ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑްގެ އިންޒާރެއް، އެކަމަކު ފިޔަވަޅެއް ނެތް

ދެހާސްނަވާރަވަނަ އަހަރުގެ ފަހުކޮޅު ދުނިޔެއަށް ކުރިމަތިވި ކޮވިޑް-19 ގެ ބަލިމަޑުކަން ދުނިޔޭގެ ހުރިހާ ބައްރަކަށް ފެތުރެން ނެގީ މަދު ދުވަސްތަކެކެވެ. ކުރު މުއްދަތެއްގެ ތެރޭގައި އެ ބަލި ދުނިޔޭގެ އެކި ކަންކޮޅުތަކުން ފެނި އާލަމީ ބޮޑު ބަލިމަޑުކަމަކަށް ބަދަލުވިއެވެ. ކޮވިޑްގެ ނުރައްކާތެެރި އެތައް ވަގުތެއް ދުނިޔެ ތަޖުރިބާކޮށްފި އެވެ. މިހާތަނަށް 300 މިލިއަން މީހުންނަށް އެ ބަލި ޖެހި 5.45 މިލިއަން މީހުން އެ ބަލީގައި މަރުވެއްޖެ އެވެ. ކޮވިޑްގެ ނުރައްކާތެރި ތިން ހަތަރު ރާޅެއްގެ ތަޖުރިބާ ދިވެހީންވެސް ކޮށްފައިވެއެވެ. 96،000 ވުރެ ގިނަ މީހުންނަށް އެ ބަލި ޖެހި 263 މީހަކު ވަނީ މަރުވެފައެވެ. އެންމެ ހާލަތު ގޯސް ދުވަސްތަކުގައި އެތައް ބަޔަކަށް ބަލި ޖެހި އެތައް ބަޔަކު މަރުވުމުގެ ހިތާމަވެސް ދިވެހީން ތަޖުރިބާ ކޮށްފި އެވެ. އެއް ދުވަހާ 13 މީހަކު މަރުވިއެވެ. ބައެއް ދުވަސްތަކުގައި 2،000 ވުރެ ގިނަ މީހުންނަށް ބަލި ޖެހިފައިވެއެވެ. ބަލީން ރައްކާތެރިވާން ހަރުކަށި ފިޔަވަޅުތަކެއް އަޅަން މަޖުބޫރުވެ ގޭ ބަންދުވެ އެތައް މަހަކު ތިބެން ޖެހުނެވެ.

ކޮވިޑްގެ ބަލިމަޑުކަމުން އަރައިގަަތުމަށް ލިބުނު އެންމެ ބޮޑު ބާރަކަށްވި ކޮވިޑް ވެކްސިން ކެންޕެއިން ރާއްޖޭގައި ފުޅާކޮށް ހިންގި 300،000 ވުރެ ގިނަ މީހުން ވަނީ އެ ޕްރަގްރާމްގެ ދަށުން ވެކްސިން ޖަހާފައެވެ. އާންމު ހާލަތަކަށް ދިއުމަށް ކުރާ ދަތުރުގައި ދުނިޔެއަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކަށްވީ ކޮވިޑްގެ ނުރައްކާތެރި އައު ވޭރިއަންޓެއްގެ ބިރުވެރިކަމެވެ. "އޮމިކްރޯން" ގެ ނުރައްކާ ބޮޑު އެ ވައިރަސް މިހާރު ވަނީ ރާއްޖެއިވެސް ފެނިފައެވެ.

އައު ވޭރިއަންޓާއެކު ކޮވިޑް ފެތުރޭ މިންވަރު ވަނީ ބޮޑުތަނުން އިތުރުވެފައެވެ. ރާއްޖޭގައިވެސް މި ފަހުން ހަލުވި ކަމާއެކު ކޮވިޑް ނަންބަރު ދަނީ އުފުލެމުންނެވެ. 200 އިން މަތީގައި ނަންބަރު ހުންނަވާތާ 48 ގަޑިއިރުވީއެވެ. 100 އިން މަތީގައި ނަންބަރު ހުންނަތާ މިއަދަށް މިއީ 16 ވަނަ ދުވަހެވެ.

