ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރިޕޯޓް

އަމީން އިސްތިއުފާއިން މައްސަލަ ނިމޭނެބާ؟

ކޮވިޑްގެ ބާލާއާފާތްގެ ބިޔަ ރާޅުތައް ރާއްޖެއަށް ބިންދާލާ މިހާތަނަށް 11،000 ވުރެ ގިނަ މީހުން ބަލިކޮށްފި އެވެ. ރާއްޖެއިން 37 މީހަކު އެ ބަލީގައި މަރުވެއްޖެ އެވެ. ކޮވިޑްގައި އިންތިހާ ނުރައްކާ ދުވަސްތައް ދިވެހިން ތަޖުރިބާ ކޮށްފި އެވެ. ކަމާބެހޭ އިދާރާތަކުގެ އިރުޝާދަށް ރައްޔިތުން ދަތި ކަމުގައި އެތަށް ދުވަހެއް ހޭދަކޮށްފި އެވެ. ނަމަވެސް އެ ދަތީގައި ތިއްބާ ރައްޔިތުންނަށް އިވުނީ އެ ރައްޔިތުން ފިތް ކަނޑައިގެންދާނެ ފަދަ ވާހަކަތަކެކެވެ. އެއީ ކޮވިޑްގެ ބަލި މީހުންނަށް ފަރުވާ ދިނުމަށް އެންމެ މުހިންމު ވަސީލަތް ކަމަށްވާ ވެންޓިލޭޓަރު ހޯދުމަށް ސަރުކާރުން ކުރި މަސައްކަތުގައި ހަދާފައިވާ ގޯސްތަކުގެ އަޑެވެ.

ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ރާއްޖެއަށް ވެންޓިލޭޓަރު ހޯދަން ތިން ފަރާތަކާއެކު ސަަރުކާރުން އެއްބަސްވުން ހެދި އެވެ. އޭގެ ތެރެއިން މައްސަލަ ހޫނުވީ ދުބާއީގެ ކުންފުންޏަކަށް 75 ވެންޓިލޭޓަރު ގެނައުމަށް ހަވާލުކުރި ކުރުމެވެ. ވެންޓިލޭޓަރު ޑީލް ދިނުމުގައި ގޯސްތަކެއް ހަދާފައިވާ ކަމަށް އެންމެ ފުރަތަަމަ ދުވަހުން ފެށިގެން ރަށުތެރޭގައި އަޑު އުޅުނެވެ. ނަމަވެސް އެ އަޑުތައް އެކި ގޮތްގޮތަށް ދިޔައީ ކަނޑުވަމުންނެވެ.

ނަމަވެސް ހެލްތް މިނިސްޓްރީ އޮޑިޓްކޮށް އޮޑިޓަރު ޖެނެރަލް ނެރުއްވި ކޮންޕްލަޔަންސް އޮޑިޓް ރިޕޯޓްގައި ވެންޓިލޭޓަރު ޑީލް ދުބާއީ ކުންފުންޏަށް ދިނުގައި ގިނަ ގޯސްތަކެއް ހަދާފައިވާ ކަމަށް ބުނެ ގިނަ މައްސަލަތަކެއް ފެންމަތިކުރި އެވެ. އެ މުއާމަލާތް ކުރިއަށް ދިޔަ ގޮތާއި، ފައިސާ ދެއްކި އުސޫލާއި އަދި އެ ކުންފުނި ހޮވި ގޮތަށް ދަންދެން ގޯސް ކަމަށް އޮޑިޓްގައި ވެއެވެ. އޮޑިޓް ރިޕޯޓާއެކު ރައްޔިތުންގެ ރުޅި ސަރުކާރަށް އޮއްސާލި އެވެ. ބަލިމަޑުކަމުގެ މި ނުރައްކާތެރި ހާލަތުގައި "ރައްޔިތުންގެ ނޭވާ ހޮޅިން" ވެސް ސަރުކާރުން ވައްކަން ކުރީ ކަމަށް ބުނެ ހުތުރު ބަދުނާމްތައް ސަރުކާރަށް އޮއްސާލި އެވެ.

