ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރިޕޯޓް

ފިޔަވަޅުތަކުގެ ސައްލާގައި ދިވެހިންގެ ތަބީއަތް ހިމަނަންޖެހޭ

ދެ މަސް ދުވަސް ވަންދެން ގޭގެ ހަތަރު ފާރު ތެރޭގައި ގައިދުވެފައިތިބި ރައްޔިތުންތަކެއް، ބޭރަށް ނުކުމެ މިނިވަންކަމާއެކު ހަށިފުރާ ނޭވާއެއް ލުމުގެ ފުރުސަތު ދިނުމާއެކު، ފަރުވާއެއް ނެތް ބައްޔަކާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ އަނެއްކާވެސް އާ ފެށުމަކުން ފަށަން ޖެހިފައިވާ ހާލަތަކަށް ވެރިރަށް މާލެ ވެއްޓެމުންދާ މަންޒަރުތައް ދަނީ ފެންނަމުންނެވެ.

މިދިޔަ ޖެނުއަރީ މަހުން ފެށިގެން ސިއްހީ މާހިރުން ކެނޑެނޭޅި ދެމުންދާ އިރުޝާދުތަކަށް ގިނަ ބަޔަކު ބީރަށްޓެހިވެހިފައިވާ ކަމުގެ ނިޝާންތަކެވެ. ކޮވިޑް-19 ބަލީގެ އިންޒާރުތަކަށް ބީރުކަންފަތެއް ދިނުމުގެ ނަތީޖާއަކަށް ލޮކްޑައުންވި ކަމެއް އެއްވެސް ބައެއްގެ ހަނދާނުގައި ނެތް ކަހަލަ އެވެ. ގޭބަންދު ވީއްލައިދީ، ނަމެއްގައި މެނުވީ ލޮކްޑައުން އުވާލުމާއެކު މާލޭގެ މަގުތައް އަނެއްކާވެސް ފުރި ބަންޑުންވެއްޖެ އެވެ. މުސްކުޅިއެއް، ޒުވާނެއް، ކުޑަކުއްޖެއް ވެސް އިސްތިސްނާއެއް ނުވެ އެވެ. ވަކި ކަންކަމަށް ހާއްސަ ގަޑިތަކެއް ކަނޑައަޅާފައިވީ ނަމަވެސް، އެކަން ދެނަހުރިކަމަށްހަދާ މީހުން މަދެވެ. މި ބަލިމަޑިކަމުގެ ތެރެއިން، މީގެ ކުރިން ފެނުނު މާސްކު އެޅުމާއި ފިހާރަތަކުގައި ދުރުމިން ބެހެއްޓުން ފަދަ ރަނގަޅު އާދަތައްވެސް މަޑުމަޑުން ގެއްލެމުންދާ މަންޒަރުވެސް ދަނީ ފެންނަމުންނެވެ.

އެއާއެކު، ލޮކްޑައުން ނެގިތާ އެންމެ ހަފްތާއެއްގެ ތެރޭގައި، ދެވަނަ ލޮކްޑައުނަކާއެކު ރައްޔިތުން އަނބުރާ ގޭބަންދަށް ފޮނުވާލަންޖެހިދާނެކަމުގެ އިންޒާރުގެ އަޑުތައް ވަނީ ގަދަވެފަ އެވެ. ދުނިޔޭގައި ލޮކްޑައުން ލުއިކުރި ގައުމުތަކެކޭ އެއް ފަދައިން، ރާއްޖޭގައިވެސް މި ބަލި އަނެއްކާވެސް ފެތުރިގެންދިއުމުގެ މަލަމަތި ފެންނާން ފަށާފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ރޭ ވެސް ވަނީ ބުނެފަ އެވެ. އެގޮތުން، ކުރިން ބަލި ޖެހުނު މީހުނާ ގުޅުންނެތް އާ ކޭސްތައް ފެންނަ މިންވަރު ކުޑަކޮށް ނަމަވެސް، މިހާރު ވަނީ އިތުރުވާން ފަށައިފަ އެވެ. އެހެނަސް، މާލޭގެ މަގުތައް މަތިންނާއި، އަލުން ހުޅުވާލާފައިވާ ޕާކުތަކާއި މައިޒާންތަކާ ހަމައަށް މި ނުރައްކަލުގެ ރަނގަބީލުގެ އަޑު ފޯރާތަނެއް ނުފެނެ އެވެ.

