ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ވެންޓިލޭޓަރުތަކަށް ވީގޮތް ވެކްސިނަށް ވެދާނެތީ ސަމާލުވާން އެދިއްޖެ

ކޮވިޑް-19 އާ ގުޅިގެން ރާއްޖެ އަށް ބޭނުންވާ ވެންޓިލޭޓަރުތައް ހޯދުމުގައި ކޮރަޕްޝަން ހިމެނޭކަމަށް ތުހުމަތުކުރެވި، އެ ތަކެތި އަދިވެސް ލިބިފައިނުވާއިރު، ކޮވިޑުގެ ވެކްސިނަށް ވެސް އެފަދަ ގޮތެއް މެދުވެރިވެދާނެތީ އެކަމަށް ސަމާލުވެ ތިބެންޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ވެންޓިލޭޓަރުތަކުގެ މައްސަލާގައި އޭރުގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އިސްތިއުފާ ދެއްވާފައިވާއިރު، އެމަގާމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޔަނުކުރެއްވި އަހުމަދު ނަސީމަށް މަޖިލީހުން ރުހުން ދީފައިވަނީ މިދިއަ ހޯމަ ދުވަހު އެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި، ގދ. ގައްދޫ ހޮސްޕިޓަލާއި، ށ. ކަނޑިތީމާއި ގޮއިދޫގެ ސިއްހީ މަރުކަޒުގެ މަސައްކަތާ ގުޅޭގޮތުން، ނަސީމާ ލިޔުމުން ޖަވާބު ހޯދަން ދެ މެންބަރަކު ކުރެއްވި ސުވާލަށް ފުރުސަތު ދެއްވަމުން ނަޝީދު ވިދާޅުވީ، މިނިސްޓަރު މިއަދު މަޖިލީހަށް ވަޑައިގެންނެވިނަމަ، އިތުރު ސުވާލުތަކުގެ ތެރެއިން ކޮވިޑް-19 އިގެ ވެކްސިން ރާއްޖެއަށް ހޯދުމުގެ މައުލޫމާތު ސާފު ކުރެވުނީސް ކަމަށެވެ.

"ވެކްސިނުގެ ކަންތައް ވެންޓިލޭޓަރަށް ވީ ގޮތަށްވެ ނުދިއުމަކީ މިހާރުން ފެށިގެން އަޅުގަނޑުމެން ސަމާލުވެ ތިބެންޖެހޭ ކަމެއް،" މިހާތަނަށްވެސް އެ ވެންޓިލޭޓަރުތައް ލިބިފައިނުވާކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވި އެވެ.

އިތުރަށް ވިދާޅުވީ އެގޮތަށް ވެކްސިން ހޯދުމުގެ ކަންތައްތަކަށް ދިމާވެއްޖެނަމަ، އެއީ ވަރަށް ހައްސާސް މައްސަލައަކަށް ވެގެންދާނެ ކަމަށެވެ.

ހެލްތު މިނިސްޓްރީއަށް ބޭނުންވާ 75 ވެންޓިލޭޓަރު ސަޕްލައި ކޮށްދިނުމަށް ދުބާއީގެ ކުންފުންޏެއް ކަމަށްވާ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހާވާލުކުރުމުގައި މާލިއްޔަތު ގާނޫނާ ހިލާފަށް އަމަލު ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަމީން ހިމެނޭގޮތަށް ދައުވާ ކުރަން ފޮނުވި 11 މީހުންގެ މައްސަލަ އެކަށީގެންވާ ވަރަށް ހެކި ނެތުމުގެ ސަބަބުން ޕީޖީ އޮފީހުން ވަނީ އަނބުރާ ފޮނުވާލައިފަ އެވެ.

އެކަން ވަރަށް ބޮޑަށް ހޫނުވެ، މަޖިލީހުންވެސް އެކަން ބަލައި، ދައުވާނުކުރަން ނިންމި ނިންމުން މުރާޖައާ ކުރަން ޕީޖީގައި އެދެން ވަނީ ފާސްކޮށްފައި އެވެ. އަދި އެ ނިންމުން މުރާޖައާކޮށްދޭން އޭސީސީންވެސް ވަނީ ޕީޖީ އޮފީހުގައި އެދިފައި އެވެ.

ކޮވިޑް-19 ދުނިޔޭގެ ގާތްގަނޑަކަށް 60 މިލިއަނެއްހާ މީހުންނަށް ޖެހި މިލިއަނަކަށްވުރެ ގިނަ މީހުން އެ ބަލީގައި މަރުވެފައިވާއިރު އެ ބަލިން ދުނިޔެ ސަލާމަތްވެ އާންމު ހާލަތަށް އާދެވެން އޮތީ ވެކްސިނެއް ލިބިގެންނެވެ. ކޮވިޑަށް ވެކްސިނެއް ހޯދުމަށް ދުނިޔޭގެ އެކި ގައުމުތަކުގައި ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.

މިގޮތުން، އެމެރިކާގެ ފާމަސޫޓިކަލް ކުންފުނި މޮޑާނާ އާއި ޖަރުމަންގެ ބަޔޯންޓެކް އިން އުފައްދާފައިވާ ވެކްސިން 95 ޕަސަންޓް ކާމިޔާބުކަމަށް ބުނެފައިވާއިރު، އިނގިރޭސި ވިލާތުގެ އޮކްސްފަޑް ޔުނިވާސިޓީން އުފެއްދި ވެކްސިން 90 ޕަސަންޓް ކާމިޔާބުކަމަށް ވަނީ ބުނެފައި އެވެ.

އެ ކުރިއެރުންތަކާއެކު، އަންނަ އަހަރު ތެރޭގައި ކޮވިޑް-19 އިގެ ވެކްސިން ލިބޭނެ ކަމުގެ އުއްމީދު ވަނީ ބޮޑުވެފައި އެވެ.

ވެކްސިނެއް ލިބުމުން ރާއްޖޭގެ އާބާދީގެ 20 ޕަސެންޓް މީހުނަށް ވެކްސިން ދެވޭނެ މިންވަރަށް ހިލޭ ވެކްސިން ލިބޭނެ ކަމަށް ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) މިދިއަ މަހު ބުނެފައިވާއިރު، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ރާއްޖެއަށް ވެކްސިން ހޯދުމަށް ސަރުކާރުން ވަނީ ހިމަނައިފަ އެވެ.