ހަބަރު

ވެންޓިލޭޓަރު މައްސަލަ: ދައުވާނުކުރަން "ބަހަނާ" ދައްކާ ކަމުގެ ތުހުމަތު

Nov 2, 2020
1

ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ހޯދުމުގައި ކޮރަޕްޝަން ހިންގި ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެކުލަވާލި ތަހުގީގު ރިޕޯޓުން ދައުވާ ކުރެވޭ މިންވަރަށް ހެކި އެބަ ހުރި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

އޭސީސީ އިން ހެލްތުގެ އޮޑިޓް ރިޕޯޓުގެ މައްސަލަ ތަހުގީގު ކޮށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ހިމެނޭ ގޮތަށް ޖުމްލަ 11 މީހުންނަށް ދައުވާ ކޮށްދިނުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވަނީ މިދިއަ މަހުގެ 14 ވަނަ ދުވަހު އެވެ. ޕީޖީ އަށް ފޮނުވީ މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ވަކި ބަޔަކަށް ފައިދާ ހޯދި ކަމަށްބުނެ ދައުވާ ކޮށްދިނުމަށެވެ.

ނަމަވެސް ތަހްގީގު ފުރިހަމަނުވާ ކަމަށް ބުނެ ޕީޖީން މި މައްސަލަ އަނބުރާ ޢޭސީސީއަށް ފޮނުވާފައިވަނީ މިދިއަ މަހުގެ 20 ވަނަ ދުވަހު އެވެ.

އެ މައްސަލާގައި އޭސީސީ އާއި ޕީޖީ އާމެދު ހިލާފު އުފެދިފައިވާތީ އެ މައްސަލަ އިތުރަށް ބަލައިދިނުމަށް އެދި ރިޔާސަތުން ފޮނުވާފައިވާ މައްސަލަ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ދިރާސާ ކުރި ގޮތުގެ ރިޕޯޓް އެ ކޮމިޓީގެ މުގައްރިރު އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ވަނީ މިއަދުގެ ޖަލްސާއަށް ހުށަހަޅުއްވައިފަ އެވެ.

އެ ރިޕޯޓާ ގުޅޭގޮތުން، ރިޔާސަތުގައި އިންނެވި ނަޝީދު ވަނީ އިންތި އާ ގިނަ ސުވާލުތަކެއް ކުރައްވައިފަ އެވެ.

"އަޅުގަނޑުގެ ހިތަށް ވަންނަ ސުވާލެއް އެބަވޭ. އެއްވެސް މުވައްސަސާއަކުން ބެލިތޯ މީގެއިން އެއްވެސް ރިޕޯޓެއްގައި ވޭތޯ، އިއްޒަތްތެރި މެމްބަރުންގެ ދިރާސާތަކުން އަދި އޭސީސީގެ ރިޕޯޓުންނާއި، އެހެން ހުރިހާ އެއްޗަކުން އެބައެނގޭ މުޅިން މިކަން ގޮސްފައިމިވަނީ ކޮރަޕްޝަންގެ އަމަލެއްގެ ގޮތުގައިކަން އެއްވެސް ޝައްކެތް ނެތް އެއްވެސް މީހަކަށް އޮޅުމެއް ވެސް ނާރާ އިތުރަށް ބެލިފަ އެބައޮތްތޯ އެ ފައިސާ ރާއްޖެއަށް އައި މަގެއް ނުވަތަ އެއްވެސް ދިިމާލަކުން ރާއްޖެ އައިސްފައިވޭތޯ؟” ނަޝީދު ސުވާލު ކުރެއްވި އެވެ.

އޭގެ ޖަވާބުގައި އިންތި ވިދާޅުވީ އެގްޒެކިއުޓާސް ކުންފުންޏަށް ވެންޓިލޭޓަރު ފޯރުކޮށް ނުދިނުމުންވެސް އެ ފައިސާ ދައުލަތަށް އަނބުރަ ދައްކާފައިވާކަން އެގެން ނެތް ކަމަށެވެ.

އެކަމާ ގުޅިގެން ނަޝީދު ވިދާޅުވީ މަރުކަޒީ ބޭންކު މެދުވެރިކޮށް އެ ފައިސާތައް އަނބުރާ ލިބިފައިވޭތޯ ވަރަށް ފަސޭހައިން ބެލޭނެކަމަށާއި، ނަމަވެސް އެކަން ތަހުގީގީ އިދާރާތަކުން ކޮށްފައިނުވާކަން މިހާރު ސާފުވެއްޖެ ކަމަށެވެ.

އެ ރިޕޯޓުގެ ބަހުސްގައި ވާހަކަ ދެއްކެވި ގިނަ މެންބަރުން ވަނީ އޭސީސީގެ އިތުރުން ޕީޖީ އޮފީހަށްވެސް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ.

އެ ފާޑުކިޔުންތަކަށް އިޝާރާތް ކުރައްވައި ނަޝީދު ވިދާޅުވީ، މި މައްސަލަ މަޖިލީހުން ދޫކުނުކުރާނެ ކަމަށެވެ.

"އަޅުގަނޑުމެން މި ތަނުގައި ތިއްބާ. އަޅުގަނޑު މި ތަނުގެ ރައީސްއަކަށް އިންނަނިކޮށް، ދައުލަތުން އެތައް މިލިއަން ރުފިޔާއެއް ވަގަށް ނަގައިގެން، ހަމަ އަޅުގަނޑުމެން ކުރިމަތީގައި ދުވެފައި ދަނިކޮށް ފެނުމުން، ދެން އެ ބަޔަކު ނުހިފަހައްޓައި ނުތިބެވޭނެ. މި ކަން އަޅުގަނޑުމެން އެބަ ކުރަން ޖެހޭ،" އެ މަނިކުފާނު ވިދާޅުވި އެވެ.

ނަޝީދު އިތުރަށް ވިދާޅުވީ އޭސީސީގެ ރިޕޯޓްގައި މިހާރު ހެކި ހިމެނޭ މިންވަރުން ވެސް ދައުވާ ކުރެވޭނެ ކަން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ވެސް ފާހަގަވެފައިވާ ކަމަށެވެ.

"އޭސީސީގެ ރިޕޯޓްގައި އެ އޮތް މިންވަރުން ވެސް ދައުވާ ކުރެވޭނެ. ދެން ދައުވާއަކުން ހުކުމެއް އައުމާއި ނައުން އެއީ ފަނޑިޔާރުގެ ކަމެއް. އެއީ ޕްރޮސެކިއުޓަރުގެ ކަމެއް ނޫން. ދައުވާނުކޮށް ހިނގާ ކޮންމެ މިނެޓަކާ އެކު ކަންބޮޑުވުން އިތުރު ވެގެންދޭ،" ނަޝީދު ތަކުރާރުކޮށް ވިދާޅުވި އެވެ.