ކޮވިޑް-19 ގެ ބަލިމަޑުކަމުގައި ދިވެހިން ތަޖުރިބާކުރަމުން މިދަނީ ވަރަށް ނުރައްކާތެރި ދުވަސްތަކެކެވެ. މެއި މަހުން ހުސްވި 22 ދުވަހަކީ ކޮވިޑްގެ ބަލިމަޑުކަމުގައި ދިވެހިން ހޭދަކުރި 14 މަސް ދުވަހުގެ ތެރޭގައި ހާލަތު އެންމެ ގޯސްވީ ދުވަސްތަކެވެ. ބަލި ޖެހޭ މީހުންގެ އަދަދު ހުރީ އިންތިހާ މަތީގައެވެ. ބަލީގައި މަރުވާ މީހުން ރެކޯޑް އަދަދަކަށް އިތުރެވެ. މެއި މަހުގެ ތެރޭގައި 50 މީހަކު ވަނީ މަރުވެފަ އެވެ. މި މުއްދަތުގައި 24،530 މީހަކަށް ބަލިޖެހިފައިވެ އެވެ. މިއީ ދުވާލަކު 1،000 އަށް ވުރެ މަތީ އަދަދެކެވެ. މިހާރު ޓެސްޓް ކުރެވޭ އަަދަދު އިތުރުނަމަަ މި ނަންބަރު ދެގުނަ ވުމުގެ ފުރުސަތު އެބައޮތެވެ.
ކޮވިޑްގެ ނުރައްކާ ބޮޑުވެފައިވާއިރު ހާލުބޮޑުވެ ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދުވެސް ވަނީ އިތުރުވެފަ އެވެ. މިވަގުތުވެސް 294 މީހަކަށް އެޑްމިޓްކޮށްގެން ދަނީ ފަރުވާ ދެމުންނެވެ. 15 މީހަކު އޮތީ އައިސީޔޫގަ އެވެ. ނުވަ މީހަކަށް ފަރުވާ ދެނީ ވެންޓިލޭޓަރުގަ އެވެ. ބަލި މީހުންނާ އެކު ހުޅުމާލެ މެޑިކަލް ފެސިލިޓީ އާއި ދަރުމަވަންތަ ހޮސްޕިޓަލްގައި ކޮވިޑަށް ހާއްސަ ކޮށްފައިވާ ޔުނިޓްތައް ވަނީ ފުރިފަ އެވެ. އެކަމާއި ގުޅިގެން ހުޅުމާލެ ހޮސްޕިޓަލާއި އައިޖީއެމްއެޗުގެ ބައެއް ޔުނިޓްތައް ކޮވިޑަށް ހާއްސަކޮށް ބަލި މީހުން އެޑްމިޓްކޮށް ދަނީ ފަރުވާ ދެމުންނެވެ.
ބަލީގެ ހާލަތު ގޯސްވެ މަރުވާ މީހުންގެ އަދަދު އިތުރުވަމުންދާއިރު ފަރުވާއަށްފަހު ދޫކޮށްލާ ބައެއް މީހުންނަށް ކިޑުނީ ފެއިލްވުން ފަދަ ކަންކަން ދިމާވެ ހާލަތު ގޯސްވާ ކަމުގެ އަޑުތައް ގަދަ އެވެ. އަދި ފެސިލިޓީގައި ހޭދަކުރަން ޖެހޭ މުއްދަތުގައި ނަފްސާނީ އެތައް ކަމަކާވެސް ބައެއް މީހުންނަށް ކުރިމަތިލާން ޖެހިފައިވެ އެވެ. ނަފްސާނީ އެތައް މައްސަލަތަކަށް ހުށައެޅި ހާލަތު ގޯސްވާ އެތައް ބަޔަކުވެސް އެބަތިއްބެވެ. ނަމަވެސް މި ހުރިހާ ހާލަތެއް ކުރިމަތިވެފައިވަނީ ބަލި ޖެހި ބޮޑުވަރުވާ މީހުންގެ އަދަދު އިތުރުވެފައިވާތީ އެވެ. ގާއިމު ކުރެވިފައިވާ ވަސީލަތްތަކާއި ބަލި ބޮޑުވާ އަދަދު ނުބައްދަލީ އެވެ. ކަމާބެހޭ އިދާރާތަކުން އެ ހަގީގަތް ސާފުކޮށް ބުނެނުދިނަސް ހަގީގަތަކީ އެއީ އެވެ.
