ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރިޕޯޓް

ރޫހު އޮތީ ރައީސްގެ އައްޔަންކުރާ ކަތީބުންލާން!

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އުފެއްދެވި ސުވާލަކާއެކު ކުރި ފަޅައި ބޮޑު ބަހުސެއް އުފެދިއްޖެ އެވެ. އެއީ ދުނިޔެއާއި ރާއްޖޭގައި މި އޮތް ކޮވިޑް-19 ގެ ބަލާއާފާތުގެ ހާލަތުގައި ރާއްޖޭގެ ގާނޫނު އަސާސީ އިސްލާހު ކުރެވިދާނެ ކަމާމެދު އެމަނިކުފާނު އުފައްދަވާ ސުވާލެކެވެ. އެކަމަކު ގާނޫނު އަސާސީ އިސްލާހު ކުރުމުގައި ހުރަހެއް ނެތް ކަމަށް ގާނޫނީ ގިނަ ބޭފުޅުން ވިދާޅުވުމާއެކު މިހާރު އެ ބަހުސްގެ މިސްރާބު ހުރީ މުޅިން އެހެން ދިމާއަކަށެވެ.

މި އަހަރު ބާއްވަން ޖެހޭ ކައުންސިލް އިންތިހާބު ވެސް މި ވަނީ މުއްދަތެއް ނެތް ގޮތަށް ފަސް ކުރަން ޖެހިފަ އެވެ. އަނެއްކޮޅުން އަންނަ ޖޫން މަހުގެ ތިންވަނަ ދުވަހު މިހާރު ތިބި ކައުންސިލަރުންގެ ދައުރު ހަމަވާއިރު އެ ތާރީހުގެ ކުރިއަށް ވެސް އިންތިހާބު ބޭއްވިދާނެ ކަމުގެ ޔަގީން ކަމެއް ނެތެވެ. އާ ކައުންސިލަރުން އިންތިހާބު ކުރެވެން ދެން މިހާރު ތިބި ކައުންސިލަރުން މަގާމުގައި ތިބެވޭ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެންނަ ބިލެއް ސަރުކާރުން މަޖިލީހަށް ފޮނުވި އެވެ. ނަމަވެސް އެމްޑީޕީގެ ބައެއް މެންބަރުން ގާނޫނު އަސާސީ އިސްލާހު ކުރަން ދެކޮޅެވެ.

ހަމަ އެހެންމެ ކައުންސިލަރުންގެ ދައުރު ދިގު ކުރަން ވެސް އެ މެންބަރުން ގަބޫލެއް ނުވެ އެވެ. ރައީސް ނަޝީދު ވެސް މިހާރު ވިދާޅުވާ ގޮތުގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ގާނޫނު އަސާސީ އިސްލާހު ނުކުރެވޭނެ ކަމަށް ދެކެ ވަޑައިގަންނަވާ ސަބަބާއި ރޫހަށް ބަލާއިރު އެއީ ރަނގަޅު ހައްލެއް ނޫނެވެ. އެއާ ހިލާފަށް މަޖިލީހުން މަސައްކަތް ކުރާނީ ގާނޫނު އަސާސީގެ ރޫހާ އެއް ގޮތަށް އެންމެ ރަނގަޅު ހޯދާށެވެ.

އެމްޑީޕީގެ ބައެއް މެންބަރުންގެ ވިސްނުމާއި އަމާޒު އޮތީ ކައުންސިލްތަކަށް ރައީސުލްޖުމްހޫރިއްޔާ ބަޔަކު އައްޔަން ކުރާށެވެ. އެކަމަކު އެއީ އެ ފާހަގަ ކުރައްވާ ގޮތަށް ގާނޫނު އަސާސީގެ ރޫހާ އެއް ގޮތް ކަމެއް ހެއްޔެވެ؟

ޑިމޮކްރެޓިކް ގޮތަކީ ކޮބައި ހެއްޔެވެ؟ ގާނޫނު އަސާސީގެ ރޫހަކީ ކޮބައި ހެއްޔެވެ؟ އެ ރޫހަކީ ކުރިން އަމަލު ކުރި ގޮތަށް ރަށްރަށުގައި ރައީސުލްޖުމްހޫރިއްޔާގެ ބާރު ފޯރުވޭ ކަތީބުން ގޮތަށް ކައުންސިލަރުންގެ ނަމުގައި ކަތީބުންތަކެއް މި ވަގުތަށް ބައިތިއްބުން ހެއްޔެވެ؟

80 ވަނަ މާއްދާ: ގާނޫނު އަސާސީގެ ރޫހު ސާފު

ކައުންސިލްތަކަށް ރައީސް ބަޔަކު އައްޔަން ކުރަން އެމްޑީޕީގެ ބައެއް މެންބަރުން ހިޔާލު ފާޅު ކުރެއްވުމާއެކު އެންމެ ފުރަތަމަ ވެސް ހޫނު ވެގެން ދިޔައީ މަޖިލީހުގައި ގިނަ ދުވަހު މަސައްކަތް ކުރެއްވި އެމްޑީޕީގެ ބައެއް މެންބަރުންނާއި ގާނޫނީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަން ދެން މަސައްކަތް ކުރެއްވި ހަމަ އެ ޕާޓީގެ ބައެއް މެންބަރުންގެ މެދުގަ އެވެ.

