ވަޔާއި އޮޔާއި ދިޔަވަރު ބަދަލުވާ ގޮތަށް އެއް ކަމަކާ ގުޅިގެން އެކެއްގެ ހިޔާލު އެތައް ގޮތަކަށް އެނބުރިގެން ހިނގައިދާނެ އެވެ. ހެނދުނު އިދިކޮޅަށް ހުރިއްޔާ އިރު އޮއްސެންވާއިރަށް އެއާ ދިމާ އިދިކޮޅު ވެދާނެ އެވެ. ކޮވިޑް-19 އިގެ ބަލާއާފާތާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވިސްނުންފުޅު ވެސް އެނބުރޭ ވަހުތާނެކޭ ދާދި އެއް ފަދަ އެވެ.
އަދި މިހާތަނަށް ފަރުވާއެއް ހޯދިފައި ނެތް ބަލީ ޝިކާރައަކަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ހިޔާލަށް ވެސް ނުގެނެވޭ ވަރުގެ ގިނަ އަދަދެއްގެ ބައަކު ވާން ފެށިއިރު، ނަޝީދު އެންމެ ފުރަތަމަ ވިދާޅުވީ، އެއީ މާބޮޑުކަމެއް ނޫނޭ އެވެ. ހުން އައުމުގެ ކުރީން ރަޖާލުމުގެ ބަދަލުގައި އަތް ދޮވެލައިގެން އެ ބަލީން ސަލާމަތް ވެވޭނެއޭ އެވެ.
އޭގެ ފަހުން ކަންދިމާވި ގޮތަކުން ހެލްތު އޮފިޝަލުންނަށް އެމަނިކުފާނު ކޮވިޑަށް ޓެސްޓު ކުރަން މަޖުބޫރުވި އެވެ. އެ ހިސާބުން ސިއްހީ މާހިރުންގެ "ސައިންސާ" މެދު ސުވާލު އުފެއްދެވި އެވެ. ބައިބޯ މާލެއަށް ކޮވިޑް-19 ފެތުރިގެން ދިއުން ހުއްޓުވަން 40 އަށް ވުރެ ގިނަ އިދާރާ ގުޅިގެން ރެއާ ދުވާލު މަސައްކަތް ކުރާއިރު، ނަޝީދު ވިދާޅުވަނީ ހުރިހާ ދިވެހިންނަށް އެ ބަލި ޖެހޭނެއޭ އެވެ. އެމަނިކުފާނުގެ ބަސްމަގާއި އަމަލުފުޅުތައް ރާއްޖެއާ ގާތްގަނޑަކަށް 10،000 ހާސް މޭލު ދުރުގައި ހުންނެވި ލީޑަރަކާ އަމިއްލަފުޅަށް ވަރަށް އެއް ގޮތް ކުރައްވަން އުޅުއްވާހެން ހީވެއެވެ.
އެ ލީޑަރު އުޅުއްވަނީ، ބަލީގެ ނުރައްކަލެއްނެތްކަން ދެއްކެވެމުގަ އެވެ. ފާޅުގައި ސިއްހީ މާހިރުންނަށް ގޮންޖައްސަވައި އަމިއްލަ ފަރުވާތައް ހުށަހެޅުއްވުމުގަ އެވެ. އެ ބޭފުޅާގެ ފެޑެރަލް ސަރުކާރުގެ ހައިބަތު ދައްކަވައި، ސްޓޭޓުތަކުން އަޅާފާއިވާ ލޮކްޑައުންތަކާ ދެކޮޅު ހައްދަވަމުން ގެންދަވަނިކޮށް، ނަޝީދު ވެސް އެންމެ ފަހުން އިއްޔެ މިވަނީ އެ މަގުގައި އެ ގޮތަށް ފިޔަވަޅު އަޅައި ފައި ހަމަ ކުރައްވާފަ އެވެ. މާލޭ ސަރަހައްދަށް އިއުލާނު ކޮށްފައިވާ ލޮކްޑައުން ލުއި ކުރުމާމެދު ސަރުކާރަށް ގޮތެއް ނުނިންމިގެން އުޅެނިކޮށް، ނަޝީދު މިވަނީ އެމަނިކުފާނުގެ ހައިބަތު ދައްކަވާ އަމިއްލަފުޅަށް ގޮތެއް ނިންމަވާފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މިއަދުން ފެށިގެން ޖަލްސާތައް ބާއްވަން ރައީސް ނަޝީދު ނިންމެވުމާއެކު މުޅި ނިޒާމް މި ވަނީ ބޮޑު ގާނޫނީ ބަހުސެއްގެ ތެރެއަށް ވައްޓާލާފަ އެވެ. އަދި އޭގެ ތެރެއިން ހުރިހާ ސަމާލު ކަމެއް އެ މަނިކުފާނާ ދިމާއަށް އަނބުރާލާފަ އެވެ. މިއީ އަބަދުވެސް އެމަނިކުފާނު ބޭނުންފުޅުވާ ލައިމްލައިޓް އަލުން އަނބުރާ ހޯއްދަވާ ގޮތެވެ.
