ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

ހަޔާތަށް ފަރުވާ: ދެން ނުރޮއްވާނަން!

މީގެ ހަމަ ދެތިން ހަފުތާއެއް ކުރި އެވެ؛ އެ ދުނިޔެއަކީ އަހަރެމެން ވަރަށް ދަންނަ ދުނިޔެކެވެ. އެ ދިރިއުޅުމަކީ އަހަރެމެންގެ ހަޔާތެވެ. އަމިއްލަ ނަފުސު އިސްކުރެވިފައި އޮތް ހަޔާތެކެވެ. ދުނިޔޭގައި އަރައިގެން ދެވޭނެ އެންމެ ކުރިއަކަށް ދިޔުމަށް ފައިއަޅުވާ އެތައް ބަޔަކު ފަހަތަށް ކޮށްޕާލަމުން ދިޔަ ހަޔާތެވެ. އެހެން މީހެއްގެ ހިޔާލެއް ފިކުރެއް ނެތި ބިޒީ ހަޔާތުގައި ދުނިޔެ ހޯދުމަށް އުޅެމުންދިޔައީ އިހަށް ދުވަހާ ހަމައަށް އެ އޮތް އެންމެން ދަންނަ ދުނިޔޭގަ އެވެ.

އާއިލާގެ މުހިންްމުކަން އޮތީ ފަނޑުވެފައި ނޫން ހެއްޔެވެ؟ މުސްކިޅު މާމަ، ކާފަ މަތިން ހަނދާނެއް ނުވެސް ހުރެއެއް ނޫން ހެއްޔެވެ؟ ގުޅާލިޔަސް ވަނީ ފޫއްސެއް ނޫން ހެއްޔެވެ؟ ގުޅާތޯ އިންތިޒާރުގައި ކަރުނަ ހިފަހައްޓާލައިގެން މަންމަ ކިހާ އިރަކު އިނދޭ ހެއްޔެވެ؟ ބައްޕަ އުފުލި ވޭނާއި އޮހޮރި ދަލުގެ މަތިން އަމްދުން ހަނދާންވާނެ ހެއްޔެވެ؟

ދަރިންނަށްޓަކައި މަސައްކަތް ކުރިޔަސް އެ ދަރިންނަށް ދޭނެ ވަގުތެއް ނޯވޭ ނޫން ހެއްޔެވެ؟ ފޯނަކާއި ޓީވީއެއް ދިނީމަ ދަރިންނަށް އެވީކަމަށް ބަލައިގެން ނޫޅެން ހެއްޔެވެ؟ އެމީހުންގެ ޝަކުވާތައް އަޑު އަހާލައި ލޯބިކޮށްލުމެއް ނެތެއް ނުން ހެއްޔެވެ؟ ކާ މޭޒު ދޮށުގައި އާއިލާ އެންމެން ތިއްބަސް ވާހަކައެއް ނުދެކެވެއޭ ނޫން ހެއްޔެވެ؟ އެމީހެއް އެމީހެއްގެ ފޯނަށް ގެއްލި ތިބި ހަނދާން ނުވޭ ހެއްޔެވެ؟ އެންމެ ކްލިކަކުން ހުރިހާ ކަމެއްވޭ ނޫން ހެއްޔެވެ؟ ދިރިއުޅުން އެހާ ވެސް ފަސޭހަ ނޫން ހެއްޔެވެ؟

އެކުގައި އުޅެ ބޮޑުވި ރައްޓެހިންގެ ފޯނު ކޯލްތައް ނުފެންނަ ކަމަށް ނުހަދަން ހެއްޔެވެ؟ ކަމަކު ކިޔާފަނެތީ މޫނު އަނބުރާ ނުލަން ހެއްޔެވެ؟ މީހުންނާ ބައްދަލުކޮށް ވާހަކަ ދައްކަންވާ ފޫހިން ގޭގައި ފިލާ ނޯންނަން ހެއްޔެވެ؟ ގޭދޮށު ފިހާރައިގައި އުޅޭ ބިދޭސީ މީހާއާ ދިމާލަށް ބަލައިވެސް ނުލާ ތުންދަމާފަހުރެ ވިޔަފާރިކޮށް ވެސް ހެދީމު ނޫން ހެއްޔެވެ؟

