ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ މަރުތައް

ކޮވިޑް ޖެހިގެން ކޮއްޔަ ހަސަން މަނިކު މަރުވެއްޖެ

Feb 20, 2021
16

ގިނަ ފިލްމަތަކާއި ޑްރާމާތައް ކުޅުއްވެވި މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކަށް ކޮވިޑް ޖެހި އެ ބައްޔަށް ފަރުވާ ދެމުން ދަނިކޮށް މިއަދު މަރުވެއްޖެ އެވެ.

ހަސަން މަނިކަކީ ދިވެހި ފިލްމް "ބޮސް" އާއި "މާފެއް ނެތް" އަދި "އެ ބައްޕަ" ފަދަ ފިލްމުތައް ކުޅެފައިވާ ވަރަށް ބޮޑު މަޝްހޫރު ކަމެއް އޮންނަ ތަރިއެއްގެ އިތުރުން ރާއްޖޭގެ ވަރަށް ގިނަ ބަޔަކު ދަންނަ މަގުބޫލް މީހެކެވެ. އޭނާ 1989 ވަނަ އަހަރު ފިލްމީ ދާއިރާއަށް ނުކުމެ ގިނަ އަދަދެއްގެ ފިލްމާއި ޓީވީ ޑްރާމާތައް ކުޅުނެވެ. އެކްޓް ކުރުމުގައި ހުރިހާ ރޮނގަކުން ވެސް ވަރަށް ހުނަރުވެރި ހަސަން މަނިކު ވަނީ ފިލްމީ ދާއިރާގެ ގިނަ އިނާމްތަކެއް ހާސިލު ކޮށްފަ އެވެ.

ކުރީގެ ފިލްމީ ތަރި، ސިޔާސީ ލީޑަރު އަދި ވިޔަފާރިވެރިޔާ ރީކޯ މޫސައަކީ ފިލްމީ ދާއިރާއަށް ހަސްނަ މަނިކާއެކު ނުކުތް އަދި ހަސަން މަނިކުގެ އެންމެ ގާތް އެކުވެރިޔާ އެވެ. ހަސަން މަނިކު މަރުވި ހަބަރު މިއަދު ފުރަތަމަ އާންމު ކުރެއްވީ ވެސް ރީކޯ މޫސަ އެވެ.

ފިލްމީ ދާއިރާގެ އިތުރުން ރާއްޖެ ފުޓްބޯޅައިގެ ތެރޭގައި މަޝްހޫރު ނިއުރޭޑިއަންޓްގެ ހާއްސަ ސަޕޯޓަރެއްގެ ގޮތުގައި ވެސް ހަސަން މަނިކު ވަރަށް ބޮޑު މަޝްހޫރު ކަމެއް ހޯދާފައި ވެއެވެ. ކޮއްޔަ ހަސަން މަރުވީ ސަރުކާރުގެ މައި ހޮސްޕިޓަލް ދަރުމަވަންތައިގައި އެޑްމިޓްކޮށް ފަރުވާ ދެނިކޮށެވެ.

ހަސަން މަނިކުގެ މަރާއެކު މިއީ ފާއިތުވި 24 ގަޑިއިރު ތެރޭ ރާއްޖޭގައި ކޮވިޑް ޖެހިގެން މަރުވި ދެވަނަ މީހާ އެވެ. އެއާއެކު ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 60 އަށް އަރައިފަ އެވެ.

ކޮވިޑް ޖެހޭ މީހުންގެ އަދަދު ރާއްޖޭގައި ފަހަަކަށް އައިސް ވަރަށް ބޮޑަށް އިތުރުވެފައިވާ އިރު އެޑްމިޓް ކުރާ މީހުންގެ އަދަދު ވެސް ވަނީ އިތުރުވެފަ އެވެ. އެގޮތުން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން 168 މީހަކަށް މިހާރުވެސް ދަނީ ފަރުވާ ދެމުން ނެވެ. ކޮވިޑް ޖެހިފައިވާ 18،340 މީހުން މިހާތަނަށް ރާއްޖެއިން ވަނީ ފެނިފަ އެވެ.