ކޮވިޑްގައި ދިވެހިން ހޭދަކުރި އެންމެ ނުރައްކާތެރި ދުވަސްތައް މާޒީގެ ތެރެއަށް ދޫކޮށް އާ އާންމު ހާލަތަށް ދިއުމަށް ގަދަ ހިތްވަރާއެކު ކުރި މަސައްކަތުގެ ނަތީޖާ ފޮންޏެވެ. 1،500 އިން މަތިން ކޮންމެ ދުވަހަކު ޕޮޒިޓިވްވަމުން އައި ނަމަވެެސް އެ ނަންބަރު މިއަދު ވަނީ 200 އިން ދަށް ކުރެވިފައެވެ. ކޮވިޑްގެ މަރު ކަންބޮޑުވެ ބިރުގަންނަ ދަރަޖައަށް އުފުލުނު ދުވަސްތައް މާތްﷲގެ އިރާދަފުޅާއި ރަހުމަތްފުޅުން ނިމިގެން ހިނގައްޖެ އެވެ. ކޮވިޑްގެ ހަތަރު ވަނަ ރާޅުގައި 100 އިން މައްޗަށް ކޮވިޑްގެ މަރުގެ ނަންބަރު ދިޔައެވެ. 40،000 ވުރެ ގިނަ މީހުންނަށް ބަލި ޖެހުނެވެ. ނަމަވެސް ބަލިން ސަލާމަތްވުމަށް އެޅި ވަރުގަދަ ފިޔަވަޅުތަކާއެކު އެ ހާލަތު މިއަދު ބަދަލު ކުރެވިއްޖެ އެވެ.
ބަލީގެ ހާލަތު ގޯސްވުމުން 16 ގަޑިއިރު ކާފިއު ހިންގިއެވެ. ބާކީ 8 ގަޑިއިރުވެސް ބޭރަށް ނިކުމެ އުޅުމަށް ހާއްސަ ހުއްދައެއް ދޫކުރިއެވެ. ގޭބީސީއަކުން ދެ މީހަކަށް ދޫކުރި އެ ފާސް ބޭނުން ކުރެވެނީ ކޮންމެ މީހަކަށް ހަތަރު ގަޑިއިރު ހަމައެެކަނި ޒަރޫރީ ބޭނުންތަކަށެވެ. މީގެ އިތުރުން ހުރިހާ ހިދުމަތްތަކެއްހެން ހުއްޓާލާ ވިޔަފާރިތައް ދޮޅު މަހެއްހާ ދުވަހަށް މުޅީންހެން ހުއްޓާލިއެވެ.
ފިޔަވަޅުތަކާއެކު ކޮވިޑްގެ ހާލަތު ރަނގަޅުވާން ފެށުމުން މީގެ ތިން ހަފްތާ ކުރީން ފެށިގެން ލުއިތައް ދޭން ފެށިއެވެ. ފުރަތަމަ ކާފިއު ވަގުތު ކުރުކުރީއެވެ. އޭގެ ފަހަށް މިސްކިތްތައް ހުޅުވާލާ ހިދުމަތްދޭ ވަގުތު އިތުރުކުރިއެވެ. އިއްޔެއަކީވެސް އިތުރު ލުއިތަކެއް ސަރުކާރުން އިއުލާނު ކުރި ދުވަހެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މުލިއާގޭގައި ކަރަންޓީންގައި އިންނަވައިގެން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލްވުމެއްގައި އާ ލުއިތައް އިއުލާނު ކޮށްދެއްވީވެސް އެމަނިކުފާނެވެ.
