ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ސިއްހީ ނިޒާމަށް އޮބިނޯންނަ ވަރަށް ހާލަތު ގޯސްވެދާނެ: ރައީސް

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު މިހާރު އޮތް ގޮތުން މި ބައްޔާ ދެކޮޅަށް އެންމެންނަށް އެކުގައި މަސައްކަތް ނުކުރެވިއްޖެނަމަ ސިއްހީ ނިޒާމަށް އޮބިނޯންނަ މިންވަރަށް ހާލަތު ގޯސްވެދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.

ގައުމާ މުހާތަބު ކުރައްވާ މިރޭ ދެއްކެވި ވާހަކަފުޅު ރައީސް ވިދާޅުވީ މިދިޔަ އަހަރުގެ ކުރީކޮޅުން ފެށިގެން މުޅި ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން ދިވެހި ރައްޔިތުން ރައްކާތެރިކުރުމަށްޓަކައި އެތައް ދުވަހަކު ވެރިރަށް މާލެ ފުރަބަންދުގައި ބާއްވާ ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށް ފަތުރުވެރިކަން މެދުކަނޑައިލެވުުނު ކަމަށާ އޭގެ ސަބަބުން ބަލި ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް ދަށަށް ދިޔަ ކަމަށެވެ.

ނަމަވެސް އިގްތިސާދަށް ލިބުނު ގެއްލުން އިންތިހާއަށް ބޮޑުވީއިރު ކޮވިޑް-19ގެ ސަބަބުން، ނިސްބަތުން އެންމެ ބޮޑު އިގްތިސާދީ ގެއްލުމެއް ކުރިމަތިވި އެއް ގައުމަކީވެސް ރާއްޖެ ކަމަށެވެ. ހަތަރު މަސްދުވަހުގެ މެދުކެނޑުމަކަށް ފަހު ރާއްޖޭގެ ބޯޑަރުތައް ހުޅުވާލައި ފަތުރުވެރިކަން ފަށާފައި ވިޔަސް އަދިވެސް ރާއްޖޭގެ އިގްތިސާދުދު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށާ ބަލި މުޅިން ކޮންޓްރޯލް ނުވިޔަސް ވިޔަފާރިތައް ހުއްޓި އާމްދަނީ ހޯދޭނެ ގޮތެއް ނެތި ރައްޔިތުންގެ ދިރިއުޅުމަށް ކުރިމަތިވި ގޮންޖެހުންތަކާ ގުޅިގެން ދިން ލުއިތަކާއެކު އަނެއްކާވެސް ބަލިފެތުރުން އިތުރުވެފައިވާ ކަމަށެވެ.

"..މިހާރުގެ ހާލަތަށް ބަލާއިރު މި ބައްޔާ ދެކޮޅަށް އަޅުގަނޑުމެން އެންމެންނަށް އެކުގައި މަސައްކަތް ނުކުރެވިއްޖެނަމަ ސިއްހީ ނިޒާމަށް އޮބިނޯންނަ މިންވަރަށް ހާލަތު ގޯސްވެދާނެ. މިބައްޔަށް މިހާރު މީހުން ޕޮޒިޓިވްވާ ނިސްބަތަށް ބަލާއިރު އިތުރު ފިޔަވަޅުތަކެއް އަޅަން މިވަނީ މަޖުބޫރުވެފައި،" ރައީސް ވިދާޅުވިއެވެ.

މިއަދު އަޅަން ފަށާފައިވާ ފިޔަވަޅުތައް ފުރިހަމައަށް ތަންފީޒުކުރުމުގައި ރައްޔިތުންގެ އެއްބާރުލުން އިންތިހާއަށް ބޭނުންވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އަލަށް އެޅި ފިޔަވަޅުތަކަށް ރަނގަޅަށް އަމަލު ނުކޮށްފިނަމަ އިތުރު ފިޔަވަޅުތައް އަޅަންޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި އެފަދަ ފިޔަވަޅުތަކެއް އަޅަން ފަށައިފިއްޔާ މިހާރަށް ވުރެ މާ ގިނަ ދަތިތައް ކުރިމަތިވާނެ ކަމަށް ވިދާޅުވިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިއްޔެ ބުނީ ކޮވިޑް-19 ގެ ހާލަތުން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން މިއަދުން ފެށިގެން މާލެ ސަރަހައްދުގައި (މާލެ، ހުޅުމާލެ، ވިލިމާލެ) ހަވީރު ހަތަރަކުން ފަތިހު ހަތަރަކާ ދެމެދު ބޭރަށް ނިކުމެ އުޅުން މަނާ ކޮށްފައިވާ ކަމަށެވެ. މިއީ ހަފްތާއެއްގެ މުއްދަތަށް އޮތް އެންގުމެކެވެ.

އަދި މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލުމާއި މެއި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގެ އެތެރޭގައި ތިބެގެން ކެއިން ބުއިމުގެ ހިދުމަތް ދިނުން ހުއްޓާލުމަށްވެސް އަންގާފައިވެއެވެ. ނަމަވެސް ޕޮލިސް ޕާމިޓާއެކު މެންދަމު 12 އާއި ހަމައަށް ޑެލިވަރީގެ ހިދުމަތް ދެވޭނެ ކަމަށެވެ. އެޗްޕީއޭއިން ބުނީ ޑައިޑްލއިންއާ ހިލާފުވާ ވިޔަފާރިތައް 24 ގަޑިއިރަށް ބަންދު ކުރާނެ ކަމަށެވެ.

ބުރާސްފަތި ދުވަހުން ފެށިގެން ދެކުނު އޭޝިޔާގެ ގައުމުތަކުގެ ޓޫރިސްޓުންނަށް ޓުއަރިސްޓް ވިސާ ދިނުން ވަގުތީ ގޮތުން މެދުކަނޑާލަން ނިންމާފައިވާ ކަމަށްވެސް އެންގުމުގައި ބުނެފައިވެއެވެ.