އެ ތުހުމަތުތައް ބޮޑު ސަރުކާރަށް ޕްރެޝަރު ބޮޑުވުމުން އަމީން ވަނީ އަމިއްލަފުޅަށް މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިވެވަޑައިގެންފަ އެވެ. އަދި ރައީސް ވަނީ އެ މައްސަލަ ތަހުގީގު ކުުރުމަށް ފުލުހުންނާއި އޭސީސީއަށް ހަވާލު ކުރައްވާފައެވެ. މައްސަލައިގެ ތަހުގީގަށް ފަހު އޭސީސީން ނިންމީ މިނިސްޓަރު އަމީންގެ މައްޗަށް ދައުވާ ކުރުމަށެވެ. އަދި އަމީންގެ އިތުރުން ހެލްތްގެ ބައެއް އިސްވެރިންނާއި ބިޑް ކޮމެޓީގެ ހުރިހާ މެންބަރުންނަށް ވެސް މަގާމުގެ ނުފޫޒު ބޭނުން ކުރުމުގެ ދައުވާ ކޮށް ދިނުމަށް އެދި ޕީޖީއަށް މައްސަލަ ފޮނުވި އެވެ.

މި މަހުގެ 14 ވަަނަ ދުވަހު ފޮނުވި މައްސަލައަށް ޕީިޖީން ވާހަކަ ދެއްކީ އޭގެ ހަ ދުވަސް ފަހުން އިއްޔެ އެވެ. ޕީޖީން ވަނީ އޭސީސީގެ ތަހުގީގު ފުރިހަމަ ނޫން ކަމަށް ބުނެ މައްސަލަ ފޮނުވާާލާފައެވެ. އަދި އޭސީސީން ފޮނުވި މައްސަލާގައި ދައުވާ ކުރެވޭ ވަރަށް ހެކި ނެތް ކަމަށްވެސް ބުންޏެވެ. ޕީޖީގެ އެ ވާހަކަތައް ތަފްސީލް ކޮށްދޭ ޕީޖީ ޝަމީމް ވަނީ ނޫސްވެރިންގެ ބައްދަލްވުމެއް ބާއްވާފަ އެވެ. އެ ބައްދަލްވުމުގައި ވެންޓިލޭޓަރު މައްސަލާގައި ދައުވާ ކުރެވެން ނެތް ސަބަބުތައް ތަފްސީލްކޮށް ދެއްވި އެވެ.

ޕީޖީގެ އެ ވާހަކަތައް ރައްދުދީ ރޭ އޭސީސީން ވެސް ބަޔާނެއް ނެރުނެވެ. އެ ބަޔާނުގައި ވަނީ ދައުވާ ކުރަން ފޮނުވީ ހެއްކާ ގަރީނާ ހުރެ ކަމަށެވެ. ނަމަވެސް އެ ބަޔާނުންވެސް އެ ބުނާ ހެއްކާއި ގަރީނާއަކީ ކޮބައިކަމެއް ބުނެއެއް ނުދެވެއެވެ. އެ ބަޔާންވީ އޭސީސީން މިފަހުން ކުރާ ތަހުގީގުތައް ފަދަ ފޭރާން ދަށް ދެރަވަރު ބަޔާނަކަށެވެ. އެ ބަޔާނަކީ އޭސީސީއަށް އަމާޒުވާ ފާޑުކިޔުންތަކާއި އެ ކޮމިޝަންގެ ތަހުގީގުތަކާއިމެދު މަޖިލީހުގެ މެންބަރުންނާއި އާންމު ރައްޔިތުން އުފައްދަމުންދާ ސުވާލުތަކަށް ރައްދުދީ އޭސީސީ ދިފާއުވުމުގެ ބޭނުމުގައި ނެރުނު ބަޔާނެއްކަން ސާފެވެ.

ވެންޓިލޭޓަރު މައްސަލާގައި އަމީން މަގާމުން ވަކިިކުރަން ހުށައަޅަން އެމްޑީޕީގެ ބައެއް މެންބަރުން ބޭނުން ވެއެވެ. ހާއްސަކޮށް ރައީސް ނަޝީދާއި އެމަނިކުފާނަށް ވަފާތެރި މެންބަރުންނެވެ. ނަމަަވެސް އެކަމާއި ދެކޮޅު މެންބަރުން އެމްޑީޕީގައި މަދެއް ނޫނެވެ. ތަންކޮޅެއް ގިނަވެސްމެއެވެ. އެއީ ރަައީސް ސޯލިހަށް ވަފާތެރިންނެވެ. އެހެން ކަމުން އެ މައްސަލާގައި ގޮތް ނިންމަން އެމްޑީޕީގެ ޕީޖީއަށް މައްސަލަ ގެންދަން ޖެހުނެވެ. ޕީޖީން ނިންމީ އަމީނަށް އިތުބާރު އޮތް ކަމަށެވެ. އަމީންގެ އިތުބާރު ނެތް މައްސަލަ މަޖިލީހަށް ވައްދަން ނުފެންނަ ކަމަށެވެ. އެ ނިންމުމަށް ވޯޓް ދެއްވީ 31 މެންބަރުންނެވެ. އަމީންގެ މައްސަލަ މަޖިލީހަށް ވައްދާ އަމީން މަގާމުން ވަކިކުރަން ޖެހޭ ކަމަށް 27 މެންބަރުން ވޯޓް ދެއްވި އެވެ.

