ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ ބަލާއާފާތް

ފިލައިތިބެ ކޮސް ވާހަކަ ދައްކާކަށް ނުވާނެ!

ރާއްޖޭގައި ކިތަންމެ ވަރުގަދަ ސިޔާސީ ލީޑަރަކަށް ވިޔަސް ޕަބްލިކަށް ފެންނަ ގޮތަށް ވިދާޅު ނުވެވޭނެ ވާހަކަތަކެއް އެބަހުރެ އެވެ. އެއީ ބައެއް ފަހަރު ހުންނަވާ މަގާމުގެ ގޮތުންނެވެ. އަނެއްބައި ފަހަރު މައުލޫއެއްގެ ނުކިއްސަރުކަމުން، އެހެން ކާޑެއް ކުޅެން ޖެހޭތީ އެވެ. ނޫނީ ސަރުކާރުގެ ހިންގާ ޕާޓީގެ މައި ތަނބެއްގެ ގޮތުގައި ހުންނަވައިގެން ސީދާކޮށް ސަރުކާރަށް ފާޑު ވިދާޅު ނުވެނޭތީ އެވެ. އެހެންކަމުން، ދުރުގައި ހުންނަވައިގެން ގާ ބުރި ބުރި އެއްލަވަނީ އެވެ. އެހެންވީމާ މި ހާދާ ގޮތަކީ "އެލެކްހަކަށް" ވަނީ އެވެ. ރައްޔިތުންގެ ތެރެއަށް ހިޔާލު ތަފާތުވުން ބޮޑުވާނެކަން އެނގޭ ހުށަހެޅުންތައް މި ފޮނުވާލަނީ އެހެން ދޮރޯޓެއް ބޭނުން ކޮށްގެނެވެ. ޓްވިޓަރުގެ ދުނިޔެއަށް ގެއްލި ހުސްވެފައިވާ ދިވެހިން މި ވާހަކައަށް ވަރަށް ފަރިތަވާނެ އެވެ.

ކޮވިޑް-19 އިގެ ބަލިމަޑުކަން ރަނގަޅަށް ލައްވާލައި ރާއްޖެ ވެސް "ބަލިވެފައިވާ" ދަނޑިވަޅެއްގައި ލީޑަރަކު "އެލެކްހަކަށް" ވެގެން ވަލުދޮރާށިން މި ވަނީ އަނެއްކާވެސް އާާ ހިޔާލެއް ވައްދާފަ އެވެ.

މާލޭ ލޮކްޑައުނަށް މަހެއް ހަމަވީތަނާ އިތުރު ދެ ހަފުތާގެ ގޭބަންދު މުއްދަތު ވަނީ ޖަހައިފަ އެވެ. މުޖުތަމައު ތެރޭގައި ބަލި ރަނގަޅަށް ވަކި ހިތްޕާލާފައިވާއިރު، ކުރަންޖެހޭ ވަރާ ގާތަށްވެސް ރާއްޖޭގައި ޓެސްޓު ނުކުރެވޭކަމަށް ޑޮކްޓަރުން ވަނީ ވިދާޅުވެފަ އެވެ. އަދި މިހާތަނަށް ޝިފާއެއް ހޯދިފައި ނެތް މި ބަލީގެ މައްޗަށް ގަދަވުން އޮތީ ބަލި ޖެހިފައިވާ މީހުން އަވަހަށް ދެނެގަނެވިގެންކަން އެއީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯ އިން ނުބުންޏަސް ކޮންމެ ދިވެއްސަކަށް ވެސް އެނގޭ ވެސް ކަމެކެވެ.