ހާލަތު ގޯސްވީ އިހުމާލުންތަ؟
ކޮވިޑްގެ ހާލަތު މިހާރު އޮތީ ސިއްހީ ނިޒާމަށް ނުކަތާ ވަރުގަ އެވެ. މުޅި ރާއްޖޭގައި ބަލި ފެތުރިފައިވަނީ ކަންބޮޑުވާންޖެހޭ މިންވަރަކަށެވެ. 105 ރަށެއްގައި ކޮވިޑްގެ ބަލި މީހުން އެބަތިއްބެވެ. 70 ރަށެއް އޮތީ ބަންދުކޮށްފަ އެވެ. އެތައް ރިސޯޓެއްގައި ބަލި މީހުން އެބަތިއްބެވެ.
މިއީ ރާއްޖެ މި ބަލިމަޑުކަމުގައި މިހާތަނަށް ތަހައްމަލު ނުކުރާފަދަ ގޯސް ހާލަތެކެވެ. މި ހާލަތަށް ރާއްޖެ ދިޔައީ ކީއްވެގެންތޯ އެއީ މިހާރުގެ އެންމެ ހޫނު ބަހުސެވެ. އަދި ރާއްޖޭގެ ހާލަތު ނާޒުކުވީއިރު ވެރިން ކޮބައިތޯ ކުރެވޭ ބަހުސްވެސް އެހާމެ ހޫނެވެ.
ގިނަ ބަޔަކު ދެކޭ ގޮތުގައި ކޮވިޑްގެ ހާލަތު މިހާރު އޮތް ވަރަށް ގޯސްވުމުގައި ބޮޑެތި އިހުމާލުތަކެއް އެބައޮތެވެ. ކައުންސިލް އިންތިހާބަށް ދިން ލުއިތަކާއި ކެމްޕެއިނަށް ދިން ފުރުސަތުތަކަކީ ހާލަތު ގޯސްވާން ދިމާވި އެއް ސަބަބެވެ. އަދި އިންޑިއާގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ އިންސާނީ ބޮޑު ކާރިސާއެއްގެ ތެރެއަށް އެ ގައުމު ދިއުމާ ހަމައަށް ރާއްޖެ އޮތީ އިންޑިއާއަށް ހުޅުވާލާފަ އެވެ. ވެރިއެއްގެ ކުރިމަތީގައި އާންމު ރައްޔިތަކު ކިޔަންމަންތެރިކަމާއެކު ހުންނަ އުސޫލުން އިންޑިއާގެ ރައްޔިތުންނަށް ރާއްޖެ ހުޅުވާލައިގެން ސަރުކާރުން އޮތީ އެފަދަ ގޮތަކަށެވެ.
އިންޑިއާގެ އެތައް ބަޔަކު ރާއްޖެ އައީ ހުޅަނގާއި މެދުއިރުމަތީގެ ގައުމުތަކަށް ވަޒީފާއަށް ދިއުމުގެ ކުރިން ކަރަންޓީން ވެލާށެވެ. އެގޮތަށް ކަރަންޓީނަށް އައި މީހުން މުޅި ރަށުތެރޭގައި އެނބުރުނީ އެވެ. ރާއްޖޭގައި އާ ވޭރިއަންޓްތަކެއް އުޅޭ ކަމަށް ގަބޫލުކުރެވެން ފެށީ އެހިސާބުންނެވެ. ހަލުވިކަމާއެކު ކޮވިޑް ފެތުރި ރެކޯޑް އަދަދަކަށް ކޭސްތައް ފެންނަން ފެށުމުން ރާއްޖޭގައި ނުރައްކާތެރި ވޭރިއަންޓެއް އުޅޭކަން ޑޮކްޓަރުންވެސް ޔަގީން ކުރި އެވެ. އެތައް ބައެއްގެ ނަޒަރުގައި މިއީ އިންޑިއާއިން ރާއްޖެއަށް އެތެރެވި އާ ވޭރިއަންޓެވެ. އެކަން އެހެން ދިމާވީ ހާލަތު ގޯސްވެފައި އޮތް އިންޑިއާގެ މީހުން ރާއްޖެ އައުން ދުރާލައި ނުހުއްޓިވުމުންނެވެ. ކޮންމެވެސް ސަބަބެއް އޮވެގެން އެކަން ކުރުމަށް ފަސްޖެހުނީ އެވެ.