ކޮވިޑްގެ ހާލަތު ގޯސްވެދާނެ ކަމުގެ ނިޝާންތައް ފެންނަމުން ދަނިކޮށް ރާއްޖޭގައި ކުރިއަށް އޮތް ތިން ހަފުތާ އަކީ ކޮވިޑް-19 އިގެ ހާލަތު އަނެއްކާ ވެސް ވަރަށް ބޮޑަށް ގޯސްވެދާނެ ތިން ހަފުތާ ކަމަށް ސިއްހީ މާހިރުން ލަފާ ދެއްވާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ވަނީ ވިދާޅުވެފައެވެ. ރައީސް ވިދާޅުވި ގޮތުގައި ކޮވިޑްގެ އާ ވޭރިއެންޓެއް ފެނިފައިވާތީ އެކަމުގެ ނުރައްކާ ކުރިއަށް އޮތް ތިން ހަފުތާ ރާއްޖެއަށް ކުރާނެ އެވެ. އެހެންކަމުން ހުރިހާ ރައްޔިތުން ރައްކާތެރިވުމުގެ ގޮތުން މާސްކް އެޅުމަށާއި ސިއްހީ މާހިރުން ދެއްވާ ލަފައާއި އިރުޝާދު ތަކާ އެއްގޮތަށް އަމަލުކުރުމަށް ރައީސް އިލްތިމާސް ކުރެއްވި އެވެ.

ކޮވިޑްގެ ހާލަތު ގޯސްވެދާނެ ކަމުގެ އިންޒާރު ރައީސް ދެއްވި ނަމަވެސް ހާލަތު ގޯސްވެދާނެ ކަމުގެ ބިރަށް މިހާތަނަށް އަޅާފައިވާ އެއްވެސް ފިޔަވަޅެއް އަދި ނެތެވެ. މުޅީންހެން ފެންނަން އޮތީ ފިޔަވަޅުތައް ދޫވެފައި އޮތް މަންޒަރެވެ. ކުރީން އަޅާފައި އޮތް ފިޔަވަޅެއް އޮތަސް އެ ފިޔަވަޅެއް ތަންފީޒު ކުރަން މަަސައްކަތެއްވެސް ނުކުރާތާ ލައްކަ ދުވަސްވެއްޖެ އެވެ. އެކަމުގެ އެންމެ ސާފު މިސާލަކަށް މާސްކު މަޖުބޫރު ކޮށްފައި އޮތް އޮތުން ފުދެއެވެ.

ކޮވިޑްގެ ހާލަތު އެންމެ ގޯސް ރަށްރަށުގައިވެސް މާސްކު އަޅަނީ މަދު ބައެކެވެ. ފެށުނީއްސުރެ ކޮވިޑްގެ ހާލަތު މުޅީން ރަނގަޅުނުވެ އޮތް މާލެ ސަރަހައްދުގައި މާސްކު ނާޅާ ބޭރުގައި އުޅުމަކީ މިހާރު ވަރަށް އާންމު ކަމެކެވެ. މާސްކު އަޅާ މީހުންނަށްވުރެ މާސްކު ނާޅާ މީހުންގެ އަދަދު ގިނައޭ ހީވާވަރަށް މަންޒަރު ބަދަލުވެއްޖެ އެވެ. އެކަމާއި ގުޅިގެން އަޅާ އެއްވެސް ފިޔަވަޅެއްވެސް ނެތެވެ. ހޭލުންތެރިކުރުވަން ކުރި މަަސައްކަތެއް ނެތެވެ. ހާލަކުން ފަހަރަކު އެޗްއީއޯސީން ބާއްވާ ނޫސްވެރިންގެ ބައްދަލްވުމެއްގައި އިލްތިމާސެއް ކޮށްލުން ނޫން ވަރެއް ކޮށްލާ މަންޒަރެއް ނުފެނެއެވެ. ހާލަތު ގޯސްވެދާނެ ކަމުގެ އިންޒާރު ދެއްވާ ރައީސް ސޯލިހްވެސް ކޮށްލެވީ އެ މިންވަރެވެ.

