ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ޑޮކްޓަރުން ނޫނީ ލަފާ ދޭންޖެހޭ ބައެއް ނެތް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަކީ ސަރުކާރުން އެންމެ އިސްކަންދޭނެ ކަންތައް ކަމަށާ އެކަމުގައި ޑޮކްޓަރުންގެ ފަރާތުން ދޭންޖެހޭ ލަފައެއް ނޫނީ ނޯންނާނެ ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގެ ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ ކޮވިޑް-19 ގެ ރައްކާތެރިކަމަށްޓަކައި ސަރުކާރުން އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ސިޔާސީ ބައެއް ބޭފުޅުންގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވެ، އެފަދަ ބައެއް ފިޔަވަޅުތައް އުވާލުމަށް ގޮވާލަމުންދާތީ އެކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުންނެވެ. ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައިވާތީއާއި މާލެ ލޮކްޑައުން ކޮށްފައިވާތީވެސް ބައެއް ބޭފުޅުން ގެންދަވަނީ ފާޑުވިދާޅުވަމުންނެވެ. ހާއްސަކޮށް މަޖިލީހުގެ މެންބަރުންނެވެ.

މަބުރޫކް ވިދާޅުވީ މަޖިލީހުގައި ތިއްބެވީ ރައްޔިތުންގެ މަންދޫބުން ކަމަށާ އެ މެންބަރުންގެ ވާހަކަތައްވެސް އަޑުއަހަން ޖެހޭ ކަމަށެވެ. ނަމަވެސް މިހާރު ދިމާވެފައިވާ ހާލަތުގައި ސަރުކާރުން އަހާނީ ޑޮކްޓަރުންގެ މަޝްވަރާ ކަމަށާ ގޮތް ނިންމަމުން ދަނީ ޑޮކްޓަރުންގެ މަޝްވަރާގެ މަތިން ކަމަށެވެ.

ސަރުކާރުން އަޅާ ކޮންމެ ފިޔަވަޅަކީ ދިވެހި ރައްޔިތުންގެ ފުރާނަގެ ރައްކާތެރިކަމަށްޓަކައި އަޅާ ފިޔަވަޅެއް ކަމަށްވެސް މަބުރޫކް ވިދާޅުވިއެވެ. އަދި މަބުރޫކް ވިދާޅުވީ ސިޔާސީ ބޭފުޅުންނާއި އެ ބޭފުޅުންގެ ވިސްނުން ތަފާތު ކަމަށެވެ.

"އަޅުގަނޑުމެންނަށް މަޝްވަރާ ދެއްވަނީ ޑޮކްޓަރުން. ޑޮކްޓަރުން ލަފާ ދެއްވަނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް، ރާއްޖެ ގައުމެއްގެ ގޮތުގައި ފިޔަވަޅުތަކެއް އަޅަންޖެހޭނީ ކިހިނެތްތޯ އަދި ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރުމަށް ކުރާނީ ކޮން މަސައްކަތެއްތޯ. އަޅުގަނޑަށް ހީވަނީ ވިސްނުމެ ތަފާތެއް ބައެއް ބޭފުޅުންގެ މެދުގައި އެބައުޅޭ. އަޅުގަނޑު ވަކި އެއްވެސް ސިޔާސީ ޕާޓީއަކަށްވާތީއެއް ނޫން." މަބުރޫކް ވިދާޅުވިއެވެ.

މަބުރޫކް ވިދާޅުވީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމެއް ނެތް ނަމަ ގައުމެއް އަދި އިގްތިސާދެއްގެ ބޭނުމެއްވެސް ނެތް ކަަމަށެވެ.

"އަޅުގަނޑުމެން ވަރަށް ސާފުކޮށް ބުނަމުން މިއަންނަ ވާހަކައަކީ އިގްތިސާދެއްގެ ބޭނުމެއް ނެތޭ ރައްޔިތުންގެ ރައްކާތެރިކަމަށް އަދި ރައްޔިތުންގެ ސަލާމަތަށް މެނުއީ. ދިވެހި ރައްޔިތުން ސަލާމަތާއި ރައްކާތެރިކަމެއްނެތި އިގްތިސާދެއް ހިންގުމުގެ ބޭނުމެއްނެތް. އެހެންވީމަ އަޅާ ކޮންމެ ފިޔަވަޅެއްގައި އެންމެ އިސްކަންދޭނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް. މިކަމުގައި ޑޮކްޓަރުން ނޫނީ ދޭންޖެހޭ ލަފައެއް އޮންނާނެ ކަމަކަށް ނުފެނޭ."

އަޅުގަނޑުމެން ވަރަށް ސާފުކޮށް ބުނަމުން މިއަންނަ ވާހަކައަކީ އިގްތިސާދެއްގެ ބޭނުމެއް ނެތޭ ރައްޔިތުންގެ ރައްކާތެރިކަމަށް އަދި ރައްޔިތުންގެ ސަލާމަތަށް މެނުއީ. ދިވެހި ރައްޔިތުން ސަލާމަތާއި ރައްކާތެރިކަމެއްނެތި އިގްތިސާދެއް ހިންގުމުގެ ބޭނުމެއްނެތް. އެހެންވީމަ އަޅާ ކޮންމެ ފިޔަވަޅެއްގައި އެންމެ އިސްކަންދޭނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް. މިކަމުގައި ޑޮކްޓަރުން ނޫނީ ދޭންޖެހޭ ލަފައެއް އޮންނާނެ ކަމަކަށް ނުފެނޭ
މަބުރޫކް އަޒީޒް | އެންއީއޯސީގެ ތަރުޖަމާން

އެކި ބޭނުންތަކަށް މާލެ އައިސް މާލޭގައި ތާށިވެފައި ތިބި މީހުން ރަށްރަށަށް ފޮނުވުން ލަސްވަމުން ދާތީ ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައި ނުގަންނަވާ ކަމަށާއި އެމަނިކުފާނުގެ ކެތްތެރިކަން ހިފެހެއްޓޭނީ ވަކި މިންވަރަކަށް ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިދިޔަ ހޯމަ ދުވަހުގެ ޖަލްސާގައިވެސް ވަނީ ވާހަކަދައްކަވާފައެވެ.

ރައީސް ނަޝީދު ވިދާޅުވީ، މަޖިލީހުގެ މެންބަރުން ފާޅުކުރައްވާ ކަންބޮޑުވުންތަކާއި ފާހަގަ ކުރައްވާ މައްސަލަތަކަށް ހައްލެއް ގެނައުމަށް ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުން ފިޔަވަޅުތައް ނާޅާ ލަސްވާން ޖެހޭ ސަބަބެއް އޮވެގެން ނުވާނެ ކަމަށެވެ. އެ މައްސަލަތައް ހައްލު ކުރަން ނޫޅުމަކީ އެމަނިކުފާނު ވަރަށް ބޮޑަށް ދެރަވާ މައްސަލައެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ހުރިހާ ބޭފުޅުންނަށް ވެސް އެނގިވަޑައިގަންނަވަން އެބަ ޖެހޭ، ރައީސުލްޖުމްހޫރިއްޔާއަށް ވެސް އެނގިވަޑައިގަންނަވަން އެބަ ޖެހޭ، މާލޭގައި އެތައް ބަޔަކު މިހެން ތާށިވެފައި ތިބުމަކީ އެތައް އާއިލާއަކަށް ލިބެމުންދާ ވަރަށް ބޮޑު ގެއްލުމެއް ކަން،" ވަރަށް ބޮޑަށް ނުރުހުން ފާޅުކުރަމުން ރައީސް ނަޝީދު ވިދާޅުވި އެވެ.