އަވަށްޓެރި ފަގީރު މީހާ ފެނުނަސް ގަންނަނީ ފަކުރެއް ނޫން ހެއްޔެވެ؟ ސަލާން ޖަހަން މަގުމަތީ ހުންނަ މީހާ ނުފެންނަ ކަމަށް ހެދީ ކިތައް ފަހަރު ހެއްޔެވެ؟ އެތައް ހާހަކުން ރުފިޔާ އޭޓީއެމްތަކުން ނަގައިގެން ނުކުންނައިރު އޭގެން ދިހަ ރުފިޔާ ގަނޑު ވެސް ދިއްކޮށްލުމަށްވުރެ މުށްބާރުކޮށްލުން އަހަރެމެންނަށް މުހިންމު ނުވި ހެއްޔެވެ؟

ދުނިޔޭގެ އާރާއި ބާރާއި މާލީ މަންފާ ހޯދަން އަވަދިނެތި އުޅުނު އަހަރެމެންނަށް ދުނިޔެއަށް އަޅާލެވުނު ހެއްޔެވެ؟ ޖެހޭ ދިމާލަކަށް ކުނި އުކީ ނޫން ހެއްޔެވެ؟ މޫދު، ޕްލާސްޓިކް ހާއްޔަކަށް ނަހަދަން ހެއްޔެވެ؟ ދިރޭ ތަކެއްޗަށް ބެހެއްޓީ ކޮން އޯގާތެރިކަމެއް ހެއްޔެވެ؟ ގެތައް އުފުލައި، މަގުތައް ތަރައްގީ ކުރުމަށް ކަނޑާ ތިރިކުރީ އަހަރެމެންނަށް ނޭވާ ދެމުންދިޔަ ބިޔަ ގަސްތައް ނޫން ހެއްޔެވެ؟

މީހަކާއިމެދު ނުވަތަ އެއްޗަކާމެދު އަޅާނުލިތާ އަމިއްލަ ހަށިގަނޑާމެދު އަމަލުކުރީ ކިހިނެއް ހެއްޔެވެ؟ ދުވުމާއި ހިނގުން އެއީ ކުރަން އެނގޭ ކަމަކަށް ނުވި ނޫން ހެއްޔެވެ؟ ސައިކަލްތަކާއި ކާރުތަކުން މަގުތައް ފުރާލީމު ނޫން ހެއްޔެވެ؟ މުޅި ޖައްވު ކިލަނބުކޮށްލީ ވެސް އަހަރެމެން ނޫން ހެއްޔެވެ؟ ދުމުގެ އެ ބޯކަމުގެ ތެރޭގައި ގުދުރަތުގެ ރީތި މަންޒަރުތައް ފުސްވެގެން ދިޔަ ނޫން ހެއްޔެވެ؟ ހަނދާއި ތަރިތަކުގެ އުޖާލާކަން ގެއްލުނު ނޫން ހެއްޔެވެ؟ މައްސަލައެއް ނެތްތާ އޭ ބުނަމުން ތަރިތައް ބަލަން އެރީ މަތިންދާބޯޓުތަކަށް ނޫން ހެއްޔެވެ؟ އެހާ ވެސް އަހަރެމެންގެ ކިބުރިވެރިކަމާއި ޖާހިލުކަން ބޮޑު ނޫން ހެއްޔެވެ؟

ފަހަރަކު ގައުމަކަށް ދަތުރު ކުރަމުން ދިޔައީ އެއީ ކިހާ ބޮޑު ނަސީބެއް ކަމުގައި ދެކިގެނެއް ނޫންކަން ހަނދާން އެބަ ހުރި ނޫން ހެއްޔެވެ؟ އެހެން މީހުންނަށް ފޮނި ދައްކާލައި އަހަރެމެންގެ އަތުގައި ފައިސާ ހުރިކަން ދައްކާލާން ކުރި ކަމެއް ނޫން ހެއްޔެވެ؟ އެވަރުގެ މޮޅު މީހެއް ދެން ނުހުންނާނެ ކަމުގެ ފޮނި ހިޔާލު ކޮންމެ މީހެއްގެ ވެސް ހިތާއި ސިކުނޑި ތެރޭގައި އެނބުރެމުން ދިޔައީ ކޮން ފަދަ ބާރު މިނެއްގައި ހެއްޔެވެ؟

އެކަމަކު، ހަމަ އެންމެ ވައިރަހެކެވެ. ލޮލަށް ވެސް ނުފެންނަ ހަމަ އެންމެ އެ ވައިރަހެވެ. އަހަރެމެން އެކަނިވެރިކޮށްލައިފި އެވެ. ގޭގައި ބަންދުކޮށްފި އެވެ. މާޔޫސްކޮށްލައިފި އެވެ. އަހަރެމެން ހަމަ ބިމަށް ތިރިކޮށްފި އެވެ. ޒައްރެއްހާ ކުޑަކުޑަ ވައިރަހެވެ.