ކޮވިޑް-19 އާ ގުޅޭ ގޮތުން އެޗްޕީއޭއަށް ލަފާދޭ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން އަންނަނީ ރައްކާތެރިކަމުގެ އުސޫލުތައް އާއްމުން ދޫކޮށްލާތީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ޓެގްގެ ލީޑަރު ޑރ. އަލީ ލަތީފް ވިދާޅުވެފައިވާ ގޮތުގައި މާލެ އިން މިހާރު ފެންނަނީ މަގުތަކަށް ވަރަށް ގިނަ މީހުން އެއްވާ ތަން ކަމަށެވެ.

"މީގެ ސަބަބުން ކޮވިޑް-19 ފެތުރުމަކީ ވަރަށް ގާތް ކަމެއް،" އޭނާ ވިދާޅުވި އެވެ.

ދެން އުފެދޭ ސުވާލަކީ، ބަލީގެ ނުރައްކާތެރިކަން ހުރިހާ ދިވެހީންނަށް މިހާރު ރަނގަޅަށް ފަހުމްވެފައި އޮންނަންޖެހޭއިރު، ސިއްހީ މާހިރުންގެ އިރުޝާދުތަކަށް ބޯލެނބުމެއްނެތި، ފާޅުގައި ރައްކާތެރިކަމުގެ އުސޫލުތައް ދޫކޮށްލަމުންދާ މަންޒަރު އާއްމުވެފައިވަނީ ކީއްވެ ހެއްޔެވެ؟

އިންސާނީ ތަބީއަތް

ރާއްޖޭގައި ވަރަށް ފުންނާބުއުސް ސައިކޮލޮޖިސްޓެއް ނަން ނުޖަހަން އެދި އަވަސް އަށް ވިދާޅުވި ގޮތުގައި، ދެ މަސް ދުވަހުގެ ލޮކްޑައުންގެ ތެރޭގައި މަޖުބޫރުން ނަމަވެސް، ދުނިޔޭގެ ގިނަ ގައުމުތަކެކޭ އެއް ފަދައިން ދިވެހީންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށްވެސް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. މީގެ ކުރިން ދުވަހަކުވެސް ތަހައްމަލު ކުރަންނުޖެހޭ ދަތި އުނދަގޫ ހާލަތަކުން ވީއްލުމާއެކު، މިހާރު ފެންނަމުންދަނީ ދެ މަހަށްފަހު ދިރިއުޅުމަށް އައި ބަދަލަށް އެޖަސްޓުވުމުގެ މައްސަލައެއްކަމަށް އޭނާ ފާހަގަކުރައްވަ އެވެ.

"ކުދި ކުދި ތަންތަން ކޮޅުގައި ގިނަ ބަޔަކާއެކު ގޭބަންދުވާންޖެހުނު އެތައް ބަޔަކު އެބަތިބި. ވަރަށް އުނދަގޫވާނެ ހަގީގަތުގައި އެމީހުނަށް އެހާ ކުޑަތަންކޮޅެއްގައި ތާށިވެފައިތިބެން. ދެން ކުއްލިއަކަށް ނުކުތުމުގެ ފުރުސަތު ލިބުނީމާ، ކޮންމެ މީހަކުވެސް ބޭރަށް ނުކުންނަން ބޭނުންވާނެކަމީ ގަބޫލުކުރަންޖެހޭކަމެއް،" އޭނާ ވިދާޅުވި އެވެ.

މިދިއަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހު ކޮވިޑް-19 އިގެ ފުރަތަމަ ކޭސް މާލެއިން ފެނުމުގެ ދޮޅު މަހެއްހާ ކުރިން ސްކޫލްތައް ބަންދުކުރުމާއެކު، މުޖުތަމައުގެ ތެރޭގައި އެ ބަލީގެ ނުރައްކާ ވަޒަން ކުރެވުނު މިންވަރު އެންމެ ސާފުކޮށް ފެނުނީ، މަގުމަތިން ކުޑަކުދިން ފެންނަ އަދަދު ވަރަށް ބޮޑަށް މަދުވުމާ ގުޅިގެނެވެ. ލޮކްޑައުންގެ ކުރިން، އެހެން އުމުރުފުރައިގެ މީހުން ނުކުމެ މާލެ ތެރެ ތޮއްޖެއްސި ނަމަވެސް، ކުޑަކުދިން ގެއިން ބޭރަކަށް ނުނެރެ އެވެ. ނަމަވެސް، މިމަހުގެ 15 ގައި ލޮކްޑައުން ލުއިކޮށް، ޕާކުތައް އަލުން ހުޅުވާލައި، ހަވީރު 4:00 އިން 6:00 އަށް ކުޑަކުދިން ނުކުންނަ ގަޑިއެއްކަމަށް ކަނޑައެޅުމާއެކު، އެ އާދަވެސް ދޫކޮށްލެވުނު މަންޒަރު ފެނުނެވެ.

ކުރިން ވާހަކަ ދެއްކި ސައިކޮލޮޖިސްޓް ވިދާޅުވި ގޮތުގައި، ލޮކްޑައުންގެ ކުރިން ކުޑަކުދިން ރައްކާތެރިކުރުމަށް ގެއިން ނުނެރެ ބޭތިއްބީ، އެހާ ގިނަ ދުވަހަށް ގެއިން ނުނިކުމެވޭނެކަމަށް ވިސްނައިގެން ނޫން ކަމަށެވެ. އަދި ސްކޫލަށްވެސް ނުދެވި، އާއިލާގެ އެހެން ކުދީންނާ ބައްދަލުނުކުރެވި، ކުޑަކުޑަ ގެއެއްގެ ތެރޭގައި ގައިދުކޮށްގެން ގެންގުޅުމަކީ އެ ކުދީންގެ އިތުރުން ބެލެނިވެރިންނަށްވެސް ފަސޭހަކަމަކަށް ނުވާނެކަމަށް އޭނާ ފާހަގަކުރައްވަ އެވެ.

"ގިނަ ކުދިން މާޗް މަހުން ފެށިގެން ގޭގައި ތިބީ. ދެން ލޮކްޑައުންގެ ދެ މަހާއެކު، ބަންދުވެފައި ތިބުމަށްފަހު، ލުއިދިނީމާ ބޭރަށް ނުކުމެލަން އެކުދިންވެސް ރޯނެ ދެއްތޯ،" ނަފްސާނީ ދުޅަހެޔޮކަމަށްޓަކައި އެކަމަށް އިޖާބަދޭންޖެހޭކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވި އެވެ.

ކުޑަކުދިން އެކަންޏެއް ނޫނެވެ. ނިއު ނޯމަލްއަށް ބޮޑެތި މީހުންވެސް ނުކުތީ ޒާތަކަށް އަރުވައިޖަހައިގެނެވެ. އުނދަގޫ ދުވަސްތަކުން ލިބުނު ދެރަ އާއި ހިތްދަތިކަމާއެކު ހަޔާތަށް ވެރިވެފައިވާ ހާސްކަން ފިލުވާލުމުގެ ވަރުގަދަ އަޒުމެއްގަ އެވެ. ފާއިތުވި ހަފްތާއެއްގެ ތެރޭގައި މަގުތައް މަތިން ފެންނަނީ އެ ޖޯޝެވެ. ކެފޭތަކުން ޓޭކްއަވޭ ހިދުމަތް އެކަނި ލިބޭތީ، އެތަނުގައި ރަށްޓެހިންނާއެކު އެއްވެތިބެ، އޮލަ ވާހަކަތާކުގައި މަޖާ ނަގަނީ އެވެ. ދުވަހަކު ކަސްރަތު ނުކުރާ މީހާވެސް، ބޫޓުން ހިރަފުސް ފޮޅާލައިގެން މި ދެ ތިން ދުވަހު ދުވަން ނުކުތީ އެވެ. ސައިކަލުތައް ބަރި ހަދާލައިގެން ފިނި ބުރު ޖެހުމުގައި ދެން ތިބި މީހުނެވެ.

