ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ ބަލާއާފާތް

ކޮވިޑްގެ ހަތް ހާހުން ތިން ހާސް!

ކޮވިޑް ބަލާއާފާތުގެ ނުރައްކާތެރި ރާޅު ރާއްޖޭ ގޮނޑުދޮށަށް ޖެހިތާ 177 ދުވަސް ހަމަވެއްޖެ އެވެ. މިދިއަ މާޗް މަހުގެ ހަތްވަނަ ދުވަހު ރާއްޖޭގައި ފެތުރެން ފެށި ބަލިމަޑު ކަމަށް ފަހު ރާއްޖެ މިހާރު މި ވަނީ އެ ބަލީގެ ދެވަނަ ރާޅެއްގެ ތެރޭގަ އެވެ. ކޮވިޑާއެކު ދިވެހިން ހޭދަކުރި ހަތް މަސް ދުވަސް ތެރެއިން ނިމިގެން މިދާ އޯގަސްޓް މަހަކީ ހާލަތު އެންމެ ގޯސްވެފައި އޮތް އެންމެ ނުރައްކާތެރި ދުވަސްތަކެވެ.

ސިއްހީ އޮފިޝަލުންގެ އަންދާޒާތަކުން ވެސް އޯގަސްޓް މަހަކީ ކޮވިޑްގައި ކަންކަން އެންމެ ނުރައްކާތެރި މަހަށް ވާނެ ކަމަށް އޮތީ ލަފާ ކުރައްވާފަ އެވެ. ނަމަވެސް އެ ލަފާ ކުރެއްވުންތަކުގެ ނަމްބަރުތައް ފަހަނައަޅާ ބިރުވެރިކަން ވަނީ އިތުރު ވެގެން ގޮސްފަ އެވެ.

ކޮވިޑްގައި ހޭދަކުރި ހަތް މަސް ދުވަހުގެ ތެރޭގައި 7,667 މީހުނަށް ރާއްޖެއިން އެ ބަލި ޖެހިފައި ވެއެވެ. އެ އަދަދުގެ ދެބައިކުޅަ އެއްބައި މީހުން ބައްޔަށް ޕޮޒިޓިވްވީ އޯގަސްޓް މަހުގެ ތެރޭގަ އެވެ.

ޖުލައި 31 ގެ ނިޔަލަށް ރާއްޖެއިން ކޮވިޑް ޖެހިފައި ވަނީ 3،793 މީހުނަށެވެ. ނަމަވެސް މިދިޔަ 30 ދުވަހުގެ ތެރޭގައި އެ އަދަދު 7600 އިން މައްޗަށް އުފުލިފައި ވެއެވެ. އޭގެ މާނައަކީ މިދިޔަ 30 ދުވަހުގެ ތެރޭގައި 3،874 މީހުން ބައްޔަށް ޕޮޒިޓިވެފައި ވެއެވެ. އެއީ ކޮންމެ ދުވަހަކަށް ބަލާނަމަ 129 މީހުނެވެ.

އޯގަސްޓް މަހުގެ ބައެއް ދުވަސް ދުވަހު 200 ވުރެ ގިނަ މީހުންނަށް ބަލި ޖެހުނުވެ. ދެތިން ދުވަހެއް ފިޔަވައި ބަލި ޖެހޭ މީހުންގެ އަދަދު އުޅުނީ 100 އިން މަތީގަ އެވެ. އެންމެ ގިނަ މީހުންނަށް ބަލި ޖެހިފައި ވަނީ އޯގަސްޓް މަހުގެ ދެވަނަ ދުވަހު އެވެ. އެ ދުވަހު އެކަނި ވެސް 215 މީހަކަށް ބަަލި ޖެހުނެވެ. ދެން އެންމެ ގިނަ މީހުނަށް ބަލި ޖެހިފައި ވަނީ އޯގަސްޓް މަހުގެ 21 ވަަނަ ދުވަހު އެވެ. އެ ދުވަހު 194 މީހަކަށް ބަލި ޖެހުނެވެ.