ހަގީގަތުގައި މި "ސްޓަންޓަ" ށް ތައްޔާރުވުމުގެ ކޮޅުމަތި ދައްކާތާ ދުވަސްކޮޅެއް ވެއްޖެ އެވެ. ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި އާންމު ސިއްހައްތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާއެކު މަޖިލީހުގެ ޖަލްސާތައް އޭރު މެދުކަނޑާލި އެވެ. އޭގެ ފަހުން މިދިޔަ މާޗު މަހުގެ 30 ވަނަ ދުވަހުން ފެށިގެން މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދިޔައީ ވެބް ކޮންފެރެންސް މެދުވެރި ކޮށެވެ. ނަމަވެސް އޭގެ ފަހުން މަޖިލީހުގެ ރައީސް ނަޝީދުގެ "ކެތްތެރިކަން ކޮޅުން ލައިގެން" ސަރުކާރަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން މިދިއަ ހަފުތާގެ ތެރެއިން ފެށިގެން ވަނީ "އިންޒާރު ދެއްވަން" ފައްޓަވާފަ އެވެ.
އެންމެ ފުރަތަމަ ދެއްވީ ވަޒީރުންގެ އިތުބާރު ނެތް ކަމަށް ފާސް ކުރެވިދާނެ ކަމުގެ އިންޒާރެވެ. އެއަށްފަހު، ސަރުކާރުގެ ބަލި ފައިގާ ހިފުމަށް އެންމެ ވަރުގަދަ ދެ ހަތިޔާރު ވެސް މިހާރު ވަނީ ނަގައި ދިމާއަށް ބަހައްޓާފަ އެވެ. ކޮވިޑް-19 އާ ދެކޮޅަށް ކުރާ ހަނގުރާމާގައި ސަރުކާރަށް ހަށިފުރާ ނޭވާއެއް ނުލެވިގެން އުޅޭ ދަނޑިވަޅެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ދެ ރިޔާސީ ކޮމިޝަނުން ތަހުގީގު ކުރަމުން ދާ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލަ އާއި މަރުތަކުގެ މައްސަލަތަކުގެ ތަހުގީގުތައް ގޮސްފައިވާ ހިސާބު ސާފު ކުރަން މަޖިލީހުން ވަނީ ފައި ނަގައިފަ އެވެ. އަނެއްކޮޅުން އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން ޖަލަށްލާފައި ވާތީ އެކަމާ މެދުވެސް ވަނީ އަމިއްލަފުޅަށް ސުވާލު އުފައްދާފަ އެވެ.
ގާނޫނީ ސުވާލެއް އެކަންޏެއް ނޫން
ސަރުކާރުގެ އެތެރެއިން ނުކުމެގެން އަންނަ މައުލޫމާތުތަކުން ކަށަވަރުވެފައިވާ ގޮތުގައި، މަޖިލީހުގެ ޗެމްބަރުގައި ޖަލްސާތައް ބޭއްވުމަށް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރުގެ އަރިހު ނަޝީދު އެދެވަޑައިގެންނެވި އެވެ. މަޖިލީހުގެ ޗެމްބަރުގައި ބާއްވާ ޖަލްސާއެއް ރައީސް ނަޝީދު ތާވަލު ކުރެއްވީ އެކަމުގެ ހުއްދަ ނުދެއްވުމުން، ލޮކްޑައުން ހަމަވާން ދެ ދުވަހަށް ވެފައި އޮތަސް މަޑުކުރެވެން ނެތް ކަމަށް މައިމޫނާއަށް އެންގެވުމަށް ފަހު އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަށް ރައީސް ނަޝީދު ފޮނުއްވި މެސެޖެއްގައި ވާ ގޮތުގައި ލޮކްޑައުނާ މެދު އެޗްޕީއޭއިން އަންނަ ބުރާސްފަތި ދުވަހު ގޮތެއް ނިމެން ދެން މަޑުކުރެވެން ނެތް ވާހަކަ ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް އަންގަވާފައި ވާނެ އެވެ. އަދި މިއަދުން ފެށިގެން މަޖިލީހުގެ ތަޅުމުގައި ޖަލްސާތައް ބާއްވަން ފަށާނެ އެވެ.
