ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

656 ދުވަހަށް ފަހު ދިވެހީން ކޮވިޑުން ވީއްލިއްޖެ

ކޮވިޑް-19 ގެ ފަސް ރާޅެއްގެ ނުރައްކާ ރާއްޖެއަށް ކުރިމަތިވެ ދިވެހީން ހިތްދަތި ތަޖުރިބާތަކެއް ކުރަން ޖެހުނެވެ. ކޮވިޑް19 ބައްޔަކީ "ޕެންޑެމިކް" އެއް ކަމަށް ޑަބްލިއުއެޗްއޯއިން ކަނޑައެޅުމާ ގުޅިގެން ރާއްޖޭގައި އާންމު ސިއްހީ ކުއްލި ނުރައްކަތުގެ ހާލަތު ސަރުކާރުން މާޗް 12، 2020 ގައި އިއުލާނު ކުރިއެވެ. އަދި ހާލަތު ގޯސްވަމުންދާތީ ކޮންމެ ތިރީސް ދުވަހަކުން އެއް ފަހަރު އެ މުއްދަތު އިތުރުކުރަމުން ދިޔައެވެ. މިދިޔަ މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް 24 ފަހަރެއްގެ މަތިން އެ މުއްދަތު އިތުރުކުރިއެވެ.

ކޮވިޑްގައި ދިވެހީން ހޭދަކުރި 656 ދުވަހުގެ ތެރެއިން މިދިޔަ އަހަރުގެ އޭޕްރީލް ފަހުކޮޅުން ފެށިގެން ޖޫންގެ ކުރީ ހަފްތާއާ ހަމައަށް ބަލީގެ ހާލަތު ވަރަށް ގޯސްވެ ތަޖުރިބާ ކުރަން ޖެހުނު ހާލަތުގެ ބިރުވެރިކަން އިންތިހާ ބޮޑުވިއެވެ. އެހާތަނަށް ބަލި ޖެހުނު މީހުންގެ 60 އިންސައްތަ އަކީ އެ މުއްދަތުގަައި ބަލި ޖެހުނު މީހުންނެވެ. އަދި މިހާތަނަށް ކޮވިޑްގައި މަރުވި 265 މީހުންގެ ތެރެއިން 100 އަށްވުރެ ގިނަ މީހުން މަރުވީވެސް އެ މުއްދަތުގައެވެ.

މެއި މަހު އެކަނިވެސް 88 މީހަކު މަރުވިއެވެ. 35،000 ވުރެ ގިނަ މީހުންނަށް ބަލި ޖެހުނެވެ. މެއި މަހުގެ އެންމެ ދުވަހެއް ފިޔަވައި އެހެން ހުރިހާ ދުވަހަކު ކޮވިޑްގައި މީހުން މަރުވިއެވެ. ސައުވީސް ގަޑިއިރުތެރޭ 13 މީހަކު މަރުވި ދުވަހެއްވެސް ދިޔައެވެ.

އެ ފަހުން ޖަނަވަރީ ފަހުން ފެށިގެން ފެބްރުއަރީ ފަހުގެ ކޮޅުގެ ނިޔަލަށްވެސް ހާލަތު ވަރަށް ގޯސްވިއެވެ. ހަފްތާއެއްތެރޭ 14،000 މީހުންނަށް ބަލި ޖެހުނެވެ. އެ މުއްދަތުގައި 12 މީހަކު މަރުވިއެވެ.

ނަމަވެސް ހާލަތު އަލުން ރަނގަޅުވާން ފަށާ ރެއަކީ ކޮވިޑްގެ ފިޔަވަޅުތަކަށް ތާރީހީ ބޮޑު ލުޔެއް ލިބިގެންދިޔަ ރެއަކަށްވިއެވެ. އެންމެ ބޮޑު ބަދަލަކީ މިދިޔަ ދެ އަހަރު އޮތް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމެވެ. 24 ވަނަ ފަހަރަށް އެ ހާލަތު އިތުރު ކުރުމަށް ނިންމާފައިވަނިކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ރޭ ވަނީ އެ ހާލަތު ނިމުމަކަށް ގެނެސްފައިވާކަން އިއުލާނު ކުރައްވާފައެވެ. ރައީސް ސޯލިހް އެކަން އިއުލާނު ކުރެއްވީ ރޭ އަށެއް ޖެހިއިރު ދިވެހި ގައުމާއި މުހާތަބު ކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

"ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްގޮތަށް ކޯވިޑްގެ ވަބާއީ ހާލަތަށް އިޖާބަ ދިނުމުގައި ރާއްޖެއިންވެސް މިހާރު އަމާޒު ހިފާފައިވަނީ ބަލީގެ ނުރައްކާ ބޮޑު މީހުން ރައްކާތެރި ކުރުމަށާއި އެނދުމަތި ކުރަން ޖެހޭ މީހުންނާއި މަރުވާ މީހުންގެ ނިސްބަތް މަދު ކުރުމަށް. އަދި ކޮވިޑް-19އާ ގުޅިގެން ދޭންޖެހޭ ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދެވޭނެ މިންވަރަށް ބަލީގެ ހާލަތު ބަލަހައްޓަމުން ގެންދިޔުމަށް. އެހެންކަމުން ކޯވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި އިއުލާނު ކުރަމުން އައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ސިއްހީ މާހިރުންގެ ލަފާގެ މަތިން މިއަދުން ފެށިގެން ނިމުމަކަށް ގެނައި ވާހަކަ ދަންނަވަން،" ރައީސް ވިދާޅުވިއެވެ.

ކޯވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި އިއުލާނު ކުރަމުން އައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ސިއްހީ މާހިރުންގެ ލަފާގެ މަތިން މިއަދުން ފެށިގެން ނިމުމަކަށް ގެނައި ވާހަކަ ދަންނަވަން
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މާޗް 13 2022

މީގެ އިތުރުންވެސް ވަރަށް ބޮޑެތި ލުއިތަކެއް ދީ ދިވެހީން ވަނީ ކޮވިޑްގެ ބަލިމަޑުކަމުން އަރައިގަނެ އެހެން ހާލަތަށް ރަސްމީކޮށް ދަތުރުފަށާފައެވެ. އެ ގޮތުން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އަދި އެއާޕޯޓް ހިންގާ ހުރިހާ ރަށެއްގައި ވެސް މީހުން ބޭރުގައި އުޅެންޖެހޭނީ މާސް އަޅައިގެން ކަމަށް ޑިސެންބަރު 2، 2020 ގައި އެޗްޕީއޭއިން އަންގާފައިވާ އެންގުންވެސް ވަނީ ބާތިލުކޮށްފައެވެ.

އެ އިދާރާއިން ބުނި ގޮތުގައި ރާއްޖޭގެ ހުރިހާ ސަރަހައްދުތަކެއްގައި މާސްކް އެޅުން މަޖުބޫރުވުން އުވާލައި ކޮވިޑް-19 އިން ރައްކާތެރިވުމަށް މާސްކް އެޅުމަކީ އެދެވިގެންވާ ކަމެއްގެ ގޮތުގައި ވަނީ ހަމަޖައްސާފައެވެ. ނަމަވެސް އަދިވެސް ދެ ހާލަތެއްގައި މާސްކު އެޅުން މަޖުބޫރެވެ. އެ ގޮތުން ސިއްހީ ހިދުމަތް ދޭ ތަންތަނުގައި މާސްކު އެޅުން މަޖުބޫރެވެ. އެތަންތަނުގައި މަސައްކަތް ކުރާ މުވައްޒިފުންނާއި ސިއްހީ ހިދުމަތްދޭ ތަންތަނަށް ދާ މީހުންވެސް އެ ވަގުތު މާސްކު އެޅުން މަޖުބޫރުވާނެ އެވެ.

މީގެ އިތުރުން ކޮވިޑު-19 އަށް ޕޮޒިޓިވްވާ ރޭޓް 20 ޕަސެންޓަށް ވުރެން މަތިން ބަލިފެތުރޭ ކަމަށް ކަނޑައަޅާފައިވާ ރަށްރަށުގައި މާސްކު އަޅަން ޖެހެއެވެ. އެޗްޕީއޭއިން ރޭ ބުނި ގޮތުގައި ބަލީގެ އަލާމާތް ހުންނަ މީހުންނާއި ބަލިޖެހުމުން ނުރައްކާ ވެދާނެ މީހުންނާއި މިފަދަ މީހުންނާއި އެކުގައި އުޅޭ މީހުންނާއި ގިނަ މީހުން އެއްތަންވާ ތަންތަނާއި ހާލަތްތަކުގައި މާސްކު އެޅުމަކީވެސް އެދެވިގެންވާ ކަމެކެވެ.