ގޭގެތޭގައި ޖޯލިފަތީގައި އެކަނިވެރިވެ، އަނގައިގެން ބުނާނެ މީހަކު ނެތިފައި އިން މާމަ، ކާފަ މަތިން ހަނދާން އާވެއްޖެ އެވެ. އެމީހުންގެ އެކަނިވެރިކަމުގެ ލޮލުން އެ ފައިބާ ކަރުނައިގެ ވޭން ހިތަށް ވެރިވެއްޖެ އެވެ. މަންމަގެ އެ އިންތިޒާރުތަކާއި ފިކުރުތަކުގެ ވޭން އިހުސާސް ވެއްޖެ އެވެ. ބައްޕަ އުފުލި ވޭނާއި އޮހޮރި ދަލަކީ ލޭކަން އިހުސާސް ވެއްޖެ އެވެ. އެމީހުންގެ ލޮލުން އޮހޮރޭ އެ ކަރުނައް އަހަރެމެންގެ ލޮލުން ވެސް އޮހޮރެން ފަށައިފި އެވެ.

ފޯނާއި ޓީވީތަކާ ހެދި އަހަރެމެންގެ ދަރިން އަހަރެމެންނަށް ގެއްލިއްޖެ ކަމުގެ އިހްސާސް ކުރެވެން ފަށައިފި އެވެ. ދަރިންނާ ގާތް ގުޅުމެއް ނެތް ކަމުގެ ހިތި ފެންނަން ފަށައިފި އެވެ. ދަރިންގެ ދިރިއުޅުން ހަމައެކަނި ސްކްރީނަށް ބައްޓަންކޮށް، އެޅުނީ ޅަ އެއްޗެއްކަން އެނގިއްޖެ އެވެ. ވަރަށް ދެރަ އެވެ. އެ ދުނިޔެ އޮތީ އެހެނެވެ.

ފަގީރު މީހާއަށް ކުރެވޭ އިހްސާސްތައް މިއަދު އަހަރެމެންނަށް ވެސް އެބަ ކުރެވެ އެވެ. މާދަމާ ދަރިންނާއި މައިންބަފައިންގެ ތައްޓަށް ލައިދޭނެ ކާއެތިކޮޅެއް އޮންނާނެ ކަމުގެ ޔަގީންކަން ނެތުމަކީ ކިހާ ބޮޑު ހިތްދަތި ކަމެއްކަން މިހާރު އެބަ އެނގެ އެވެ. ކާނެ އެއްޗެއް ހޯދާނެ ގޮތެއް ފައިސާ ލިބޭނެ ގޮތެއް ނެތުމަކީ ކޮން ފަދަ ހިތްދަތިކަމަކާއި ވޭނެއްކަން އެބަ އެނގެ އެވެ. ދަރިން ބަނޑަށް ތިބޭތަން ދުށުމަކީ މައި ލަގޮނޑިއަށް ކެތްވާނެ ކަމެއް ނޫންކަން އަހަރެމެންގެ ލަގޮނޑިއަށް ވެސް އިހުސާސް ވެއްޖެ އެވެ. އާއިލާއާ ދުރުގައި ތިބެން ޖެހުމަކީ ކޮން ފަދަ ކަމެއްކަން އިހުސާސްވާން ފަށައިފި އެވެ.

ބިދޭސީން އުޅެމުން އެދާ ނިކަމެތި ހާލު ފެނި ހިތަށް އަސަރު ކޮށްފި އެވެ. އެމީހުން ގައުމުގައި ދޫކޮށްފައި އައި މައިންބަފައިންނާއި ދަރިންނާމެދު އެމީހުން ވިސްްނާނެ ވަރު ހިތަށް ގެނެވިއްޖެ އެވެ. ދުވަހަކު ސަލާން ނުޖަހައި އެމީހުން، ސަލާން ޖެހުމަށް އަތް ދިއްކޮށްލާނީ ކިހާ ވަރެއްވުމުންކަން އިހުސާސްވެއްޖެ އެވެ. ގައިން ހީބި ނަގައިފި އެވެ. ރޮވިއްޖެ އެވެ. ހިތުގައި ޖެހި ވަރަށް އަސަރު ވެސް ކޮށްފި އެވެ.