މަޖިލީހުގެ ޖަލްސާތައް އަލުން ތަޅުމުގައި ބާއްވަން ފަށާއިރު ޖަލްސާތައް ބާއްވާނީ ގައިދުރުމިން ހިމެނޭ ގޮތަށް ރައްކާތެރި ކަމުގެ ފިޔަވަޅުތަކެއް އަޅައިގެނެވެ. އެ ގޮތުން ތަޅުމުގެ އެއް މޭޒެއްގައި ދެ މެންބަރުން ނުތިއްބަވާނެ އެވެ. އަދި ތަޅުމުގައި އެއް ވަގުތެއްގައި ގިނަވެގެން ތިއްބަވާނީ 42 މެންބަރުންނެވެ.
ރައީސް ނަޝީދާއި އެ މަނިކުފާނުގެ އެންގެވުމަށް މަޖިލީހުގެ އިދާރާއިން މި ނިންމުންތައް އައުމާއެކު ރައީސް ނަޝީދު ރައީސްކަން ކުރައްވާ އެމްޑީޕީ ވެސް ހިމެނޭ ގޮތަށް މަޖިލީހުގެ ބައެއް މެންބަރުން ގެންދަވަނީ އެ ނިންމެވުމުގެ ގާނޫނީ ސައްހަ ކަމާމެދު ސުވާލު އުފައްދަމުންނެވެ.
ފުރަތަމަ އެ ސުވާލު ފެންމަތި ކުރެއްވީ ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެންބަރު މެންބަރު އަލީ ހުސެއިނެވެ. އޭނާ ވިދާޅުވި ގޮތުގައި ލޮކްޑައުންގެ ހާލަތުގައި މާލެ އޮތްއިރު އެޗްޕީއޭގެ ހާއްސަ ހުއްދައެއް ނެތި މަޖިލިސް ކުރާ ގޭގައި ޖަލްސާތައް ބޭއްވުމަކީ ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫނެވެ.
ކުރިން އޭޖީ އޮފީހުގެ އިސް މަގާމެއްގެ ފުރުއްވެވި ގާނޫނީ ވަކީލު، އަދި ވިލިމާލޭ ދާއިރާގެ މެންބަރު ވިދާޅުވި ގޮތުގައި ރައީސް ނަޝީދުގެ ނިންމެވުމާމެދު ސުވާލު އުފެދެ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވެސް ގާނޫނީ އަމުރުތަކަށް ތަބާވާން ޖެހޭނެ އެވެ.
ގާނޫނެއްގެ ދަށުން ސަރުކާރުން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅަކަށް ގާނޫނު ހަދާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އެހާ ފާޅުގައި ގޮންޖެއްސެވުމުން ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވެސް ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ނަޝީދުގެ އެ ނިންމެވުމާއެކު ގާނޫނުގެ އިތުރުން މަޖިލީހުގެ ގަވައިދާމެދު ވެސް ގިނަ ސުވާލުތަކެއް އުފެދެ އެވެ.
"ކޮން އުސޫލަކުންތޯ ތަޅުމުގައި އެއް ވަގުތެއްގައި 42 މެންބަރުން ތިއްބެވޭނެ ގޮތަށް ނިންމެވީ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، މަޖިލީހުގެ ގަވައިދަށް ވެސް އިސްލާހެއް ގެންނަންޖެހޭ،" ރިޔާޒް ވިދާޅުވި އެވެ.
