯޕީ" އެވެ.

އޭރު އޮތް ހާލަތާ ގުޅިގެން ނޫސްވެރިން ކުރާ ކޮންމެ ސުވާލެއްގެ ޖަވާބު އޮންނަނީ އެ އެސްއޯޕީ އާ ގުޅުވައިފަ އެވެ. އެހެން ގައުމުތަކުގެ މިސާލު ނަގަ ނަގައިގެން، ބޭރު މީހުން އައުން ހުއްޓުވަނީ ކޮން އިރަކުންތޯ އެހިއިރު ވެސް އެސްއޯޕީގަ އޮތްގޮތް ވަރަށް ސާފުކޮށް ވިދާޅުވެ ދެއްވި އެވެ. ކޮވިޑް-19 އަށް ޓެސްޓު ކުރުމާއި، ކަރަންޓީނު ކުރުމުން ފެށިގެން ވެންޓިލޭޓަރު ގެނައުމާއި ޑޮކްޓަރުންނާއި ނަރުހުން ހަރަކާތްތެރިވާނެ ގޮތް ވެސް އޮތީ އެސްއޯޕީއަށް ތިރިކޮށްފައި ކަމަށް ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވި އެވެ. އެކަމާ ގުޅިގެން އިތުރަށް ސުވާލެއް ކޮށްފިނަމަ، އަނގަ ބަންދު ވެގެން ދިއައީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯގެ މިންގަނޑާ އެއްގޮތަށޭ ވިދާޅުވުމުންނެވެ.

ޑަބްލިޔުއެޗްއޯގެ އިހުމާލުގެ ތުހުމަތުތައް

މިދިއަ ޑިސެމްބަރު މަހު ޗައިނާގެ ވޫހާން ސިޓީން އެ ވައިރަސް ފެނި، ޗައިނާ ސަރުކާރުން ބަލިމަޑުކަމެއްގެ ގޮތުގައި ޑަބްލިޔުއެޗްއޯއަށް ރަސްމީކޮށް ރިޕޯޓު ކޮށްފައި ވަނީ އެ މަހުގެ 31 ވަނަ ދުވަހު އެވެ. ޗައިނާގެ އަވަށްޓެރި ގައުމުތަކުން ނުރައްކަލުގެ ރަނގަބީލުތައް އަޅަން ފެށުމުން، ބޯޑަރުތައް ބަންދު ނުކުރަން ޑަބްލިޔުއެޗްއޯއިން އޭރު ތަކުރާރުކޮށް ގައުމުތަކަށް އިލްތިމާސް ކުރި އެވެ. ސިއްހީ އެމަޖެންސީއެއްގެ ގޮތުގައި ޑަބްލިޔުއެޗްއޯއިން ކަނޑައެޅުނުއިރު، އެ ވައިރަސް ޗައިނާއިން ބޭރުވެ، ކައިރި ގައުމުތަކަށް ވަނީ ފެތުރިގެން ގޮސްފަ އެވެ. މިހާރު މުޅި ދުނިޔެއަށް ބަލާއާފާތެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކޮވިޑް-19 މުޅި ދުނިޔެއަށް ފެތުރިގެން ދިއުމުގައި، އެ ބައްޔާ ގުޅޭ ސައްހަ މައުލޫމާތު ހިއްސާ ކުރަން އިހުމާލުވިކަމުގެ ތުހުމަތުތައް ޑަބްލިޔުއެޗްއޯއަށް މިހާރު ވަނީ އަމާޒުވެފަ އެވެ.

ޑަބްލިޔުއެޗްއޯ އިހުމާލުވެފައިތޯ ކަނޑައެޅުން ރާއްޖެ ފަދަ ކުޑަ ގައުމަކަށް މުހިއްމު ނުވި ނަމަވެސް، މި ބައްޔާ ގުޅޭ އެސްއޯޕީ ހެދުމަށް ޑަބްލިޔުއެޗްއޯއިން އިރުޝާދު ދީފައިވަނީ، ޗައިނާއިން އޭރު ހާމަކުރި މައުލޫމާތުތަކެއްގެ މައްޗަށް ބިނާ ކޮށެވެ.

