ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ނައިފަރު

ނައިފަރު ބޯޓެއްގެ ބިދޭސީ ފަޅުވެރިޔަކު ކޮވިޑަށް ޕޮޒިޓިވް

ޅ. ނައިފަރުން މާލެއާއި އެ ރަށާއި ދެމެދު ދަތުރުކުރާ ބޯޓެއްގައި މަސައްކަތް ކުރަމުން އައި ބިދޭސީ ފަޅުވެރިޔަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

ނައިފަރު ކައުންސިލްގެ މެންބަރު މުހައްމަދު ޝާހިދު "އަވަސް" އަށް މިއަދު ވިދާޅުވީ އެ ރަށު "މެގަ އާރު" ބޯޓުގައި މަސައްކަތް ކުރާ ބިދޭސީ ފަޅުވެރިޔަކު ވަރަށް ބޮޑަށް ހުން ގަދަވެ ބަލީގެ އަލާމާތްތައް ފެންނަން ފެށުމުން އޭނާ ހޯމް ކަރަންޓީނުކޮށް ކޮވިޑަށް ޓެސްޓް ކުރަން ސާމްޕަލް ނެގި ކަމަށާއި އަދި އޭނާ ބައްޔަށް ޕޮޒިޓިވް ވެފައިވާކަން އަންގާފައިވާ ކަމަށެވެ.

"މި ރަށު 'މެގަ އާރް' ބޯޓުގައި މަސައްކަތް ކުރަން އުޅުނު ބިދޭސީއެއް އެއީ، އޭނާ މީގެ ތިން ދުވަހެއް ވަރު ކުރިން ވަރަށް ބޮޑަށް ހުން އައިސްގެން ކަރަންޓީނުކޮށް ޓެސްޓް ކުރީ، މިއަދު ޕޮޒިޓިވްވި ކަން އެންގީ،" ޝާހިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ބިދޭސީ އެ ފަޅުވެރިޔާ ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަން އެޗްޕީއޭއިން އެންގީ މިއަދު އެވެ. ބިދޭސީ މީހާ މި ވަގުތު ހުރީ ހޯމް ކަރަންޓީނުގަ އެވެ. އެ ކޭހާ ގުޅިގެން އިތުރު މިހާކު މި ވަގުތަށް ކަރަންޓީނު ކޮށްފައި ނުވާއިރު ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއަށްދެ އެވެ.

ރާއްޖޭގައި ކޮވިޑް ފެތުރުން ގިނަވެފައިވާއިރު ކޮންމެ ދުވަހަކު ވެސް ކޮވިޑްގެ ގިނަ ކޭސްތަކެއް ދަނީ ފެންނަމުންނެވެ. އަދި ބައެއް ރަށްރަށުން މާލެއަށް ދަތުރުކުރާ ދޯނި ފަހަރާއި ބޯޓު ފަހަރުގައި މަސައްކަތް ކުރާ ކެޕްޓަނުންނާއި ފަޅުވެރިން ވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވެ އެވެ.