މީގެ އިތުރުން މިފަހަރު ހާލަތު ގޯސްވަމުންދިޔައިރު ފިޔަވަޅުތައް އެޅުން ފަސް ކުރުމަކީވެސް މިހާ އަވަހަށް ހާލަތު ގޯސްވި ސަބަބެއް ކަމަށްވެސް ބައެއް މީހުން ދެކެ އެވެ. ޕޮޒިޓިވް ނަންބަރު 400 އިން މަތީގައި ހުންނަތާ އެތައް ދުވަހެއް ވެގެންދިޔައިރު ފިޔަވަޅުތައް ވަރުގަދަ ނުކުރެވި އެތައް ދުވަހެއް ދިޔަ އެވެ. އެންމެ ފަހުން ފިޔަވަޅުތައް ވަރުގަދަކުރީ 500 އާއި 600 ދެމެދުގެ އަދަދަކަށް ޕޮޒިޓިވް ކޭސްތައް އިތުރުވާން ފެށުމުންނެވެ.
ދެވަނަ ޑޯޒް ނުޖެހި ލައްކައެއްހާ މީހުން
ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިން ޕްރޮގްރާމް އެންމެ ކާމިޔާބުކޮށް ކުރިއަށް ގެންދެވުނު ގައުމުތަކުގެ ތެރޭގަައި ދިވެހިރާއްޖެ ހިމެނޭނެ އެވެ. ނަމަވެސް ކާމިޔާބު ކަމާއެކު ކުރިއަށް ގެންދިޔަ ވެކްސިން ޕްރަގްރާމަށް މިހާރު އޮތީ ވަރަށް ބޮޑަށް ހިޔަނި އެޅިފަ އެވެ.
ރާއްޖޭގައި ތިން ވައްތަރެއްގެ ވެކްސިން ޖަހަމުންދާއިރު އެންމެ ގިނަ ބަޔަކު ޖަހާފައިވަނީ އިންޑިއާގެ ކޮވިޝީލްޑް ވެކްްސިނެވެ. އެ ވެކްސިން 200،000 ވުރެ ގިނަ މީހުން ޖަހާފައިވެ އެވެ. ނަމަވެސް ވެކްސިންގެ އާ ސްޓޮކެއް ނުލިބި އެ ވެކްސިން ދިނުން ވަނީ މެދުކަނޑާލާފަ އެވެ. ސްޓޮކްގައި ބާކީ ހުރި ހާހެއްހާ ޑޯޒް ދެމުން ދަނީ ސިއްހީ އެހީތެރިންނާއި އުމުރުން ދުވަސްވީ މީހުންނަށެވެ.
ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމަށް ފަހު 8 ހަފްތާ ފަހުން ކޮވިޝީލްޑް ދެވަނަ ޑޯޒް ޖަހަން ޖެހޭނެ ކަމަށް ސިއްހީ މާހިރުން ވިދާޅުވި އެވެ. އެ މުއްދަތު އެންމެ ދިގު ކުރެވޭނީ 12 ހަފްތާއަކަށް ކަމަށާ އޭގެ ކުރީން ދެވަަނަ ޑޯޒް ނުޖަހައިފިނަމަ ވެކްސިންގެ ހަގީގީ ފައިދާ ނުކުރާނެ ކަމަށެވެ. ނަމަވެސް ވެކްސިން ހުސްވެ މިއަދާ ހަމައަށް ލައްކައެއްހާ މީހުން ތިބީ ދެވަނަ ޑޯޒް ޖެހޭނެ ދުވަހެއްގެ ނޭންގި ކަންބޮޑުވުމެއްގެ ތެރޭގައެވެ.