ނަޝީދުގެ އަމިއްލަފުޅު އެ ނިންމެންތަކާއި ފާޅުގައި އެންމެ ބޮޑަށް ދެކޮޅު ހައްދަވަނީ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމެވެ. ރޮޒައިނާ ވިދާޅުވި ގޮތުގައި މައިމޫނާގެ އަމުރަށް ތަބާވާން ޖެހޭނެ ކަމަށް ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް ވެސް އަންގަވާފައި ވަނިކޮށް އެހެން މަޖިލީހުގެ ރައީސް ބޭނުންފުޅުވެ ވަޑައިގެންނެވި ނަމަވެސް ޖަލްސާތައް ނުބޭއްވޭނެ އެވެ. ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ނެރެފައިވާ އަމުރަކާ ހިލާފެއް ވެސް ނުވެވޭނެ އެވެ.
"ފަހުން ދައުވާ ކޮށްފާނެ ކަމެއް ކުރަން އަޅުގަނޑު ބޭނުމެއް ނޫން" މިއަދު ބާއްވާ ޖަލްސާ އަށް ހާޒިރުވާން ދެކޮޅު ހައްދަވާ ރޮޒައިނާ ވިދާޅުވި އެވެ. "އެޗްޕީއޭގެ ހުއްދައާ ނުލައި ލޮކްޑައުން ބްރީޗްކޮށްފައި ގާނޫނުއަސާސީ އިސްލާހު ކުރަން ގާނޫނު ހަދާ މަޖިލީހުގެ މެމްބަރަކު ގާނޫނާ ޚިލާފަށް މަޖިލީހަށް ގާނޫނީ އަމުރަކާ ޚިލާފުވާން ދިއުން މިއީ ކޮން ކަހަލަ ކަމެއްބާ؟"
ނަޝީދުގެ ނިންމެވުމާ ގުޅިގެން ހަގީގަތުގައި އެމްޑީޕީގެ ޕާލަމަންޓްރީ ގުރޫޕުގެ ގިނަ މެންބަރުން ވަނީ ހައިރާން ވެފަ އެވެ. ނަމަވެސް އޭގެ ތެރެއިން ގިނަ މެންބަރުންނަކީ ސިއްރުން ވިޔަސް އެމަނިކުފާނާ ދެކޮޅަށް އެއްޗެއް ވިދާޅުވާން ޖެހިލުންވާ އެ މަނިކުފާނުގެ "ޗާބީ މެންބަރުން" ނެވެ. އެމްޑީޕީގެ ޕީޖީ ގްރޫޕުގެ އިސް ބައެއް ބޭފުޅުން ނަޝީދާ އެއްކޮޅަށް ސޯޝަލް މީޑިއާގައި ތެދުވެވަޑައިގެން، އެމަނިކުފާނުގެ ނިންމެވުން ދިފާއު ކުރައްވާ މައިގަނޑު ސަބަބަކީ ވެސް އެއީ އެވެ.
މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވާ ގޮތުގައި ލޮކްޑައުންއާ މެދު ގޮތެއް ނުނިމެނީސް މަޖިލީހުގެ ތަޅުމުގައި ޖަލްސާތައް ބޭއްވުމާމެދު ނަޝީދު އުފެއްދެވީ އާދަޔާ ޚިލާފު މޮޅު ސުވާލެކެވެ.
"މަނިކުފާނަށް އައްސަރިބަހާއި ސާބަސް،" އިމްތިޔާޒު ވިދާޅުވި އެވެ.
ރައީސް ނަޝީދުގެ ފަހަތްޕުޅަށް އަރާ ވަޑައިގެން އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވަނީ ސަރުކާރަށް އިންޒާރެއް ވެސް ދެއްވާފަ އެވެ. އާޒިމް ވިދާޅުވި ގޮތުގައި މަޖިލިސް ބާއްވަން އެއްވެސް ފަރާތަކުން ހުރަސް އަޅާ ނަމަ އެ ބަޔަކާ މެދު ފިޔަވަޅު އެޅުމަކީ މަޖިލީހުގެ ރައީސަށް ލާޒިމް ކަމެކެވެ.
އޭނާގެ އެ ޓްވީޓް ހަމަ ބޭރު ވުމާއެކު ފެނުނީ ގަންނާ ކުރެއްވި ބިރަށް ޖަލްސާއަށް ހާޒިރުވާން މެންބަރުންނަށް ހާއްސަ ހުއްދައެއް ފުލުހުން ދޫކުރަން ފެށިތަނެވެ.