އޭގެ އިތުރުން ކޮވިޑްގެ ހާލަތު އިތުރަށް ގޯސްވެދާނެ އެހެން ހުރިހާ ކަމެއްވެސް ދަނީ ހިނގަމުންނެވެ. އައު އަހަރު ފާހަގަކުރަން މިއުޒިކު ޝޯ އާއި ހަވާ އެރުވުމުން ކުރިއަށް ގެންދިޔައީ އެތައް ހާސް ބަޔަކު ބައިވެރިވި ޖަމާއަތެއްގައެވެ. ސަރުކާރުން އިންތިޒާމު ކުރި ހަރަކާތްތަކުގެ ކާމިޔާބުކަން ދެއްކުމުގެ ގޮތުން މިއުޒިކު ޝޯ ބަލަން 11،000 ވުރެ ގިނަ މީހުން ޖަމާވި ކަަމަށް ޔޫތު މިނިސްޓްރީން ހާމަކުރި އިރު ކޮވިޑްގެ ކުޑަވެސް ނުރައްކަލެއް އޮތް ހިނެއް ހީއެއް ނުވެއެވެ. ނަމަވެސް އޭގެ ދެތިން ދުވަސް ފަހުން ރައީސް މި ދެއްވަނީ ދެން އޮތް ތިން ހަފްތާއަކީ ކޮވިޑްގެ ހާލަތު ވަރަށް ނުރައްކާވެދާނެ ތިން ހަފްތާ ކަމަށެވެ.

މިދިޔަ ނުވަ ދުވަހު ރާއްޖޭގެ ކޮވިޑް ނަންބަރު

  • ޖަނަވަރީ 4 - 228 މީހަކު ޕޮޒިޓިވް
  • ޖަނަވަރީ 3 - 242 މީހަކު ޕޮޒިޓިވް
  • ޖަނަވަރީ 2 - 161 މީހަކު ޕޮޒިޓިވް
  • ޖަނަވަރީ 1 - 191 މީހަކު ޕޮޒިޓިވް
  • ޑިސެންބަރު 31 - 160 މީހަކު ޕޮޒިޓިވް
  • ޑިސެންބަރު 30 - 120 މީހަކު ޕޮޒިޓިވް
  • ޑިސެންބަރު 29 - 198 މީހަކު ޕޮޒިޓިވް
  • ޑިސެންބަރު 28 - 190 މީހަކު ޕޮޒިޓިވް
  • ޑިސެންބަރު 27 - 168 މީހަކު ޕޮޒިޓިވް

މީގެ އިތުރުން ރަށްރަށް މޮނިޓަރިންއަށް ގެނައުމާއި މޮނިޓަރިން އިން ނެގުމުގައި އަދި މޮނިޓަރިންގައި އޮންނަ ހާލަތްތަކުގައި އަމަލު ކުރާ އުސޫލު ލުއިވެގެން ގޮސް މިއަދު އެ އުސޫލުގެ ބާރުވެސް ވަނީ ކެނޑިފައެވެ. މިވަގުތުވެސް މޮނިޓަރިންގައި އޮތް ރަށްރަށް އެ ހާލަތުގައި އޮތީ ނަމެއްގައެވެ. ބޭނުން އިރަކު ބޭނުން ބަޔަކު އަރާ ފައިބާން ވީއެވެ. އެ ރަށުން ބަޔަކު އެހެން ރަށަކަށް ވާން ވެއްޖެނަމަ އެކަމަށްވެސް ހުރަހެއް ނެތެވެ. ބައެއް ރަށްރަށުން ވިހި ތިރީހުން ޕޮޒިޓިވް ކޭސް ފެނުނު ނަމަވެސް މޮނިޓަރިންއަށް ގެންނަނީ އެތައް ދުވަހެއް ފަހުންނެވެ.