މައިންބަފައިންނާއި އާއިލާ އެހެން މީހުންނާއި ރައްޓެހިންނާ ބައްދަލުކޮށް ވާހަކަ ދައްކައި، ހީސަމާސާކޮށް ގުޅުން ބަދަހިކަމުގެ މުހިންމުކަން "ޒޫމް"ގެ ވީޑިއޯ ކޯލްތަކުން ދަސްކޮށްދީފި އެވެ. ދުރުގައި ތިބެ އެހަނަސް ގާތުން އުޅެވޭނެކަން އެނގިއްޖެ އެވެ. ގޭމް މުބާރާތްތަކާއި މޫވީ ނައިޓްތަކުގައި ދުރުގައި ތިއްބަސް މުޅި އާއިލާ ޝާމިލް ކުރެވޭނެކަން އެނގިއްޖެ އެވެ. މަންމަ އާއި ބައްޕަ ވަކި އެކަނިކޮށް ނުލާންވީކަން އެނގިއްޖެ އެވެ. އެމީހުންނަށް ވެސް ގޭމް ދަސްކޮށްދީ، ފިލްމްތައް ވެސް ދައްކަންވީކަން އެނގިއްޖެ އެވެ.

ދުނިޔެ، ގޮވަމުންދާ ގޮވުންތަކާއި ތަހައްމަލު ކުރަމުންދާ ވޭންތައް ވެސް އެނގި ސާފުވެއްޖެ އެވެ. ނޭވާލާން ދުނިޔެއަށް ވަގުތުވެއްޖެ އެވެ. ޖައްވު ސާފުވެއްޖެ އެވެ. ގުދުރަތުގެ ރީތިކަމުގައި އަޅުވާފައި އޮތް ފުސްކަން ފިލަން ފަށައިފި އެވެ. ރީތި ތަރިތަކާއި ހަނދު، އެ އުޖާލާވާން ފަށައިފި އެވެ. ދޫނިސޫފާސޫފިތަކުގެ ރީތި ނަލަނަލަ ލަވަތަކުން ދުނިޔެ ގުގުމާލީ، ކާރުތަކުގެ ބަރުގޮނުގެ ބަދަލުގަ އެވެ. މޫދަށް އެއްލާލި ޕްލާސްޓިކް ކޮތަޅު ތެރޭ ބަންދުވެ، ބޭރަށް ދެވޭނެ ގޮތެއް ނުވެ މަރުވެ ދިޔަ މަސްމަހާ މެހިވާނެ ހާސް މިހާރު އެނގެ އެވެ. ގުދުރަތުގެ ރީތިކަމާއި އެ ރީތިކަން އިހުސާސް ކުރަން ލިބުމަކީ ނިއުމަތެއްކަން މިހާރު އެނގެ އެވެ.

ހަށިގަނޑުގެ ދުޅަހެޔޮކަމާއި ސިކުނޑީގެ ހިތްހަމަޖެހުމުގެ މުހިންމުކަން އިހުސާސްވާން ފެށީ، އަބަދު ސޯފާގައި އިށީނދެ އިންނަން ޖެހުނީމަ އެވެ. ފުރިހަމަ ސިއްހަތެއް ނުލިބިފައިވުމަކީ ކިހާ ބޮޑު ނަސީބެއްކަން އިހުސާސް ކުރެވިއްޖެ އެވެ. ހޮސްޕިޓަލްތަކާއި އެމްބިއުލާންސްތަކުގެ އަޑަކީ އަހަން ބޭނުން ނުވާ އަޑެއްކަމުގެ އިހުސާސް ކުރެވިއްޖެ އެވެ. އާއިލާގެ އެންމެން ރަނގަޅު ސިއްހަތެއްގައި ބޭތިއްބުމަކީ އެންމެ މުހިންމުކަންކަން އެނގިއްޖެ އެވެ. އެމީހުންގެ ރައްކާތެރިކަމާމެދު ވިސްނި، ކަންބޮޑުވާން ފަށައިފި އެވެ. އެކަމާ ފިކުރު ކުރެވެން ފަށައިފި އެވެ.

އަހަރެމެން ދިރިއުޅުމުގައި ފަހަށް ކުރަން ނޫނީ މުހިންމުކަން ނުދިން ކަންކަން މިހާރު ކުރަން ވަގުތު ލިބިއްޖެ އެވެ. ނެށުމާއި ކެއްކުމާއި ކަސްރަތު ކުރުމާއި ލަވަ ކިޔުމާއި ގަސް އިންދުމާ މިހެން ގޮސް އެތައް ކަމެކެވެ. ކާރާއި ސައިކަލް ތަޅުދަނޑިއަށް ހިރަސްފުސް އަރައި، ގޭގައި ދުވެލުމާއި މަޖާކޮށްލަން ވަގުތު ލިބިއްޖެ އެވެ. ހިނިތުންވާނެ ގޮތް އަލުން ދަސްވެއްޖެ އެވެ. ޝުކުރު އަދާކުރަން ވެސް ދަސްވެއްޖެ އެވެ. އެންމެ ކްލިކަކުން ކަންކަން ނުވި ނަމަވެސް ހިތްހަމަޖެހުން ލިބެން ފަށައިފި އެވެ.