އަލަށް ދިން ލުއިތަކަކީ މިރޭ 12:00 އިން ފެށިގެން އަމަލު ކުރާނެ ލުއިތަކެވެ. މާދަމާއިން ފެށިގެން ކާފިއު ހިންގާނީ ރޭގަނޑު 8:00 އިން ފަތިހު 4:00 އަށް 8 ގަޑިއިރަށެވެ. ފުލުސް ޕާމިޓް ހޯދައިގެން ނޫނީ ބޭރަށް ނިކުމެ އުޅުން މަނާކުރި އެންގުންވެސް މިރޭ ފެށިގެން ނިމުމަކަށް ގެންނާނެ އެވެ. ފަތިހު 4:00 އިން ރޭގަނޑު 8:00 އަށް ބޭރަށް ނިކުމެ އުޅެން އިތުރު ހުއްދައެއް ދެން ބޭނުމެއް ނުވާނެ އެވެ. އަދި ކެފޭ/ހޮޓާ/ރެންޓޯރަންޓްތަކާއި ފިހާރަތައް ކާފިއު ނޫން ވަގުތު ހުޅުވައިގެން ހިދުމަތް ދެވޭނެ އެވެ. ޑައިންއިން އާއި ޑެލިވަރީގެ ހިދުމަތަށް އިތުރު ހުއްދައެއް ދެން ބޭނުމެއް ނެތެވެ. މިސްކިތުގެ ޖަމާއަތް ގައިދުރުކަމާއެކު ފަށާނެ އެވެ.
މިއީ ކުރީން ތިބި ހާލަތަށް ބަލާއިރު ވަރަށް ބޮޑު ލުޔެކެވެ. ކުރީން އޮތް އުނދަގޫ ދިރިއުޅުމަށް ލިބުނު ވަރަށް ބޮޑު ލުޔެކެވެ.
ނަމަވެސް އިއްޔެ ނޫސްވެރިންގެ ބައްދަލްވުމާއި ހަމައަށް އެންމެ ގިނަ ބަޔަކު ކުރި އިންތިޒާރަކީ ކޮވިޑް-19 އިން ދިފާއުވުމަށް ޖަހަން ޖެހޭ ވެކްސިންގެ ދެ ޑޯޒް ޖަހާ ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންނަށް ލިބޭނެ ލުއިތަކަށެވެ. މީގެ ހަފްތާއެއްހާ ދުވަސް ކުރީންވެސް އެޗްއީއޯސީން ވަނީ ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންނަށް ލުއިތަކެއް ދޭނެ ކަމުގެ އިޝާރާތެއް ކޮށްފައެވެ. ވެކްސިން ޖެހުމަށް ބާރު އެޅުމުގެ ގޮތުންވެސް އެއީ ކުރަން ޖެހޭ ކަމެއް ކަމަށް ސަރުކާރުން ދެކޭ ކަމަށްވެސް ހާމަކުރިއެވެ.
ނަމަވެސް އިއްޔެގެ ނޫސްވެރިންގެ ބައްދަލްވުމުގައި ރައީސް އިއުލާނު ކުރެއްވި ލުއިތަކުގެ ތެރޭގައި ވެކްސިން ފުރިހަމަ ކުރި މީހުންނަށް އޮތް ލުޔެއް ނެތެވެ. އޭގެ ފަހަށް ލުއިތައް ތަފްސީލުކޮށްދީ އެޗްޕީއޭއިން އާންމުކުރި ޑިރެެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތްގެ އެންގުމުގައިވެސް އެ މީހުންނަށް ދިން ލުޔެއް ނެތެވެ. އެ ސުވާލު އަންނާނެކަން އެނގިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އަދި ހެލްތް މިނިސްޓަރު އަހުމަދު ނަސީމްވެސް ތިއްބެވީ އެ ސުވާލަށް ޖަވާބު ދެއްވުމަށް ތައްޔާރުވެވަަޑައިގެންނެވެ.
ރައީސް ވިދާޅުވި ގޮތުގައި ވެކްސިން ފުރިހަމަ ކޮށްފައިވާ 189،529 މީހުންނަށް ދެވިދާނެ ލުއިތަކާއި ގުޅޭގޮތުން ޓެގް ޓީމުގައި އަންގާރަ ދުވަހުގެ ރޭވެސް ވަރަށް ފުޅާކޮށް މަޝްވަރާ ކުރެވުނެވެ. ނަމަވެސް މަޝްވަރާތައް ކޮޅަކު ނުޖެހުނެވެ. އެކަމުގައި އެއްވެސް ނިންމުމެއް ނުނިންމުމެވެ.
