ރާއްޖެއިން އިތުރު 1،417 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ. މިއަދު ޕޮޒިޓިވްވި މީހުނާއެކު ރާއްޖޭގެ ކޮވިޑް ނަންބަރު ވަނީ 57،341 އަށް އަރާފަ އެވެ.
މިއަދުގެ އިރު އޮއްސުމާ ހަމައަށް އެއްކޮށްފައިވާ ހިސާބުތަކާ ހަވަލާ ދީ އެޗްޕީއޭއިން މިރޭ ބުނި ގޮތުގައި ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 1،097 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. މިއަދު ޕޮޒިޓިވި މީހުންގެ ތެރެއިން 303 މީހުން ޕޮޒިޓިވްވީ އަތޮޅުތަކުގެ ތެރެއިންނެވެ. ރިސޯޓަކުންވެސް 17 މީހަކު ޕޮޒިޓިވްވެފައިވެއެވެ.
މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 24،057 މީހުންނެވެ. މިހާތަނަށް 33،136 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 282 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.
މިދިޔަ ސައުވީސް ގަޑިއިރަކީ ރެކޯޑް އަދަދަކަށް ކޮވިޑްގެ ބަލި މީހުން މަރުވި ވަގުތެކެވެ. މިއަދު އެކަނިވެސް 10 މީހަކު މަރުވެފައިވެއެވެ.
މިދިޔަ ސައުވީސް ގަޑިއިރުތެރޭ ފުރަތަމަ މަރެއް ރެކޯޑްކުރީ މެންދަމު 2:02 ގައެވެ. އެއީ އުމުރުން 81 އަހަރުގެ ދިވެހި ފިރިހެނެކެވެ. އަދި ފަތިހު 4:25 ގައި 58 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ މަރުވެފައެވެ. އޭގެ ކުރިން 3:18 ގައިވެސް 77 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ މަރުވެފައެވެ.
ހެނދުނު 6:55 ގަައި މަރުވެފައިވަނީ 93 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭގެ ފަހުން ހެނދުނު 7:44 ގައި އުމުރުން 85 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ މަރުވެފައެވެ. އަދި މެންދުރު 2:25 ގައި 78 އަހަރުގެ ދިވެހި އަންހެނަކުވެސް ވަނީ މަރުވެފައިވެއެވެ.
މިއަދު މެންދުރު 2:50 ގައި އުމުރުން 78 އަހަރުގެ ދިވެހި އަންހެނަކުވެސް ވަނީ މަރުވެފައެވެ. އޭގެ ކުރިން ހެނދުނު 11:05 ގައި އުމުރުން 87 އަހަރުގެ މީހަކުވެސް ކޮވިޑްގައި މަރުވިއެވެ. އެއީ ޅ. ހިންނަވަރު ހެލްތް ސެންޓަރުގަައި ފަރުވާ ދެމުން އައި މީހެކެވެ.
ނުވަވަނަ އަށް މަރުވެފަައިވަނީ އުމުރުން 41 އަހަރުގެ ދިވެހި އަންހެނެކެވެ. އޭގެ ފަހުން މިރޭ 7:53 ގައި މަރުވެފައިވަނީ އުމުރުން 86 އަހަރުގެ މީހެކެވެ. އެއީ ޖަޕާނުގެ ފިރިހެނެކެވެ.
މިއަދުގެ ނުވަ މަރާއެކު ރާއްޖޭގެ ކޮވިޑް މަރުގެ އަދަދު 139 އަށް ވަނީ އަރާފައެވެ. މިއީ މިއަހަރުގެ 88 ވަނަ މަރެވެ.