އެންމެ ފުރަތަމަ ވެސް އެކަމަށް ނުރުހުން ފާޅު ކުރެއްވި އެއް ބޭފުޅަކީ ގާނޫނު އަސާސީ އެކުލަވައިލުމުގައި ވެސް އުޅުއްވި މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފެވެ. އޭނާ ވިދާޅުވި ގޮތުގައި އެއީ ގާނޫނު އަސާސީގެ ރޫހާ މުޅިން ހިލާފު ގޯސް ވިސްނުމެކެވެ. މިފަދަ ހާލަތެއްގައި ގާނޫނު އަސާސީގެ ރޫހަކީ ކައުންސިލަރުންގެ ދައުރު ދަންމާލައި އެގޮތަށް ކުރިޔަށް ދިއުމެވެ.

އޭނާގެ ނުކުތާ ދިފާއު ކުރެއްވުމަށް ދެއްކެވީ ގާނޫނު އަސާސީގެ 80 ވަނަ މާއްދާ އެވެ. އެއީ ކުއްލި ނުރައްކަލުގެ ހާލަތެއް އިއުލާން ކޮށްފައިވާ ދަނޑިވަޅެއްގައި މަޖިލީހުގެ އިންތިހާބު ނުބޭއްވޭ ހާލަތުގައި އަމަލު ކުރެވިދާނެ ގޮތް ބަޔާން ކުރާ މާއްދާ އެވެ.

އެ މައްދާގައި ބުނަނީ ކުއްލި ހާލަތުގައި އިންތިހާބު ނުބޭއްވޭނަމަ މަޖިލީހުން ފާސްކުރާ ގަރާރަކުން އެ މަޖިލީހުގެ ދައުރުގެ އުމުރު އެއް އަހަރަށްވުރެ ދިގު ނޫން މުއްދަތަކަށް އިތުރު ކުރެވޭނެއޭ އެވެ. އަދި ކުއްލި ހާލަތު ނިމޭ ދުވަހުން ފެށިގެން 60 ދުވަހުގެ ތެރޭގައި އާ މަޖިލިސް އިންތިހާބު ކުރަން ޖެހޭނެއޭ އެވެ.

ޝަރީފު ދެކެވަޑައިގަންނަވާ ގޮތުގައި ގާނޫނު އަސާސީގެ ރޫހަކީ ކުއްލި ހާލަތުގެ ދަނޑިވަޅެއްގައި ވިއްޔާ ކައުންސިލްގެ އިންތިހާބު ފަސް ކުރުމުގައި ވެސް އެ ގޮތަށް އަމަލު ކުރުމެވެ. ގާނޫނު އަސާސީގެ ރޫހަކީ ގާނޫނު އަސާސީ އިސްލާހު ކުރުމެވެ. ބަންޑާރަ ނައިބު ފޮނުވި ބިލުގައި ވަނީ ރަނގަޅު ހައްލެއް ކަމަށް ޝަރީފު ދެކެ ވަޑައިގަންނަވަ އެވެ.

"ގާނޫނު އަސާސީ ޑްރާފްޓް ކުރެވުނުއިރު ރައްޔިތުންގެ މަޖިލީހުގެ ބާބުގައި އެ ގޮތަށް ލިޔެފައި އެ އޮތީ... އެކަމަކު ލާމަރުކަޒީ ބާބުގައި އެ ގޮތަށް ނުލިޔެވި ދިޔައީ، ބަންޑާރަ ނައިބު ފޮނުވި ބިލުގައި މި ވަނީ ކުއްލި ހާލަތުގައި ހަމަ އެ އުސޫލުން އަމަލު ކުރާ ގޮތަށް ލާމަރުކަޒީ ބާބަށް އިސްލާހެއް ގެންނަން، ގާނޫނު އަސާސީގެ ރޫހަކީ ވެސް އެއީ،" ޝަރީފު ވިދާޅުވި އެވެ.

ވިލިމާލެ ދާއިރާގެ އަމިއްލަ މެންބަރު އަދި ގާނޫނީ ވަކީލް އަހުމަދު އުޝާމް ވެސް އެ ނުކުތާއަށް ތާއީދު ކުރައްވަ އެވެ. އޭގެ އިތުރަށް އޭނާ ވިދާޅުވީ ކައުންސިލްތަކަށް ބަޔަކު އައްޔަން ކުރަން ގާނޫނު އަސާސީގެ ލާމަރުކަޒީ ބާބުން ވެސް ޖާގައެއް ނުދެ އެވެ. އެ ބާބުގައި ބުނާ ގޮތުން ކައުންސިލްތަކުގައި ތިބެން ވާނީ ޑިމޮކްރެޓިކް ހަމަތަކުގެ މަތިން ރައްޔިތުން އިންތިހާބު ކުރާ ބަޔެކެވެ.

އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ދެކެވަޑައިގަންނަވާ ގޮތުގައި ރައީސުލް ޖުމްހޫރިއްޔާ އިސްވެ ކައުންސިލްތަކަށް ބަޔަކު އައްޔަން ކުރުމަކީ ގާނޫނު އަސާސީގެ ރޫހާ މުޅިން ހިލާފު ކަމެކެވެ. އެކަމަކު ގާނޫނު އަސާސީ އިސްލާހު ކުރުމާ މެދު ބައެއް މެންބަރުންގެ ކަންބޮޑުވުން އޮތުމުން އެހެން ގޮތެއް ވެސް ހަސަން ލަތީފު ފާހަގަ ކޮށް ދެއްވަ އެވެ.

އޭނާ ފާހަގަ ކުރައްވާ ގޮތުގައި ގާނޫނު އަސާސީގައި އުފަންވެފައި ނެތް ހާލަތެއް މެދުވެރިވުމުން އެ ހާލަތުގައި އަމަލު ކުރާނެ ވަގުތީ ގާނޫނެއް ގެނައުމަކީ މަޖިލީސްތަކުން ކުރާ ކަމެކެވެ. މިހާރު އޮތް ވަގުތީ ގާނޫނުގައި ކައުންސިލަރުންގެ ދައުރު ހަމަވާ ތާރީހާއި އިންތިހާބު ބޭއްވޭ ތާރީހާ ދެމެދުވާ މުއްދަތުގައި އަމަލު ކުރާނެ އުސޫލުތައް ބަޔާން ކުރެވިދާނެ އެވެ. އެކަމަކު ދެން ވެސް ގާނޫނު އަސާސީގެ ރޫހާ އެއް ގޮތަށް އެ ގާނޫނު ވެސް އޮންނަން ޖެހޭނެ އެވެ.

"ގާނޫނު އޮންނަން ވާނީ ގާނޫނު އަސާސީގެ ރޫހާ އެއް ގޮތަށް. ގާނޫނު އަސާސީ ދުށް ތަނަކީ އަދި ރޫހަކީ ކައުންސިލަރުންނަކީ އިންތިހާބު ކުރެވިފައިވާ ބަޔަކަށް ވުން... އެހެންވެއްޖެނަމަ މި ހަދާ ގާނޫނުގައި ވެސް އެ ކަން ވާން ޖެހޭނީ އެ ގޮތަށް. ހަމައެކަނި މި ހާލަތުގައި އަމަލުކޮށް ހާލަތު ދިޔައިމަ އުވޭ ގޮތަށް އޮންނަން ވާނީ،" ހަސަން ލަތީފު ވިދާޅުވި އެވެ.

ރާއްޖޭގެ ގާނޫނު އަސާސީ ބައްޓަން ކޮށްފައި އޮތީ ދުނިޔޭގެ ބޮޑެތި ޑިމޮކްރަސީތަކުގައި ނިޒާމު ބައްޓަން ކުރެވިފައިވާ ގޮތް މިސާލަށް ބަލައިގެނެވެ. އެ ގައުމުތަކުގައި މި ހާލަތުގައި އަމަލު ކުރާ ގޮތަކީ އިންތިހާބު ބޭއްވެން ދެން ކުރިން އިންތިހާބު ކޮށްފައި ތިބި ބަޔަކާއެކު ދައުރު ދިގުކޮށްގެން ކުރިއަށް ދިއުމެވެ. ގާނޫނީ ބޭފުޅުން ފާހަގަ ކުރައްވާ ނުކުތާއަށް ބަލާއިރު ރާއްޖޭގެ ގަނޫނު އަސާސީގެ ރޫހު ވެސް އޮތީ އެ ގޮތަށެވެ. ކަތީބުން އައްޔަން ކުރާ ގޮތަކަށް ނޫނެވެ.

މިފަދަ ހާލަތެއް މެދުވެރިވެގެން ހާދާނެ ނުހަދާނެ ގޮތެއް ނޭނގިގެން އުޅޭ އިރު ރާއްޖޭގެ ސުޕްރީމް ކޯޓްވެސް އެބައޮތެވެ. އެހެން ޑިމޮކްރެޓިކް ގައުމުތަކުގައި ކަން ކުރާ ގޮތަށް މިފަދަ ހާލަތަކާ ގުޅިގެން ސުޕްރީމް ކޯޓުގެ ކޮންސަލްޓޭޓިވް އޮޕީނިއަންއަކަށް ދެ އެވެ. އެކަމު ރާއްޖޭގައި މަޖިލީހާއި ޖުޑީޝަލް ސާވިސް ކޮމިޝަންގެ ބާރު ގަދަކަމުން ގޮސް ސުޕްރީމް ކޯޓުގެ ބާރު ކުޑަވެފައިވާތީ މިހާތަނަށް އަދިވެސް އެފަދަ ލަފައަކަށް އަހާފައެއް ނުވެއެވެ. އަހާނެ ހެނެއް ހީއެއްވެސް ނުވެއެވެ. ފަހަރުގައި އެންމެ ގާތީ ރައީސް ނަޝީދު ހެއްދެވި ގޮޔަށް "ކައުންސިލަރު ކަތީބު"ން ލައިގެން ކުރިޔަށް ގެންދިއުމެވެ.