ކޮވިޑް-19 އާ ގުޅިގެން ރާއްޖެ އަށް ބޭނުންވާ ވެންޓިލޭޓަރުތައް ހޯދުމުގައި ކޮރަޕްޝަން ހިމެނޭކަމަށް ތުހުމަތުކުރެވޭއިރު، އެ މައްސަލާގައި ދައުވާކުރުން ލަސްވާތީ ރައްޔިތުންގެ މަޖިލީހުން އަނެއްކާވެސް ކަންބޮޑުވުންފާޅުކޮށްފި އެވެ.
ހެލްތު މިނިސްޓްރީއަށް ބޭނުންވާ 75 ވެންޓިލޭޓަރު ސަޕްލައި ކޮށްދިނުމަށް ދުބާއީގެ ކުންފުންޏެއް ކަމަށްވާ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހާވާލުކުރުމުގައި މާލިއްޔަތު ގާނޫނާ ހިލާފަށް އަމަލު ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިހާރު މަގާމުން އިސްތިއުފާ ދެއްވާފައިވާ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ހިމެނޭގޮތަށް ދައުވާ ކުރަން ފޮނުވި 11 މީހުންގެ މައްސަލަ އެކަށީގެންވާ ވަރަށް ހެކި ނެތުމުގެ ސަބަބުން ޕީޖީ އޮފީހުން ވަނީ އަނބުރާ ފޮނުވާލައިފަ އެވެ.
އެކަން ވަރަށް ބޮޑަށް ހޫނުވެ، މަޖިލީހުންވެސް އެކަން ބަލައި، ދައުވާނުކުރަން ނިންމި ނިންމުން މުރާޖައާ ކުރަން ޕީޖީގައި އެދެން ވަނީ ފާސްކޮށްފައި އެވެ. އަދި އެ ނިންމުން މުރާޖައާކޮށްދޭން އޭސީސީންވެސް ވަނީ ޕީޖީ އޮފީހުގައި އެދިފައި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ މިއަދުގެ ޖަލްސާގައި ވެސް ވެންޓިލޭޓަރު މައްސަލާގައި ބައެއް މެންބަރުން ކަންބޮޑުވުންފާޅު ކުރައްވާފައިކަން ފާހަގަ ކުރައްވައިފަ އެވެ.
ވެންޓިލޭޓަރުތަކުގެ މައްސަލައަކީ ކޮޅެއްގައި ޖެހެންދެން މަޖިލީހުން ގާތުން ބަލާނެ މައްސަލައެއްކަމަށް ކުރިން ވިދާޅުވި ވާހަކައަށް އިޝާރާތް ކުރައްވަމުން ނަޝީދު ވިދާޅުވީ ދައުވާ ކުރުން ލަސްކުރައްވައި، ފަސްކުރެއްވުމަކީ މަޖިލީހުން ކަންބޮޑުވާނެކަމެއްކަން ޕްރޮސެކިޔުޓާ ޖެނެރަލަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.
"ޕްރޮސެކިޔުޓާ ޖެނެރަލް އަމިއްލަފުޅަށް ދައުވާ ކުރުމާއި ނުކުރެއްވުން އޮންނަނީ. އެހެން ނަމަވެސް، ޕްރޮސެކިޔުޓާ ޖެނެރަލް ދައުވާ ކުރެއްވުމުގައި ވަކި ވަކި ބޭފުޅުންނަށް ވަކިވަކި ގޮތް ގޮތް ވާގޮތަށް ދައުވާ ކުރެވިގެން ދާ ގޮތަށް އަޅުގަނޑުމެންނަށް ފެންނަކަމަށް ވަނީ ވިއްޔާ އެއީ ވަރަށް ކަންބޮޑުވާނެ ކަމެއް،" އެމަނިކުފާނު ވިދާޅުވި އެވެ.
އިތުރަށް ވިދާޅުވީ ވެންޓިލޭޓަރުތަކުގެ މައްސަލައަކީ ކަނޑައެޅިގެން ވައްކަން ފެންނަން އޮތް ކަމެއް ކަމަށާއި އެ މައްސަލާގައި ދައުވާނުކޮށް ގިނަ ދުވަސްވެ، ދިގުލައިގެންދާކަމީ މަޖިލީހުން ވަރަށް ކަންބޮޑުވާކަމެއް ކަމަށެވެ.