ދުނިޔޭގެ އެންމެ ބޮޑު އާބާދީ ކަމަށްވާ ޗައިނާގެ ވޫހާން ސިޓީން އުފަންވި ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އަކީ ދުނިޔެއަށް މެދުވެރިވި "ޕެންޑަމިކެ" އް ނުވަތަ ބޮޑު ބަލާއާފާތެއް ގޮތުގައި ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ކަނޑައަޅާކަށް މާ ގިނަަ ދުވަހެއް ނުނެގި އެވެ. ދުނިޔެ ހައިރާންކޮށް ސިއްސުވާލައި އެހާ ހަލުއި މިނުގައި މުޅި ދުނިޔެއަށް ޖަހައި ދަމާލި ރާޅެއް ފަދައިން އެ ވައިރަސް ފެތުރިގެނެ މިއަދު އެ ބޮޑު ބަލާއާފާތް ވަނީ ރާއްޖޭގެ ގޮނޑު ދޮށަށް ވެސް ބީއްސާލާފަ އެވެ.
ސިއްހީ ދާއިރާގެ ގާބިލްކަން ކުޑަ އަދި އިގްތިސޯދީ ގޮތުން ނިކަމެތި މި ދިވެހި ރާއްޖެއަށް، އާންމު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ގެނެސް ބޮޑެތި ފިޔަވަޅުތައް އަޅަން ވަނީ މަޖުބޫރު ވެފަ އެވެ. މިދިޔަ ދެ ހަފުތާގެ ތެރޭގައި ހުރިހާ ސްކޫލުތަކާއި ކޮލެޖުތަކާއި މިސްކިތްތައް ބަންދުކޮށްފި އެވެ. ވެރިރަށް މާލޭގައި މީހުން އާންމުކޮށް އެއްވެ އުޅޭ ހުރިހާ ތަނެއްގައި "ޓޭޕު ދަމާ" ވަނުން މަނާކޮށްފި އެވެ. އެއްފަހަރާ އެތައް ސަތޭކަ ބަޔަކު އެއްވާނެ، ބޮޑު ލޯކަލް ކައުންސިލް އިންތިހާބު މުއްދަތެއް ނެތް ގޮތަށް ފަސް ކުރަން މަޖުބޫރުވެއްޖެ އެވެ.
ސަރުކާރާއި އަމިއްލަ އޮފީސްތަކާއި ފިހާރަތައް ބަންދު ކުރުމަށާއި މުއާސަލާތީ ވަސީލަތްތަކާއި އިންޓަނެޓު ހިލޭ ކުރަން އާންމު ރައްޔިތުން ގެންދަނީ ގޮވާލަމުންނެވެ. ބިލުތަކާއި ކުލިތައް ކަނޑާލަން ވެސް ދަނީ އެދެމުންނެވެ.
ނަމަވެސް މި ބަލާއާފާތުން ސަލާމަތްވެވޭނެ ދުވަހެއް ނުވަތަ އެއަށް ވެކްސިނެއް އުފައްދާ ފަރުވާއެއް ހޯދަން ނަގާނެ މުއްދަތެއް ދުނިޔެއަށް ވެސް އަދި އެނގިފައެއް ނެތެވެ. އެހެންކަމުން މުޅި ރާއްޖެ ލޮކްޑައުންއަކަށް ގޮސްފި ނަމަ އަދި އެގޮތުގައި އޮންނަން ޖެހިއްޖެ ނަމަ މި ރާއްޖޭގެ އިގްތިސޯދަށާއި ރައްޔިތަށް ކެތް ވާނެތޯ ނޫންތޯ ސުވާލު އުފެދެ އެވެ.
ހަމައެގޮތަށް މީހުނައިގެން ތޮއްޖެހިފައިވާ މި މާލޭ ސީޓީ އާއި އެހެން ރަށްރަށަށް ކޮރޯނާވައިރަސް ފެތުރިގެންފި ނަމަ ގައުމުގެ ހާލަތު ވެއްޓޭނީ ކޮން ދަރަޖައަކަށް ކިހާ ހިސާބަކަށް ހެއްޔެވެ؟ އެ ހާލަތު ދިވެހި ރާއްޖެއާ ލައްވާކަން އޮތީ ކިހާ ވަގުތެއް ހެއްޔެވެ؟ ކޮރޯނާ ވައިރަހާ ދެކޮޅަށް ދިވެހިންނަށް އެއްވެސް ކަމެއް ކުރެވިދާނެ ހެއްޔެވެ؟
އަޑިއަށް ދާނެ، ވިސްނަންވީ ދެން ކުރާނެ ކަމަކަށް!
ރާއްޖޭގެ އާމްދަނީ މައިގަނޑު ގޮތެއްގައި ހިފަހައްޓަނީ ދެތިން ކަމަކުންނެވެ. އެންމެ ބޮޑު ހިއްސާއެއް މި އޮންނަނީ ފަތުރުވެރިކަމުގެ ދާއިރާގަ އެވެ. ބޭރު ފައިސާގެ 70 ޕަސަންޓަކީ ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ އާމްދަނީ އެވެ. އޭގެ އިތުރުން މަސްވެރިކަމުގެ ސިނާއަތުގެ ތެރެއިން އެކްސްޕޯޓު ކޮށްގެން މާ ބޮޑު ނޫނަސް ރާއްޖެއަށް އާމްދަނީއެއް ލިބެ އެވެ. އިގްތިސޯދު ހިފަހައްޓާ، ރިޒާވް އާއި ހުރިހާ އެއްޗެއް ދެން ބިނާވެފައި އޮންނަނީ ރައްޔިތުންނާއި ވިޔަފާތިތަކުން ނަގާ ޓެކްހުންނެވެ.