އެ ލުއިތައް ދީފައި އޮންނަނީ ކޮވިޑް ވެކްސިންގެ އާބާދީގެ ބޮޑު ބައެއް ފުރިހަމަ ކޮށްފައިވާތީ ކަމަށް ބުނެއެވެ. ނަމަވެސް ވެކްސިން ފުރިހަމަ ކުރާ ފަހުން ވެސް ކޮވިޑަށް ޕޮޒިޓިވް ހާލަތު ގޯސްވާ ފަހަރުވެސް އާދެއެވެ. ދުނިޔޭގެ ބައެއް ގައުމުތަކުގައި ފިޔަވަޅުތަކަށް ލުއި ނުދީ އޮތް މައިގަނޑު ސަބަބަކީ މިއީއެވެ.

މީގެ އިތުރުން ރިސޯޓްތަކުން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދުވެސް ދަނީ ރެކޯޑް މިންވަރަކަށް އިތުރުވަމުންނެވެ. ނަމަވެސް އެއީ ކޮންކޮން ރިސޯޓްތަކުން ޕޮޒިޓިވްވާ މީހުން ކަމެއް ނުބެއެވެ. އަދި އެއީ ފަތުރުވެރިން ކަމެއް މުވައްޒިފުން ކަމެއްވެސް ސާފެއް ނޫނެވެ. އެ މީހުންގެ ގައިން ފެންނަނީ އައު ވޭރިއަންޓް ކަމެއްވެސް ބުނެއެއް ނުދެއެވެ. ކޮންމެ ރެއަކު ދިހައެއް ޖެހުމުން އެޗްޕީއޭ އިން ދޭ ކޮވިޑްގެ ތަފާސް ހިސާބުތަކުން ފެންނަނީ އޮޕަރޭޝަނަލް ރިސޯޓްތަކުން ޕޮޒިޓިވްވާ ނަންބަރެވެ. އެ ނަންބަރު މިހާރު އެ ހުރިހާ ވަރަށް މަތީގައެވެ.

އަނެއްކޮޅުން މިއީ ސުކޫލު ޗުއްޓީ ދުވަސްވަރު ކަމުން އަތޮޅުތެރޭގެ ރަށްތަކަށް ދަތުރުކުރުމާއި ޗުއްޓީ ނިންމުމަށް ފަހު މާލެ ދިއުމުގެ ދަތުރުތައް ގިނަވުމަކީވެސް ކޮވިޑްގެ ހާލަތު ގޯސްވުމަށް އޮތް ފުރުސަތެކެވެ. މި ހުރިހާ ކަމެއް އެ ގޮތުގައި ހިނގަ ހިނގާ އޮއްވާ ކޮވިޑްގެ ހާލަަތު ގޯސްވެއްޖެނަމަ އެ ބަލިމަޑުކަމުގައި އިތުުރު ނުރައްކާތެރި ދުވަސްތަކެއް ހޭދަކުރަން ޖެހުމުގެ ފުުރުސަތު އެބައޮތެވެ.

މިދިޔަ ނުވަ ދުވަހުގެ ރިސޯޓް ނަންބަރުތައް

  • ޖަނަވަރީ 4 - 97 މީހަކު ޕޮޒިޓިވް
  • ޖަނަވަރީ 3 - 66 މީހަކު ޕޮޒިޓިވް
  • ޖަނަވަރީ 2 - 80 މީހަކު ޕޮޒިޓިވް
  • ޖަނަވަރީ 1 - 66 މީހަކު ޕޮޒިޓިވް
  • ޑިސެންބަރު 31 - 51 މީހަކު ޕޮޒިޓިވް
  • ޑިސެންބަރު 30 - 27 މީހަކު ޕޮޒިޓިވް
  • ޑިސެންބަރު 29 - 60 މީހަކު ޕޮޒިޓިވް
  • ޑިސެންބަރު 28 - 71 މީހަކު ޕޮޒިޓިވް