މި ބަލާއާފާތުގެ ތެރޭގައި ޗައިނާގެ ރަސްމީ އަދަދުތައް އެކި ގޮތްގޮތުން ވަނީ ބަދަލު ކޮށްފަ އެވެ. އެ "އޮޅުން" ތަކުގެ ތެރެއިން އެންމެ ބޮޑު ކަންބޮޑުވުމެއް ގުޅިފައި ވަނީ، ބަލި ޖެހިފައިވާ މީހުންގެ ތެރެއިން، ބަލީގެ އަލާމާތްތައް ނުފެންނަ މީހުން އުނި ކޮށްފައި ވުމެވެ. އެފަދަ މީހުން ކުއްލިއަކަށް ރަސްމީ އަދަދުތަކުގައި ހިމަނާފައި ވަނީ މިދިއަ މަހު ކުރީކޮޅެވެ.

ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި، ބަލީގެ އަލާމާތްތައް ނުފެންނަ މީހުން އުނި ކޮށްފައި ވުމަކީ އެ ބަލި ފެތުރިގެން ދިއުމަށް މެދުވެރިވި މައިގަނޑު ސަބަބެވެ. އެއީ ގިނަ ގައުމުތަކުން މީހުން ސްކްރީން ކުރުމާއި ޓެސްޓު ކުރުންފަދަ ފިޔަވަޅުތައް އަޅާފައި ވަނީ، ބަލީގެ އަލާމާތްތަކަށް ބަލައިގެން ކަމަށް ވާތީ އެވެ.

މިދިއަ މަހުގެ 15 ވަނަ ދުވަހު މާލެއިން ކޮވިޑް-19 އިގެ ފުރަތަމަ ކޭސް ފެނުނުއިރު، އެ އަންހެން މީހާއަށް ބަލި ޖެހިފައި ވަނީ ބަލީގެ އަލާމާތްތައް ނެތި، ރަށު ތެރެއަށް ދޫވެފައިހުރި ޕޮޒިޓިވްވި މީހެއްގެ ފުށުން ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވެސް ވަނީ ލަފާކޮށްފަ އެވެ. އެކަމާ ގުޅިގެން އެކަނި ވެސް ޑަބްލިޔުއެޗްއޯގެ "މިންގަޑު"ތަކާ އެއްގޮތަށް ތައްޔާރު ކޮށްފައިވާ އޮތް އެސްއޯޕީއާ މެދު ސުވާލު އުފެއްދޭނެ ޖާގަ އޮތް ނަމަވެސް، އޭގެ ކުރިން ވެސް އެ އެސްއޯޕީގައި ހުރި ބާގަނޑުތައް ހާމަވެފައިވަނީ ރާއްޖޭގައި މިހާރު އޮތް ކޮމިޔުނިޓީ ޓްރާންސްމިޝަނާއެކު އެވެ.

ވައިރަހުގެ ކުރިއަށް ނޭރުނު

މިހާތަނަށް ކަންކަން ހިނގާފައިވާ ގޮތަށް ބަލާއިރު، ތޫފާނެއްގެ ތެރެއިން އައި ހިމޭން ވަގުތު ކޮޅުގެ ފައިދާ ނުނެގުމުގެ މައިގަނޑު ހުރަހަކަށް ވެފައި ވަނީ އެ އެސްއޯޕީ އޭ ބުނުމުގެ ޖާގަ ލިބެ އެވެ. އިޓަލީ ފަތުރުވެރިއެއްގެ ކިބައިން އެ ވައިރަސް އެންމެ ފުރަތަމަ ފެނުނުއިރު، އިޓަލީން މީހުން އައުން ހުއްޓުވަން އޭރުވެސް ގޮވަމުންދިއަ އަޑުތައް ގަދަވި އެވެ.
އެކަމަށް ޖާގަ ނުދިނީ އެސްއޯޕީ އެވެ. އެސްއޯޕީ އޮތް ގޮތުން، ރާއްޖޭގެ މައި ދޮރު ބަންދު ކުރެވުނީ، އެހެން ގައުމުތަކުގެ ބޯޑަރުތައް ބަންދު ކުރުމުގެ ސަބަބުން، ރާއްޖެއަށް އަންނަން ތިބި ހުރިހާ ފަތުރުވެރިންހެން ހުސްވި ފަހުންނެވެ. ކަރަންޓީނުން ދޫކުރާ އެންމެން ޓެސްޓު ކުރާން ފެށީ، އަލާމާތްތައް ނުފެންނަ ދެ ފަތުރުވެރިއަކު ފުރައިގެން ދިއަ ފަހުން އެ ބައްޔަށް ޕޮޒިޓިވްވީމަ އެވެ.