ބަލާއާފާތެއްގެ ގޮތުގައި ކޮރޯނާ ވައިރަސް ފެތުރުމާ ގުޅިގެން ބައެއް ފަރާތްތަކުން ބުނާ ގޮތުން އޭގެ ސަބަބުން ދައުލަތަށް ލިބޭނެ އެންމެ ބޮޑު ގެއްލުމަކީ ރިސޯޓުތައް ބަންދު ކުރުމެވެ. އެހެން ނަމަވެސް ހަގީގަތުގައި އިގްތިސޯދަށް ލޮޅުން އަންނާނީ ރިސޯޓުތައް ބަންދު ކޮށްގެނެއް ނޫނެވެ. ރާއްޖެއަށް އޮތީ ރިސޯޓުތައް އަބަދަށް ފަޅުވެސް ވެދާނެ ކަމުގެ ބޮޑު ބިރެކެވެ.
މުޅި ދުނިޔެ ގޮވާލަނީ އެއްވެސް މީހަކު ގައުމުތަކަށް ދަތުރު ނުކުރުމަށެވެ. އެއާޕޯޓްތައް ފަދަ ގިނަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުގޮސް ގޭގައި ތިބުމަށެވެ. އޭގެ އިތުރުން ރާއްޖެއާ އެއްގޮތަށް އެތަކަށް ވެސް ބައެއް ގައުމަކުން އެއާލައިންތައް ދަތުރުކުރުން މަނާކޮށް، ބައެއް އެހެން ގައުމުތަކުގެ މީހުން ވެސް އައުން ވަނީ މަނާކޮށްފަ އެވެ. އަދި ބައެއް ގައުމުތަކުގެ މީހުނަށް ރާއްޖެ އާދެވުނަސް 14 ދުވަހަށް ކަރަންޓީން ކޮށްފައި ތިބުންފަދަ އެތައް އުނދަގުލަކާ ކުރިމަތިލާން ޖެހިފައި ވެއެވެ.
ރައްކާތެރިކަމަށްޓަކައި އަޅާ އެފަދަ ފިޔަވަޅުތަކާއެކު ދުނިޔެ މިއޮތް ހާލަތަކީ ކުރިޔަށް މިއޮތް ދުވަސްތަކުގައި ޗުއްޓީ ހޭދަ ކުރުން މީހުން އެކަށް ހުއްޓާލާނަ ދުވަސްވަރެކެވެ. މުޅި ދުނިޔޭގެ ޓޫރިޒަމް ސެކްޓާ ބޮޑު އަދި ފުން ވަޅުގަނޑަކަށް ވެއްޓޭނެ ކަމަށް ލަފާ ކޮށްފައިވާއިރު އޭގެ އަސަރު ރާއްޖެއަށް ވަރަށް ބޮޑު ވާނެ އެވެ. ވަޅުގަނޑުގަނޑުގެ އެންމެ ފުނާ ހަމައަށް ރާއްޖެ ގެނބިގެން ދާނެ އެވެ.
"މީގެ ސަބަބުން މުޅި ދުނިޔޭގެ ޓޫރިޒަމް އިންޑަސްޓްރީ ވެސް ވަރަށް ބޮޑަށް ވެއްޓިގެން ދާނެ. ހަމަ ގައިމުވެސް އެ ލޮޅުން ރާއްޖޭގެ އިގްތިސޯދަށް ކުރާލެ ބޮޑުވާނެ، އެހެން ގޮތަކަށް ބުނާނަމަ ކޮރޯނާ ވަައިރަހަށް ނެގެޓިވް ވެގެން ކިތަންމެ ވަރަކަށް ރިސޯޓުތައް ހުޅުވާފަ ބެހެއްޓިޔަސް، މި ދުވަސްވަރު ޗުއްޓީ ހޭދަކޮށްލަން ގައުމުތަކަށް ދާ މީހުންގެ އަދަދު ނިސްބަތުން ވަރަށް ބޮޑަށް ދަށްވާނެ،" ފަތުރުވެރިކަމުގެ ދާއިރާގެ އިސް ބޭފުޅަކު ވިދާޅުވި އެވެ.
އަނެއްކޮޅުން މަސް ވިއްކައިގެން ޔޫރަޕުގެ މާކެޓުން ބޭރު ފައިސާ ހޯދުމުގެ ދޮރު މިހާރު ވަނީ ރާއްޖެއަށް މުޅީން ބަންދުވެފަ އެވެ. ޔޫރަޕަށް މަސް އެކްސްޕޯޓު ކުރުން ހުއްޓާލުމާއި ޓޫރިޒަމަށް އަންނާނެ ބަދަލުތަކާ ހެދި ދިވެހި ދައުލަތަށް ލިބޭނެ އާމްދަނީ ވަރަށް ބޮޑަށް ދަށް ވާނެ އެވެ. އެގޮތް ގަބޫލުކޮށް ސަރުކާރުން މިހާރު ވަނީ ގެއްލުމުގެ ލަފައެއް ކޮށްފަ އެވެ.