އާމްދަނީ ލިބޭނެ ދޮރުތައް ބަންދުވެ، ގިނަ ދިވެހިންގެ ދިރިއުޅުމުގައި ވަކި ލާރިކޮޅުވެސް މި ވަނީ ހުސްވެފަ އެވެ. މާޔޫސްކަމާއި ނިކަމެތިކަން ހުރި މިންވަރުން ކޮންމެ ކަމަކަށް ވެސް މިހާރު ރުހި، ގަބޫލުވާ ހާލަތެއްގައި ރައްޔިތުން ތިބިއިރު، ދުވާލަކު 5،000 އަށް ވުރެ ގިނަ ޓެސްޓް ހެދޭނެ ހިޔާލެއް ފިލައި އިނދެ ލީޑަރަކު ފެންމަތި ކޮށްލިޔަސް މިއީ ވަރަށް ނާޒުކު ދަނޑިވަޅެކެވެ.

"ކޮވިޑް-19 ޓެސްޓު ހެދުން ޕްރައިވަޓައިޒް ކޮށްފިނަމަ ދުވަހަކަށް 5،000 އަށް ވުރެ ގިނައިން ޓެސްޓު ހެދޭނެ. ސަރުކާރަށް ހަރަދުވެސް ކުޑަވާނެ. އާމްދަނީ ދަށް މީހުނަށް ސަބްސިޑައިޒް ކުރެވިދާނެ،" ޓްވިޓާގައި އެންމެން ދަންނަ އެލެކްސް އަހުމަދު ދޫކޮށްލި ހިޔާލެއްގައު ބުނެފައިވެ އެވެ. އޭނާއަކީ ކާކު ކަމައި ރައްޔިތުންގެ އިހުސާސްތަކަށް ކިހާ ފަރިތަ މީހަކުކަން އެންމެނަށް "އެނގެ" އެވެ.

އޭނާގެ ޓްވީޓުގައި ރައްޔިތުންގެ އިހުސާސްތަކާ ގުޅިފައިވާ ހުރިހާ ގޮޅިތަކެއްގައި ވަނީ ވަރަށް ހުނަރުވެރިކަމާއެކު ފާހަގަ ޖަހާފަ އެވެ. އެތަކެއް ހާހުން ކޮވިޑް ޓެސްޓު އިތުރު ކުރެވޭނެ ވާހަކަ އެވެ. އެކަމަށް ނޫނެކޭ ނުބުނާނީ ކޮން ދިވެއްސެއް ހެއްޔެވެ؟ އެއާ ވިދިގެން އަންނާނެ ހަރަދުގެ ކަންބޮޑުވުމަށް ވެސް އޭނާ އެވަނީ ޖަވާބުދީފަ އެވެ.

މާސްކެ އަޅައިގެން "އެލެކުހަކަށް" ވެ ފޮރުވިގެން އިންނަ މީހާ އޭނާގެ އާއްމު އުސޫލުގައި ދޫކޮށްލާ ހިޔާލުގައި ފޮރުވިފައިވޡ ސަބަބުތަކެއް ހުންނާނެކަން ޔަގީނާ ގާތަށް ބުނަން އެނގެ އެވެ. އަދި މިކަން ހަޖަމުކޮށްލަން ވެސް އުނދަގޫވާނެ އެވެ.

ފުރަތަމަ ކަމަކީ ސަރުކާރުން މިހާތަނަށް ދައްކަމުން އައި ހުރިހާ ވާހަކަތަކެއް، މިކަން ކުރުމާއެކު ފަނުފުލުން ދާނެ އެވެ. ޓެސްޓިން އިތުރު ނުކުރެވޭ ސަބަބު ދިފާއު ކުރައްވަމުން، ކޮންމެ ރެއަކު އެންއީއޯސީގެ ތަރުޖަމާނު ވިދާޅުވަނީ ސަރުކާރަށް މެޝިނުތަކާއި ޓެސްޓިން ކިޓުތައް ބޮޑު އަގު ދީގެން ގަންނަން ވެސް ނުލިބިގެން އުޅޭ ވާހަކަ އެވެ. އަމިއްލަ ކުންފުނިތައް މެދުވެރިކޮށް ވެސް އެކަން ނުވެގެން އުޅެނީ ދުނިޔޭގައި އެތަކެއްޗަށް ޑިމާންޑު ބޮޑުވުމުން ކަމަށް ވިދާޅުވެ އެވެ. ކޮންމެ ގޮތަކަށް ހޯދިޔަސް، ސަރުކާރު އޮތީ ގަންނަން ތައްޔާރަށޭ ބުނެ އެވެ. އެކަމަކު ނުލިބެންޏާ ކުރާނެކަމެއް ނެތްތާ އެވެ!