"ލޮކްޑައުން ކުރި ދުވަސްކޮޅު، އެންއީއޯސީގެ ޕްރެސް ނުބަލާ ދިވެއްސެއް ނުހުންނާނެ ކަންނޭނގެ. އެކަމަކު މިހާރު އެ ޕްރެސް ބަލާ މީހުން ވެސް މަދުވެއްޖެހެން އަޅުގަނޑަށް ހީވަނީ. މިހާރު ބިރު ގަންނަ ވަރު ކުޑަވެއްޖެކަން މަގުމަތިންވެސް އެބަ ފެނޭ. އަޅުގަނޑު ދަންނަވާނީ، އިންސާނީ ތަބީއަތް ހުންނަ ގޮތުން އެއްގޯސްވީއޭ،" ސައިކޮލޮޖިސްޓް ވިދާޅުވި އެވެ.

އިޖުތިމާއީ ގޮތުން އެކަހެރިވުމުގެ ނަތީޖާ؟

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރެޔެސުސް ވެސް ދާދި ފަހުން، ދުނިޔޭގެ އެކި ގައުމުތަކުގެ ރައްޔިތުންނަށް ކުއްލިއަކަށް މި އައި ބަދަލުގެ މައްޗަށް އަލިއަޅުވާލެއްވި އެވެ. އޭނާ ވިދާޅުވީ ގޭގައި ތިބެތިބެ އާންމުން ކެތްތެރިކަން ކޮޅުންލައިފި ކަަމަށާއި، ގައުމުތަކުގެ ސަރުކާރުތައް ވެސް އޮތީ، އިގުތިސާދުތައް ހުޅުވާލަން ކެތްމަދުވެފައި ކަމަށެވެ.

ދިވެހީންގެ ފަރާތުންވެސް މިހާރު ފެންނަމުންދަނީ ކެތްތެރިކަން ކޮޅުންލުމުގެ އަސަރުކަމަށްވުމަކީ އެކަށީގެންވާ ކަމެކެވެ. ގައުދުރުކުރުމަކީ ކޮވިޑް-19 އާ ދެކޮޅަށް އެންމެ ވަރުގަދަ ހަތިޔާރު ނަމަވެސް، އާބާދީގެ ބޮޑުބައެއް ދިގު މުއްދަތަކަށް އިޖުތިމާއީ ގޮތުން އެކަހެރިކޮށްލުމުގެ ނަތީޖާ މި ދަނީ ފެންނަމުންނެވެ.

އިނގިރޭސިވިލާތުގެ މަޝްހޫރު އޮކްސްފަޑް ޔުނިވާސިޓީން މި މަސް ތެރޭގައި އާއްމުކޮށްފައިވާ ދިރާސާއެއްގައި ބުނެފައިވާ ގޮތުގައި، ލޮކްޑައުންކޮށް މުޖުތަމައު އާ އެކަހެރިކޮށްފައި ބެހެއްޓުމުގެ ބަދަލުގައި، ކޮންމެވެސް މިންވަރަކަށް އެހެން މީހުނާ ބައްދަލުވުމުގެ ފުރުސަތު ހުޅުވާލާފައި ބޭއްވުމުން، ރައްޔިތުންގެ މެދުގައި ރައްކާތެރިކަމުގެ އުސޫލުތައް ދަމަހައްޓައި، އިރުޝާދުތަކަށް ބޯލެނބުމުގެ މިންވަރު އިތުރުވާ ކަމަށެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ މިސާލެއްގެ ގޮތުގައި މުޅި ދުނިޔެ ބަލައިގެންފައިވާ ނިއު ޒީލެންޑުގެ 40 އަށް ވުރެ ގިނަ ސައިކޮލޮޖިސްޓުން އެކުވެގެން ހެދި ދިރާސާއެއްގައި ބުނީ، އިންސާނުންގެ އަމަލުތައް މައިގަނޑު ގޮތެއްގައި ބައްޓަންވެގެން އަންނަނީ ކުރާ ކަމަކުން ލިބޭ ފައިދާއެއްގެ މައްޗަށް ކަމަށެވެ. އޭގެ މާނައަކީ، ކުރާ ކަމަކުން ލިބޭ ފައިދާ ބޮޑުވާ ނިސްބަތަކުން، އެކަމެއް ކުރަމުން ގެންދިއުމަށް ހިތްވަރުނެރެން ފަސޭހަވާ ކަމެވެ.