"މިހާރު އާމްދަނީއަށް ކުރަމުންދާ ނޭދެވޭ އަސަރަށް ބަލާއިރު، 135.9 މިލިޔަން ޑޮލަރު އާއި 446.6 މިލިޔަން ޑޮލަރު އާ ދެމެދުގެ އަދަދަކަށް ގެއްލުވާނެ ކަމަށް ލަފާ ކުރެވޭ،" ސާކް ގައުމުތަކުގެ ވެރިންނާއެކު ބޭއްވި ޓެލެކޮންފަރަންސްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ. -- މި އަދަދު 600 މިލިއަން ޑޮލަރަށްވުރެ މަތިވާނެ ކަމަށް އިގްތިސޯދީ ތަޖުރިބާކާރުންނާއި ވިޔަފާރި ނޫސްވެރިން ލަފާ ކުރެ އެވެ.
ދައުލަތަށް އާމްދަނީ ވަންނަ މަގުތަކާއި ދޮރާށިތައް ލެއްޕި މުޅީން ބަންދުވެ، އަދި ކަންކަން ހަނިވަމުންދާ މި ދަނޑިވަޅަކީ ސަރުކާރަށް މާލީ ބޮޑު ބުރައެއް ވެސް އުފުލަން ޖެހިފައިވާ ވަގުތެކެވެ. ކޮރޯނާ ވައިރަސްއާ ދެކޮޅަށް ރާއްޖެއިން ކުރަމުން އަންނަ "ހަނގުރާމައަށް" ވެސް ބޮޑެތި ހަރަދުތަކެއް އެބަ ހިނގަ އެވެ. މީހުން ރިސޯޓުތަކުގައި ކަރަންޓީން ކޮށްގެން ގެންގުޅުމާ ހިސާބުން ފެށިގެން ހެލްތު ވޯކަރުންނާއި ނަރުހުން އަދި ޑޮކްޓަރުން އޯވާ ޓައިމްކޮށް ކުރަމުން އަންނަ މަސައްކަތަކީ ދައުލަތަށް ކުރަން މަޖުބޫރުވެފައި އޮތް ބޮޑު މަސައްކަތެކެވެ. ބޮޑު ހަރަދަކަށް ވެސް ވާނެ އެވެ.
މި ވައިރަހާ ހެދި އިގްތިސޯދަށް ބޮޑު ގެއްލުމެއް ލިބޭނެ އިރު މިހާރު ވިސްނަންވީ ދެން ކަން ކުރާނެ ގޮތަކާ އަޅާނެ ފިޔަވަޅަކާއި ހިނގާނެ މަގަކާ މެދުގަ އެވެ.
ވެކްސިން އުފައްދަން ރޭހެއް: އަވަހެއް ނުވާނެ
ރާއްޖެ އަދި ދުނިޔޭގެ އިގްތިސޯދު އެހާ ބޮޑު ވެއްޓުމަކަށް މިސްރާބު ޖެހުމުން ދެން އިންތިޒާރު ކުރެވޭނީ މި ކަމުން މިންޖުވާނެ ދުވަހަކަށެވެ. ސަރުކާރުން ސްކޫލުތައް ބަންދު ކުރަން ނިންމާފައި ވަނީ ދެ ހަފުތާއަކަށެވެ. އެހެން ނަމަވެސް ދެ ހަފުތާ ފަހުން ހާލަތު ރަނގަޅުވާނެ ކަން ނުވަތަ އޮންނާނީ މިހާރަށް ވުރެ ގޯސްކޮށް ކަމެއް ވެސް އަދި އަންދާޒާއެއް ނުކުރެވެ އެވެ.
އިލެކްޝަންސް ކޮމިޝަނުން ބޮޑު އިންތިހާބު ފަސް ކުރަން ވެސް އެދިފައި ވަނީ ރާއްޖޭގެ ހާލަތު ރަނގަޅުވެއްޖެ ކަމަށް ސަރުކާރުން އިއުލާން ކުރާ ދުވަހަކުން އިންތިހާބު ބާއްވާ ގޮތައް ފަސްކޮށްދިނުމަށް އެދި އެވެ. އެކަން ވެސް ހިނގާނެ ގޮތެއް ލަފާކޮށްލަން ވެސް އަދި ނޭނގެ އެވެ.
އެ ދުވަހެއް އަންނާނީ ކޮވިޑް-19 އަށް ވެކްސިންއެއް އުފައްދާ އެ ބަލި ޖެހޭ މީހުން ރަނގަޅު ކުރެވިދާނެ ކަމުގެ ޔަގީންކަން ލިބުނީމަ އެވެ. ދުނިޔޭގެ ސައިންސްވެރިން މިހާރު ވަނީ އެ މަސައްކަތް ފަށައި އެ ގައުމުތަކުގެ ސަރުކާރުތަކުން ހަރަދުކޮށްގެން ވާދަވެރި ކަމާއެކު ވެކްސިން އުފެއްދުމުގެ ރޭހެއް ވެސް ފަށާފަ އެވެ.
ދުނިޔޭގައި 35 ކުންފުންޏަކާއި އެކެޑެމިކް އިންސްޓިޓިއުޝަންތަކުން ވެކްސިން އުފެއްދުމުގެ މަސައްކަތް ވާދަވެރިކަމާއެކު ކުރަމުން އަންނަ އިރު މިހާތަނަށް ހަތަރު ޕާޓީއަކުން ޖަނަވާރުންނަށް ވެކްސިން ސާމްޕަލްތަކެއް ޓެސްޓު ކުރަން ފަށާފައި ވެއެ އެވެ. އަދި ބައެއް ފަރާތްތަކުން ދާދި ފަހުން ވަނީ އިންސާނުންނަށް ވެސް ވެކްސިން ޓެސްޓު ކުރަން ފަށާފަ އެވެ.