ސަރުކާރުގެ އަތް އަނބުރާލަނީ
ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި މިކަމުގައި ގާނޫނީ ސުވާލަކަށް ވުރެ މޯރަލް ސުވާލެއް އުފެދެ އެވެ. ކޮންމެ މީހަކަށް ބަލިޖެހިފައި ހުރުމުގެ ފުރުސަތު ބޮޑު ކަމަށް ކޮންމެ ރެއަކު ޑޮކްޓަރުން ޓީވީއަށް އަރައިގެން ރައްޔިތުންނަށް ނަސޭހަތް ދެމުން ވަޑައިގަންނަވާއިރު ގާނޫނު ހަދާ މަޖިލީހުގެ ޗެމްބަރަށް ބައަކު އެއްވުމަކީ ގަބޫލު ކުރަން ދަތިކަމެކެވެ. މަގުމައްޗަށް ނުކުތުމުގެ ހުއްދަ ފުލުހުން ދިނަސް، ގިނަ ބައަކު އެއް ތަނަކަށް ޖަމާވުމަކީ މިފަދަ ހާލަތެއްގައި ސީދާ ސިއްހީ މާހިރުންނަށް އެކަނި ދެއްވޭނެ ހުއްދައަކަށް ވާން ޖެހެ އެވެ.
ވީޑިއޯ ކޮންފަރެންސްގެ މެދުވެރިކޮށް މަޖިލީހުގެ ޖަލްސާތައް ބޭއްވިއިރު، މަޖިލީހުގެ އިދާރާގެ ހަތަރު މުވައްޒަފަކު މަސައްކަތުގައި އުޅުނަސް މެންބަރުން ތަޅުމަށް ވަޑައިގެން ޖަލްސާއެއް ބާއްވަން ގާތްގަނޑަކަށް ހުރިހާ މުވައްޒަފުން ނެރެން ޖެހޭނެ އެވެ. މުވައްޒަފުން ވެސް އެ ނުރައްކަލެއްގެ ތެރެއަށް ވައްދާ "ގުރުބާން ކޮށްލަން" ވެސް މަޖިލީހުގެ ރައީސް ހުންނެވީ ތައްޔާރަށެވެ.
ދެން އޮތީ އަމިއްލައަށް ކަނޑައަޅުއްވައި ނެރުއްވި ރައްކާތެރިކަމުގެ ފިޔަވަޅުތަކެވެ. މަޖިލީހުގެ ޖަލްސާތައް އަލުން ތަޅުމުގައި މިއަދު ބާއްވަން ފަށާއިރު އެ ޖަލްސާތައް ބާއްވާނީ ގައިދުރު މިން ހިމެނޭ ގޮތަށް ރައްކާތެރި ކަމުގެ ފިޔަވަޅުތަކެއް އަޅައިގެންނެވެ. ތަޅުމުގެ އެއް މޭޒެއްގައި ދެ މެންބަރުން ނުތިއްބަވާނެ އެވެ. އަދި މާލަމުގައި އެއް ވަގުތެއްގައި ގިނަވެގެން ތިއްބަވާނީ 42 މެންބަރުނެވެ.
އެކަމަކު މިހާތަނަށް އެނގިފައިވާ ގޮތުގައި، ލޮކްޑައުން ލުއިކޮށް މަސައްކަތުގެ މާހައުލުގައި އަޅަންޖެހޭ ފިޔަވަޅުތައް ސިއްހީ މާހިރުން އަދި ލިޔުއްވަނީ އެވެ. މަޖިލީހުގެ ޕޭ ރޯލްގައި ސިއްހީ މާހިރަކު ހުންނަވާކަމެއް އަދި އެނގިފައެއް ނެތެވެ.
އެންއީއޯސީން ރޭ ބުނި ގޮތުގައި އެ ސެންޓަރުގެ ލަފައެއް މަޖިލީހުން ހޯދާފައެއް ނުވެ އެވެ. ޖަލްސާތައް ތަޅުމުގައި ބޭއްވުމާމެދު އެއްވެސް މަޝްވަރާއެއް ވެސް ނުކުރެ އެވެ.