އެމްޑީޕީ ޕީޖީން ނިންމި ނިންމުން ރައީސް ނަޝީދުގެ ޓީމުން ގަބޫލު ކުރަން ދެކޮޅު ހެއްޖެވެ. އަދި މި ސަރުކާރުގައި ޖުމްހޫރީ ޕާޓީގެ ވަޒީރުންނަށް "ވައްކަން" ކުރުމަށް ފުރުސަތު ނުދޭނެ ކަމަށް ކަމަށް ވިދާޅުވެ ޕީޖީ ބައްދަލްވުން ނިމުމާއެކު އަމީންގެ އިތުބާރު ނެތް މައްސަލައިގެ ގަރާރު ތައްޔާރުކޮށް ސޮއިކުރަން ފެށިއެވެ. ގަރާރުގައި ސޮއިކުރެއްވީ 24 މެންބަރުންނެވެ. ގަރާރުގައި ސޮއިކޮށް ނިންމާ އެ ހޫނު ކަމުގައި މަޖިލީހަށް ވެސް މައްސަލަ ހުށައެޅިއެވެ.

އަދި އެމްޑީޕީގެ ޕީޖީގެ ނިންމުން ކޮންމެ ގޮތަކަށް އޮތަސް މައްސަލަ ކުރިއަށް ގެންދަވާނެ ކަމަށް އެ މެންބަރުން ވިދާޅުވިއެވެ. އަމީނަށް އިތުބާރު ނެތް ކަމުގެ ގަރާރުގެ ފޮޓޯއާއި މެންބަރުންގެ ސޮއި ހިމެނޭ ގަނޑުތައްވެސް ޓްވީޓް ކުރަން ފެށިއެވެ. ގަރާރުގައި ސޮއިކުރި ހުރިހާ މެންބަރުންހެން "އަމީނަށް އިތުބާރެެއް ނެތް" ކަމަށް ލިޔެ ޓްވީޓް ކުރިއެވެ. އެންމެ ފަހުން ރޭ ދަންވަރު އަމީން ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

އިސްތިއުފާގެ ސިޓީގައި ވިދާޅުވީ މަގާމުން ދުރުކުރުމަށް "ވާންކުރާ ކުރުމަކީ" އޭނާއަށް އަމާޒުވާ އެތި ފަހަރެއް ނޫން ކަމަށެވެ. އަދި އަސާސެއް ނެތް ކަންކަމުގައި ސަރުކާރު ބަލިކޮށްލުމަށް އެތަށް ކަމެއް ހިނގަމުންދާ ކަމަށެވެ.

މިއީ ވެންޓިލޭޓަރު މައްސަލާގައި އިއްޔެ ހިނގާދިޔަ ކަންކަމުގެ ފަސްމަންޒަރެވެ. މިހާރު އޮތް ސުވާލަކީ އަމީންގެ އިސްތިއުފާއާއެކު ދެން ކަންކަން ވާނީ ކިހިނެތް ހެއްޔެވެ. ސަރުކާރަށް ހަށިފޮޅާލާ ތުހުމަތުތަކުން ބަރީއަވެވިދާނެ ހެއްޔެވެ. އަމީންގެ ބޮލަށް ހުރިހާ ކަމެއް ކަނޑާލާ ރައްޔިތުންގެ ކުރިމަތީ ސަރުކާރު ސާފު ކުރެވިދާނެ ހެއްޔެވެ. އެ ހުރިހާ ކަމެއް ހިނގާ މަންޒަރު ބަލަން ދުރުގައި އަމީން ހުންނަވާނެ ހެއްޔެވެ. އެހެން ނޫންނަމަ އަމީން ނިކުމެ ދައްކަވާނީ ކޮން ވާހަކައެއް ހެއްޔެވެ.