ނަމަވެސް އެއިން ނަތީޖާއެއް އައިސް، ރަނގަޅު ވެކްސިނެއް އުފައްދާ ޑިސްޓްރިބިއުޝަން ޕްރޮސެސްްއެއް ފަށަން އަދި ވަރަށް ގިނަ ދުވަސް ނެގުން އެކަށީގެންވެ އެވެ. ގިނަ ސައިންވެރިން ލަފާ ކުރަނީ ވެސް އެގޮތަށެވެ.
"ގިނަ ވެކްސިނޮލޮޖިސްޓުންނާ އެއްގޮތައް އަޅުގަނޑަކަށް ވެސް ހިޔެއް ނުވޭ 18 މަސް ދުވަހުގެ ކުރިން ވެކްސިނެއް އުފެއްދޭނެ ހެނެއް،" އިނގިރޭސިވިލާތުގެ "ދަ ގަޑިއަން" ނޫހަށް ދެއްވި އިންޓަވިއުއެއްގައި ލަންޑަން ސްކޫލް އޮފް ހައިޖީން އެންޑް ޓްރޮޕިކަލް މެޑިސިންގެ ޕްރޮފެސަރެއް ކަމަށްވާ އެނަލީސް ވިލްޑާ ސްމިތު ވިދާޅުވެފައިވެ އެވެ.
"އުންމީދު ކުރަނީ ވަރަށް އަވަހަށް ކޮވިޑް-19 އަށް ވެކްސިންއެއް އުފެއްދޭނެ ކަމަށް. ޔަގީނެއް ނޫން އެއީ ދެތިން މަހެއްގެ މަސައްކަތެއް ކަމެއް، ގަބޫލު ކުރެވެނީ އަހަރުތަކެއް ނަގާފާނެ ކަމަށް،" އެމެރިކާގެ ވެކްސިން އުފައްދާ ބަޔޯޓެކް ކުންފުންޏެއް ކަމަށްވާ، އިންޓަގްރެލް މޮލިކުލް ސީއީއޯ ބެން ޑޮރެކްޒް ޕެންސިލްވޭނިއާގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވެ އެވެ.
ގިނަ ވެކްސިނޮލޮޖިސްޓުންނާ އެއްގޮތައް އަޅުގަނޑަކަށް ވެސް ހިއެއް ނުވޭ 18 މަސް ދުވަހުގެ ކުރިން ވެކްސިނެއް އުފެއްދޭނެ ހެނެއް،ޕްރޮފެސާ ވިލްޑާ ސްމިތު | ލަންޑަން ސްކޫލް އޮފް ހައިޖީން އެންޑް ޓްރޮޕިކަލް މެޑިސިން
އިޓަލީން ރާއްޖެއަށް ފިލާވަޅެއް
ކޮރޯނާ ވައިރަހަށް ފަރުވާއެއް އަވަހާ ލިބެން ނެތްއިރު ރާއްޖެއަށް މިވަގުތައް ކުރެވެން އޮތް އެންމެ މުހިންމު ކަމަކީ އެހެން ގައުމުތަކަށް ހެދުނު ގޯސްތަކާއި ކުރި ރަނގަޅު ކަންކަމުން ފިލާވަޅު ލިބިގަތުމެވެ. ދުނިޔޭގައި ކޮރޯނާ ވައިރަސް ފެތުރެމުންދާ ގޮތަށް ބަލާއިރު ކުރިން ޔޫރަޕު އޮތް ރަނގަޅު ހާލަތަށް ޗައިނާ މިސްރާބު ޖަހައި ޗައިނާ އޮތް ހާލަތަށް ޔޫރަޕުގެ ގައުމުތައް ބަދަލުވާން ފަށާފައިވާ ކަމަށް މާހިރުން ވިދާޅުވެ އެވެ. އޭގެ އެއް މިސާލަކީ ވޫހާން ސިޓީ ފިޔަވައި ދެން އެންމެ ބޮޑަށް ކޮރޯނާ ވައިރަސް ފެތުރިފައިވާ އިޓަލީ އެވެ.
