ހެނދުނު ހޭލާ ގޮތަށް، ޝިހާބު ހިނގާލާފައި އެ ދަނީ ޓެކްސީއަށް އަރާށެވެ. ފޫހިކަމެއް ނެތި އޭނާ މި މަސައްކަތް ކުރާތާ 18 އަހަރު ވެއްޖެ އެވެ. މި ހުރިހާ ދުވަހު އޭނާގެ މުޅި ދިރިއުޅުން ބެލެހެއްޓީ ޓެކްސީކޮށްގެނެވެ. ލ. ގަމަށް، އުފަން ޝިހާބު މާލޭގައި ކުއްޔަށް އުޅޭ ގޭގެ ކުލި ދައްކަނީ ވެސްޓެކްސީގެ އާމްދަނީންނެވެ. އަނބި ދަރިންނަށް ކާން ދެނީ ވެސް އެ މަސައްކަތުންނެވެ. އެ މަސައްކަތުން ހޯދި އާންދަނީން އެއް ކުރި ފައިސާ އިން ދެ ކުދިން ތިބީ ބޭރަށް ކިޔަވަން ފޮނުވާފަ އެވެ. ހަމަ ކޮންމެ ދުވަހެއްގެ ހެނދުނު އިރުއަރާ ތަނުން ޓެކްސީއަށް އަރަން ޝިހާބަށް މަޖުބޫރު ވަނީ ވެސް އެހެންވެ އެވެ. އެންމެ ދުވަހެއް ވެސް ވައްޓާލައިފި ނަމަ ދިރިއުޅުމަށް ބޮޑު އަސަރެއް ކުރުމުގެ ބިރު އޮންނާތީ އެވެ.
ޗައިނާގެ، ވުހާން ސިޓީން ނުކުތް ކޮރޯނާ ވައިރަހާއެކު ދުނިޔޭގެ އާބާދީއަށް ކުރި އަސަރު ޝިހާބާ ހަމައަށް ވެސް ވަނީ ފޯރާއެވެ. މިހާތަނަށް ފަރުވާއެއް ހޯދިފައި ނުވާ ބައްޔާއެކު އޭނާގެ ދިރިއުޅުން ވެސް ވަނީ ފުން ވަޅުގަނޑެއްގެ ތުންފަތް މައްޗާ ހަމައަށް ގެންގޮސްފަ އެވެ.
ކުރިން ކާރު ދުއްވައިގެން ދުވާލެއްގެ މައްޗަށް ހަރަދު ކަނޑާ ހާހެއްހާ ރުފިޔާ ލިބުނަސް މިހާރު އެންމެ ގިނަ ވެގެން ވެސް ލިބެނީ ދުއިސައްތައެއްހާ ރުފިޔާ އެވެ. ޝިހާބު ފަދަ އަމިއްލަ މަސައްކަތް ކުރާ އެތައް މަސައްކަތްތެރިންނެއް މި ހާލަތުގައި ތިބި އިރު، ކުރިން ލައްކަ އިން އާމްދަނީ ހޯދި ވިޔަފާރިތައް ވެސް ތިބީ ގާތްގަނޑަކަށް މި ހާލުގަ އެވެ. ވިޔަފާރި ދަށްވެ، އެތައް ބައެއްގެ ވަޒީފާ ނުރައްކަލުގެ ތެރެއަށް ވެއްޓި އެންމެނަށް ވެސް މިތިބީ ހަތަރު އަނގޮޅިއެއްގެ ކަންމައްޗަށް ނުކުމެވިފަ އެވެ. ހުރިހާ އެންމެންގެ ދިރިއުޅުމުގައި ވެސް މިހާރު ވަށާލާފައި ވަނީ ކޮވިޑް-19 އިގެ އިގްތިސޯދީ ތަދުމަޑުކަމެވެ.