އަޅުގަނޑު މަގާމުން ދުރުކުރުމަށް ވާންކުރާ ކުރުމަކީ ކޮންމެހެން އަޅުގަނޑަށް އަމާޒުވާ އެތިފަހަރެއް ކަމަކަށް ނުދެކެމެވެ. އަދި މި ހާލަތާއި ގުޅިގެން މަނިކުފާނާއި ކުރެވުނު މަޝްވަރާއިން ހާލަތު އަޅުގަނޑަށް ވަޒަން ކުރެވުނެވެ. އެހެން ކަމުން މި ހާލަތުގައި މަސްލަހަތު އެންމެ ރަނގަޅު ގޮތަކީ އަޅުގަނޑު މަގާމުން އިސްތިއުފާ ދިނުން ކަމަށް ގަބޫލުކުރޭތީ، މިއަދުން ފެށިގެން މިނިސްޓަރު އޮފް ހެލްތްގެ މަގާމުން އިސްތިއުފާ ދިފީމެވެ.
އަބްދުﷲ އަމީން | ކުރީގެ ހެލްތް މިނިސްޓަރު

ވެންޓިލޭޓަރު މައްސަލާގައި ހެލްތް މިނިސްޓްރީން ނުވަތަ މިނިސްޓަރު އަމީން ގޯހެއް ހައްދަވާފައިވާނަމަ އަމީނާ ހަމައިން އެކަން ނުނިމޭނެއެވެ. މިއީ މުޖައްރިބު ކަމެކެވެ. އެކަން ހުރިހާ ރައްޔިތުންނަށް އެނގެއެވެ. ގައުމީ މަޖިލީހުގައި އަޑަށް ކިތަންމެ ބާރެއް ލައްވާފައި މިއީ ޖޭޕީގެ ވަޒީރަކު ކުރި ވައްކަމެއް ކަމަށް ވިދާޅުވި ނަމަވެސް ތިޔައީ ހޮޅި ވާހަކަައެކެވެ. އަސާސެއް ނެތް ވާހަކައެކެވެ. ހަގީގަތް އޮޅުވާލުމުގެ ވާހަކައެކެވެ.

ސަރުކާރުގެ ތެރެއިން މިވަރު ކަމެއް އަމީނަށް އެކަނި ނުކުރެވޭނެއެވެ. މި ދައްކަނީ ސިއްރު ސިއްރުން އެއްޗެއްގައި ސޮއި ކޮށްލެއްވި ވާހަކައެއް ނޫނެވެ. ފެންމަތި ވެގެން މި އުޅެނީ މުޅި ދައުލަތް އިގްތިސޯދީ ބޮޑު ބަލިމަޑުކަމެއްގައި ވަނިކޮށް ވެންޓިލޭޓަރުތަކެއް ހޯދުމަށް އެޑްވާންސްކޮށް އެތަށް މިލިއަން ރުފިޔާއެއް ދެއްކި ވާހަކައެވެ. ބަންޑާރަ ނާއިބުގެ ލަފަޔާއި ފިނޭންސްގެ ހުއްދައާއެކު ނިންމުންތަކެއް ނިންމި ވާހަކައެވެ. ދައުލަތުން ބޭރުގެ ކުންފުންޏަކަށް 1،678،125 މިލިއަން ޑޮލަރު ދެއްކި ވާހަކައެވެ. މިއީ އިންޓަނެޓް ބޭންކިން މެދުވެރިކޮށް އަމީންގެ ފޯނުން ކޮށްފައިވާ މުއާމަލާތެއް ނޫނެވެ. ދައުލަތުގައި ހަަމަޖެހިފައިވާ ނިޒާމުގެ ތެރެއިން ހިނގާދިޔަ ކަމެކެވެ.

އެހެންވީމަ މިއީ ވަކި ޕާޓީއެއްގެ ވަޒީރަކު އޭނާގެ އަމިއްލަ މަންފާއަށް ކުރި ބޮޑު ވައްކަމެއް ކަމަށް ބުނެ ނިންމާ ނުލެވޭނެ އެވެ. މި މައްސަލާގައި ގޯސް ހަދާފައިވާނަމަ ނުވަތަ ވައްކަން ކޮށްފައިވާނަަމަ އެ ކަމެއް އެ ކުރެވުނީ މުޅި ސަރުކާރަކަށެވެ. ސަރުކާރުގެ ހުރިހާ މަސައްކަތެއް ހުއްޓި ކޮވިޑް ބަލި ކޮންޓްރޯލް ކުރުމަށް ކުރެވުނު މަަސައްކަތް ނޫނީ އެހެން އެއްވެސް ކަމެއް ހިނގަމުން ނުދިޔަ ދުވަސްވަރެއްގައި އަމީނަށް އެކަނި އެވަރު ކަމެއް ނުކުރެވޭނެއެވެ. އެއީ ހިނގާދިޔަ ގޯހެއް ނަމަ އެކަމުގައި ބައިވެރިވި ވަޒީރުން ތިބޭނެ އެވެ. އެއަށްވުރެ މަތިންވެސް އުފުލަން ޖެހޭ ޒިންމާތަކެއް އެބަ ހުއްޓެވެ.