ބަލަބަލާ ތިއްބާ ކުއްލިއަކަށް ވައިރަސް މުޅި ގައުމަށް ފެތުރި 2000 އަށް ވުރެ ގިނަ މީހުންގެ ފުރާނަ ދުއްވާލައިފި އެވެ. ހޮސްޕިޓަލްތައް ފުރި ބާރުވެ، ފަރުވާ ދޭނީ ކާކަށްތޯ ޑޮކްޓަރުން ކަނޑައަޅަން ދަތި ހިސާބަށް ވަނީ ގޮސްފަ އެވެ. އިގްތިސޯދާއި ތަރައްގީ އަދި ތަހުޒީބުގެ ގޮތުން ބަލާއިރު ރާއްޖެއަށްވުރެ އެތައް ގުނައެއް މަތީ އެ ގައުމުގެ ހާލަތު އެ ދަރަޖައަށް ވެއްޓުނީ ކިހިނެއް ވެގެން ހެއްޔެވެ؟ އޭގެން ދިވެހި ދައުލަތަކާއި ރައްޔިތުން ދަސްކުރަންވީ ކޮން ކަމެއް ހެއްޔެވެ؟
ކޮވިޑް-19 އެހެން ބަލިތަކަށް ވުރެ އަވަހަށް ފެތުރުނު ނަމަވެސް މީހުން މަރުވުމުގެ ފުރުސަތު އެފަދަ އެހެން ވައިރަސްތަކާ އަޅައިބަލާއިރު ކުޑަ އެވެ. އެ ބަލިން ފުރާނަައަށް ނުރައްކާ ވެދާނެ ކަމުގެ ބިރު އޮތީ، ހިތުގެ ބަލިބަޔާއި، ފުއްޕާމޭގެ މައްސަލަތަކާއި ހަކުރު ބައްޔާއި، ލޭ މައްޗަށް ދިޔުން ފަދަ ބަލިތައް ހުންނަ ހުންނަ މީހުނަށެވެ. އަދި ވަކިން ހާއްސަކޮށް އުމުރުން ދުވަސްވީ މީހުންނަށެވެ.
އިޓަލީގެ އާބާދީގެ 23 ޕަސަންޓަކީ 65 އަހަރުން މަތީ މީހުނެވެ. އެއީ އެހެން ގައުމުތަކާ އަޅާބަލާއިރު ވަރަށް ބޮޑު އަދަދެކެވެ. މާނައަކީ ކޮރޯނާ ވައިރަސް ޖެހިއްޖެ ނަމަ އެ 23 ޕަސަންޓު މީހުންގެ ފުރާނަ ދިޔުމުގެ ބިރު އެބައޮތެވެ.
ދުނިޔެ ކޮރޯނާ ވައިރަހަށް ބިރުން "ތެޅިފޮޅި ގަތް" އިރު އިޓަލީ އޮތީ މާ ގިނަ ކޭސްތަކެއް ނުފެންނާތީ ބޮޑެތި ފިޔަވަޅުތައް އެޅުން ފަސް ކޮށްލައިގެނެވެ. މީހުން ހަމަ އާންމުކޮށް ވެސް އުޅޭ ގޮތައް "އާދައިގެ ރޯގާ" އެއް ކަމަށް ހީކޮށްގެން އުޅުނީ އެވެ. ނަތީޖާއަކަށްވީ ބަލި ޖެހިފައިވާ މީހުންގެ ފަރާތުން އެތައް ބަޔަކަށް ވައިރަސް އަރައި އިޓަލީ އިނދަޖައްސާލީ އެވެ.
އިޓަލީގެ ސަރުކާރަށް ކަންކަން ކޮންޓްރޯލް ނުކުރެވުނު ހިސާބަކީ ސިއްހީ ކެޕޭސިޓީއަށް ވުރެ ގިނަ މީހުންނަށް އެއްފަހަރާ ބަލި ޖެހުމެވެ. އިޓަލީގެ ހޮސްޕިޓަލްތައް ފުރި އިތުރު ބަޔަކަށް ފަރުވާ ދޭނެ ޖާގައެއް ވަސީލަތްތައް ނެތް މިންވަރަށް ހާލަތު ގޮސް މީހުން ހޮސްޕީޓަލްތަކުގައި ފުރާނަ ސަލާމަތްކޮށް ދޭން އާދޭސް ކުރާ ދަރަޖައަށް ދިޔައީ އެވެ.
ރާއްޖޭގެ އާބާދީއަށް ބަލާއިރު 2014 ވަނަ އަހަރުގެ ބޯހިމެނުމުން ދައްކާ ގޮތުގައި އުމުރުން 65 އަހަރަށް ވުރެ މަތީ މީހުންގެ އަދަދަކީ އާބާދީގެ ފަސް ޕަސަންޓެވެ. އޭރުގެ ހިސާބުތަކުން ނަމަ 300،000 މީހުންގެ ފަސް ޕަސަންޓެވެ. ގާތްގަނޑަކަށް 15،000 މީހުންނެވެ. އެ އަދަދު އިތުރުވަމުން ދާނެ ކަމަށް ޕޮޕިއުލޭޝަން އިންޑެކްސްތަކުން ދައްކަ އެވެ.
ކޮރޯނާ ވައިރަހާ ދެކޮޅަށް ފިޔަވަޅު އަޅާއިރު ރާއްޖޭގައި ދިމާވާނެ މައްސަލައަކީ ކެންސަރާއި ހަކުރު ބައްޔާ ފުއްޕާމޭގެ ބަލިތަކާއި ލޭ މައްޗަށް ދިޔުމުގެ ބަލިތައް 65 އަހަރުން މަތީ މީހުން ގައިން ފެންނަ ފެނުން އެކަންޏެއް ނޫނެވެ. އާބާދީގެ ބޮޑު ޕަސަންޓޭޖަކީ ޒުވާނުން ކަމަށްވާއިރު ދިވެހި ވަރަށް ގިނަ ޒުވާނުން ގައިން ވެސް އެފަދަ ބަލިތައް ފެންނަ މިންވަރު ވަރަށް ގިނަވެފައިވާ ކަމަށް ހިސާބުތައް ދައްކަ އެވެ. އެކަން ރާއްޖެއަށް މައްސަލައަކަށް ވާނެ އެވެ.