"ސުނާމީގައި ވެސް، އަދި މިއިން އެއް ވެސް ދުވަސްވަރެއްގައި މި ވަރުގެ ކަމެއް ދިމަލެއް ނުވޭ. މިއީ އަޅުގަނޑުގެ ހަޔާތުގައި ދިމާވި އެންމެ އަތްމަތި ދަތި އަދި އެންމެ ހިތްދަތި ދުވަސްތައް،" އުމުރުން 56، އަހަރުގެ ޝިހާބު، ހާލަތު ސިފަ ކޮށްދެމުން ބުންޏެވެ.
މިއީ ގިނަ ޓެކްސީ ޑްރައިވަރުންގެ ހާލަތެވެ. އެ މީހުންގެ އާމްދަނީ ބިނާވެފައި އޮންނަނީ އެ ދުވަހަކު ލިބޭ އެއްޗެއްގެ މައްޗަށެވެ.
ހަލަބޮލި، އޮއްވަޅު ގޮނޑިއެއް ފަދަ މާލޭގެ މަގުތަކުގައި ޑްރައިވަރުން ކާރުގައި ކޮންމެ ދުވަހަކު ދުއްވައިގެން ލިބޭ އާމްދަނީ ވެފައި އޮންނަނީ އެ މީހުންގެ އާއިލާތަކުގެ ދިރުމަށެވެ. އެކަމަކު މިހާރު ޓެކްސީއަށް އަރާ މީހުން މަދުވުމުގެ ސަބަބުން ގިނަ ޑްރައިވަރުންގެ އާމްދަނީ ވަނީ ބޮޑު ތަނުން ދަށަށް ވެއްޓިފަ އެވެ. މިހާރު ދަނީ ދެކޮޅު ނުޖެހިގެނެވެ. މި ހާލަތަށް ކެތް ނުކުރެވިގެން ބައެއް ޑްރައިވަރުން ކާރުގެ ވެރިންނާ ވެހިކަލް ހަވާލުކޮށްފައި ރަށްފުށު ދިރިއުޅުމާއިގެން ކުރިޔަށް ދާން އަމިއްލަ ރަަށަށް ވެސް ބަދަލު ވެއްޖެ އެވެ.
ރާއްޖޭގެ އިގްތިސޯދުގެ އެއްކޮށް ބަރޯސާވެފައި އޮންނަނީ ޓޫރިޒަމް ސިނާއަތަށެވެ. ހާއްސަކޮށް ޓޫރިޒަމްއާ ގުޅުން ހުރި ވިޔަފާރިތަކުގެ މައްޗަށެވެ. ޓޫރިޒަމް ސިނާއަތަށް އަރާ ކޮންމެ ލޮޅުމެއްގެ އަސަރު އެންމެ ފުރަތަމަ ކުރާ ބަޔަކީ އެ ވިޔަފާރިއާ ގުޅިފައިވާ ކުދި ބޮޑެތި ވިޔަފާރި ތަކެވެ.
ހަނދާނީ ހަދިޔާ ނުވަތަ "ސުވެނިޔަ" ވިޔަފާރިއަކީ މި ފަދަ ނާޒުކު އެއް ވިޔަފާރި އެވެ. މާލެ ތެރެ ހަލަބޮލިވެ، ސިޔާސީ ހަލަބޮލިކަން ވެރިވެރިވާ ދުވަސްވަރު މި ވިޔަފާރީގައި ބުރަކި ޖެހިގެންދެ އެވެ. ކޮވިޑް-19 އާ ގުޅިގެން މިހާރުގެ ހާލަތުން ވެސް އެންމެ އަވަހަށް ގެއްލުންވި އެއް ބަޔަކަށް އެ މީހުން ވާނެ އެވެ. ރިސޯޓުތަކުން މާލެއަށް މީހުން ފޭބުން މަދު ކުރުމާއެކު މި ހުރިހާ ވިޔަފާރިއެއް ވަނީ މުޅީން ހުއްޓިފަ އެވެ.
ސުވެނިޔަ ފިހާރަތަކުގެ ވިޔަފާރި ދަަށް ވުމުން ގިނަ ފިހާރަތައް މިހާރު ވެސް ހުރީ ބަންދުކޮށްފަ އެވެ. އެ ފަދަ އެއް ފިހާރައަކީ "ކާށި ބޯޓު" ފިހާރަ އެވެ.