ދައުލަތުގެ ފައިސާ މިގޮތަށް ތަޅާ ބުރުއްސާލިއިރު ގައުުމުގެ އެންމެ އިސްވެރިޔާ ކޮބައި ހެއްޔެވެ؟ ހެލްތް ހިމެނޭ އިޖްތިމާއީ ކައުންސިލް ހިންގަވާ ނާއިބު ރައީސް ކޮބައި ހެއްޔެވެ؟ އެއިވެސް އެއްވެސް ބޭފުޅަކަށް އަދި އެހެން ވަޒީރަކަށް ވެސް އެނގިވަޑައިނުގެން އަމީން އެކަނި ބިޑް ކޮމެޓީއާއެކު މިކަން ކޮށްލެއްވީ ހެއްޔެވެ؟ އޮޑިޓް ރިޕޯޓާ ހަމައަށް މިއިން އެއްވެސް ކަމެއް ފެންމަތިނުވެ އަމީން ހިފެހެއްޓެވީ ހެއްޔެވެ؟ އެހެން ކަމަށްވާނަމަ މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރެވުނު ވެރިއަކީ ކޮބައި ހެއްޔެވެ؟ ވަޒީރުންގެ މަސްއޫލިއްޔަތު އުފުލުނު ވަޒީރަކީ ކޮބައި ހެއްޔެވެ؟

އަމީން ވަކިކުރުމާ ރައީސް ދެކޮޅު ހެއްދެވުން

ހެލްތްގެ އޮޑިޓް ރިޕޯޓުން ފެންމަތިކުރި މައްސަލަތަކާއެކު މަގާމުގެ މަސްއޫލިއްޔަތުން އަމީން އަމިއްލަފުޅަށް އެކަހެރިވެވަޑައިގެންނެވީ އޮގަސްޓް މަހުގެ 17 ވަނަ ދުވަހު އެވެ. އިސްތިއުފާ އެ ދެއްވީ އެ ނިންމުމަށް ދެ މަހާއި ހަތަރު ދުވަސްވީ ފަހުންނެވެ.

މިދިޔަ ދުވަސްތަކުގައި ވެސް އަމީން މަގާމުން ވަކިކުރަން އެދި އެމްޑީޕީން ރައީސް ސޯލިހަށް ޕްރެޝަރު ކުރިއެވެ. ކޮންމެ ދުވަހަކުހެން މަޖިލީހުގައި އެކަމަށް އެމްޑީޕީގެ ބައެއް މެންބަރުން ގެންދެވީ ގޮވާލައްވަމުންނެެވެ. މަގާމުގެ މަސްއޫލިއްޔަތުތަކުން އަމިއްލަފުޅަށް އެކަހެރިވެވަޑައިގެން މުސާރަ ނަންގަވައިގެން ނުހުންނެވޭ ކަމަށް ވިދާޅުވެ އެމްޑީޕީގެ މެންބަރުން ތަކުރާރުކޮށް އެވާހަކަ ދެއްކެވިއެވެ.

ނަމަވެސް އެ ގޮވާލުންތަކަށް ރައީސް ޖަވާބެއް ނުދެއްވަ އެވެ. ނޫސްވެރިން ސުވާލު ކޮށްލުމުން ތަރުޖަމާން ވިދާޅުވީ އަމީނަށް އަޅުއްވަން ޖެހިވަޑައިގަންނަވާ ފިޔަަވަޅުތައް ރައީސް އަޅުއްވާނެ ކަމަށެވެ. އެކަމަށް ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށެވެ. ފިޔަވަޅު އަޅުއްވަން ޖެހިވަޑައިގަންނަވާ ވަގުތު ޖެހުމުން އެކަން ހިނގާނެ ކަމަށެވެ.

ނަމަވެސް ހަގީގަތަކީ ރައީސް ހުންނެވީ މައްސަލަ ސުލްހަވެރިކޮށް ނިމޭނެ ވަގުތެއްގެ އިންތިޒާރުގަ އެވެ. މިއީ އަމީން މަގާމުން ވަކިކޮށްގެން ނިމެން އޮތް މައްސަލައެއް ނޫންކަން ހުދު ރައީސް ސޯލިހަށް ވެސް އެނގިވަޑައިގަންނަވަ އެވެ. "ވައްކަމުގެ" ތުހުމަތު އަޅުއްވާ އަމީން މަގާމުން ވަކިކުރެވިދާނެ އެވެ. އެއީ ރައީސަށް ވަރަށް ފަސޭހަފުޅު ކަމެކެވެ. ނަމަވެސް ފަސޭހައިން އެކަން ކުރައްވާފައި ދެން ހިންގަވަން ޖެހިވަޑައިގަންނަވާނީ ލައްކަ ދަތި މަގަކުންނެވެ. އެކަން ކުރައްވަން ރައީސަށް ފަސޭހަފުޅެއް ނޫނެވެ. އަދި އެ ތަޖުރިބާ ކުރައްވާކަށް ވެސް ބޭނުން ފުޅެއް ނުވިއެވެ.