ކޮމިޔުނިޓީ ޓްރާންސްމިޝަނެއް ރާއްޖޭގައި އޮވެދާނެ ކަމަށް ތަކުރާރުކޮށް ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެކި ޑޮކްޓަރުން ތަކުރާރުކޮށް އިންޒާރު ދެއްވަމުން ގެންދެވި އެވެ. ދުރާލާ ފިޔަވަޅެއް ނޭޅުނީ، އެސްއޯޕީގައި އެހެން ގޮތަކަށް ބަޔާން ކޮށްފައި އޮތީމަ އެވެ.

ތިން ގަޑިއިރަށް ކާފިއު ހިންގާފައި އެވެސް އުވާލީ އެވެ. ސިއްހީ މާހިރުންގެ އާދޭސްތަކަށް ބީރު ކަންފަތެއްދީފައި، މަގުތައް މަތީގައި މީހުން ދުއްވާ ނެގި އެވެ. މަސް ދަތުރުތަކާއި ބޮޑެތި ޕާޓީތައް ބާއްވައިގެން މީހުންތައް އުޅުނުއިރު، މާލެ ލޮކްޑައުން ނުކުރީ، އެސްއޯޕީން އެކަމަށް އޭރު ޖާގަ ނުދިނީމަ އެވެ. އެއްތަނެއްގައި ޖެހި ފިތިގެން ދިރިއުޅެމުންދާ ބިދޭސީންނާ ގުޅިގެން ކަންބޮޑުވުންތައް ހުރިއިރު، އެތަންތަނުން މީހުން ޓެސްޓު ކުރާ ވާހަކައެއް އެސްއޯޕީގައި ނެތެވެ. މުޖުތަމައު ތެރޭގައި ބަލި އޮތްކަން ކަށަވަރު ވަންދެން ތިބެން އެސްއޯޕީގައި އޮތީ ޒާތަކަށް ލާޒިމުކޮށްފަ އެވެ.

ފުރަތަމަ މަރާއެކު އިހުމާލުގެ ތުހުމަތު

އެ ހުރިހާ ކަމެއްގެ ނަތީޖާ މިހާރު އެ އޮތީ ފެންނާށެވެ. އޮފީސްތަކާއި ސްކޫލުތައް ބަންދުވީމާ، ޗުއްޓީ ކޮށްލި މީހުން ބައްދަލުވި މީހުންގެ އަދަދުތައް ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން އެ ދަނީ ކޮންމެ ދުވަހަކު ހާމަވަމުންނެވެ. ހުޅުމާލޭގައި ގާއިމުކުރި ބިދޭސީންނަށް ހާއްސަ ފްލޫ ކްލިނިކަށް ދުވާލަކު ދެ ތިން މީހުން ގޮސްފައި ވަނީ، އެ މީހުންގެ ހާލު ރަނގަޅުކަމުން ނޫންކަން، ކޮންމެ ދުވަހުގެ އިތުރުވަމުންދާ އަދަދުތައް ހެކިދެ އެވެ. ބިދޭސީން ގެންގުޅޭ ތަންތަނުގައި މާލެއިން ބަލި ފެނުމުގެ އެތައް ހަފްތާއެއް ކުރިން ބަލި ފެތުރިފައިއޮތްކަން، އެ "ހާލި" ތަކުން ޕޮޒިޓިވްވާ އަދަދުތަކަށް ބަލައިލުމުން އެނގޭނެ އެވެ.

އެކަމަކު އަދިވެސް އެސްއޯޕީއަށް ތަބާވެވޭތޯ ބަލަނީ އެވެ. އަދިވެސް އިސްކަމެއް ދެނީ ބަލީގެ އަލާމާތްތައް ހުންނަ މީހުނަށެވެ. ޓެސްޓު ކުރާ ތަރުތީބުގެ އެންމެ ކުރީގައި އޮންނަނީ އެމީހުނެވެ. އެހެން އުޅެނިކޮށް، ރާއްޖެ ދެކެން ބޭނުންނުވި ހިތާމަވެރި ދުވަސް ވެސް މިދިއަ ބުދަ ދުވަހު އެވަނީ ބައްދަލުކޮށްފަ އެވެ. އެ ބައްޔަށް ޕޮޒިޓިވްވި 83 އަހަރުގެ އަންހެނަކު މަރުވީ އެވެ. ކޮވިޑް-19 އަށް ޕޮޒިޓިވްވެ ރާއްޖެއިން މަރުވި ފުރަތަމަ މީހާއަކީ މ. ބަހީޖު ޕެލަސް، އައިމިނަތު އާދަމް އެވެ. އޭނާ މަރުވީ ބުދަ ދުވަހުގެ ރޭގަނޑު 7:10 އެހާކަންހާއިރު އެވެ.