މިނިސްޓަރު ނަސީމް ވިދާޅުވީ އަދި މާ ހެއްވާ ވާހަކައެކެވެ. އެއީ ވެކްސިން ފުރިހަމަ ކުރި އާބާދީ މާބޮޑަށްވެސް ދަށީއެވެ. މިހާތަނަށް ވެކްސިން ފުރިހަމަކޮށްފައިވަނީ އާބާދީގެ 38 ޕަސެންޓް ކަމަށާ އެ ޕަސެންޓޭޖް 75 އަށް ދިއުމުން ވަރަށް ބޮޑެތި ލުއި ދެވޭނެ ކަމަށެވެ.
"އަސްލުގަ ދެ ޑޯޒް ޖެހުނީމަ ގިނަ ގައުމުތަކުގައި ވަރަށް ބޮޑު ލުއިތަކެއް އެބަ ދޭ. އަސްލުގަ އަޅުގަނޑުމެންނަށް ދިމާވެގެން މިއުޅޭ ކަމަކީ އަޅުގަނޑުމެން ބޭނުންވާ ވަރަށް ދެ ޑޯޒް ވެކްސިން ޖެހިފައެއް ނެތް. އެހެންވެގެން ރެސްޓްރިކްޝަންތަކެއް މި އަންނަނީ،" ނަސީމް ވިދާޅުވި އެވެ.
އަސްލުގަ ދެ ޑޯޒް ޖެހުނީމަ ގިނަ ގައުމުތަކުގައި ވަރަށް ބޮޑު ލުއިތަކެއް އެބަ ދޭ. އަސްލުގަ އަޅުގަނޑުމެންނަށް ދިމާވެގެން މިއުޅޭ ކަމަކީ އަޅުގަނޑުމެން ބޭނުންވާ ވަރަށް ދެ ޑޯޒް ވެކްސިން ޖެހިފައެއް ނެތް. އެހެންވެގެން ރެސްޓްރިކްޝަންތަކެއް މި އަންނަނީއަހުމަދު ނަސީމް | ހެލްތް މިނިސްޓަރު
އެޗްއީއޯސީގެެ ތަރުޖަމާން ޑރ. ފާތިމަތު ނަޒްލާ ރަފީގު ކުރީން ވިދާޅުވި ގޮތުގައި ވެކްސިން ފުރިހަމަ ކުރި މީހުންނަށް އެންމެ މުހިންމީ ދަތުރުކުރުމުގައި ލުއި ދިނުމެވެ. ކުރީންވެސް އެޗްޕީއޭއިން ވަނީ އެފަދަ އުސޫލެއް ތައްޔާރުކޮށް އާންމުވެސް ކޮށްފައެވެ. އެ އުސޫލަށް އަމަލު ކުރަން ތައްޔާރުވެފައިވަނިކޮށް ކޮވިޑްގެ ނުރައްކާތެރި ހަތަރުވަނަ ރާޅު ބޯމައްޗަށް ބިންދާލާ އުސޫލު އޮޔާ ދިޔައީއެވެ. އެހެންވީމަ އަލުން އެ ލުއި ވެކްސިން ފުރިހަމަ ކުރި މީހުންނަށް ދިނުން މުހިންމު ކަމަށް ނަޒްލާ ފާހަގަ ކުރެއްވިއެވެ. އަދި އެ ކަމުގެ މަޝްވަރާތައް ހިންގާ ކަމަށް މީގެ ހަފްތާއެއްގެ ކުރީން ވިދާޅުވިއެވެ.
ނަމަވެސް އިއްޔެވެސް އެކަމަށް ލުއި ނުލިބި ލިބުނީ މުޅީން ހައިރާންވާނެ ފަދަ ލުޔެކެވެ. ޔަގީނުންވެސް ޕަބްލިކް އެ ލުޔަށް ވަރަށް ސަޕްރައިޒް ވިއެވެ. މުޅި ސޯޝަލް މީޑިއާގައި އިއްޔެ ހަވީރުން ފެށިގެން އަދިވެސް އަޑު ނުކެނޑި އެ އޮތީ އެ ވާހަކައެވެ. ހެއްވާ މަޖާ ތަފާތު ވާހަކަތަކާއި ޖޯކް ޖެހުންތައް އޮތީ އެ ނިންމުމަށެވެ.