ނަމަވެސް ވެންޓިލޭޓަރުގެ ވާހަކަ އޮބޭ ގޮތެއް ނުވިއެވެ. ރައީސްގެ އަމިއްލަފުޅު ޕާޓީގެ ތެރެއިންވެސް އެ އަޑު ކަނޑުއްވާލެވޭ ގޮތެއް ނުވިއެވެ. އޭގެ ބަދަލުގައި އެ އަޑު ވީ ގަދައެވެ. މަޖިލީހުގައި ކޮންމެ ދުވަހަކުހެން ގޮވާލެވޭ ގޮވެލި ފައްޗަކަށް އެކަން ބަދަލުވީއެވެ. އަދި އަމީން ބޭރު ކުރުމަށް އެމްޑީޕީގެ ތެރޭގައި ރަސްމީކޮށް ޓީމެއް އުފެދުނީ އެވެ. އަމީންގެ މައްސަލާގައި އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕަށް ގޮތެއް ނިންމަން ޖެހުނު ސަބަބަކީ ވެސް އެއީއެވެ. އަދި ޕީޖީން ރައީސް ބޭނުންވި ގޮތަށް ނިމުނު ނަމަވެސް އެހިސާބުން މައްސަލަ ނުނިމުނީ އެވެ. އަމީންގެ އިތުބާރު ނެތް މައްސަލަ މަޖިލީހަށް ވަދެ ސަރުކާރު ކޮށިއެރީ އެވެ.

އަމީންގެ މައްސަލައާ ގުޅޭގޮތުން ގޮތް ނިންމަން ޕާލިމެންޓަރީ ގުރޫޕް އެއްވުމާއެކު ރައީސްގެ ވިސްނުންފުޅު މެންބަރުންނާއި ހިއްސާކުރެއްވިއެވެ. ރައީސް ވިދާޅުވީ އަމީނަކީ އެމަނިކުފާނު އައްޔަން ކުރެއްވި ބޭފުޅެއް ކަމަށެވެ. އެއީ އެމަނިކުފާނުގެ ކެބިނެޓް މެންބަރެއް ކަމަށެވެ. ކެބިނެޓްގައި ހިމެނޭ ކޮންމެ މެންބަރެއް ވަކިކުރުމުގެ ބާރު އެމަނިކުފާނުގެ އަތްޕުޅުގައި އޮތް ވާހަކައެވެ. އެެހެންވީމަ އެކަމުގެ ތެެރެއަށް އެމްޑީޕީގެ ޕީޖީން ވަކި ގޮތެއް ނުނިންމުމަށެވެ. އަދި އެމަނިކުފާނަށް ވަކި ގޮތަަކަށް އަަމަލު ކުރުމަށް ޕްރެޝަރު ނުކުރެއްވުމަށެވެ. އެކަން ރައީސް އިއްޔެ ވަނީ މެންބަރުންނަށް ހިއްސާ ކުރައްވާފައެވެ. މެންބަރުން ތިއްބަވާ ގުރޫޕްގައި އެ މޭރުމުން ރައީސް މެސެޖެއްވެސް ކުރެއްވިއެވެ. އަދި ރައީސް ދިފާއު ކުރައްވާ ވަފާތެރި މެންބަރުންނަށް ވަކިވަކިންވެސް އެކަން އެންގެވިއެވެ.

މިއީ ރައީސަށް ވަފާތެރި މެންބަރުންގެ ވެސް ވިސްނުމެވެ. އެ މެންބަރުންވެސް އެދިވަޑައި ގެންނެވީ އަމީންގެ މައްސަލާގައި ގޮތް ނިންމަން ރައީސަށް ފުުރުސަތު ދެއްވުމަށެވެ. އެ ފުރުސަތު ނުދެއްވާ މަޖިލީހުން ނިންމާ ނިންމުމެއްގެ ސަބަބުން ސަރުކާރަށް ލިބޭނެ ގެއްލުން ބޮޑުކަން އެ މެންބަރުން ދަނެއެވެ. ސަރުކާރު ވެދާނެ ބަދުނާމަކާއި ސަރުކާރަށް އަމާޒުވެދާނެ ފާޑުކިޔުންތަކަށް ވިސްނެވި އެވެ. އެ މެންބަރުންނަށް އެހެންވަނީ ސަރުކާރު ދިފާއު ކުރުމަށް އޮތް އިހްލާސްތެރިކަމެއްގެ ސަބަބުން ތޯއްޗެވެ.

