ކޮވިޑް-19 އަށް ފަރުވާ ހޯދަމުން އައި 13 މީހަކު މިއަދު މަރުވެ ހިތާމަވެރި ދުވަހަކަށް ބަދަލުވެއްޖެ އެވެ.
މިދިޔަ ސައުވީސް ގަޑިއިރުތެރޭ ފުރަތަމަ މަރެއް ރެކޯޑްކުރީ މެންދަމު 2:02 ގައެވެ. އެއީ އުމުރުން 81 އަހަރުގެ ދިވެހި ފިރިހެނެކެވެ. އަދި ފަތިހު 4:25 ގައި 58 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ މަރުވެފައެވެ. އޭގެ ކުރިން 3:18 ގައިވެސް 77 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ މަރުވެފައެވެ.
ހެނދުނު 6:55 ގަައި މަރުވެފައިވަނީ 93 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭގެ ފަހުން ހެނދުނު 7:44 ގައި އުމުރުން 85 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ މަރުވެފައެވެ. އަދި މެންދުރު 2:25 ގައި 78 އަހަރުގެ ދިވެހި އަންހެނަކުވެސް ވަނީ މަރުވެފައިވެއެވެ.
މިއަދު މެންދުރު 2:50 ގައި އުމުރުން 78 އަހަރުގެ ދިވެހި އަންހެނަކުވެސް ވަނީ މަރުވެފައެވެ. އޭގެ ކުރިން ހެނދުނު 11:05 ގައި އުމުރުން 87 އަހަރުގެ މީހަކުވެސް ކޮވިޑްގައި މަރުވިއެވެ. އެއީ ޅ. ހިންނަވަރު ހެލްތް ސެންޓަރުގަައި ފަރުވާ ދެމުން އައި މީހެކެވެ.
ނުވަވަނަ އަށް މަރުވެފަައިވަނީ އުމުރުން 41 އަހަރުގެ ދިވެހި އަންހެނެކެވެ. އޭގެ ފަހުން މިރޭ 7:53 ގައި މަރުވެފައިވަނީ އުމުރުން 86 އަހަރުގެ މީހެކެވެ. އެއީ ޖަޕާނުގެ ފިރިހެނެކެވެ. އެ ފަހުން މިރޭ 10:15 ގައި މަަރުވެފައިވަނީ އުމުރުން 83 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެއީ އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ހޯދަމުން އައި މީހެކެވެ.
ފަހުން މަރުވީ 58 އަހަރުގެ ދިވެހި ފިރިހެނަކާއި 80 އަހަރުގެ ދިވެހި އަންހެނެކެވެ.
މިއަދުގެ 13 މަރާއެކު ރާއްޖޭގެ ކޮވިޑް މަރުގެ އަދަދު 141 އަށް ވަނީ އަރާފައެވެ. މިއީ މިއަހަރުގެ 90 ވަނަ މަރެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަމުގައި ދިވެހިން ތަޖުރިބާކުރަމުން މިދަނީ ވަރަށް ނުރައްކާތެރި ދުވަސްތަކެކެވެ. މެއި މަހުން ހުސްވި 23 ދުވަހަކީ ކޮވިޑްގެ ބަލިމަޑުކަމުގައި ދިވެހިން ހޭދަކުރި 14 މަސް ދުވަހުގެ ތެރޭގައި ހާލަތު އެންމެ ގޯސްވީ ދުވަސްތަކެވެ. ބަލި ޖެހޭ މީހުންގެ އަދަދު ހުރީ އިންތިހާ މަތީގައެވެ. ބަލީގައި މަރުވާ މީހުން ރެކޯޑް އަދަދަކަށް އިތުރެވެ. މެއި މަހުގެ ތެރޭގައި 65 މީހަކު ވަނީ މަރުވެފަ އެވެ. މި މުއްދަތުގައި 26،530 މީހަކަށް ބަލިޖެހިފައިވެ އެވެ. މިއީ ދުވާލަކު 1،000 އަށް ވުރެ މަތީ އަދަދެކެވެ.