ސަރުކާރުން އިއްޔެ އިއުލާނު ކުރި ގޮތުގައި ކޮވިޑް-19 އަށް ޕޮޒިޓިވްވާ ތާރީހުން ފެށިގެން (ސާމްޕަލް ނަގާ ދުވަހުން) ފެށިގެން 60 ދުވަސް ހަމަވެފައިނުވާ މީހުން ދަތުރުކުރާއިރު ކަރަންޓީންވާން ނުޖެހޭނެ އެވެ. އެފަދަ މީހުން ހާލު ބެލުން ޕޯޓަލް މެދުވެރިކޮށް ހުއްދައަށް އެދުމުން އެ ހުއްދަ ލިބޭނެ އެވެ.
އާންމުންގެ ނަޒަރުގައި އިންތިޒާރު ކޮށްގެން ތިއްބާ މި އައީ ވަރަށް ހެއްވާ ލުޔެކެވެ. ވެކްސިން ފުރިހަމަކޮށް ކޮވިޑުން ރައްކާތެރިވުމަށް ދަހަނާ އަޅައިގެން ތިބި މީހުންނަށް ލުޔެއް ނުލިބި ލުއި މި ލިބުނީ ކޮވިޑް ޖެހުނު މީހުންނަށެވެ. އެ ނިންމަށް ފާޑުކިޔާ މީހުންގެ ނަޒަރުގައި އެ މީހުން ކޮވިޑް ނުޖެހުން މިއަދު ކުށަކަށް ވެއްޖެ އެވެ. އަދި ކޮވިޑުން ރައްކާތެރިވުމަށް ގަދަ ފިޔަވަޅުތަކަށް ތަބާވެ ތިބުމުގެ ހަދިޔާ އަކީ އަނެއްކާވެސް ރަށުގައި ބަންދުވުމެވެ. ދަތުރުކުރާނަމަ 14 ދުވަހުގެ ކަރަންޓީނެއް ގުނަން ޖެހުމެވެ.
ސޯޝަލް މީޑިއާގައި މި ނިންމުމަށް ވަރަށް ބޮޑަށް ފާޑުކިޔުން އެބަ އޮތެވެ. ބައެއް މީހުން ވެކްސިންގެ ބޭނުމެއް އޮތްތޯ ސުވާލުކޮށްފައިވެއެވެ. ސަރުކާރުން ގޮވާލި ގޮވާލުމަށް އިޖާބަދީ ދިގު ކިއުތަކުގައި ޖެހި ވެކްސިން ޖެހުމުގެ ފައިދާއެއް ނުފެނުނެވެ. ވެކްސިން ޖެހި މީހުންގެ އަދަދުގެ ރެކޯޑް ރާއްޖެއަށް އޮތް ކަމަށް ބުނެ ސަރުކާރުން އެކަން މުޅި ދުނިޔޭގައި ސެލެބްރޭޓް ކުރަމުން އަންނައިރު ވެކްސިން ޖަހައިގެން ރާއްޖޭގައި ލިބޭ ލުޔެއް ނެތެވެ. ލުއި ދޭން ޖެހުމުން ވެކްސިންގެ ރެކޯޑެއް އޮތް ކަމަށްވެސް ނުވިއެވެ.
"ސުވާލަކީ ދެން އެހާ ވަރަކަށް ވެކްސިން ޖަހާށޭ ބުނީ ކީއްވެހޭ. ކޮބާހޭ އެހެން ވިދާޅުވި ބޭފުޅުން،" އާންމުންގެ މީހަކު ޓްވީޓާގައި ލިޔެފައި އޮތެވެ.
ވެކްސިނާއެކު މުޅި ދުނިޔެ ހުޅުވާލަމުންދާއިރު ރާއްޖޭގެ އެތެރެ ދަނީ ބަންދުވަމުންނެވެ. އަދި ވެކްސިން ޖެހި މީހުންނަށް ލުޔެއް ނެތި ކޮވިޑް ޖެހުނު މީހުންނަށް ލުޔެވެ.
ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި ކޮވިޑް ޖެހި ރަނގަޅުވާތާ ވަކި މުއްދަތެއްގެ ތެރޭގައި އަލުން އޭނާއަށް ކޮވިޑެއް ނުޖެހެއެވެ. ހަށިގަނޑުގައި ކޮވިޑުން ދިފާއުވުމަށް އިމިއުނިޓީ އުފައްދައެވެ. އެއީ ކޮވިޑް ޖެހޭ ދުވަހުން ފެށިގެން 60 ދުވަހުގެ މުއްދަތެވެ. ނަމަވެސް އެ މުއްދަތަށް ކޮންމެވެސް ވަރެއްގެ ބަދަލެއް އައުން އެކަށީގެންވާ ކަމަށްވެސް ސިއްހީ ބައެއް މާހިރުން ވިދާޅުވެއެވެ. ރާއްޖޭގައި އެ މީހުންނަށް ލުއި ދިން ސަބަބަކީވެސް އެއީއެވެ. އެ މީހުންނަކީ ކޮވިޑް ނުޖެހުމުގެ އިތުރުން އެހެން މީހުންނަށް ކޮވިޑް ވައިރަސް ފަތުރާ ބަޔަކަށްވެސް ނުވެއެވެ.
ވެކްސިން އެއާ ހިލާފެވެ. ވެކްސިނުން 100 ޕަސެންޓް ރައްކާތެރިކަމެއް ނުލިބެއެވެ. އެންމެ ފަހުގެ ދިރާސާތައް ދައްކާގޮތުންވެސް ވެކްސިނުން ލިއްބައިދެނީ 70 ޕަސެންޓްގެ ރައްކާތެރި ކަމެވެ. އެވެސް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށް 14 ދުވަސް ފަހުންނެވެ. އެހެންވީމަ ވެކްސިން ފުރިހަމަ ކުރި ނަމަވެސް އަލުން ކޮވިޑް ޖެހިދާނެ އެވެ. އަދި އެ ބަލީގައި މަރުވެސް ވެދާނެ އެވެ. ރާއްޖޭގައިވެސް އެހެން އެކަން ދިމާވެފައިވެއެވެ.
ތަފާސް ހިސާބުތައް ދައްކާގޮތުން މެއި މަސް ފެށުނުއިރު ވެކްސިން ފުރިހަމަކޮށްފައިވާ 31 މީހަކަށް އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދިޔައެވެ. އަދި އޭޕްރީލްގެ ނިޔަަލަށް ވެކްސިން ފުރިހަމަ ކުރި މީހުންގެ ތެރެއިން 2.3 ޕަސެންޓް މީހުންނަށް ވެކްސިން ފުރިހަމަކޮށް 14 ދުވަސް ވީ ފަހުން ކޮވިޑް ޖެހިފައިވެއެވެ. އޭގެ ތެރެއިން މެއި މަހު އެކަނިވެސް ފަސް މީހަކު މަރުވިއެވެ.
ނަމަވެސް ވެކްސިން ފުރިހަމަކޮށްފައިވާ މީހަކާއި ވެކްސިން ފުރިހަމަ ނުކުރާ މީހަކަށް ބަލި ޖެހުމުގެ އިންސައްތަ މާބޮޑަށްވެސް އިތުރު ކަމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ. އަދި ހާލުބޮޑުވުމުގެ ފުރުސަތު ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށް ހުރިހާ ގޮތަކުންވެސް ކުޑައެވެ. އެހެންވީމަ ލުއި ނުލިބުނަސް ވެކްސިނުން ރައްކާތެރިކަން ލިއްބައިދެއެވެ.
ކޮންމެއަކަސް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށް ލުއިތަކަށް އިންތިޒާރުކުރި އެތައް ބަޔަކަށް އިއްޔެއަކީ ވަރަށް ބޮޑު މާޔޫސް ކަމެއް ގެނެވި ދުވަހަކަށް ވިއެވެ. ހާއްސަކޮށް ފެށިފައި މި އޮތް ބޮޑު ޗުއްޓީގައި ދަތުރުކޮށް ކަރަންޓީނެއް ނެތި ޗުއްޓީގެ ދުވަސްތައް އުފާވެރި ކަމާއެކު ފަށަން ރާވާފައި އޮތް ޕްލޭން މުޅީން ފަނިވީއެވެ. މާބޮޑަށް ރުޅިގަދަވެ ޖަޒުބާތުގައި ޖެހުނީ އެ ސަބަބާއި ގުޅިގެން ކަމަށް ވެދާނެ އެވެ.