ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލޮކްޑައުން ޕްރޮޓޮކޯލް

އަމިއްލަ ގައުމުގައި ރެފިއުޖީންނަށް ވެފައި!

އާއިލާ ގޮވައިގެން މާލެ ބަދަލުވީ، ދަރިންނަށް ރަނގަޅު ތައުލީމު ދިނުމަށް އެ ނިޔަތުގަ އެވެ. އަމިއްލަ މާޒީއަށް ވުރެ ދަރިފުޅުގެ މުސްތަގުބަލަށް ފާގަތިކަމާއި ކުރިއެރުން ހޯދައި ދިނުމުގެ އަޒުމެއްގަ އެވެ. ރަށުގައި އޮތް ހިތްފަސޭހަ ދިރިއުޅުން ދޫކޮށް، އުނދަގުލާއި، ދަތިކަން އިހުތިޔާރު ކުރީ މަޖުބޫރު ވެގެނެވެ. ހުވަފެންތައް ރަށުގައި ހުރެގެން ހަގީގަތަކަށް ހެދޭނެ ގޮތެއް ނެތީމަ އެވެ. ދުވަހުގެ ބޮޑުބައި ވަޒީފާގައި އުޅެފައި، ބާކީ ވަގުތު އިތުރު މަސައްކަތެއް ނުކޮށް ދެކޮޅު ނުޖެއްސޭނެކަން ވެސް އެނގިހުރެ އެވެ. ހަމަ ނިދިވެ ވެސް ނުލިބޭނެ އެވެ. ލިބޭ މަދު ފައިސާކޮޅު ކުއްޔަށާއި ހަރަދަށެވެ.

މިއީ އަތޮޅުތަކުގެ ތެރެއިން މާލެއަށް ދިރިއުޅުން ބަދަލުކުރަންޖެހޭ އެތަކެއް އާއިލާއެއްގެ ހަގީގަތެވެ. ދަރީންނަށްޓަކަ އެވެ. އާމްދަނީ ހޯދޭނެ ގޮތެއް ނެތިގެނެވެ. ނޫނީ ދިގު މުއްދަތަކަށް ފަރުވާ ދޭންޖެހިފައިވާ ބައްޕައަށް ނޫނީ މަންމައަށްޓަކަ އެވެ.

އެހެން މީހުން ފަދައިން ފ. އަތޮޅުގެ ރަށަކަށް ނިސްބަތްވާ އުމުރުން 38 އަހަރުގެ އިބްރާހިމް މީގެ ދެ އަހަރެއްހާ ދުވަސް މާލެއަށް ބަދަލުވީ އޭނާގެ ދެ ދަރީންނަށް ކިޔަވައިދޭށެވެ. ދޮށްޓަށް ހުންނަ 15 އަހަރުގެ ދަރިފުޅަށް އޯލެވެލްގައި ރަނގަޅު ނަތީޖާއެއް ހޯދައިދީގެން މުސްތަގުބަލަށް އެންމެ ފުރަހަމަ ބިންގާއެއް އަޅައިދޭން ހިތު އަޅައިގެނެވެ.

ރަށުގައި އުޅުނު އުފާވެރި އަދި ފުދޭ ދިރިއުޅުން، ހުޅުމާލޭގެ އެއް ކޮޓަރީގެ ކުޑަ ކުޑަ އެޕާޓްމަންޓަކަށް ފުރޮޅައިލަން ޖެހުނީ، ގިނަ އެހެން މީހުން ފަދައިން މަޖުބޫރު ވެގެނެވެ. ހާލަތު ބަދަލުވުމުން ދެ ދަރިންނާއި، އޭނާގެ ކޮއްކޮ ނިންދަވަން ޖެހެނީ ކުޑަ ސިޓިންރޫމުގަ އެވެ. ދެބެން ދެ ޝިފްޓަށް ވަޒީފާ އަދާކޮށްގެން ވެސް ދެކޮޅު ޖައްސާލެވޭ ގޮތެއް ނުވެ އެވެ. އިތުރު އާމްދަނީ އެއް ހޯދަން ޑައިވިންގް ދޯންޏެއްގައި މަސައްކަތްކުރާ އިބްރާހިމަށް ލިބޭ ކުޑަ ހުސް ވަގުތު ކޮޅުގައި ސައިކަލް ޓެކްސީ ވެސް ކުރެއެވެ.