ޑަބްލިޔުއެޗްއޯ މެދުވެރިކޮށް ވެސް ނުހޯދިގެން އުޅޭ ސާމާނުތަކެއް ކުއްލިއަކަށް އަމިއްލަ ކުންފުނިތަކަކަށް ހޯދޭނެ ގޮތެއް ނުވިސްނެ އެވެ. ފަހަރުގައި އެކަން ކުރާނީ، ދައުލަތަކަށް ނުވެގެން އުޅުނު ކަމެއް ދާދި ފަހުން ޕްރައިވެޓް ހޮސްޕިޓަލަކުން ކުރި ގޮތަށް ކަމަށް ވެދާނެ އެވެ.

އެކަމަކު ސަރުކާރަށް ހަރަދު ކުޑަވާނެ ކަމަށް ގަބޫލެއް ނުކުރެވެ އެވެ. ޓެސްޓިން ޕްރައިވަޓައިޒް ކޮށްގެން އުޅޭ އެހެން ގައުމުތަކަށް ބަލައިލިޔަސް، އޭގެ މަންފާއެއް ކުރަނީ "މުށެއްހާ" ރައްޔިތުންނަށެވެ. އާބާދީގެ ބޮޑުބައި މާދަމާ ކާނެ ގޮތެއް ނެތްއިރު، އަމިއްލަ ޖީބުން ޓެސްޓު ކުރަން ދޭނެ ފައިސާއެއް މިހާރަކު ނެތެވެ. ހައްތަހާވެސް ތިބީ ސަރުކާރުގެ ސަބްސިޑީ ބޭނުންވާ "އާމްދަނީ ދަށް" މީހުނެވެ.

އާސަންދައިގެ ދަށުން ޓެސްޓު ކުރާ އަގުގެ ބޮޑުބައި ކަވަރު ކުރުމުން، ސަރުކާރަށް ހަރަދު ކުޑަ ވާނީ ކޮން ގޮތަކަށް ހެއްޔެވެ؟

ޕްރައިވެޓް ކުންފުނިތައް ފައިދާއެއް ނުލާ އެއްކަމެއް ވެސް ނުކުރާއިރު، އެ ފައިދާވެސް ނަގާ ދޭން ޖެހޭނީ ދައުލަތުގެ ހަޒާނާއިންނެވެ. ފަހަރުގައި ނުވެގެން އުޅެނީ އެކަން ކަމަށް ވެދާނެ އެވެ. އަބަދުވެސް ތޮބީއަތަކީ ކާރިސާއެއްގެ ދަނޑިވަޅަކީ ކޮންމެވެސް އެއް ބަޔަކަށް ވިޔަފާރި ވަރަށް ރަނގަޅު ވުމެވެ. އަދި ވައްކަން ކުރާ ޕޮލިޓީޝަނުންނަށް ވައްކަން ކުރާނެ ފުރުސަތު ވެސް ފަހިވުމެވެ.

ކޮވިޑް-19 އާ ގުޅިގެން ކުރަންޖެހޭ ހަރަދަށް އޮތީ ފޫނެތް ބަޖެޓެކެވެ. އެހެނަސް މިހާތަނަށް އެކަމުން ބައި އެޅުމުގައި ދަތިތަކެއް އެބަހުއްޓެވެ. ބައެއް ދިމަ ދިމާއިން އެކަމާހެދި ނުރުހުމުގެ ހޫނު ކަން ވެސް އަންނަން އޮތީ ފަށައިފަ އެވެ. ޓެސްޓް ކުރުން ޕްރައިވަޓައިޒް ކޮށްގެން، ބޯކިބާއިން ރަނގަޅު ބޮޑު ފަޅިއެއް ނަގާ، ބޭނުންވާ ބަޔަކަށް ދެވޭނެ އެވެ.