ކޮވިޑްގެ ނުރައްކަލުގެ އިންޒާރެއް ދީ ނަމަވެސް ފިޔަވަޅު ތަކެއް ނެތުމުން އަދި މިހާރު ހުރި ފިޔަވަޅުތައް ތަންފީޒުވެސް ނުކުރެވޭއިރު ސަރުކާރުގެ މި ވާހަކަތަކާއެކު ސިޔާސީ ވާދަވެރިން ސުވާލު އުފައްދައެވެ. ރައީސްގެ އިއްޔެގެ ވާހަކަފުޅާ ގުޅިގެން އިދިކޮޅު ކޯލިޝަންގެ ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި މިިހާތަނަށްވެސް ސަރުކާރުން އެފަދަ ވާހަކަތައް ދެއްކީ ސިޔާސީ މަގުސަދުގައެވެ. މި ފަހަރުވެސް އެކަން ކުރަނީ އެ މަގުސަދުގައެވެ.

އެއީ އިދިކޮޅު ކޯލިޝަނުން ފުޅާކޮށް ބޮޑުކޮށްފައިވާ އަދި ސަރުކާރު ކޮށިއަރުވާލި "އިންޑިއާ އައުޓް" ކެންޕެއިނާއި ކުރިއަށް އޮތް ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނާއި ގުޅިގެން ސަރުކާރުން ކުރާ ކަމެއް ކަމަށް އެ ބޭފުޅުން ދެކެއެވެ.

ކަން އޮތީ ކޮންމެ ގޮތަކަށް ނަަމަވެސް ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. މިދިޔަ ދެ ދުވަހު ނަންބަރު ހުރީ 200 އިން މަތީގައެވެ. އަދި އެ ބަލީގައި މަރުވާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އެހެން ކަމުން ކުރިއަށް އޮތް ތިން ހަފުތާ އަކީ ކޮވިޑް-19 އިގެ ހާލަތު އަނެއްކާ ވެސް ވަރަށް ބޮޑަށް ގޯސްވެދާނެ ތިން ހަފުތާ ކަމަށް ސިއްހީ މާހިރުން އެ ވިދާޅުވާ ސަބަބުތައް އިތުރަށް ސާފުކޮށްދޭން ޖެހެއެވެ. ރާއްޖެއިން "އޮމިކްރޯން" ގެ ކޭސްތައް ފެންނަ މިންވަރު އިތުރުވީ ހެއްޔެވެ. އެ ވައިރަހާއެކު ބާރު ސްޕީޑްގައި ބަލި ފެތުރެން ފެށީ ހެއްޔެވެ. އެއިން ކަމެއް ސާފުކޮށް ނުދީ އަދި ކޮވިޑުން ރައްކާތެރިވާން ފިޔަވަޅެއް ނާޅާ ތިބެ ބަލި ޖެހުމުގެ ފުރުސަތު ބޮޑުހާ ކަމެއް ކުރަމުން ބަލި ފެތުރި ނުރައްކާވެދާނެ ކަމަށް އިންޒާރު ކުރުމަކީ ހަމަޖެހޭ ކަމެއް ނޫނެވެ.

ކުރީންވެސް ހާލަތު ގޯސްވެ މަސް ދުވަސްތެރޭ 40،000 މީހުންނަށް ބަލި ޖެހި 100 ވުރެ ގިނަ މީހުން މަރުވީ ކޮވިޑްގެ ފިޔަވަޅުތަކަކީ ޖޯކެއްގެ ގޮތުގައި އާންމުންނަށް ސިފަވާ މިންވަރަށް ކަންކަން ގެންދިއުމުންނެވެ. އިންތިހާބަށް ލުއި ދީ ސިޔާސީ ނުފޫޒަށް ފިޔަވަޅުތަކާ ކުޅެން ފެށުމުންނެވެ. އެހެން ކަމުން މި ފަހަރު އެ ހާލަަތަށް ދިއުމުގެ ފުރުސަތު ނުދޭން އިހުލާސްތެރި ކަމާއެކު މަަސައްކަތް ކުރަން ޖެހެއެވެ. ކަމުގެ ސާފު މަންޒަރު ރައްޔިތުންނަށް ކުރަހައިދީ ބުނެދީ އަންގައިދޭން ޖެހެއެވެ.