އެގޮތުން، މި ބަލިމަޑުކަމަށް ބަލާއިރު، ކޮވިޑް-19 ނުޖެހި ސަލާމަތްވުމަކީ، ލިބޭ ފައިދާއެއް ނަމަވެސް، މިކަމުގައި ގިނަ ދުވަސް ހޭދަވާ ވަރަކަށް، ހާއްސަކޮށް ރަނގަޅު ސިއްހަތެއްގައި ތިބޭ މީހުނަށް އެއީ ފައިދާއެއްގެ ގޮތުގައި ވިސްނުމަށް އުނދަގޫވާކަމަށް އެ ދިރާސާގައި ބުނެފައިވެ އެވެ.

އަދި މިކަމުގެ ތެރޭގައި އިތުރުވާ ކޮންމެ ދުވަހަކާއެކު، "އަހަންނަކަށް ނުޖެހޭނެއޭ" ފަދަ ވިސްނުމެއް ދިރިއުޅުމަށް ވަންނަން ފަށާކަމަށް ފާހަގަކޮށްފައިވެ އެވެ. އެއާއެކު، އަމިއްލަ ނަފްސަށް އުފެދޭ ސުވާލުތަކަށް ޖަވާބު ހޯދަން، އެހެން މީހުން ކަންކުރާ ގޮތަށް ބަލައި، އަމިއްލަ ދިރިއުޅުން ބައްޓަންކުރަން ފެށޭ ކަމަށެވެ.

ކުރިން ވާހަކަ ދެއްކި ދިވެހި ސައިކޮލޮޖިސްޓް ފާހަގަކުރައްވާ ގޮތުގައި، ޒަމާނުއްސުރެ ދިރިއުޅުމުގެ ކަންކަމުގައި ދިވެހިން ނަމޫނާއަކަށް ބަލަނީ ސިޔާސީ ލީޑަރުން ކަމަށެވެ. ކަމާގުޅޭ މާހިރުންގެ ބަހަށް ވުރެ، އެމީހަކު ސަޕޯޓުކުރާ ސިޔާސީ މީހަކު ދެކޭ ގޮތް އިސްކުރާ ފަހަރު ގިނަ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. އަދި މި ބަލިމަޑުކަމުގެ ތެރެއިންވެސް މިހާރު އެފަދަ މަންޒަރެއް ފެންނަމުންދާކަމަށް ވިދާޅުވި އެވެ.

"ބައެއް ސިޔާސީ ބޭފުޅުން ފަހަކަށް އައިސް އެޗްޕީއޭ އިން ވިދާޅުވާ އެއްޗަކާ ދިމާ އިދިކޮޅަށް އެއްޗެހި ވިދާޅުވާތަން އެބަ ފެނޭ. އެއާއެކު ކުރިއާ ހިލާފަށް ހެލްތު ބޭފުޅުންގެ ނަސޭހަތާމެދު ސުވާލު އުފައްދާ މިންވަރު އިތުރުވެފައިކަން އެބަ ފާހަގަވޭ،" އޭނާ ވިދާޅުވި އެވެ.