އެ ފިހާރަ ހިންގުމުގައި އިސްކޮށް އުޅުއްވާ އަހުމަދު ފިރާގު ވިދާޅުވި ގޮތުގައި މި ހާލަތުގައި މިހާރު ކުރެވޭނެ މާ ގިނަ ކަމެއް ވެސް ނެތެވެ. މި މަހު ފިހާރައިގެ ކުލި ދެއްކުނު ނަމަވެސް ކުރިއަށް އޮތް މަސްތަކުގައި ކުލި ދެއްކޭނެ އެއްވެސް ގޮތެއް އޭނާއަކަށް ނުފެނެ އެވެ.
"ހުރިހާ ހަރަދުތަކަށް މަހެއްގެ މައްޗަށް ދެ ލައްކައެއްހާ ރުފިޔާ އެބަދޭ. މިހާރު އެ އަދަދު ހޯދޭނެ ގޮތެއް ނެތް!" ފިރާގު ވިދާޅުވި އެވެ.
ރާއްޖެއަށް ޓޫރިސްޓުން ގެނައުމުގައި އެންމެ އިސްކޮށް އުޅެނީ ޓްރެވަލް ކުންފުނި ތަކެވެ. ހާއްސަކޮށް ދިވެހި ޓްރެވަލް ކުންފުނިތަކެވެ. މި ދާއިރާގައި ދުއިސައްތައެއްހާ ކުންފުނި ހަރަކާތެރިވާއިރު ދާއިރާގައި ދެހާހަށް ވުރެ ގިނަ މީހުން މަސައްކަތް ކުރެ އެވެ. އަދި އޭގެތެރޭގައި 1500 އަށް ވުރެ ފިނަ ދިވެހިން އުޅެ އެވެ.
މިހާރުގެ ހާލަތުން އެންމެ ބޮޑު ވޭނެއް ކުރިމަތިވާ ވިޔަފާރިއަކަށް ޓްރެވަލް ވިޔަފާރި ވެއެވެ. ބޭރުގެ ޓްއާ އޮޕަރޭޓަރުންނާއި ރާއްޖޭގެ ރިސޯޓުތަކަށް ވިޔަފާރި ބަރޯސާވެފައިވާ ޓްރެވަލް ގިނަ ކުންފުނިތައް މިހާރު ވެސް ވަނީ މަސައްކަތް ހުއްޓާލައި ބަންދުކޮށްފަ އެވެ. އޭގެ އެއް ކުންފުންޏަކީ ރާއްޖޭގެ މަޝްހޫރު ޓްރެވަލް ކުންފުންޏެއް ކަމަށްވާ ލެޓްސްގޯ މޯލްޑިވްސް އެވެ. އެ ކުންފުނީގެ ދަށުން އެކި ވިޔަފާރިތައް ކުރި ނަމަވެސް ވަމުންދާ ގެއްލުމާއެކު ފޯކާސްޓް ކުރަން ނޭނގޭތީ ހަރަދު ކުޑަ ކުރަން އެ މީހުންގެ ގިނަ އޮފީސްތަކެއް ވަނީ ބަންދުކޮށްފަ އެވެ.