އިޓަލީ އާއި ދުނިޔޭގެ އެހެން ގިނަ ގައުމުތަކަށް ދިމާ ނުވާނެ އެހެން ހާލަތެއް ވެސް މި ރާއްޖޭގައި އެބައޮތެވެ. މުޅި ރާއްޖޭގެ ގިނަ މީހުން ދިރި އުޅެނީ މާލޭ ސިޓީގަ އެވެ. ދުނިޔޭގެ ނިސްބަތުން ބަލާ ނަމަވެސް އެންމެ ބޮޑަށް ތޮއްޖެހި ފުރި ބާރުވެފައިވާ ސިޓީތަކުގެ ތެރެއިން އެއް ސިޓީ އެވެ. އެއް ކޮޓަރިއެއްގައި އެތައް ބަޔަކު އުޅެން ޖެހެ އެވެ. މަގުމައްޗާއި ފިހާރަތަކާއި އެހެން ތަންތަނުގައި މީހެއް ގައިގައި ނުހޭކި ނުހިނގެ އެވެ. އެވަރު ތަނަކަށް މި ބަލި "ފުންމާލައިފި" ނަމަ ބަލި ފެތުރިގެންދާނެ ސްޕީޑް ހަލުއިވެފައި ނުރައްކާތެރިވާނެ އެވެ. ރާއްޖޭގައި ކޮންޓެކްޓް ޓްރޭސިން ހެދުން ފަސޭހަ ކަމަކަށް ނުވާނެ އެވެ.
އެހާ ހިސާބުން ސުވާލަކަށް ވާނީ ބަލިވާ މީހުންގެ އަދަދު ރާއްޖޭގެ ސިއްހީ ނިޒާމާއި ބެޑް ކެޕޭސިޓީއަށް އޮބި އޮންނާނެ ހެއްޔެވެ. ޕެނިކް ނޫފެއްދިޔަސް މި ސުވާލު އުފައްދަން ޖެހެ އެވެ. މާލެއަށް ފެތުރިއްޖެ ނަމަ ދެން ވާނީ ކިހިނެއް ހެއްޔެވެ؟ ކުރަންވީ ކޮން ކަމެއް ހެއްޔެވެ؟
އޮތީ ހިނދުކޮޅެއް، ކާވް ސީދާ ކުރޭ!
މި ހުރިހާ ކަމަކަށް ބަލާއިރު ރާއްޖެއަށް އޮތީ ގޮނޑުދޮށަށް ރާޅެއް ޖަހާފައި ދަމާލާހާ ކުޑަ ވަގުތުކޮޅެއް ކަން އެބަ އެނގެ އެވެ. ހަމަ ކުއްލިއަކަށް ކޮންމެ ވަގުތެއްގައި ވެސް މި ބަލި މި ރާއްޖޭގެ އިގްތިސޯދު "ދޮވެލައި" އެތައް ބަޔަކު ނުރައްކަލުގެ ތެރެއަށް ވައްޓާލަފާނެ އެވެ.
ދިވެހިންނަށް ކުރެވެން އޮތީ ވަކި ކޮން ކަމެއް ހެއްޔެވެ؟
އުންމީދު ކަނޑާލާކަށް ނުވެ އެވެ. މި ސަވާލަށް ވޫހާން ސިޓީން ޖަވާބު ހޯދައިދީފައި ވެއެވެ. ޗައިނާގެ އިތުރުން ވަރަށް ގިނަ ގައުމުތަކުގައި ބައްޔަށް "ވަގުތީ ފަރުވާއެއް" ހޯދައިފި އެވެ. އެއީ ވެކްސިނެއް ނޫނެވެ. އެކަމަކު އެއީ ކޮންމެ މީހެއްގެ ދިރިއުޅުމަށް ގެންނަ ބަދަލެކެވެ. ސަރުކާރުތަކުން ނިންމި ބޮޑު ނިންމުމެކެވެ. ފަރުދީ ޒިންމާ ބޭނުން ކޮށްގެން ކާވް މައިތިރިކޮށް ސީދާ ކުރުމެވެ.
ކޮރޯނާ ވައިރަސް އަވަހަށް ފެތުރޭ އެއް ސަބަބަކީ އެ ބަލި ހުންނަ މީހަކަށް ހަފުތާއެއް ވާއިރު ވެސް ބަލި ކަމުގެ އިހުސާސް ނުވުމެވެ. ރައްކާތެރިވެ ރަޖާ އަޅައިގެން ގޭގައި ތިބެނީ ވެސް އާންމުކޮށް ބަލިވެ ހުން އައީމަ އެވެ. އެކަމަކު ކޮރޯނާ ވައިރަސް މީހެއް ގަޔަށް އަރާ ފަހުން ވަރަށް ގިނަ ފަހަރަށް އެތައް ދުވަހެއް ވަންދަން މާ ބޮޑު އަލާމާތެއް ނުފެނި ހުރެ އެވެ. އެކަމަކު އެ މުއްދަތުގެ ތެރޭގައި ވެސް އެ މީހާއާ ކޮންޓެކްޓުވާ އެހެން މީހުންނަށް ވައިރަސް ޖެހެ އެވެ.
