ކޮވިޑް-19 ޖެހޭ މީހުންގެ ނިސްބަތް އިންތިހާއަށް އިތުރުވުމާއި ގުޅިގެން އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން މަނާކުރި ކުރުމަށް ލުއިތަކެއް ދީފި އެވެ.
ކޮވިޑްގެ ހާލަތު ގޯސްވުމުން ފިޔަވަޅުތައް ހަރުކަށި ކުރީ މެއި މަހުގެ ހަތަރުވަނަ ދުވަހު އެވެ. އެ ދުވަހު ވަނީ މާލެ ސަރަހައްދުން އަތޮޅުތަކުގެ ރަށްތަކަށް ދަތުރުކުރުން މަނާކޮށްފައެވެ. އަދި އަތޮޅުތެރޭގެ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުންވެސް މަނާކުރި އެވެ. ޒަރޫރީ ބޭނުންތަކަށް ރަށްރަށަށް ދަތުރު ކުރެވެނީވެސް ދެ ރަށު ކައުންސިލުން ހުއްދަ ދީގެންނެވެ.
އެ ފިޔަވަޅު އެޅިިއިރު 70 ރަށެއް އޮތީ މޮނިޓަރިންގައެވެ. ނަމަވެސް ހާލަތު ރަނގަޅުވެ މިހާރު މޮނިޓަރިންގައި 57 ރަށެކެވެ.
އެޗްއީއޯސީން މިރޭ ބުނީ މޮނިޓަރިންގައި ނެތް ރަށަކުން މޮނިޓަރިންގައި ނެތް އެހެން ރަށަކަށް ދަތުރުކުރުން މިހާރު ހުއްދައެއް ބޭނުމެއް ނުވާނެ ކަމަށެވެ. ނަމަވެސް ގެސްޓްހައުސް ހިންގާ ރަށްރަށުން އެހެން ރަށަކަށް ދަތުރުކުރެވޭނީ އަދިވެސް ކުރީން އޮތް އުސޫލުގެ ތެރެއިން ކަމަށެވެ.
ކޮވިޑްގެ ހާލަތު ރަނގަޅުވާން ފެށުމުން މިރޭ ވަނީ ކާފިއު ވަގުތުވެސް ކުުރުކޮށްފައެވެ. ދެން ކާފިއު ހިންގާނީ އިރުއޮއްސި ހަޔަކުން ފަތިހު ހަތަރަކަށް 10 ގަޑިއިރުއެވެ. އަދި ޖިމްތައް ހުޅުވުމުގެ ހުއްދަ ދީ ޓޭކް އަވޭ ވަގުތުވެސް ވަނީ ދިގުކޮށްފައެވެ.