ހަބަރު

އޭސީސީ މެންބަރުން ވަކި ކުރަން ފޮނުވަން ފާހެއް ނުވި

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެންބަރުން މަގާމުން ވަކި ކުރުމަށް ހުށަހެޅިފައިވާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް، އެ މައްސަލަ ދިރާސާ ކުރާ މަޖިލީހުގެ ކޮމިޓީން ފާހެއް ނުވި އެވެ.

އޭސީސީ އިން ހެލްތުގެ އޮޑިޓް ރިޕޯޓުގެ މައްސަލަ ތަހުގީގު ކޮށް މިނިސްޓަރު އަމީން ހިމެނޭ ގޮތަށް 11 ބޭފުޅަކަށް ދައުވާ ކޮށްދޭން ޕީޖީ އޮފީހަށް ފޮނުވީ މިމަހުގެ 14 ވަނަ ދުވަހު އެވެ. ޕީޖީއަށް ފޮނުވީ މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ވަކި ބަޔަކަށް ފައިދާ ހޯދި ކަމަށްބުނެ ދައުވާ ކޮށްދޭށެވެ.

ނަމަވެސް، މި މައްސަލާގައި އެކަށީގެންވާ ވަރަށް ހެކި ނެތުމުގެ ސަބަބުން އަނބުރާ ވަނީ ގެންގޮސްފަ އެވެ. ޕީޖީން އެ ނިންމުން ހާމަކުރުމުން އޭސީސީގެ ތަހުގީގުގެ ފެންވަރާމެދު ވަރަށް ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. މި ސަރުކާރު އައިސް އޭސީސީގެ މެންބަރުން ބަދަލުކުރި ފަހުން އެ ކޮމިޝަނުން ކުރާ ކޮންމެ ތަހުގީގަކަށްވެސް ބޮޑެތި ފާޑުކިޔުން އަމާޒުވެފައި އެވެ.

އޭސީސީގެ މެންބަރުންގެ އިތުބާރު ނެތްކަމަށް އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދު ހުށަހެޅުއްވި މައްސަލާގައި މިއަދު ބޭއްވުނު މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުން ފެށުމާއެކު އޭނާ ވަނީ މި މައްސަލަ އޮފް ދަ ރެކޯޑުގައި މަޝްވަރާކުރުމަށް ހުށަހަޅުއްވައިފަ އެވެ.

ގާތްގަނޑަކަށް ބައިގަޑިއިރަށް ވުރެ ގިނައިރު މެންބަރުންގެ މެދުގައި މަޝްވަރާ ކުރެއްވުމަށްފަހު ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ވިދާޅުވީ ރައްޔިތުން އުއްމީދު ކުރާ މިންވަރަށް އޭސީސީގެ މަސައްކަތަށް ލަސްކަމަށް ގަބޫލުކުރެވުނަސް، ތަހުގީގުތަކުގައި ކުރިމަތިވާ ދަތިތަކެއް ހުރި ނަމަ އެކަން ދެނެގަތުން މުހިއްމު ކަމަށެވެ.

އެހެންކަމުން އޭނާ ހުށަހެޅުއްވި، އޭސީސީގެ މެންބަރުން ވަކި ވަކިން ކޮމިޓީއަށް ހާޒިރުކޮށް، އެ ކޮމިޝަނަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ސާފުކޮށް، ކޮމިޓީ މެދުވެރިކޮށް އެކަން ހައްލުކޮށްދިނުމަށް އެހީވުމަށެވެ.

ހުސެއިން ޝަހީމްގެ ހުށަހެޅުމާ ދެކޮޅު ހައްދަވަމުން ކޮމިޓީގެ ނައިބު މުގައްރިރު އަދި ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ އެމްޑީޕީ މެންބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވީ ކޮމިޝަނަށް އާ މެންބަރުން އައްޔަނުކުރެވުނުފަހުން އެދެވޭ ނަތީޖާއެއް ނެރެވެމުންނުދާ ކަމަށެވެ.

ތަހުގީގުތައް ލަސްވަނީ ހަމައެކަނި އޭސީސީގެ އިހުމާލުން ނޫން ކަމަށް ގަބާލުކުރެވުނަސް، މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބެލެނިވެރިކަމުގެ ދަށުގައި އޮތް ކޮމިޝަނާމެދު ފިޔަވަޅު އަޅައި، މެންބަރުން ވަކި ކުރުމަށް ހަސަން އަހުމަދު ހުށަހެޅުއްވި ހުށަހެޅުއްވުމަށް އޭނާ ތާއީދު ކުރެއްވި އެވެ.

އެ ދެ ހުށަހެޅުމާއެކު ނެގުނު ވޯޓުގައި އޭސީސީގެ މެންބަރުން ވަކި ކުރަން މަޖިލީހުގެ ތަޅުމަށް ފޮނުވަން ތާއީދު ކުރެއްވީ އެންމެ ދެ މެންބަރުންނެވެ.

ހުސެއިން ޝަހީމް ހުށަހެޅުއްވި ގޮތަށް އޭސީސީގެ މެންބަރުން ވަކި ވަކި ހާޒިރުކޮށް، ދަތިތަކާ ގުޅޭގޮތުން ސުވާލު ކުރުމަށް ކޮމިޓީގެ ހަ މެންބަރުންގެ ވޯޓާއެކު މިއަދު ވަނީ ފާސްކޮށްފަ އެވެ.

އޭސީސީ މެންބަރުން ވަކި ކުރަން ނުފެންނަކަމަށް ކޮމިޓީން މިއަދު ފާސްކޮށްފައިވާއިރު، ވެންޓިލޭޓަރުތައް ހޯދުމުގައި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލު ކޮށްފައިވާ ބުނެ މިހާރު މަގާމުން އިސްތިއުފާ ދެއްވާފައިވާ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނުއާއެކު އެ މިނިސްޓްރީގެ އިސް ބޭފުޅުންތަކަކަށް ދައުވާ ނުކުރަން ނިންމާ އަނބުރާ އޭސީސީއަށް ފޮނުވި މައްސަލަ އަލުން ރިވިއު ކޮށްދިނުމަށް އޭސީސީން ވަނީ ޕީޖީ އޮފީހަށް ފޮނުވައިފި އެވެ.