އޯގަސްޓްގައި ނަމްބަރު އުފުލުން

  • ދެވަނަ ދުވަސް - 215 މީހުން
  • 21 ވަނަ ދުވަސް - 194 މީހުން
  • 26 ވަނަ ދުވަސް - 178 މީހުން
  • 18 ވަނަ ދުވަސް - 170 މީހުން
  • ފުރަތަމަ ދުވަސް - 156 މީހުން
  • ހަތަރުވަނަ ދުވަސް - 154 މީހުން
  • ފަސްވަނަ ދުވަސް - 148 މީހުން

މީގެ އިތުރުން މި މަހުގެ ތެރޭގައި ގިނަ ބަޔަކު ހޮސްޕިޓަލްގައި އެޑްމިޓް ކުރަން ޖެހޭނެ ކަމަށް އޮތީ ފޯކާސްޓް ކުރެވިފަ އެވެ. އެގޮތުން 450 އެއްހާ މީހުން އެޑްމިޓް ކުރަން ޖެހޭނެ ކަމަށް ޕްރޮޖެކްޝަންތަކުގެ ލަފައިން ދެއްކި އެވެ. އޯގަސްޓް މަސް ފެށުނީއްސުރެ 150 ވުރެ ގިނަ މީހުން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި ތިއްބެވެ. ބައެއް ދުވަސްތަކުގައި 190 ވުރެ ގިނަ މީހުން ވެސް ތިއްބެވެ. މި ވަގުތު ވެސް 181 މީހުން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި އެބަތިއްބެވެ. ގިނަ ބަޔަކަށް އައިސީޔޫގައި ވެސް ވެއެވެ. މި ވަގުތު އައިސީޔޫގައި 11 މީހަކު ވެއެވެ.

28 މަރު، އޯގަސްޓްގައި 12

އޯގަސްޓް މަހަކީ ކޮވިޑްގައި އެންމެ ގިނަ މީހުން މިހާތަނަށް ރާއްޖެއިން މަރުވި މަހެވެ. ޖުލައި 31 ގެ ނިޔަލަށް ރާއްޖެއިން ކޮވިޑްގައި މަރުވެފައިވަނީ 16 މީހުންނެވެ. އޯގަސްޓް މަސް ނިމޭއިރު މިއަދުގެ ނިޔަލަށް 28 މީހަކު އެ ބަލީގައި ވަނީ މަރުވެފައެވެ. މި މަހު އެކަނި ވެސް 12 މީހަކު ކޮވިޑް ޖެހިގެން މަރުވެފައި ވެއެވެ.

އޯގަސްޓް މަހުގެ ލަފާ ކުރުންތަކަށް ވުރެ އިތުރަށް އެތައް ބަޔަކަށް ބަލިޖެހިފައިވާއިރު އަންނަ ނޮވެމްބަރުގެ ކުރިން ކޮވިޑްގެ ހާލަތު ރަނގަޅުވާނެ ކަމަކަށް ވެސް ނުބެލެ ވެއެވެ. އެހެން ކަމުން ހާލަތު އިތުރަށް ގޯސް ވުމުގެ ކުރިން ބަލި ކޮންޓްރޯލް ކުރުމަށް އިތުރު ފިޔަވަޅުތައް އަަޅަންޖެހެ އެވެ.

މިހާރު އަޅާފައިވާ ފިޔަވަޅުތަކުން މިހާތަނަށް ނަތީޖާއެއް ފެނިފައި ނުވުމަކީ ފިޔަވަޅުތައް އަޅަންޖެހޭ ސަބަބަކަށް ފުދެއެވެ. އެހެން ނޫނީ ރާއްޖޭގައި ކޮވިޑްގެ ނުރައްކާތެރި ހާލަތު ބޮޑުތަނުން ގޯސްވެ، ކުރިން އަންދާޒާ ކުރި ގޮތަށް ފަރުވާ ދިނުމުގެ ނިޒާމު ބޮއްސުއްލައިގެން ދާނެ އެވެ.