މީގެ ސަބަބުން އާދައިގެ ގޮތަކަށް ބޭރު ތެރޭ އުޅެނިކޮށް ނޭނގުމެއްގެ ތެރޭގައި އެކެއްގެ ސަބަބުންް އެތައް ބަޔަކަށް ކޮރޯނާ ވައިރަސް ޖެހެ އެވެ. އަދި އެ މީހުންގެ ފަރާތުން އިތުރު ބަޔަކަށް ވެސް ޖެހި، ބަލި ފެތުރޭ މިންވަރު އިންތިހާއަށް އަވަސް ވެއެވެ. ހަފްތާއެއްހާ ދުވަސް ފަހުން ކުއްލިއަކަށް އެތައް ބަޔަކު އެއްފަހަރާ ޕޮޒިޓިވްވެ، ފަރުވާ ކުރަން ޖެހެ އެވެ. އަދި ބޮޑު އައުޓް ބްރޭކަކަށް ގޮސް "ރެޑް އެލާޓަށް" ވެއްޓެ އެވެ.
އެހާ ހިސާބުން ދިމާވާނެ އެންމެ ބޮޑު މައްސަލައަކީ އެއްފަހަރާ ބަލި ވެގެން ވެއްޓޭ އެންމެނަށް ކޭޓާ ކުރެވޭ ފެންވަރު ރާއްޖޭގެ ސިއްހީ ނިޒާމުގައި ނެތުމުގެ މައްސަލަ އެވެ. އިޓަލީގައި ވީގޮތަށް ކުއްލިއަކަށް އެ ބަލި ޖެހޭ މީހުންގެ އަދަދާ ބެޑް ކެޕޭސިޓީއާ ދިމާ ނުވެ ނުރައްކާތެރި ދަރަޖައަކަށް ވެއްޓުމުގެ ފުރުސަތު ރާއްޖެއަށް އޮންނާނެ އެވެ.
މިސާލަކަށް ގައުމެއްގެ ސިއްހީ ނިޒާމުގެ ބެޑް ކެޕޭސިޓީއަކީ އެއްފަހަރާ 500 މީހުން އެޑްމިޓް ކޮށްގެން ފަރުވާ ދިނުން ކަމަށް ބަލާމާ ހެއްޔެވެ؟
ކޮރޯނާ ވައިރަސް ކުއްލިއަކަށް ރާއްޖޭގައި އައުޓް ބްރޭކްވެ 1000 އެއްހާ މީހުން ފަރުވާ ހޯދަން ހޮސްޕިޓަލަށް ގޮސްފި ނަމަ ގައުމު ދާނީ ބޮޑު ހަލަބޮލި ކަމެއްގެ ތެރެއަށެވެ. ސަރުކާރަށް އެ ހާލަތު މަތައެއް ނުވާނެ އެވެ. އަދި މުޅި ދިވެހި ރާއްޖޭގެ ނިޒާމް ބޮއްސުން ލައިގެން ދާނެ އެވެ.
ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މަދު ނުކުރެވުނަސް ހޮސްޕިޓަލްތަކުގެ ކެޕޭސިޓީ ފުރުމުގެ މައްސަލަ ހައްލު ކުރެވޭނެ ގޮތް އެބައޮތެވެ. އެއީ ބޮޑު އައުޓް ބްރޭކެއް އަައުމުގެ ކުރިން އެކަކު އަނެކަކާ ދުރުވެ، އެކަހެރިވެ، ގެއިން ނުކުމެ މަގުމަތީ ގިނަ ނުވުމެވެ. ބަލި ހުރިކަން ނޭނގޭތީ "ސޯޝަލް ޑިސްޓެންސް" ކުރުމެވެ. ކޮފީއަށް، ލަންޗަށް މޫދަށް ނުދާންވީ އެވެ. ދިވެހި ޑޮކްޓަރުން ގޮވާލަމުން އަންނަ ގޮތަށް ގައުމު "ގޭ ބަންދަކަށް" ދާންވީ އެވެ.
އެގޮތަށް އަމަލު ކުރާނަމަ ނަތީޖާއަކަށް ވާނީ މާލެއިން މީހަކު ޕޮޒިޓިވް ވިޔަސް އެ މީހާއާ 14 ދުވަހުގެ މުއްދަތެއްގެ ތެރޭގައި މީހަކާ ކޮންޓެކްޓްވެފައި ހުންނާނެ މިންވަރު ވަރަށް ބޮޑަށް މަދު ކުރެވިފައި ވުމެވެ. ނުވަތަ އެއްގޮތަކަށް ވެސް މީހަކާ ކޮންޓެކްޓް ނުވެ ހުރުމެވެ. އެހެންކަމުން ސީދާ ގޮތެއްގައި ވައިރަހަށް ޕޮޒިޓިވްވާ މީހުން މަދު ނުކުރެވުނަސް، އެފަދަ ކޭސްތައް އަންނަ ސްޕީޑު ލަސް ކޮށްލެވި ދާނެ އެވެ. އެހާ ހިސާބުން އެއްފަހަރާ ބައިވަރު މީހުން ގޮސް ހޮސްޕިޓަލްތައް ފުރިދާނެ ކަމަށް އޮތް ފުރުސަތު ވަރަށް ބޮޑަށް ކުޑަ ކުރެވުނީ އެވެ. ސަރުކާރަށް އެ ގޮތަށް ހާލަތު ކޮންޓްރޯލް ކުރެވިދާނެ އެވެ.
މިއީ މުޅި ދުނިޔެ އިޓަލީންނާއި ދުރު އިރުމަތީގައި އޮތް ޗައިނާގެ ވޫހާން ސިޓީ ފަދަ ތަންތަނުން ދަސް ކުރި ފިލާވަޅެވެ. މި ވަގުތަށް ކުރެވެން އޮތް އަދި ރާއްޖެއިން ކުރަން ކޮންމެހެން ވެސް އަދާ ކުރަން ޖެހޭ އެންމެންގެ ފަރުދީ ޒިންމާއަކީ ވެސް މިއީ އެވެ.
