ހަބަރު

މަޖިލީހަށް އަމީން އޮޅުވާލިކަމަށް ފާސްކޮށް، ދައުވާ ކުރަނީ

ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ގަތުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހެލްތު މިނިސްޓްރީން އަމަލު ކޮށްފައިވާ ކަމަށް އޮޑިޓު ރިޕޯޓުން ހާމަވެފައިވާއިރު، އެކަމާ ގުޅިގެން އޭރުގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ރައްޔިތުންގެ މަޖިލީހަށް އިތުރުފުޅު ހައްދަވައި، އޮޅުވާލެއްވި ކަމަށް ރައްޔިތުންގެ މަޖިލީހުން މިރޭ ފާސްކޮށްފި އެވެ.

ވެންޓިލޭޓަރުގެ މައްސަލާގައި މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް ކުރެއްވި ސުވާލަކަށް ލިޔުމުން ދެއްވި ޖަވާބުގައި އެ ވެންޓިލޭޓަރުތައް ގަންނަން ހަވާލުކޮށްފައިވަނީ ޑަބްލިޔުއެޗްއޯއިން ރެކަމެންޑް ކުރި ކުންފުންޏެއްކަމަށް އަމީން ވިދާޅުވެފައިވީ ނަމަވެސް، އޮޑިޓް ރިޕޯޓުގައި އެއީ އެކަން ހިނގިގޮތް ނޫންކަމަށް ބަޔާންކޮށްފައިވާތީ، މަޖިލީހަށް އިތުރުފުޅު ހެއްދެވިކަމަށް ބުނެ ހުށަހެޅުނު މައްސަލަ ބަލާފައިވަނީ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީންނެވެ.

އެ ކޮމިޓީއަށް އަމީން ހާޒިރުކޮށްފައިވާއިރު، އޭނާ ވަނީ ވެންޓިލޭޓަރުތައް ގަތުމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯއިން މެދުވެރިވި ކަމަށާއި، އެ ޖަމިއްޔާއާއެކު ކުރެވުނީ ރަސްމީ މުއާމަލާތްތަކެއް ކަމަށް ތަކުރާރުކޮށް ވިދާޅުވެފައި އެވެ.

ނަމަވެސް، މިދިއަ މަހުގެ 25 ވަނަ ދުވަހު ކޮމިޓީން ވަނީ ކަމާގުޅޭ ލިޔުންތަކާއި އަމީން ދެއްކެވި ވާހަކަފުޅުތަކަށް ރިއާއަތްކޮށް، އޭނާ މަޖިލީހަށް ގަސްތުގައި އޮޅުވާލައިގެން މައުލޫމާތު ދެއްވި ކަމަށް، އިއްތިފާގުން ފާސްކޮށްފައި އެވެ.

ކޮމިޓީން ނިންމި ގޮތަށް، މަޖިލީހުގެ މިރޭގެ ޖަލްސާގައި ފާސްކޮށްފައިވަނީ 57 މެންބަރުންގެ އިއްތިފާގުންނެވެ.

މަޖިލީހުގެ އިިމްތިޔާޒުތަކުގެ ގާނޫނުގައި ބުނާ ގޮތުން މުޅި މަޖިލީހަށް ނުވަތަ ކޮމިޓީއަކަށް ގަސްތުގައި ކަމެއް އޮޅުވާލުން ފަދަ ކުށެއް ކޮށްފިނަމަ އެ ފަރާތެއްގެ އަދަބަކީ 3،000 ރުފިޔާއާއި 10،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ. ނުވަތަ ތިން މަސް ދުވަހާއި ހަ މަސް ދުވަހާ ދެމެދުގެ މުއްދަތަކަށް ޖަަލަށްލުމެވެ.

އެ ރިޕޯޓު ފާސްކުރުމުގެ ކުރިން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، މަޖިލީހަށް އިތުރުފުޅު ހައްދަވައި، އޮޅުވާލެއްވިކަމަށް ފާސްކޮށްފިނަމަ، ގާނޫނުގައި ބުނާ ގޮތަށް ދައުވާކޮށްދިނުމަށް ޕްރޮސެކިޔުޓާ ޖެނެރަލް (ޕީޖީ)ގައި އެދެން މަޖުބޫރުވާނެ ކަމަށެވެ.

އަދި މަޖިލީހުގެ އިމްތިޔާޒަށް އަރައިގެންފައިވާކަމަށް ކޮމިޓީއަކުން ނިންމައިފިނަމަ، އެކަން ދޫނުކުރައްވާނެކަމުގެ ޔަގީންކަން ނަޝީދު ވަނީ ދެއްވައިފަ އެވެ.