މިއީވެސް އިހުމާލުގެ ލިސްޓަށް ނުވަތަ މެނޭޖް ކުރުމުގައި ދިމާވި މައްސަލަތަކުގެ ލިސްޓަށް އެއް ކުރެވިދާނެ ކަމެކެވެ. ބައެއް މީހުން ދެކޭ ގޮތުގައި އިންޑިއާއިން ވެކްސިން ލިބޭނެ ކަމުގެ ޔަގީންކަން ސަރުކާރަށް މާބޮޑުވީ އެވެ. ނޫނީ އިންޑިއާއަށް މާބޮޑަށް ބަރޯސާވެވުނީ އެވެ.
ނަމަވެސް ނޭނގި ހުއްޓާ ކުއްލިއަކަށް އިންޑިއާގެ ހާލަތު ބަދަލުވީ އެވެ. ކޮވިޑް-19 ގެ ބަލިމަޑުކަން ގުދުރަތީ ބޮޑު ކާރިސާއަކަށްވީ އެވެ. އެކަމާއި ގުޅިގެން އިންޑިއާ އޮތީ މިއިން ދުވަހަކު އެ ގައުމު ތަހައްމަލު ނުކުރާ ފަދަ ބޮޑު ބިރުވެރިކަމެއްގެ ތެރޭގަ އެވެ. އެހެން ގައުމަކަށް އެހީއެއް ވެދެވޭނެ ފަދަ ހާލަތެއްގައެއް ނޫނެވެ.
ވެކްސިންގެ މައްސަލާގައި ފާޑުކިޔާ މީހުން ދެކޭ ގޮތުގައި ވެކްސިންގެ ފުރަތަމަ ޑޯޒް ދޭން ޖެހޭނީ އެމީހަކަށް ދެވަނަ ޑޯޒެއް ރިޒާވް ކުރުމަށް ފަހު އެވެ. ވެކްސިން ލިބޭނެ ކަމުގެ ކިތަަންމެ ބޮޑު ޔަގީންކަމެއް ގައުމަކުން ދިން ނަމަވެސް އަތުގައި ހުރި ވެކްސިނުން ފުރަތަމަ ޑޯޒް ޖެހި މީހުންނަށް ވެކްސިންގެ ދެވަނަ ޑޯޒެއް ނުފޮރުވާ އިތުުރު ބަޔަކަށް ފުރަތަމަ ޑޯޒް ދީގެން ނުވާނެ އެވެ. ވެކްްސިންގެ ފުރަތަމަ ޑޯޒް ޖަހާ 12 ހަފްތާވެފައިވާ އެތައް ހާސް ބަޔަކު ތިބިއިރު ކުރިއަށް އޮތް ހަތަރު ހަފްތާތެރޭވެސް ވެކްސިން ލިބޭނެ ކަމުގެ ޔަގީން ކަމެއް އަދި ނެތެވެ.
ސަރުކާރުން ދެ ގޮތަކަށް ވެކްސިން ލިބޭތޯ މަސައްކަތް ކުރަމުން ދެއެވެ. އެއީ ސިންގަޕޫރުގެ ކުންފުންޏަށް ފައިސާދީ ގަންނަން ހަވާލުކޮށްފައިވާ ވެކްސިން އަވަހަށް ލިބޭނެ ގޮތެއް ހޯދުން ނުވަތަ ގައުމެއްގެ އެހީތެރިކަމުގައި ވެކްސިން ހޯދުމެވެ. ވެކްސިން ފޮނުވާނެ ކަމަށް ބުނެ ސިންގަޕޫރު ކުންފުނިން މިހާތަނަށް ދިން ހުރިހާ ތާރީހެއް ފަހަނައަޅާ ދިޔައީ ހަބަރެއް، ހިލަމެއް ނުވެ އެވެ. މިހާރު ބުނަނީ ޖޫން މަހުގެ ތެރޭގައި ލިބޭނެ ކަމަށެވެ. ނަމަވެސް އެކަމަށް އެއްވެސް ޔަގީން ކަމެއް ނެތެވެ. 100 ޕަސެންޓް ޔަގީން ކަމެއް އެ ކުންފުނިން ނުވެސް ދެއެވެ.
