ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އެންއައިސީން މަޖިލީހަށް މައުލޫމާތު ނުދީގެން މެންބަރުންގެ ނުރުހުން

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން ކުރަމުންދާ މަސައްކަތާ ގުޅޭ މައުލޫމާތުތައް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ނުދީ ލަސްވުމުން އެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ އެމްޑީޕީގެ މެންބަރުންގެ ނުރުހުން އެ ކޮމިޝަންގެ މެންބަރުންނަށް އަމާޒު ކުރައްވައިފި އެވެ.

ކޮވިޑް-19 ގެ ސަބަބުން ހިނގަމުންދާ ކަންކަމާ ގުޅޭ ގޮތުން ސަރުކާރަށާއި މިނިވަން މުއައްސަސާތަކަށް މަޖިލީހުން ލަފައެއް ދިނުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ކުރަމުން ދިޔަ ދިރާސާއަށް ބޭނުންވާ މައުލޫމާތު އެންއައިސީން ލިބިފައި ނުވާ ކަމަށް އެ ކޮމިޓީގެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ކޮމިޓީގެ ރިޕޯޓު ތަޅުމަށް އިއްވުމުން، އެ ރިޕޯޓަށް ބަހުސް ކުރެއްވި އެމްޑީޕީގެ މެންބަރުންގެ ވަނީ އެންއައިސީގެ މެންބަރުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އަދި ކޮމިޝަންގެ މެންބަރުން މިހާރުން މިހާރަށް ވަކިކުރަން ޖެހޭ ކަމަށް ގިނަ މެންބަރުން ވިދާޅުވި އެވެ.

އެމްޑީޕީގެ ޗެއާޕާސަން، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވިދާޅުވީ މަޖިލީހުގެ ކޮމިޓީން މައުލޫމާތަކަށް އެދުމުން އެންއައިސީން މައުލޫމާތު ނުދީ އޮތް އޮތުން އެއީ ވަރަށް ބޮޑަށް ކަންބޮޑުވާ މައްސަލައެއް ކަމަށެވެ.

ހަސަން ލަތީފު ވިދާޅުވީ، އެންއައިސީގެ މަސްއޫލިއްޔަތަކީ ފުލުހުންގެ ތެރޭގައި ހިނގާ ކަންކަން ތަހުގީގުކޮށް ދައުވާ ކުރަން ޖެހޭ މައްސަލަތަކުގައި ޕްރޮސެކިއުޓާ ޖެނެރަލަށް ފޮނުވުން ކަމަށެވެ. އެކަމަކު ކޮމިޝަނަށް ބެލެނީ އަހަރަކު މައްސަލައެއް ކަމަށާއި 2018 ގެ ފަހުން އެންމެ މައްސަލައަކަށް ވެސް ދައުވާ ކުރަން ފޮނުވިފައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ އެތައް މައްސަލައެއް ތަހުގީގުކޮށް ދައުވާ ކުރަން ފޮނުވާ މުއައްސަސާއެއް. އެކަމަކު މިވީ އަހަރުތަކުގައި އެންމެ މައްސަލައެއް ވެސް ދައުވާ ކުރަން ފޮނުވާފައެއް ނެތް، ހަމަ ގައިމު ވެސް އަޅުގަނޑުގެ އިތުބާރެއް މި ކޮމިޝަނަކަށް ނެތް." ހަސަން ލަތީފު ވިދާޅުވި އެވެ.

ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ ވިދާޅުވީ އެންއައިސީން މަޖިލީހަށް ބޭނުންވާ މައުލޫމާތުތައް ދިނުމަކީ އެ ކޮމިޝަނަށް ލާޒިމު ކަމެއް ކަމަށާއި އެ މައުލޫމާތު ނުދިން ކަމަށް ޓަކައި ވެސް އެ ކޮމިޝަންގެ މެންބަރުން ވަކި ކުރަން ޖެހޭ ކަމަށެވެ.

އިހުމާލުތައް ވެފައިވާ މިނިވަން މުއައްސަސާތަކުގެ މެންބަރުން ވަކިކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގައި ލަސްވާތީ ވެސް އީސަ ނުރުހުން ފާޅު ކުރެއްވި އެވެ. އީސަ ވިދާޅުވީ އެންއައިސީން ވެސް ގިނަ އިހުމާލުތަކެއް ވަމުންދާ ކަމަށާއި އެ ކޮމިޝަންގެ މެންބަރުން ވަކި ކުރުމުގެ ކަންކަން ލަސްކޮށްގެން ނުވާނެ ކަމަށެވެ.

"އެ ކޮމިޝަންގެ މެންބަރުންނަށް މިހާރުން މިހާރަށް ފިޔަވަޅު އަޅަން ޖެހޭ. އެއީ މި މަޖިލީހަށް މަތިކޮށްފައިވާ ޒިންމާއެއް. ރައްޔިތުން އަޅުގަނޑުމެނަށް ސުވާލު ކުރާ ކަމެއް އެއީ. އަޅުގަނޑުމެންނަށް އެއް ގޮތަކަށް ވެސް ދޫކޮށްލައިގެން ވާނެ ކަމެއް ނޫން." އީސަ ވިދާޅުވި އެވެ.

މެންބަރުންގެ ވާހަކަތަކާ ގުޅިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވިދާޅުވީ އެންއައިސީން ކޮމިޓީއަށް އެއްބާރުލުން ނުދިނުމަކީ ވަރަށް ދެރަ މައްސަލައެއް ކަމަށެވެ. އަދި އެއީ ކޮމިޝަންގެ މެންބަރުންގެ އިތުބާރާ ގުޅޭ ގޮތުން ސުވާލު އުފެއްދުމުގެ ޖާގަ އެބަ އޮތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ، މަޖިލީހުގެ މެންބަރުންގެ ކަންބޮޑުވުން ހުރި މައްސަލަތައް ހިނގި ފަހުން މިހާރު ހިނގާ މަޖިލީހުން ކޮމިޝަންގެ މެންބަރަކަށް ރުހުން ދީގެން އައްޔަން ކޮށްފައިވާ ކަމަށެވެ. އެ މެންބަރުގެ މައްސަލައެއް ފާހަގައެއް ނުވާ ކަމަށެވެ.

އެންއައިސީއަށް މި މަޖިލީހުން ރުހުންދީގެން އައްޔަން ކުރީ ކޮމިޝަންގެ މެންބަރު އަހުމަދު ޖިހާދެވެ. ދެން ކޮމިޝަންގައި ތިއްބަވަނީ އެ ކޮމިޝަންގެ ރައީސް އަހުމަދު ސުލައިމާން އާއި، ކޮމިޝަންގެ ނައިބު ރައީސް ހައްސާން ހަމީދު އާއި، މެންބަރު ހަދީޖާ އަބްދުﷲގެ އިތުރުން، މެންބަރު އަހުމަދު އަމީނެވެ.