އެ ދަތި، އުނދަގޫ ދިރުއުޅުމަށް މިހާރު ވަނީ ވަރުގަދަ ތޫފާނެއް އައިސްފަ އެވެ. ކޮވިޑް-19 އިގެ ބަލިމަޑުކަން ރާއްޖޭގެ އުދަރެސް މުޅީން ބައްދާލުމުގެ މާ ކުރިން ގައުމުތަކުގެ ބޯޑަރުތައް ބަންދު ކުރި ހިސާބުން ރާއްޖޭގެ ޓޫރިޒަމަށް ލޮޅުން އެރުމާއެކު އިބްރާހިމްގެ އާއިލާއަށް އެ އަސަރުކޮށްފި އެވެ. މުސާރަ ލިބުން ދަތިވީ އެވެ.

ފަހުން ސްކޫލުތައް ބަންދުކޮށް، ދަރީންގެ ކިޔެވުން ހުއްޓުމަކަށް އައުމާއެކު، ބަނަ ކުރަމުންދިޔަ ކޮޅިގަނޑު އަރާ ހަމަކުރުމުގެ ކުރިން، ރައްކާވެ ތިބިއްޔާ ދަތުރު ކަމަށް ބަލައިގެން ރަށަށް ދިއުމުގެ ދަތުރު ހަދަން ނިންމި އެވެ. "ރަށަށް ދާށޭ" ބުނެ އޭރުވެސް ބައެއް ސިޔާސީ ލީޑަރުން ކުރެއްވި އިލްތިމާސް ވަގުތީ ގޮތުން ވިޔަސް އަޑުއަހަން އޭނާ ނިންމި އެވެ.

ރާއްޖޭގެ ހާލަތު އިތުރަށް ގޯސްވެއްޖެނަމަ، މުސާރަ ނުލިބި ކުއްލި ނުދެއްކޭނެ ކަމުގެ ހަގީގަތަށް ހޭ އަރައިގެން، އަލުން ސްކޫލްތައް ހުޅުވެންދެން، ރޯދައިގެ ކުރިން ދަރިންކޮޅު ގޮވައިގެން އެނބުރި ރަށަށްދާން ފޮށި ތަންމަތި ބަންނަން ފެށި އެވެ. ނަމަވެސް ކަން ދިމާވި ގޮތުން އިބްރާހިމަށް މިހާރު ކުރެވެނީ، ތަފާތު ސަބަބުތަކާހުރެ ނަމަވެސް، މާލޭގެ އާބާދީގެ ބޮޑު ބައެކޭ އެއް ފަދަ އިހުސާސެކެވެ. އެ ނޫން ގޮތަކަށް އަމަލު ކުރެވުނު ނަމައޭ އެވެ.

"ތަންކޮޅެއް ކުރިން ދެވުނު ނަމައޭ ހިތަށް އަރާ. އެކަމަކު ދެން އެނގޭ ކުއްލިއަކަށް އެހެން ނުވެސް ދެވޭނެކަން، ގޭގައި ހުރި އެއް ބައި ސާމާނު ރަށަށް ފޮނުވާވެސްލިން. ދެން މިއުޅޭ ތަނަށް ނޯޓިސް ދީފައި، ރޯދައިގެ ކުރީން ރަށަށް ދާން ހުރިހާ ކަމެއް ރާވައިގެން ތިބީ،" އިބްރާހިމް ބުންޏެވެ.

މިދިއަ މަހުގެ 15 ވަނަ ދުވަހު ކޮވިޑް-19 އިގެ ފުރަތަމަ ކޭސް ފެނުމާއެކު، މުޅި މާލެ ސަރަހައްދު ލޮކްޑައުންކޮށް، ވެރިރަށުން ފުރުން ވެސް މަނާކުރި އެވެ. ތިން ލައްކަ އެއްހާ މީހުނާއެކު، ގޭގައި ހިފާގެންގުޅޭ ގިނަ ސާމާނުތައް ރަށަށް ފޮނުވާލައިގެން ހުރި އިބްރާހިމް ވެސް އާއިލާއާއެކު ގޭ ބަންދަށްދާން މަޖުބޫރުވީ އެވެ.