އެ ކުންފުނީގެ ވެރިޔާ، މުހައްމަދު ރިޔާޒު ވިދާޅުވި ގޮތުގައި ކުންފުންޏަށް އޮތް ގެއްލުމުގެ ކޮޅެއް ވެސް ނެތެވެ. އަދި މި ގެއްލުމުން އަރައި ގަތުމަށް އަވަސް ވެގެން ވެސް އަހަރެއްހާ ދުވަސް ނަގާނެ އެވެ
"އަންދާޒާ ކުރާކަށް ނޭނގެ މިކަމެއް ފިލައިގެން ދާނެ ދުވަހެއް. މީގެ ބިރުވެރި ކަމަކީ ރާއްޖެ ހުޅުވާލެވޭނެ ދުވަހެއް ނޭނގުން. ގެސްޓުން އަންނަން ތިބި ގައުމުތައް ހުޅުވާލެވޭނެ ދުވަހެއް ނޭނގުން. ސަރުކާރުން ލުއި ދީ، ބޭންކުން ލޯނު ފަސްކޮށް ދިނަސް ކުރެވޭނެ މާ ބޮޑު ކަމެއް ނެތް. އޭގައި ވެސް އިންޓްރެސްޓް ކޮމްޕޯނެންޓެއް އިނީމަ ކޭޝް ފްލޯ އަށް އަންނަ އިތުރު ބާޑަން އަކަށްވާނީއެ. އެހެންވެ ކުރާނެ ކަމެއް ނޭނގިފަ މި ތިބެނީ،" ރިޔާޒު ވިދާޅުވި އެވެ.
ވިޔަފާރިތަކާއި، ފިހާރަތާ، ކުންފުނިތަކަށް ވުރެ މި މީހުންނަށް މިހާރު އިގްތިސޯދު ވެއްޓިފައިވާ ވަޅުގަނޑުގެ ސަބަބުން ލިބޭ ގެއްލުން ބޮޑެވެ. އެއީ، ރާއްޖޭގެ ލޯކަލް އާޓިސްޓުންނެވެ. އެކި ހަފުލާތަކާއި ޕާޓީތައް ފަޅު ފިލުވައިދޭ، މި ހުނަރުވެރިން ވެސް ތިބީ އެންމެ ބޮޑު ވިޔަފާރިއެކޭ، ނޫނީ އެއަށްވުރެ ދެރަ ހާލަތުގަ އެވެ. އެއްވެސް ޒަމާނެއްގައި އާޓިސްޓުންނަކީ މާ ގިނަ ފުރުސަތު ތަކެއް ދެމުން ގެންދިޔަ ބައެއް ވެސް ނޫނެވެ. އެ މީހުންގެ އިންޑިވިޖުއަލް ހުނަރުގެ ސަބަބުން ދެމި ތިބީ އެވެ.
މި ފަދަ އާޓިސްޓުންނަށް މިއަދު ވެސް އެކަށީގެންވާ އަގެއް ނުލިބެ އެވެ. އަދި ކޮވިޑް-19 އާ ގުޅިގެން ހަތަރު އަނގޮޅި އަކަށް "ގެންގޮސްފައި" ތިބި އެއް ބަޔަކީ ވެސް އާޓިސްޓުންނެވެ. ބައެއް އާޓިސްޓުން ކުރިން ކުރި މަސައްކަތަށް ލިބެން ޖެހޭ ފައިސާ ހުރީ ނުލިބި އެވެ. ސަރުކާރުގެ ތެރޭގައި ވެސް އެ ފަދަ ގިނަ ފައިސާ ތަކެއް "ތާށި" ވެފައި ހުއްޓައި، މި ހާލަތުގެ ލައްވާލުމުން އެމީހުންގެ ބަލި ރިހޭ ފައިމައްޗަށް ވަނީ ބަރު ފޮއި ވެއްޓިފަ ވެ. މި ގެއްލުމުގައި މަޝްހޫރު މީހެއް، އަރާ ތަރިއެއް ފަރަގެއް ނެތެވެ.
ރާއްޖޭގެ ލަވަކިއުންތެރިޔާ ކަމަށްވާ ޝަލަބީ އިބްރާހިމް ބުނި ގޮތުގައި މިހާރުގެ ހާލަތުގެ ވޭން އޭނާ އަށާއި އެ ދާއިރާގެ އެންމެނަށް ވަރަށް ބޮޑެވެ. އޭނާ ވެސް މިހާރު ހުރީ ހަދާނެ ގޮތް ހުސްވެފަ އެވެ. ގެއްލުން ބޮޑު ކޮވިޑް-19 އިގެ އިގްތިސޯދީ ދަތު އޭނާގެ ދިރިއުޅުމުގައި ވެސް ވަނީ ވަށާލާފަ އެވެ.