ހަބަރު

ވެންޓިލޭޓަރު މައްސަލަ ދަނީ ރިވިއު ކުރަމުން: ޕީޖީ

ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ހޯދުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ތުހުމަތު ކުރެވުނަސް، އެ މައްސަލާގައި ދައުވާ ނުކުރަން ނިންމި ނިންމުން މުރާޖައާ ކުރުމުގެ މަސައްކަތް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ފުލުހުންނާ ގުޅިގެން ކުރެވެމުންދާކަމަށް ޕްރޮސެކިޔުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން މިއަދު ބުނެފި އެވެ.

އޭސީސީ އިން ހެލްތުގެ އޮޑިޓް ރިޕޯޓުގެ މައްސަލަ ތަހުގީގު ކޮށް މިހާރު މަގާމުން އިސްތިއުފާ ދެއްވާފައިވާ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ހިމެނޭ ގޮތަށް ޖުމްލަ 11 މީހުންނަށް ދައުވާ ކޮށްދިނުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވަނީ މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ވަކި ބަޔަކަށް ފައިދާ ހޯދި ކަމަށްބުނެ ދައުވާ ކޮށްދިނުމަށެވެ.

ނަމަވެސް ތަހުގީގު ފުރިހަމަ ނުވާތީ ދައުވާ ސާބިތު ކުރެވޭ މިންވަރަށް ހެކިނެތް ކަމަށް ބުނެ ޕީޖީން ވަނީ މި މައްސަލަ އަނބުރާ އޭސީސީއަށް ފޮނުވާލައިފަ އެވެ.

އެކަން ވަރަށް ބޮޑަށް ހޫނުވެ، ރައްޔިތުންގެ މަޖިލީހުން ވެސް އެކަން ބަލައި، ދައުވާ ނުކުރަން ނިންމި ނިންމުން މުރާޖައާ ކުރަން ޕީޖީގައި އެދެން ވަނީ ފާސްކޮށްފަ އެވެ. އަދި އެ ނިންމުން މުރާޖާ ކޮށްދޭން އޭސީސީން ވެސް ވަނީ ޕީޖީ އޮފީހުގައި އެދިފައި އެވެ.

އެކަމާ ގުޅިގެން ޕީޖީގެ އޮފީހުގެ ޕަބްލިކް ޕްރޮސެކިޔުޓާ އަދި ތަރުޖަމާނު އަހުމަދު ޝަފީއު މިއަދު ވިދާޅުވީ، އޭސީސީ އާއި ފުލުހުންނާ ގުޅިގެން އެ މައްސަލަ މުރާޖައާ ކުރަމުން އަންނަ ކަމަށެވެ.

"އަޅުގަނޑުމެން މި ބަލަނީ ރިވިއު ޕްރޮސެސް ފެށިއްޖެ ކަމަށް، ތިން އިދާރާ ގުޅިގެން، ފުރަތަމަ ދައުވާ ނުކުރެވުނު ލީގަލް ކަންތައްތައް ފާހަގަކޮށް އެކަމުގެ މަޝްވަރާތައް ކުރަމުން ދަނީ،" ޝަފީއު ވިދާޅުވި އެވެ.

ވެންޓިލޭޓަރުތަކާ ގުޅޭ ހިޔާނާތުގެ މައްސަލަ ޕީޖީގެ އޮފީހުން މުރާޖައާ ކުރަމުންދާއިރު، އެ މައްސަލާގައި ވަކި ބަޔަކަށް ދައުވާ ކުރަން އުޅޭކަމަށް ދޭހަވާ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ދާދި ފަހުން ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

"ޕްރޮސެކިޔުޓާ ޖެނެރަލް އަމިއްލަފުޅަށް ދައުވާ ކުރުމާއި ނުކުރެއްވުން އޮންނަނީ. އެހެން ނަމަވެސް، ޕްރޮސެކިޔުޓާ ޖެނެރަލް ދައުވާ ކުރެއްވުމުގައި ވަކި ވަކި ބޭފުޅުންނަށް ވަކިވަކި ގޮތް ގޮތް ވާގޮތަށް ދައުވާ ކުރެވިގެން ދާ ގޮތަށް އަޅުގަނޑުމެންނަށް ފެންނަކަމަށް ވަނީ ވިއްޔާ އެއީ ވަރަށް ކަންބޮޑުވާނެ ކަމެއް،" އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.

އިތުރަށް ވިދާޅުވީ ވެންޓިލޭޓަރުތަކުގެ މައްސަލައަކީ ކަނޑައެޅިގެން ވައްކަން ފެންނަން އޮތް ކަމެއް ކަމަށާއި އެ މައްސަލާގައި ދައުވާ ނުކޮށް ގިނަ ދުވަސްވެ، ދިގުލައިގެންދާކަމީ މަޖިލީހުން ވަރަށް ކަންބޮޑުވާކަމެއް ކަމަށެވެ.