"އަޅުގަނޑުމެންނަށް ވަރަށް ނަސީބު ދެރަކޮށް ލައްވާލީ. އޭޕްރީލް މަހުގެ ނިޔަލަށް ތަން ހުސްކޮށްފައި، ރަށަށް ދާން ގޭގެ އޯނަރަށް ނޯޓިސް ވެސް ދީފައި އޮންނާނީ. ފަރުނީޗަރު ކޮޅާއި ގިނަ ސާމާނުތައް ފޮނުވާލައިފިން. ކޮންމެހެން ބޭނުން ކުރަން ޖެހޭ ހަމަ ވަރަށް މަދު އެއްޗެއް ބެހެއްޓީ، ދާއިރު ގެންދަން،" އިބްރާހިމްގެ މާޔޫސްކަން އޭނާ ކިޔައި ދިނެވެ.

ލޮކްޑައުންކުރި ފުރަތަމަ ދުވަހުން ފެށިގެން، އިބްރާހިމް ދަނީ އެކި އިދާރާތަކަށް ގުޅާ، އޭނާގެ އާއިލާއަށް ކުރިމަތިވެފައިވާ ހާލަތު ހިއްސާ ކުރަމުންނެވެ. ރަށަށް ދެވޭނެ މަގެއް ހުޅުވައިދޭތޯ، އާދޭސް ކުރަމުންނެވެ.

މާޔޫސްކަންމަތީ ތިބޭތާ މަސް ދުވަސް ހަމަވާން ދަނިކޮށް، މާލޭގައި ތާށިވެފައިތިބި އަތޮޅުތަކުގެ މީހުނަށް ރަށަށް ދެވޭނެ އިންތިޒާމެއް ސަރުކާރުން ހަމަޖެއްސި އެވެ. އެ ފުރުސަތުގައި ނަން ނޯޓުކުރި ފަސް ހާހެއްހާ މީހުންގެ ތެރޭގައި އިބްރާހިމް ވެސް ހިމެނެ އެވެ. އެކަމަކު ލިބުނު އުފާވެރިކަން ދެމި އޮތީ ހިނދުކޮޅަކަށެވެ.

އެ އިންތިޒާމުގެ ދަށުން އުސޫލެއް ކަނޑައަޅާފައިވާއިރު، އިސްކަންދޭ ތަރުތީބެއް އޮވެ އެވެ. ލިސްޓުގެ ކުރީގައި ތިބީ ބޭސް ފަރުވާ ފަދަ ކަންކަމުގައި، ކުރު މުއްދަތަކަށް މާލެ އައިސް ތިބި މީހުނެވެ. މާލޭގައި ދިރިއުޅުން ބިނާ ކޮށްގެން ތިބި އިބްރާހިމް ފަދަ އާއިލާތައް އޮތީ ލިސްޓުގެ އެންމެ ފުލުގަ އެވެ.

"ދުވާލަކު ހައެއްކަ ފަހަރު އަޅުގަނޑު އެޗްޕީއޭއަށް ވެސް ގުޅަން. ކޮންމެވެސް މަގެއް ހޯދައިދޭތޯ. އަޅުގަނޑަށް ވެސް އެނގޭ ސަރުކާރަށްވެސް އުނދަގޫ ހާލަތެއްކަން. އެކަމަކު އަޅުގަނޑުމެންގެ ނިކަމެތިކަން މާ ބޮޑު. އަޅުގަނޑުމެން ގައިމު ވެސް ރަށަށް ދާން މިއުޅޭނީ ޗުއްޓީއަކަށް ނޫން،" މި ހަފުތާގެ ކުރީ ކޮޅު ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ކުރެއްވި އިލްތިމާސަށް އިޝާރާތްކޮށް އިބްރާހިމް ބުންޏެވެ.

ސަރުކާރުން ދޭ މައުލޫމާތުތަކަށް ބަލާއިރު، ރަށަށް އެނބުރި ދާން ރެޖިސްޓްރީ ކުރި ފަސް ހާހެއް މީހުންގެ ތެރެއިން، ކުރު މުއްދަތަކަށް އައިސް މާލޭގައި ތަށިވެފައި ތިބީ 1،600 އެއްހާ މީހުނެވެ. އެ ހުރިހާ އެންމެން ވެސް، ރަށަށް ދިއުމުގެ ކުރިން، ސަރުކާރުން ގެންދާ ކަރަންޓީނު ފެސިލިޓީއެެއްގައި 14 ދުވަސް ފުރިހަމަ ކުރަން ޖެހޭއިރު، ލިސްޓުގެ ފުލުގައި ތިބި ނަންތަކާ ހަމައަށް ދާނެ ދުވަހެއް ލަފާ ކޮށްލަން ވެސް ދައްޗެވެ.

