ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑްގައި އިތުރު މީހަކު މަރުވެއްޖެ

ކޮވިޑް-19 އިގެ ބަލީގައި މިއަދު ހެނދުނު އިތުރު މީހަކު މަރުވެއްޖެ އެވެ. މިއީ ރާއްޖެއިން މި ބަލީގައި މަރުވި 19 ވަނަ މީހާ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނި ގޮތުގައި މިއަދު ހެނދުނު އެ ބަލީގައި މަރުވެފައި ވަނީ އުމުރުން 80 އަހަރުގެ ދިވެހި އަންހެނެކެވެ. އަދި އެއީ ހުޅުމާލެ މެޑިކަލް ފެސިލިޓީގެ އައިސީޔޫގައި ފަރުވާ ދެމުން ދިޔަ މީހެކެވެ.

މިހާތަނަށް އަދި ޝިފާއެއް ހޯދިފައި ނެތް މި ބަލީގައި ބޭރު މީހުން ވެސް ހިމެނޭ ގޮތަށް މީހުން މަރުވުން އިތުރުވެފައިވާއިރު މިދިއަ ދެ ދުވަހު ވެސް ކޮވިޑްޖެހިގެން މީހުން މަރުވި އެވެ. އަދި އިއްޔެ ގެނބިގެން މަރުވި މީހަކު ވެސް ފަހުން ޓެސްޓް ކުރި އިރު ޕޮޒިޓިވްވެފައި ވެއެވެ. މިހާތަނަށް ކޮވިޑްގައި މަރުވި ދިވެހިންގެ އަދަދަކީ 14 އެެވެ. ބިދޭސީންގެ ފަސް މީހުންވެ.

އިތުރު ދިވެއްސަކު އެ ބަލީގައި މިއަދު މަރުވި އިރު މިދިއަ 24 ގަޑި އިރުގެ ތެރޭގައި ރާއްޖެއިން ކޮވިޑް ބައްޔަށް އިތުރު 129 މީހުން ޕޮޒިޓިވް ވެފައި ވެއެވެ. އޭގެ ތެރެއިން 93 މީހުންނަކީ ދިވެހިންނެވެ. ދެން ހިމެނެނީ ބަންގްލަދޭޝްގެ 23 މީހަކާއި އިންޑިއާގެ އަށް މީހަކާއި ސްރީލަންކާގެ ހަތަރު މީހަކާއި އިންޑޮނޭޝިއާ މީހެކެވެ. މިހާރު ރާއްޖޭގައި ކޮވިޑް ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 4,293 އަށް އުފުލިފަ ވެ.

ކޮވިޑަށް ޕޮޒިޓްވާ ނަމްބަރު އުފުލެމުން ދަނީ މިދިއަ ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ކޮންމެ ދުވަހަކުހެން ރިކޯޑް އަދަދަކަށް މީހުން ކޮވިޑަށް ޕޮޒިޓްވްވަމުން ދާތީ ކަންބޮޑުވުމެއް އުފެދި ކުރިން ލުއި ދިން ބައެއް ފިޔަވަޅުތައް އަލުން އަޅާފައި ވެސް ވަނިކޮށެވެ.

ކޮވިޑާ ގުޅޭ ބައެއް ނަމްބަރުތައް

  • މަރުވި ޖުމްލަ އަދަދު: 19
  • މަރުވި ދިވެހިންގެ އަދަދު: 14
  • މަރުވި ބިދޭސީން: 5
  • ބަލިޖެހުނު ޖުމްލަ އަދަދު: 4,293

ރާއްޖޭގެ ކޮވިޑް ހާލަތު ވަރަށް ބޮޑަށް ގޯސްވެ ރާއްޖެ އަލުން ލޮކްޑައުން ކުރަން ބައެއް ފަރާތްތަކުން ގޮވާލަމުން ދަނިކޮށް ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އާންމު އެންމެންގެ އެއްބާރުލުން ދިނުމަށް އިލްތިމާސް ކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ވިދާޅުވީ ލޮކްޑައުންއަކަށް ދިއުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ.

"ހުރިހާ ބޭފުޅުންގެ އެއްބާރުލެއްވުން ވަރަށް މުހިންމު. އިތުރު ފުރަބަންދަކަށް ދިއުމަކީ ކުރަން ރަނގަޅު ކަމެއް ނޫން،" ރައީސް ވިދާޅުވި އެވެ.