އެޗްޕީއޭގެ މި އެންގުމާއެކު އެޑިއުކޭޝަނުންވެސް ވަނީ ބަޔާނެއް ނެރެ ސުކޫލު ކުދީންނަށް އޮތް މާސްކު މަޖުބޫރުވެސް ނިމުމަކަށް ގެނައިކަން ހާމަކޮށްފައެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި މާސްކު އެޅުން މަޖުބޫރު ނުކުރި ނަމަވެސް ބެލެނިވެރިޔާ އާއި ދަރިވަރުން ބޭނުން ނަމަ ދަރިވަރުން މާސްކު އަޅައިގެން ސްކޫލަށް ފޮނުވުމަކީ މައްސަލައެއް ނޫނެވެ. އަދި ހައި ރިސްކު ދަރިވަރުން ސްކޫލަށް ހާޒިރުވާއިރު މާސްކު އެޅުމަކީ އެދެވިގެންވާ ކަމެއް ކަމަށެވެ.

މީގެ އިތުރުން ރާއްޖެއިން ބޭރުން އަންނަ މީހުންނާއި ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރާ މީހުންގެ ތެރެއިން ކޮވިޑު-19 ގެ ވެކްސިން ޑޯޒްތައް ފުރިހަމަ ކޮށްފައި ނުވާ މީހުން ދަތުރުކުރުމާ ގުޅިގެން ކަރަންޓީނުވާން ނުޖެހޭ ގޮތަށްވެސް ވަނީ ހަމަޖައްސާފައެވެ. މިއީވެސް ކުރީން ވަރަށް ހަރުކަށިކޮށް އޮތް އަދި އެކަމުގެ ސަބަބުން އާންމުންނަށް އެތައް ދަތިތަކަކާ ކުރިމަތިލާން ޖެހުނު ކަމެވެ. އަދި އްޖޭން ބޭރުން އަންނަ ހުރިހާ މީހުން އަދި ރާއްޖޭގެ އެތެރޭގައިވެސް އެއްވެސް މީހަކު ދަތުރުކުރުމުގެ ބޭނުމުގައި ޕީސީއާރު ޓެސްޓު ހަދަން ނުޖެހޭ ގޮތަށްވެސް ރޭ ވަނީ ހަމަޖައްސާފައެވެ.

އެކަމަށްވެސް ދެން އޮތީ އެދެވިގެންވާ ގޮތެއްގެ އުސޫލެކެވެ. އެޗްޕީއޭ އިން ބުނި ގޮތުގައި ރާއްޖެއިން ބޭރުން އަންނަ ރާއްޖޭގައި ދިރިއުޅޭ މީހުން -- ދިވެހިންނާއި ޓޫރިސްޓުން ފިޔަވައި އެހެނިހެން ވިސާތަކުގައި ރާއްޖެއަށް އަންނަ މީހުން -- ރާއްޖެ އަންނަތާ ތިން ދުވަހާއި ފަސް ދުވަހާ ދެމެދު ކޮވިޑް-19 އަށް ޓެސްޓުކުރުމަކީ އެދެވިގެންވާ ކަމެކެވެ. އަދި ރާއްޖޭން ބޭރުން އަންނަ މީހުންގެ ތެރެއިން ބަލީގެ އަލާމާތް ހުރިނަމަ އެންޓިޖަން ޓެސްޓް ހެދޭނެ ކަމަށެވެ.

ދެ އަހަރަށް ވުރެ ގިނަ ދުވަހަށް ފަހު ދިވެހީން ކޮވިޑްގެ ހަރުކަށި ފިޔަވަޅުތަކުން ވީއްލި އާންމު ހާލަތަކަށް ދިއުމުގެ މަސައްކަތް ފަށާފައިވާއިރު ސަރުކާރުން ބުނި ގޮތުގައި ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްގޮތަށް ކޯވިޑްގެ ވަބާއީ ހާލަތަށް އިޖާބަ ދިނުމުގައި ރާއްޖެއިންވެސް މިހާރު އަމާޒު ހިފާފައިވަނީ ބަލީގެ ނުރައްކާ ބޮޑު މީހުން ރައްކާތެރި ކުރުމަށެވެ. އަދި އެނދުމަތި ކުރަން ޖެހޭ މީހުންނާއި މަރުވާ މީހުންގެ ނިސްބަތް މަދު ކުރުމަށެވެ. މީގެ އިތުރުން ކޮވިޑް-19އާ ގުޅިގެން ދޭންޖެހޭ ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދެވޭނެ މިންވަރަށް ބަލީގެ ހާލަތު ބަލަހައްޓަމުން ގެންދިޔުމަށެވެ.

އަދި ވެކްސިން ޕްރަގްރާމް ކާމިޔާބު ކަމާއެކު ކުރިއަށް ގެންދެވިފައިވާތީ ބާކީ ތިބި މީހުންނަށް ވެކްސިން ދީ ރާއްޖެއަކީ ކޮވިޑް ވެކްސިން ފުރިހަމަ ކޮށްފައިވާ ގައުމަކަށް ހެދުމަށެވެ.