ނިއު ޒީލެންޑުގައި ހެދި ދިރާސާގައިވެސް ސައިކޮލޮޖިސްޓުން ވިދާޅުވެފައިވާ ގޮތުގައި، ދަތި އުނދަގޫ ހާލަތްތަކުގައި އެމީހަކު ދިރިއުޅޭ މުޖުތަމައުގެ ގިނަ މީހުން ނަކަލު ކުރުމަކީ އިންސާނީ ތަބީއަތް ކަމަށެވެ. އެގޮތުން، ލޮކްޑައުންގެ ލުއިތަކުގައި އަމަލުކުރަންޖެހޭ އުސޫލަށް އެންމެން އަހުލުވެރިނުވާއިރު، ގޯސްކޮށްވިޔަސް، އެހެން ބައަކު ކުރާތީ، އެގޮތަށް ކަންކުރަން ބޭނުންވާނެ މީހުންވެސް އުޅޭނެކަމަށް ބުނެފައިވެ އެވެ.

ފިޔަވަޅުތައް އަޅަންވީ ދިވެހީންނަށް

ފަތުރުވެރިއެއްގެ ކިބައިން ރާއްޖޭން ފުރަތަމަ ކޭސް ފެނުނު ފަހުން، މިއަދާ ހަމައަށްވެސް ކަމާބެހޭ ފަރާތްތަކުން އެޅި ފިޔަވަޅުތަކާމެދު އެތައް ބައަކު ދަނީ ސުވާލު އުފައްދަމުންނެވެ. "ވޯސްޓް ކޭސް ސެނާރިއޯ" އަށް ވެސް ތައްޔާރުކަމަށް ވިދާޅުވެގެން ތިއްބާ، މާލެ ލޮކްޑައުން ކުރުމާއެކު، ފުރަތަމަ ދުވަހު ކާބޯތަކެތީގެ ޑެލިވަރީ ސިސްޓަމް ކޮށިއަރައި، ހުއްޓުން އެރި އެވެ.

ރޯދަ މަސް ކުރީގައި އޮއްވާ، ލޮކްޑައުންގެ ހާސްކަމުގެ ތެރޭގައި އެންމެން އެއް ފަހަރާ ކާބޯތަކެތި ގަންނަން އޯޑަރު ޖަހާނެކަމަށް ވިސްނައިނުލައި، ސަރުކާރު ހާސްވެގެން ތެޅެގަނެ، ފިހާރަތަކަށް ހުއްދަ ދޫކުރަން ފެއްޓި އެވެ. އޭގެ ނަތީޖާއަކަށްވީ ފުލް ލޮކްޑައުނެއްނެތި، މަގުތަކަށް ނުކުމެ އުޅޭ މީހުން އިތުރުވެގެން ދިއުމެވެ.

ލޮކްޑައުނަށް ދޮޅު މަސް ހަމަވާން ދަނިކޮށް، ބަލި ފެތުރުން ކޮންމެވެސް މިންވަރަކަށް ކޮންޓްރޯލް ކުރެވިއްޖެކަމަށްބުނެ، ގޭބަންދަށް ލުއިތަކެއް ދިނެވެ. ފުރަތަމަ ފިޔަވަހީގެ ދަށުން ދިނީ "ލުއި" ތަކެއް ކަމަށް ގިނަ ބައަކަށް ގަބޫލު ކުރަން ދަތިވެގެން، އޮތީ ފާޑުކިޔައިފަ އެވެ. ނަމަވެސް، އޭރު ސަރުކާރުން ބުނަމުންދިއައީ ލޮކްޑައުން އުވާލެވޭނީ މަޑުމަޑުން ކަމަށެވެ. ކޮންމެ ފިޔަވައްސެއްގައި ފިޔަވަޅުތަކަށް މަޑުމަޑުން ދޫދިނުމުގެ ވިސްނުމެއްގެ ތެރެއިންނެވެ.