ނަމަވެސް މަޖިލީހަށް އޮތް ބާރު ދެއްކުމަށް އަބަދުހެން މަސައްކަތް ކުރާ ޓީމެއް އެމްޑީޕީގެ ޕީޖީގައި އޮވެއެވެ. އެ މެންބަރުން ތިއްބެވީ ރައީސަށް ފުރުސަތު ދެއްވައިގެން މައްސަލަ ރައީސް ބޭނުންފުޅުވާ ގޮތަކަށް ނިންމަވަން ފުރުސަތު ދެއްވާކަށް ނޫނެވެ. އެ މެންބަރުންނަށް މިހާރުވެސް ވަގުތު ގިނަ ވެއްޖެއެވެ. މާ ގިނަ ދުވަސް އަމީންގެ މައްސަލާގައި ހޭދަ ކުރެވިއްޖެ އެވެ. ކޯލިޝަންވެސް ރޫޅާލަން ޖެހޭ ކަމަށް ގަބޫލުކުރާ މެންބަރުން ގިނަ އެ ފެކްޝަނުން ބޭނުންވަނީ އަމީންގެ ކަންތައް ވަގުތުން ނިންމާލާށެވެ. އެކަން ކުރުމަށްފަހު ސަރުކާރަށް އަންނާނެ ޕްރެޝަރެއް ބަދުނާމަކަށް އެ މެންބަރުންގެ ފަރުވާލެއް ނެތެވެ.

"އަޅުގަނޑުމެންވެސް މި ދިފާއު ކުރަނީ އަމީންއެއް ނޫން. އަޅުގަނޑުމެން މި ދިފާއު ކުރަނީ ސަރުކާރު. މި ތިބީ ރައީސް ސޯލިހުގެ ފަހަތްޕުޅުގައި. އަޅުގަނޑުމެން 31 މެންބަރުން މި ދަންނަވަނީ މިއީ ރައީސް ސޯލިހު ގޮތް ނިންމަވަން ޖެހޭ މައްސަލައެކޭ. އަނެއްކާ ރައީސް އެބައޮތް ވިދާޅުވެފައި އެކަން މަޖިލީހުން ކުރެއްވުން ރަނގަޅެއް ނޫނޭ. އެކަމު މިހާރު މި އޮޅުވާލަނީ އަޅުގަނޑުމެން މިއީ އަމީން ދިފާއުކުރާ ބައެކޭ ވިދާޅުވެ. އެއީ އެއް ނޫން ވާގޮތަކީ. އެ މެންބަރުންނަށް ހެޔޮ މި ސަރުކާރަށް ކޮންމެ ގޮތެއްވިޔަސް. އެހެންވީމަ ދެން ވާނެ ގޮތެއް ނުބަލާ އެ ގޮތަށް އަމީން ދުރުކުރަން އެ އުޅެނީ،" އަމީންގެ އިތުބާރުގެ މައްސަލަ މަޖިލީހަށް ވައްދަން ދެކޮޅު ހައްދަވާ މެންބަރަކު ވިދާޅުވިއެވެ.

މައްސަލަ މަޖިލީހަށް ވަދެ އެމްޑީޕީގެ ތެރޭގައި އަލުން އަރާރުމެއް ފެށުމެއް ރައީސް ސޯލިހަށް ގޮތް ހުސްވީ އެވެ. އެމްޑީޕީގެ ވަޒީރެއްގެ ގޮތުގައި ހުންނެވި ފައްޔާޒު އިސްމާއީލް ސަލާމަތް ކުރައްވަން އަމިއްލަފުޅު ޕާޓީގައި އަރާރުމެއް ހިނގިޔަސް އެހެން ޕާޓީއަކަށް ނިސްބަތްވާ ވަޒީރެއްގެ ސަލާމަތް ކުރަން އެ އަރާރުން ނުވެވޭނެ ކަން ރައީސަށް އެނގިވަޑައިގެންނެވީ އެވެ. އެހެންވީމަ ރޭ ވަރަށް ދިގުކޮށް އަމީނާއެކު މަޝްވަރާ ކުރެއްވީ އެވެ. އަދި ހާލަތުގެ ނާޒުުކުކަން ވިސްނަވައި ދެއްވީ އެވެ. އެމްޑީޕީގެ ތެރޭގައި ރައީސާ ދެކޮޅު ޓީމު އޮތީ ދޫދޭނެ ގޮތަކަށް ނޫން ކަން އަމީނަށް ދެންނެވީ އެވެ. އަމީނުގެ ސިޓީން އެކަން ޔަގީން ކޮށްދެ އެވެ.