ބޮޑެތި ފިޔަވަޅު އަޅަން ފަސް ނުޖެހުން
ކޮވިޑް-19 އާ ދެކޮޅަށް ރާއްޖެއިން ކުރަން ޖެހިފައި މިވާ ހަނގުރާމާގައި އިސް ކުރަންވީ އިގްތިސޯދުތޯ ރައްޔިތު މީހާތޯ ސުވާލު އުފައްދާ ބަހުސް ކުރުމަކީ މާ ބުއްދިވެރި ކަމަކަށް ނުވެދާނެ އެވެ. ގައިމުވެސް ސަރުކާރަށް ހުރިހާ ރައްޔިތުންނަށް ރައްކާތެރިކަން ފޯރުކޮށްދީ މި ބޮޑު ބުރަ އުފުލޭނީ އިގްތިސޯދު ސްޓޭބަލްކޮށް ބާއްވައިގެނެވެ. އެ ނޫން ނަމަ ފިޔަވަޅުތައް އަޅާނެ ގާބިލު ކަމެއް ނުހުންނާނެ އެވެ.
ހަމައެއާއެކު އިގްތިސޯދަށް ގެއްލުން ވެދާނެތީ ބޮޑެތި ފިޔަވަޅުތައް ނާޅާ ތިބުމަކީ ވެސް ރަނގަޅު ގޮތެއް ނޫނެވެ. ގައުމު ލޮކް ޑައުންއަކަށް ގޮސްފި ނަމަ ވެދާނެ ގޮތަކާ މެދު ކަންބޮޑުވެ، މުއައްޒަފުން ވަޒީފާތަކަށް ނެރެ، ވައިރަސް ފެތުރުމަށް ޖާގަ ދޭނަމަ ލިބޭ ގެއްލުން މާ ބޮޑުވެ ދާނެ އެވެ. މިކަމުގެ ތެރޭގައި އިގްތިސޯދަށް ބޮޑެތި ގެއްލުން އޮންނާނެ އެވެ. ދެން ހޯދަންވީ ދެ ކޮޅަށް ވެސް ހަމަހަމަ ގޮތެއްގައި މައްސަލަ ހައްލު ކުރެވޭނެ ގޮތެކެވެ.
އޭގެ އެއް މިސާލެއް ދެއްކީ ނިއުޒިލޭންޑުންނެވެ. އެ ސަރަހައްދުގެ އެހެން ގައުމުތަކާ އަޅާބަލައިއިރު ކޮރޯނާގެ ވައިރަސް ޖެހުނު މީހުންގެ އަދަދު ނިސްބަތުން އެ ގައުމުގައި މަދު ނަމަވެސް އެ ގައުމުގެ ބޯޑަރުތަކުގައި އެންމެ ބޮޑެތި ރިސްޓްރިކްޓިވް މެޝާތައް އަޅާ ބަންދުކުރި އެވެ. ހާލަތު ރެޑް އެލާޓަށް ދިޔުމުގެ ކުރިން އެ ލެވަލްގެ ފިޔަވަޅުތައް އެޅި އެވެ. އެހެންވެ ބަލި ގައުމުގައި ފެތުރިދާނެ ފުރުސަތާއި އެއާ ހެދި ދެން ދައުލަތަށް ގެއްލުންތައް ލިބޭނެ މަގު ހަނިވި އެެވެ.
އެފަދަ ކަންކަމުން ފިލާވަޅު ލިބިގަނެ މިވަގުތު އެންމެ ބޮޑު ޒިންމާއެއް އޮތީ ދިވެހި އާންމުންގެ އަތުގަ އެވެ. މިއީ ބޭރު ތެރެއަށާއި މަގުމައްޗަށް ގިނަވެ ކުޅިބަލަން ނުކުންނަންވީ ވަގުތެއް ނޫނެވެ. ގޭގައި މަޑުކޮށް އަތް ދޮވެ ރައްކާތެރިވާންވީ ވަގުތެވެ. ހަރަދު ކުޑަކޮށްލަންވީ ވަގުތެވެ. އަދި ސަރުކާރުގެ ބޭކާރު ހަރަދުތައް ދޫކޮށްލައި ރިކަރަންޓު ހަރަދު ކުޑަ ކުރަން ހިފަންވީ ވަގުތެވެ. ދެވަނަ ބޮޑު ތަދަކަށް ރާއްޖެ ދިއުމުގެ ކުރިން ކަންކަމަށް ބަދަލު ގެންނަން ވީ ވަގުތެވެ. ސިޔާސީ ހަނގުރާމަ ހުއްޓާލައި އެކަކަކު އަނަކާ އަޅައިލަންވީ ވަގުތެވެ. މިކަން ކަން ކުރަން ރާއްޖެއަށް ލިބޭނީ ރާޅެއް ޖަހާފައި ދަމާލާހާ ވަގުތުކޮޅެކެވެ. އެކަން ނުކުރާނެއްޏާ ބޮޑު ރާޅު ޖަހާއި ދޮވެވިގެން ދިއުމުން އަންނާނެ ބޮޑު ތަދަކާ ކުރުމަތިލާން ތައްޔާރުވާށެވެ.