އެއާއެކު މުހިއްމު އެހެން ސުވާލުތަކެއް ވެސް އުފެދެ އެވެ. އެޗްޕީއޭގެ މަޝްވަރާއެއް ނެތި "ރައްކާތެރި" ކަމުގެ ފިޔަވަޅުތައް މަޖިލީހުން ނިންމީ ކިހިނެއް ހެއްޔެވެ؟ ޖަލްސާތައް ފަށާ ފަހުން މަޖިލީހުގެ މެންބަރަކަށް ނޫނީ މުވައްޒަފަކަށް ބަލި ޖެހިއްޖެނަމަ، އެކަމުގެ ޒިންމާ ނަގާނީ ކާކު ހެއްޔެވެ؟
އޭގެ ފަހުން، ފުރަތަމަ ސުވާލުގެ ޖަވާބު ދޭން އެންމެ ފަހުން އެޗްޕީއޭއަށް މަޖުބޫރުވި އެވެ. ޖަލްސާއަށް މެންބަރުން ތަޅުމަށް ވަޑައިގެންނެވުމުގެ ހުއްދަ ޝަރުތުތަކަކާއެކު ދޭން ފުލުހުންނަށް އެޗްޕީއޭއިން ލަފައެއް ދިނެވެ. އެޗްޕީއޭގެ ލަފައަކީ ވަކި ކަންތައްތަކެއް މަޖިލީހުން ފުރިހަމަ ކުރުމުން މެންބަރުން މަޖިލީހަށް ވަޑައިގެންނެވުމުގެ ހުއްދައެއް ދޭށެވެ.
- ޖަލްސާއަށް ވަނުމުގެ ކުރިން ޓެމްޕަރޭޗާ ބަލައި، ހުން ނެތްކަން ކަށަވަރު ކުރުން
- އަލާމާތް ހުރި އެއްވެސް މީހަކު ޖަލްސާއަށް ނުވެއްދުން
- އެކަކު އަނެއްކަކާ ދެމެދު ތިން ފޫޓްގެ ދުރުމިން ބެހެއްޓުން
- ސައިބޯނި ނުވަތަ ހޭންޑް ސެނިޓައިޒާ ބެހެއްޓުން
- މޭޒުމަތި، ތަޅު، ކީބޮޑު، މައުސް ފަދަ ތަކެތި ޑިސްއިންފެކްޓް ކުރުން
- ކޮވިޑުން ރައްކާތެރިވުމުގެ އާންމު އިރުޝާދުތުތަކާ އެއްގޮތަށް އަމަލު ކުރުން
- މީހުން އެއްވެ އެއްތަނަކަށް ބާއްވަންޖެހޭ ޖަލްސާއެއް ނޫނީ ނުބޭއްވުން
ސީދާ މަޖިލީހަށް މެމްބަރުން ތަޅުމަށް ހާޒިރުވެވަޑައިގެން ޖަލްސާތައް ކުރިއަށް ގެންދަން ނަޝީދު މި ނިންމެވީ، ކައުންސިލްތަކުގެ ދައުރު ދަންމާލަން، ގާނޫނު އަސާސީއަށް ސަރުކާރުން ހުށައެޅި އިސްލާހުގެ މަސައްކަތާ ދިމާކޮށެވެ. އެމްޑީޕީގެ ޕީޖީގެ ވަޓްސްއެޕް ގުރޫޕްގައި އެ މަނިކުފާނު ވިދާޅުވި ގޮތުގައި މާލަމުގައި މެމްބަރުން ހާޒިރުވެ ތިއްބަވައިގެން ނޫން ގޮތަކަށް ގާނޫނުއަސާސީ އަށް ބަދަލެއް ގެނައުން ރަނގަޅު ނޫނެވެ.
ފަހަރުގައި އެއީ ގާނޫނީ ގޮތުން ރަނގަޅު ވިސްނުމަކަށް ވެސް ވެދާނެ އެވެ. އެކަމަކު ލޮކްޑައުން ނިމެން ދެ ދުވަހަށް ވެފައި ވަނިކޮށް ކުއްލި ގޮތަކަށް އެކަން ކުރައްވަން ނިންމެވުމުން ސުވާލުތައް އުފެދެނީ އެވެ. އަދި ލޮކްޑައުން ނުނިމުނަސް، އެޗްޕީއޭއާ މަޝްވަރާކޮށް ވަކި އުސޫލެއްގެ ދަށުން، ހަމަ ވަރަށް ރީތިކޮށް މިކަން ކުރެވޭނެ ދޮރު ވެސް ތަންމިނަށް ހުޅުވިފައި އޮއްވާ މި ގޮތަށް ގެންދާން މަސައްކަތް ކުރައްވާތީ ސުވާލު އުފެދެނީ އެވެ.