އެހެނަސް، މިފަހަރު އަމަލުކުރީ ކުރީ ފަހަރާ މުޅީން ހިލާފަށެވެ. ލުއިތަކެއްގެ ނަމުގައި ލޮކްޑައުން ހަމަ ގާތްގަނޑަކަށް އުވާލީ އެވެ. ކޮޥިޑުގެ ނަންބަރުތަކަށްވެސް ބަދަލެއް އައިސްގެން ނޫންކަންވެސް މިހާރު ވަނީ ސާފުވެފަ އެވެ. މާލޭގެ ފުރަތަމަ ކޭސް ފެނުނު ފަހުން، ލޮކްޑައުން އުވާލުމާ ހަމައަށް ކޮންމެ ދުވަހަކު ބަލި ޖެހޭ މީހުންގެ އެވަރެޖަކީ 33 އެވެ. މާލެ ސަރަހައްދު ގޭބަންދުން ވީއްލައިގެން، އިއްޔެ ފެނުނު ކޭސްތަކާއެކު އެ އެވަރެޖު ވަނީ 25 ވެއްޓިފަ އެވެ.

ލޮކްޑައުން އުވާލުމާއެކު ބަލި ފެތުރުން އިތުރުވާނެކަމީ އެހެން ގައުމުތަކުގައިވެސް ފެނިފައިވާ މަންޒަރެކެވެ. އެހެންކަމަށްވާނަމަ، ރައްޔިތުންގެ މާޔޫސްކަން ބަންޑުންވެ، ކެތްތެރިކަން ކޮޅުންލުމުގެ ކުރިން، ލޮކްޑައުން ލުއި ނުކުރެވުނީސްތޯ މިއީ މިހާރު އުފައްދަންޖެހިފައިވާ ސުވާލެކެވެ. އަދި ލޮކްޑައުނަށް ދިން ލުއިތަކުގައި ވެސް ދެކޮޅު ނުޖެހޭ ގިނަ ކަންކަން ހުރިކަން އާއްމުންގެ ތެރެއިން ގިނަ ބައަކު ދަނީ ފާހަގަކުރަމުންނެވެ.

އެގޮތުން، ކަސްރަތު ކުރުމާއި، ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން ބޭރަށް ނުކުމެލާ އުޅުމަކީ އެންމެ ޒަރޫރީ ކަންކަމުގެ ތެރޭގައި ހިމެނޭއިރު، އެކަމަށް ވަކި ގަޑިތަކެއް ކަނޑައަޅައި، ބާކީ ގަޑިތަކުގައި ބޭކާރު ގޮތުގައި މާލެ ތެރެއަށް ނުކުމެ އުޅެވޭގޮތަށް ދޫކޮށްލާފައި ބޭއްވުމަކީ ގިނަ ބައަކަށް ދެކޮޅުޖެހޭކަމަކަށް ނުވެ އެވެ.

ކުރިން ވާހަކަ ދެއްކި ދިވެހި ސައިކޮލޮޖިސްޓް ވިދާޅުވި ގޮތުގައި، އެހާ ދިގު ލޮކްޑައުނެއްގައި ދިވެހިން ކުރަންޖެހިފައިވަނީ ކުރިން ހިތަށްވެސް ގެންނަން ނޭނގޭ ފަދަ ތަފާތު ތަޖުރިބާއެއް ކަމަށެވެ. އަދި އޭނާ ކުރިންވެސް ފާހަގަކުރެއްވި ފަދައިން، އެކަމުގެ ސަބަބުން، މީހުންގެ ވިސްނުމަށާއި ދިރިއުޅުމަށް ވެސް ބޮޑެތި އަސަރުތަކެއް ކުރާނެ ކަމަށެވެ.

"އެހެންވީމާ، އެޖަސްޓުވާން ޓައިމް ނަގާނެ. އަސްލު މި ލުއިތައް މި ލިބުނީ ކުއްލިއަކަށް. ނިއު ނޯމަލްއަށް އެޖަސްޓުވާން ވަގުތު ކޮޅެއް ދީފައި، އެއްކޮށް ހުޅުވާލިނަމަ، އާއްމުންގެ އަމަލުތައް ފަހަރުގައި ތަފާތުވީސް ކަންނޭނގެ،" އޭނާ ވިދާޅުވި އެވެ.

