ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރައީސް މުހައްމަދު ނަޝީދު

މަޖިލީހުގެ ކަންކަމަށް ހެލްތު މިނިސްޓްރީ ނުވަންނަން ގޮވާލައްވައިފި

ރައްޔިތުންގެ މަޖިލީހުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭ ގޮތުން ހެލްތު މިނިސްޓްރީން ބަޔާންތައް ނުނެރުމަށާއި އެ އިންތިޒާމުގެ ތެރެއަށް ނުވަނުމަށް އެދެވަޑައިގަންނަވާ ކަމަށް އެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ، މަޖިލީހުގެ އިޖްތިމާއީ ކޮމިޓީއަށް ފަސް ޑޮކްޓަރަކު ހާޒިރުވެ ހެލްތު މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭ ގޮތުން ކަންބޮޑުވުންތަކެއް ފާޅުކުރެއްވުމުން އެ ކަމާ ގުޅޭ ގޮތުން މިނިސްޓްރީން ނޫސް ބަޔާނެއް ނެރެފައި ވަނިކޮށެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ، ހެލްތު މިނިސްޓްރީން ނެރުނު ބަޔާނުގައި މަޖިލީސް ހިންގަންވާ ގޮތާ ގުޅޭ ކަންކަމާ ގުޅޭ އިބާރާތުން ވާހަކަތަކެއްވާ ކަމަށެވެ. އެއީ ރާއްޖޭގެ ގާނޫނީ ނިޒާމު ގަޑުބަޑުކޮށްލުން ކަމަށް ސިފަ ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ އެފަދަ ބަޔާންތައް ނުނެރުމަށް އެދި ވަޑައިގަންނަވާ ކަމަށެވެ.

"އަޅުގަނޑު އެ މިނިސްޓްރީއަށާއި އެ މިނިސްޓްރީގެ މުވައްޒަފުންނަށާއި މިނިސްޓަރަށް [އަބްދުﷲ އަމީން] އަށް ވަރަށް އިހުލާސްތެރިކަމާ އެކު ދަންނަވަން ދިވެހިރާއްޖޭގެ ގާނޫނީ ނިޒާމު ގަނޑުބަނޑު ނުކޮށްލުމަށާއި މަޖިލީހުން ކުރާ ކަންކަމަށް އެ ބާވަތުގެ ނޫސް ބަޔާން ނެރުއްވާއި ބެހި ވަޑައިނުގަތުމަށް،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވި ނަމަވެސް މިނިސްޓްރީގެ ނޫސް ބަޔާނުގައި މަޖިލީސް ހިންގަން ޖެހޭނީ ވަކި ގޮތަކަށް ކަމަށް ނުވަތަ މަޖިލީހުގެ މަސައްކަތްތަކާ ގުޅޭ ގޮތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ. ހަމައެކަނި އޮތީ މަޖިލީހުގެ ކޮމިޓީގައި ޑޮކްޓަރުންތަކެއް ދެއްކި ވާހަކަތަކަށް ރައްދެއް ދީފަ އެވެ.

އެ ބަޔާނުގައި ވަނީ ސިއްހީ ހިދުމަތްތަކަށް ބޭނުންވާ ގައިޑްލައިންތައް ހަދަނީ ބައިނަލް އަގުވާމީ މިންގަނޑުތަކަށް ބިނާކޮށް ހޯދާ އާ ހޯދުންތަކާ އަދާހަމަކޮށްގެން ކަމަށާއި ފަންނީ މާހިރުންނާއި ތަޖުރިބާކާރުންގެ ލަފާގެ މަތިން ކަމަށެވެ. އަދި ސިއްހީ ދާއިރާ ދަނީ ކުރިއަރަމުން ކަމަށާއި އަތޮޅުތަކުގެ ސިއްހީ ނިޒާމު ވެސް ހަރުދަނާ ކުރަމުން ދެވޭ ކަމަށެވެ.

ސިއްހީ ދާއިރާގައި މަސައްކަތް ކުރާ އެ ފަސް ޑޮކްޓަރުން އެންމެ ފުރަތަމަ ބައްދަލު ކުރީ ރައީސް ނަޝީދާ އެވެ. ޑޮކްޓަރުންގެ ކަންބޮޑުވުންތައް އެމަނިކުފާނާ ހިއްސާ ކުރެއްވުމުން، ނަޝީދު ވަނީ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ މެންބަރުންނާ ބައްދަލު ކުރައްވައިފަ އެވެ.

ކޮމިޓީގެ މެންބަރުންނާ ނަޝީދު ބައްދަލު ކުރެއްވި ފަހުން، ކޮމިޓީން ބައްދަލުވުމެއް ވެސް ބޭއްވި އެވެ. އެ ބައްދަލުވުމުގައި ކޮވިޑް ކޮންޓްރޯލް ކުރުމުގެ މަސައްކަތަށް އެކުލަވާލާފައިވާ ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އާއި ނަޝީދާ ބައްދަލު ކުރި ޑޮކްޓަރުންނާ ބައްދަލު ކުރަން ކޮމިޓީން ނިންމި އެވެ.

އޭގެ ފަހުން މިދިޔަ ހޮނިހިރު ދުވަހު އެ ޑޮކްޓަރުން ކޮމިޓީއަށް ހާޒިރުވި އެވެ. އެ ޑޮކްޓަރުން ވަނީ ސަރުކާރުގައި އޮންނަން ޖެހޭ ސިއްހީ ބައެއް އިސް މަގާމުތަކަށް އަދިވެސް ބޭފުޅުން ހަމަޖައްސާފައިނުވުމާއި ސިއްހީ ދާއިރާގައި އަދިވެސް ފާހަގަކުރެވޭ ކޮންބޮޑުވުންތަކެއް ހިއްސާކޮށްފަ އެވެ. މިނިސްޓްރީއަށް ބޮޑެތި ތުހުމަތުތަކެއް ވެސް ކުރި އެވެ.