އޭގެ ސަބަބަކީ ކޯލިޝަނަކޭ ކިޔަސް، ވެރިކަމުގައި އޮތީ އެމްޑީޕީގެ ސަރުކާރެކެވެ. ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނެވީ ނަޝީދު އެންމެ ގާތް އަދި އާއިލީ ޅިޔަނު އެކުވެރިޔާ އެވެ. ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ މަގުމަތީގައި ޖަލްސާ ބާއްވަން ވެސް ވެސް ހުރަހެއް އޮވެގެން ނުވާނެ އެވެ.
އެކަމަކު މި ލޮކްޑައުނާ ގުޅިގެން، ގައުމުގެ އެންމެ އިސް ދެ ލީޑަރުންގެ ހިޔާލު ތަފާތުކަން ފާއިތުވި ދުވަސްތަކުގެ ތެރޭ ކޮންމެވެސް ވަރަކަށް ފެންމަތިވެއްޖެ އެވެ. ގޭ ބަންދުގައި ދޮޅު މަސް ހަމަވާން ދާއިރު، ރައްޔިތުންގެ މާޔޫސްކަން ބަންޑުންލައި، ކެތްތެރިކަން ކޮޅުން ލާފައިވާއިރު، ރާއްޖޭގެ އެންމެ ގިނަ ރައްޔިތުންގެ ތާއީދު އޮތް ބޭފުޅާ މިވަނީ ސަރުކާރަށާއި ހާއްސަކޮށް ރައީސުލްޖުމްހޫރިއްޔާއަށް ވަރުގަދަ ސިޔާސީ މެސެޖްތަކެއް ދެއްވައިފަ އެވެ. ސިއްހީ މާހިރުން މެދުވެރިކޮށް ސަރުކާރުން ރައްޔިތުންނަށް ތަކުރާރުކޮށް ކުރަމުންދާ އިލްތިމާސްތަކަށް ފާޅުގައި ގޮންޖައްސަވަމުންނެވެ.
ރާއްޖެއާ 10،000 މޭލު ދުރުގައި ހުންނެވި ލީޑަރަކު ވެސް ހަމަ ހެއްދެވީ އެކަހަލަ ގޮތެކެވެ. ބަލީގެ ނުރައްކާ މައިތިރި ނުވެގެން އުޅެނިކޮށް، ރައްޔިތުންގެ މާޔޫސްކަމުގެ ފައިދާ ނަންގަވައި، ލޮކްޑައުން އުވާލަން ސްޓޭޓުތަކަށް ޒާތަކަށް މަޖުބޫރު ކުރައްވަނީ އެވެ. ލޮކްޑައުން އުވާލުމުގެ ބާރު އެ ބޭފުޅާގެ އަތްޕުޅުގައި ނެތީމަ އެވެ. ލޮކްޑައުން އެކީގައި އުވާ ނުލައިގެން، ރައްޔިތުން މަގުމައްޗަށް ނުކުތުމަށް ހިތްވަރު ވެސް ދެއްވަމުންނެވެ.
އެކަމަކު މިއީ ރާއްޖެ ކީއްކުރަން މުޅި ދުނިޔޭގެ ތާރީހުގައި ވެސް ކުރިމަތިވެގެން އުޅޭ އެންމެ ބޮޑު ކާރިސާ އެވެ. މިކަމުން އަރައިގަނެވޭނެ ދުވަހެއްގެ ކޮޅުމަތި ވެސް އަދި ފެންނާކަށް ނެތެވެ. ރައްޔިތުންގެ ކުރިމަތީގައި އޮތީ މާޔޫސްކަމާއި ނިކަމެތިކަމެވެ. ލީޑަރުންގެ ކިބައިން ރޮއެ އާދޭސް ކުރަނީ ހައްލަކަށެވެ. ހިންގުތެރިކަން ދައްކައި ދީގެން މިކަމުން އަރައިގަނެވޭނެ މަގު ކޮށައި ދިނުމަށެވެ. ސިޔާސީ ގޭމު ކުޅުމާއި ސްޓަންޓް ޖައްސާ ދުވަސް އަދި އަންނާނެ އެވެ. އެ ދުވަހަކުން ކޮން ލީޑަރެއްތޯ އެންމެ ބާރު ގަދައީ، އަދި ހައިބަތު ބޮޑީ ބަލައި، މިނެ ކިރައި، ވަރުން އަޅުއްވާށެވެ. މިއީ އަދި އެ ވަގުތެއް ނޫނެވެ.