އަވަށްޓެރި ގައުމަކުން ހާއްސަކޮށް އިންޑިއާއިން މި ޓެސްޓިންގެ ބިޑުގައި ބަގުޑިބައްދަން މިހާރުވެސް ފޮށި ތަންމަތި ބަނދެގެން ތިބޭނެ އެވެ. ނޫނީ އެފަދަ ބޭރު ގައުމަކާ ގުޅިގެން، ވަރަށް އަރިސް ދިވެހި މޫނުތަކެއް ވެސް މިހާރު ރަނގަޅަށް ކޯޓު ހެޔޮ ވަރުކޮށް ބޫޓު އޮފްކޮށްގެން ތިބުން ވަރަށް އެކަށީގެންވެ އެވެ.

މި ބަލާއާފާތުގެ ތެރެއިން ފެންމަތިވެގެން އުޅެނީ އާ ކަންކަމެއް ނޫނެވެ. މުޅީންމެ މި ފެންނަނީ ރާއްޖޭގައި ޒަމާނުއްސުރެ އަޅާނުލެވި، މަކުނުވާ ހެދިފައިހުރި މައްސަލަތަކެވެ.

ޓެސްޓިން އިތުރު ނުކުރެވިގެން އުޅެނީ ލެބުތަކުގައި ވަސީލަތްތައް ގާއިމްކޮށްފައި ނެތިގެނެވެ. ރާއްޖެއަށް މިހާ ނުރައްކާ ބޮޑުވެގެން އުޅޭ މައިގަނޑު ސަބަބަކީ، އެކަށީގެންވާ މިންވަރަށް ސިއްހީ ހިދުމަތްތެރިން އުފައްދާފައި ނެތުމާއި، މުޅި ސިއްހީ ފަރުވާގެ ނިޒާމް ވާކޮށްފައި އޮތުމުގެ ސަބަބުބްނެވެ.

އެކަމަކު މި ދަނޑިވަޅުގައި ވެސް އެ ނިޒާމު ވަރުގަދަ ކުރުމުގެ ވިސްނުމެއްނެތްކަން މިދަނީ ހާމަވަމުންނެވެ. ރައްޔިތުންގެ ފައިސާއިން ބޭނުންވާ އާލާތްތައް ހޯދަން ހަރަދު ކުރުމުގެ ބަދަލުގައި، އަނެއްކާ ވެސް މިއުޅެނީ މައްސަލައިގެ މަތީގައި ވަގުތީ މަލަންގަނޑެއް އަޅާށެވެ. ވަގުތީ ހައްލެއްގެ ތެރެއިން، ބޮޑު ވިޔަފާރި ފައިދާގަނޑެއް ދަމައިގަތުމުގެ ރޭވުމުގެ ތެރޭގަ އެވެ.

ދިވެހި ރާއްޖޭގެ އެއްވެސް މައްސަލައަކަށް ދާއިމީ ހައްލެއް ހޯދައިދޭން ސިޔާސީ ލީޑަރުން ޖެހިލުންވެ އެވެ. އެކަން އަބަދުވެސް އޮންނަން ޖެހޭނީ ކެމްޕޭނު ވައުދުގެ ބެޓިކް ފޮތިގަނޑުގައެވެ. ކޮންމެ އިންތިހާބަކާ ދިމާކޮށް، ހަމަ އެ ފޮތިގަނޑުން ހިރަފުސް ފޮޅާލައި، ބަނދަރު މަތީގައި ދަމާލީމާ ފުދުނީ އެވެ. މިއީއަކީ މާބޮޑަށް ހައިރާންވާންޖެހޭ ކަމެއް ވެސް ނޫނެވެ. މިކަން އެންމެ ރަނގަޅަށް އެނގޭނީ "އެލެކްހަކަށް" ވެގެން އުޅޭ ލީޑަރުންނަށެވެ.