ނިއު ޒީލެންޑުގެ ދިރާސާގައިވެސް ބުނެފައިވާ ގޮތުގައި، ގައުމެއްގައި ފިޔަވަޅުތައް އަޅަންވާނީ އެ ގައުމެއްގެ ރައްޔިތުންގެ އާދަތަކާއި ތަބީއަތަށް ވިސްނުމަށްފަހު ކަމަށެވެ. އެގޮތުން، ކަމާބެހޭ ރަސްމީ އިދާރާތަކުގެ އެންގުންތަކަށް ކިޔަމަންވާ މިންވަރު، އެކި ގައުމުތަކުގައި ތަފާތުވާއިރު، އެއް ގައުމެއްގައި ކާމިޔާބު އުސޫލެއް އެހެން ގައުމެއްގައި މަސައްކަތް ނުކޮށްފާނެކަމަށް ބުނެފައިވެ އެވެ.

ލޮކްޑައުނަށް ދިން ލުއިތަކާ އެކު ހާލަތު ވަރަށް ގާތުން ވަޒަަން ކުރަމުން އަންނަ ކަމަށް ޓެގުން ވަނީ ބުނެފަ އެވެ. އޭގެ ތެރޭގައި ފްލޫ ކްލިނިކްތަކަށް ދަައްކާ މީހުންގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވް ވާ މީހުންގެ އަދަދާއި ބަލީގައި އެޑްމިޓްކުރަން ޖެހޭ މީހުންގެ އަދަދާއި މިހާރު ނަގާ ސާމްޕަލްތަކުގެ އިތުރުން މީހުން މަރުވާ އަދަދު ހިމެނެ އެވެ. އިތުރަށް ލުއި ދިނުމާއި ނުވަތަ އަނބުރާ ލޮކްޑައުނަށް ދާންޖެހުން ބިނާވަނީ އެ ދިރާސާތަކުގެ މައްޗަށްކަމަށް ޓެގުން އިތުރަށް ބުނެފައިވެ އެވެ.

މި ބަލިމަޑުކަމުގެ ކަޅު ވިލާގަނޑު ރާއްޖެ ބައްދާލުމާއެކު، އެންއޯސީން ތަކުރާރުކޮށް ބުނާ ވާހަކައެއް އޮވެ އެވެ. މި ކާރިސާއިން އަރައިގަނެވޭނީ "ހޯލް އޮފް ގަވަމަންޓް، ހޯލް އޮފް ސޮސައިޓީ" ނުވަތަ ސަރުކާރުގެ ހުރިހާ އިދާރާތަކާއި މުޅި މުޖުތަމައު އެކީގައި މަސައްކަތް ކޮށްގެން ކަމަށެވެ. އެހެނަސް، އެ ވިދާޅުވާ "ހޯލް އޮފް ސޮސައިޓީ" ސަރުކާރުގެ ސިޔާސަތުތަކުންނާއި، ފިޔަވަޅުތަކުގައި ފުރިހަމައަށް ތަމްސީލުވާ ތަނެއް ނުފެނެ އެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި، މި ބައްޔާ ދެކޮޅަށް ކޮންމެ ފިޔަވަޅެއް އެޅި ނަމަވެސް، ރައްޔިތުންގެ އިހުސާސުތަކަށް ރިއާއަތްކުރުން މުހިއްމެވެ. އަޅާ ކޮންމެ ފިޔަވަޅަކާއެކު ދިވެހީންގެ ވިސްނުމާއި ތަބީއަތަށް ފިކުރު ހިންގާލަންޖެހެ އެވެ. ކޮވިޑް-19 އިގެ ނިއު ނޯމަލް ކުރަހާ ނިމޭއިރު، އެއީ ރާއްޖޭގައި އަދި ހާއްސަކޮށް މާލޭގައި ބައަކަށް އަމަލުކުރެވޭނެ މިންގަނޑުތަކަކަށް ވާންޖެހެ އެވެ.