އިހުމާލާއި ފަރުވާ ލަސްވިކަމުގެ ތުހުމަތުތައް އަމާޒުވެފައިވާ މައިގަނޑު ސަބަބަކީ، އެ މީހާއަކީ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ފާހަގަ ކުރެވުނު މީހެއްކަމަށް ވާތީ އެވެ. އެގޮތުން، އެމީހާއަކީ ޕޭޝަންޓް 126 އާ ގުޅުން އޮތް މީހެކެވެ. ޕޭޝަންޓް 126 ޕޮޒިޓިވްވެފައި ވަނީ މިދިއަ މަހުގެ 24 ވަނަ ދުވަހު އެވެ. އޭގެ ފަހުން އެ ގެ ހުރީ މޮނީޓަރިން ހާލަތުގަ އެވެ.

ދުވަސްވީ އަދި އެހެން ބަލިތައް ވެސް ހުރި އެ އަންހެން މީހާއަކީ ހައި ރިސްކް ކެޓެގެރީގެ މީހެކެވެ. ނަމަވެސް އޭނާގެ ސާމްޕަލް ނަގާފައި ވަނީ މި މަހުގެ 28 ވަނަ ދުވަހު އެވެ. ގުޅުންހުރި މީހާ ޕޮޒިޓިވްވި ކަމުގެ ރިޕޯޓް ލިބުނުތާ ހަތަރު ދުވަސް ފަހުންނެވެ. މަރުވި މީހާގެ ސާމްޕަލްގެ ނަތީޖާ ލިބުނީ ވެސް އެ ރޭ އޭނާ މަރުވި ފަހުންނެވެ.

އެސްއޯޕީ އާ މެދު އަނެއްކާވެސް ސުވާލު އުފައްދަން ޖެހެނީ އެހެން ބަލިތައް ވެސް ހުރި އެންމެ ހައި ރިސްކު ކެޓެގަރީގެ މީހެއްގެ ހާލަތު ގާތުން ނުބެލުނީމަ އެވެ. ހޮސްޕިޓަލާ ހަމައަށް އޭނާ ނުގެންދެވިގެން އުޅެނިކޮށް، ދުނިޔެއަށް އަލްވަދާއު ކިޔަން ޖެހުނީމަ އެވެ. ބަހާއި އަމަލު ދިމާނުވާތީ އެވެ. ޓެސްޓުގެ ނަތީޖާ ނުލިބުނަސް، ގޭގައި ހުންނަ މީހަކީ ބަލި ޖެހިފައިވާ މީހެއްކަމަށް ބަލައިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އާއިލާއަށް އިރުޝާދު ދޭއިރު، އެ އުސޫލުން އެޗްޕީއޭ އިސްތިސްނާވި ގޮތަށް ވާހަކަ ދައްކަވާތީ އެވެ. ޓެސްޓުގެ ނަތީޖާއަކީ "އިރިލެވަންޓް" އެއްޗެއް ކަމަށާއި، އެ މީހާއާ މެދު އަމަލުކުރަންޖެހޭނީ ޕޮޒިޓިވް ކޭސްއެކޭ އެއްގޮތަށްކަމަށް ވިދާޅުވަނީވެސް ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާ ޑޮކްޓަރުންނެވެ.

ގައުމީ މަސްލަހަތު ހިމެނޭ ކަމަކަށް ވާތީ، އިހުމާލުގެ އިނގިލި ދިއްކުރަން މިއީ އެންމެ ހައްސާސީ ދަނޑިވަޅުތޯ ސުވާލު އުފައްދާ ބައަކު އުޅޭނެ އެވެ. އެކަމަކު މިވާހަކަ ދައްކަން ޖެހެނީ ގައުމީ މަސްލަހަތު ހިމާޔަތް ކުރުމުގެ ބޭނުމުގަ އެވެ. ސަބަބަކީ، އަދިވެސް މި ބަލީގެ ކުރިއެރެން އޮތީ، ރާއްޖެއާ ގުޅޭގޮތަށް އެ ގެންގުޅޭ އެސްއޯޕީ އޮވެގެން ކަމަށްވާތީ އެވެ. ދިވެހީންގެ ދިރިއުޅުމުގެ ވައްޓަފާޅި އާއި ވިސްނުމާއި ސިފަތަކުގެ އިތުރުން ގައުމުގައި އުޅޭ ބިދޭސީ މަސައްކަތްތެރިންގެ ހާލަތުވެސް ޑަބްލިއުއެޗްއޯއަށް ވުރެ ރަނގަޅަށް ދިވެހި ސަރުކާރަށް އެނގެންވާނެތީ އެވެ.