އެހެންވީމަ ދެންވެސް އޮތީ އަނެއްކާވެސް 16 ހަފްތާގެ މުއްދަތު 18 ހަފްތާއަށް ނޫނީ 21 ހަފްތާއަށް އިތުރު ކުރުމެވެ. ބައެއް ޑޮކްޓަރުން މިހާރުވެސް ވަނީ އެފަދަ އިޝާރާތްތަކެއް ދީފަ އެވެ. ވެކްސިން ޕްރަގްރާމްގައި އިސްކޮށް ހުންނެވި ޑޮކްޓަރަކު ވިދާޅުވި ގޮތުގައި ދެވަނަ ޑޯޒް 16 ހަފްތާއަށް ވުރެވެސް ފަސް ކުރެވިދާނެ ކަމަށް މިހާރު ސިއްހީ މާހިރުން ދެކެލައްވަ އެވެ. އެހެންވީމަ ވެކްސިންގެ ދެވަނަ ޑޯޒް ޖެހޭނެ ދުވަހެއްގެ އިންތިޒާރުގައި ތިބި މީހުންނަށް ދެން އެންމެ އަވަހަށް ދޭނެ ހަބަރަކީ ވެކްސިންގެ ދެވަނަ ޑޯޒް 16 ހަފްތާ ފަހުން ޖެހިޔަސް ރަނގަޅު ކަމަށް ކުރެވޭ އިއުލާނަށްވާނެ ކަން ވަރަށް ބޮޑަށް ޔަގީނެވެ.
ނަމަވެސް މިއިން ވާހަކައެއް ކިޔައިދޭން ރައްޔިތުންގެ ކުރިމައްޗަށް ޓެގް ޓީމުގެ އިސްވެރިން ވަޑައެއް ނުގަންނަވަ އެވެ. އެވީ ގޮތެއް ވެގެން ޓެގްގެ އިސްވެރިން އެ ތިއްބެވީ ރައްޔިތުންގެ ކުރިމަތިން ފިލަ އެވެ. ބައެއް ބައްދަލުވުންތަކުން ޓެގް ޓީމުގެ ޑރ. އަހްމަދު ޝަހީދު އާއި ޑރ. ނަޒްލާ މުސްތަފާ ފެނުނުނަމަވެސް އެއީ ވަރަށްވެސް މަދުންނެވެ.
ކޮވިޑް ކޮންޓްރޯލް ކުރުމުގައި ކަމާބެހޭ އިދާރާތަކުން ކިތަންމެ ގޯހެއް ހަދައިފި އެވެ. އެއީ ފެންނަން އޮތް ހަގީގަތެވެ.
ނަމަވެސް ރާއްޖެ އޮތީ އެ ހަގީގަތް އަބަދު ބުނެދީ ތުހުމަތު އިނގިލި ދިއްކޮށް ތަހުގީގު ހިންގޭނެ ފަދަ ހާލަތެއްގައެއް ނޫނެވެ. ކޮވިޑްގެ ބަލިމަޑުކަން ވަަރަށް އާދައިގެ ގޮތަކަށް ވިސްނި ބައެއް މީހުން ތިއްބަސް މިހާރުގެ ހަގީގަތް ގަބޫލު ކުރަން ޖެހެއެވެ. 22 ދުވަހުން 24،000 މީހުން ބަލިވެއްޖެ އެވެ. އުމުރުން 35 އަަހަރާއި 90 އަަހަރާ ދެމެދުގެ 50 މީހަކު މަރުވެއްޖެ އެވެ. ކޮވިޑް ބަލީގައެވެ.
އެހެންވީމަ މިއީ މި ބަލިމަޑުކަމުން ސަލާމަތްވާން އެންމެ އެކުގައި ވަރަށްގަދަ ހިތްވަރަކާއެކު މަސައްކަތް ކުރަންޖެހޭ ވަގުތެކެވެ. ފަރުދީ ޒިންމާ އަދާކޮށް ބަލި ފެތުރިދާނެ ހުރިހާ ދޮރުތަކެއް ބަންދުކުރަން ޖެހެއެވެ. އެހެން ނޫނީ މަސް ނިމިގެންދާނީ މިހާރު ހުރި ނަންބަރުތައް ދެގުނަކޮށް މުޅި މުޖުތަމައު އެކީ އެކަށް ރޮއްވާފަ އެވެ.