މިހާރު ހުރިހާ ކަމެއްގެ އިހުސާސް އަހަރެމެންނަށް މި ކުރެވެން ފެށީ ވައިރަހުގެ ބިރަށް ވަދެ ގޭގައި ބަންދުވި ސިކުންތުން ފެށިގެންނެވެ. އާ ދުނިޔެއެއްގެ މަލަމަތި އަހަރެމެންނާ ބައްދަލުކުރި ދުވަހުން ފެށިގެންނެވެ. ކުޑަކުޑަ ވައިރަހަކުން އަހަރެމެންގެ ދިރިއުޅުން ބަދަލުކޮށްލައި ލޯތައް ތެންމާލި ފަހުންނެވެ. އަހަރެމެންގެ މުޅި ދިރިއުޅުން ހުއްޓުވާލައި މި ވައިރަސް ނަގައިދީފައިމިވަނީ އަގުހުރި ހަޒާނާއެކެވެ.

މި ހަޒާނާއިން ލިބުނު ޖަވާހިރުތަކުގެ ބޭނުން ހިފައި ދެން އަހަރެމެންގެ ދިރިއުޅުން ބައްޓާނެ ކުރާނެ ގޮތް އޮތީ ވެސް ހަމަ އަހަރެމެންގެ އަތްމަތީގަ އެވެ. މާމަ، ކާފަ ނޫނީ މަންމަ، ބައްޕަ އެކަނިކޮށް ދޫކޮށްލާނީތޯ ނޫނީ މިހާރު ވީޑިއޯ ކޯލް ތިޔަކުރާ ގޮތަށް އަބަދުވެސް އެކަން އެގޮތަށް ކުރަމުން ގެންދާނީތޯ އަވަހަށް ނިންމާށެވެ. އެމީހުން ދެން އަނެއްކާ އެކަނިވެރިކޮށްލައިފިނަމަ އެމީހުންގެ ދުނިޔެ ހުއްޓޭނެ އެވެ.

އަހަރެމެންގެ "ނިއު ނޯމަލް"އަކީ ދުނިޔެގެ ޖާނާއި މާލު ފަހަތުން ދުވުންތޯ ނޫނީ، ފާގަތި ހިތްހަމަޖެހޭ އަމިއްލަ ދުނިޔެއެއް ބިނާ ކުރުންތޯ ވެސް ހަމަ ނިންމާނީ އަމިއްލައަށެވެ. ހާލުގައި ޖެހޭ މީހުންނަށް އަޅާލާނީތޯ ނޫނީ އެމީހުންގެ މަތިން ހަނދާން ނައްތާލައި ކުރިން އުޅުނު ޖާހިލު ކަމުގެ ތެރެއަށް ވެއްޓިގަންނާނީތޯ ވެސް ނިންމާނީ އަމިއްލައަށެވެ. އާއިލާ އާއި ރައްޓެހިންނަށް ވަގުތު ދޭނީތޯ ނޫނީ ދެން ވެސް ފަހަށްފަހަށް ކިޔާލަކިޔާލަ ތިބޭނީތޯ ވެސް ނިންމަން އޮތީ ހަމަ އަހަރެމެންނަށެވެ.

ކޮރޯނާ ވައިރަސް ދުނިޔެ ދޫކޮށް ގޮސް އަހަރެމެންނަށް އަލުން ގެއިން ބޭރަށް ނުކުނަން ލިބޭ ވަގުތު، ފިޔަވަޅު އަޅާނީ އިހުގެ ދުނިޔެއަށްތޯ ނޫނީ ގޭގައި ތިބެ އިހުސާސް ކުރެވުނު އާ ދުނިޔެއަށްތޯ ނިންމާނީ ހަމަ އަހަރެމެންނެވެ. ބުނެވެން އޮތީ ހަމަ އެންމެ ވާހަކައެކެވެ. ކޮރޯނާ ވައިރަހުގެ ފަރުވާއެއް އަދި ނެތެވެ. އެކަމަކު ކޮރޯނާ ވައިރަސް އަހަރެމެންނަށް ފަރުވާ ދައްކަދީފި އެވެ. ދިރިއުޅުމުގެ ފަރުވާ އިހުސާސް ކުރުވައިދީފި އެވެ. އެ ފަރުވާއާއެކު ދިރިއުޅެމާ ހެއްޔެވެ؟