އިބްރާހިމްގެ އަތްމަތި މިހާރު އެކީގައި ވަނީ ހުސްވެފަ އެވެ. އޭނާގެ ކޮއްކޮގެ މުސާރަ ވެސް ވަނީ ކުޑަކޮށްފަ އެވެ. ގިނަ އާއިލާތަކެކޭ އެއް ފަދައިން، އިބްރާހިމްގެ ކުޑަކުޑަ އާއިލާ ވެސް އާއްމުކޮށް ރޯދައަށް ދުރާލައި ތައްޔާރުވި އެވެ. ކުދީން ކާހިތްވާ ކަހަލަ ވައްތަރުތަކުން ކޮންމެ ދުވަހަކުވެސް ސުފުރާ މަތި ފުރާލަ އެވެ. ނަމަވެސް މިފަހަރު އެފަދަ އުފާވެރިކަމެއް ނެތެވެ. ބަރަކާތްތެރި މަހަށް މަރުހަބާ ކިޔާފައިވަނީ މާޔޫސްކަމާއި ހިތްދަތިކަމެއްގެ ތެރެއިންނެވެ. މިއަދު ސުފުރާ މަތި ވަނީ ޕާން ފޮއްޗަކާއި ބިސްކޯދު ކޮޅަކަށް ތިރިވެފަ އެވެ.

ދުވަހަކު ވެސް ހިތަށް ވެސް ނުގެނެވޭނެފަދަ ނިކަމެތި ހާލެއްގައި އޭނާ އާއި އާއިލާ އުޅެންޖެހިފައިވާ މަންޒަރު ވެސް ބަލަން މިއަދު ވަނީ މަޖުބޫރުވެފަ އެވެ. ލޮކްޑައުންކޮށްފައި އޮތުމުން ސައިކަލު ޓެކްސީ ކޮށްގެން ވެސް ފައިސާ ހޯދޭނެ ގޮތެއް ނެތެވެ. އަމިއްލަ ބުރަ މަސައްކަތުން، މާ ތަނަވަސް ނޫނަސް އޭނާ ބިނާ ކޮށްފައި އޮތީ ގަދަރުވެރި ދިރިއުޅުމެކެވެ. އެކަމަކު މިއަދު އޭނާ ވަނީ އާއިލާއަށްޓަކައި، ނާށިގަނޑު ދިއްކުރަން ޖެހިފަ އެވެ.

"ގޭގެ އޯނަރު ބުނީ ގެއިން ނެރޭކަށް ތިމަންނަ ނުދާނަމޭ. އެކަމަކު ކުލި ދައްކަން ޖެހޭނެއޭ. ދެން ކިހިނެއްތޯ ފަހުން ވިޔަސް އެއްޗެއް ނުލިބި އަޅުގަނޑު ކުލި ދައްކާނީ. އިތުރު ދަރަންޏެއް ބޮލުގައި އެޅެމުން މި ދަނީ. އަދި ކޮބައިތޯ ބިލުތައް؟ އަޅުގަނޑުމެންގެ ހާލު ކިޔައިދޭން ވެސް ނޭނގޭހާ ނިކަމެތި. މިހާރު ޖެންޑާގައި ރަޖިސްޓްރީ ކޮށްފިން ކާނެ އެއްޗެހި ހޯދަން،" އޭނާ ބުންޏެވެ.

މިއީ ހަމައެކަނި އިބްރާހިމްގެ އާއިލާގެ ވާހަކަ އެވެ. އެކަމަކު މާޔޫސްވެ ގޮތް ހުސްވެފައިތިބި، އިބްރާހިމް ފަދަ އެތައް ބައްޕައިންނެއް މާލޭގައި ތިބޭނެ އެވެ. އެއްވެސް ކޮޅެއްގައި ލައްވައިނުލާ މުޅީން ތަފާތު ބަންދެއްގައި ތިބެންޖެހިފައިވާ އަތޮޅުތަކުގެ އެތަކެއް އާއިލާއެކެވެ. މާލޭގައި ތިބެވޭނެ ގޮތެއް ނެތި، ރަށަށް އަނބުރާ ދެވޭނެ މަގެއް ނެތި، އަމިއްލަ ގައުމުގައި ބީރައްޓެހިވެ ރެފިއުޖީންނަށް ވެފަ އެވެ.