"އަޅުގަނޑު މަގާމުން ދުރުކުރުމަށް ވާންކުރާ ކުރުމަކީ ކޮންމެހެން އަޅުގަނޑަށް އަމާޒުވާ އެތިފަހަރެއް ކަމަކަށް ނުދެކެމެވެ. އަދި މި ހާލަތާއި ގުޅިގެން މަނިކުފާނާއި ކުރެވުނު މަޝްވަރާއިން ހާލަތު އަޅުގަނޑަށް ވަޒަން ކުރެވުނެވެ،" އަމީންގެ ސިޓީގައި ވިދާޅުވެފައި ވެއެވެ.

ނަމަވެސް އަމީންގެ އިސްތިއުފާއާއެކު ވެންޓިލޭޓަރުގެ އަޑު ކަނޑުވާނުލެވޭނެ އެވެ. ފަހަރުގައި އެމްޑީޕީގެ ޕީޖީގައި ހަރު އަޑުން އެ ވާހަކަ ދެއްކެވި މެންބަރުން ބަސް ހުއްޓި ހިމޭން ވެދާނެ އެވެ. ރައީސް ސޯލިހުގެ ހިތްވަރަށް ތައުރީފްކޮށް "ޒީރޯ ޓޮލަރަންސް" ގެ ނަމޫނާ ދައްކަވައިފި ކަމަށް ވިދާޅުވެ ވާހަކަަތައް ފައްޓަވާފާނެ އެވެ.

އެހެން ވިޔަސް ވެންޓިލޭޓަރު ގޯސް އަމީނާ ހަމައިން ނުނިމޭނެކަން ރައްޔިތުންނަށް ގައިމެވެ. ކަށަވަރެވެ. ވެންޓިލޭޓަރު ގަތުމަށް ހިންގި ޑީލަށް ލަފާ ދެއްވި އެމްޑީޕީއަށް ނިސްބަތްވާ އޭޖީގެ ވާހަކަ އާއި މާލިއްޔަތު ގަވާއިދުގައި ހުރި ލުއިތައް ސާފުކޮށް ދެއްވާ އެ ޑީލް ކުރިއަށް ގެންދެވުމަށް ހުއްދަ ދެއްވި އެމްޑީޕީއަށް ނިސްބަތްވާ މާލީ ވަޒީރު ފޮނުއްވެވި ސިޓީތަކުގެ ވާހަކަ ރައްޔިތުން ދައްކަވާފައެވެ. އަދި އެ ހުރިހާ ކަމެއް ބައްލަވަން ޖެހިވަޑައިގަންނަވާ އެމްޑީޕީގެ އެންމެ އިސް ލީޑަރު ރައީސް ސޯލިހުގެ ޒިންމާތަކުގެ ވާހަކަވެސް ރައްޔިތުން ދައްކަވާނެއެވެ.

ނޫނީ ފަހަރުގައި އެ ނޫން ވާހަކަތަކެއްވެސް ތިލަވެ މުޅި މަންޒަރު ސާފުވެ މިހާތަނަށް ފޮރުވިފައި އޮތް އަސްލު ވާހަކަ ތެދުވެގެންފާނެ އެވެ. އަމީންގެ އިސްތިއުފާއާއެކު އަމީންގެ ބޮލުގައި އެޅިފައިވާ ބަދުނާމުން ސަލާމަތްވެވަޑައިގަތުމަށް އޭނާވެސް ވާހަކަ ދައްކާފާނެއެވެ. އެއީ މި ވަގުތު ކަމަަށް ނުވިޔަސް އެ ތުހުމަތުތައް އަމީންގެ ބޮލުގައި އެޅުވިގެން ހެވިފައި ގިނަ ދުވަހަކު ނުހުންނާނެކަން ގައިމެވެ. އެ ދުވަހުން އަމީންވެސް ވާހަކަ ދައްކަވާނެއެވެ. އޭރުން ހާމަވާ ހަގީގަތް އަދި މާ ގިނަ ވާހަކައެވެ. ފަހަރުގައި މުޅި މަންޒަރުވެސް ބަދަލުވެދާނެއެވެ.