ހަބަރު

ވެންޓިލޭޓަރު މައްސަލަ މުރާޖައާކުރަން ޕީޖީގައި އެދެން ފާސްކޮށްފި

Nov 2, 2020
1

ކޮވިޑް-19 އާ ގުޅިގެން ރާއްޖެ އަށް ބޭނުންވާ ވެންޓިލޭޓަރުތައް ހޯދުމުގައި ކޮރަޕްޝަން ހިމެނޭކަމަށް ތުހުމަތު ކުރެވުނަސް، އެ މައްސަލާގައި ދައުވާ ނުކުރަން ނިންމި ނިންމުން މުރާޖައާކުރަން ޕްރޮސެކިޔުޓާ ޖެނެރަލް (ޕީޖީ) އޮފީހުގައި އެދުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހެލްތުގެ އޮޑިޓް ރިޕޯޓުގެ މައްސަލަ ތަހުގީގު ކޮށް މިހާރު މަގާމުން އިސްތިއުފާ ދެއްވާފައިވާ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ހިމެނޭ ގޮތަށް ޖުމްލަ 11 މީހުންނަށް ދައުވާ ކޮށްދިނުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވަނީ މިދިއަ މަހުގެ 14 ވަނަ ދުވަހު އެވެ. ޕީޖީ އަށް ފޮނުވީ މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ވަކި ބަޔަކަށް ފައިދާ ހޯދި ކަމަށްބުނެ ދައުވާ ކޮށްދިނުމަށެވެ.

ނަމަވެސް ތަހްގީގު ފުރިހަމަނުވާ ކަމަށް ބުނެ ޕީޖީން މި މައްސަލަ އަނބުރާ ޢޭސީސީއަށް ފޮނުވާފައިވަނީ މިދިއަ މަހުގެ 20 ވަނަ ދުވަހު އެވެ.

އެ މައްސަލާގައި އޭސީސީ އާއި ޕީޖީ އާމެދު ހިލާފު އުފެދިފައިވާތީ އެ މައްސަލަ އިތުރަށް ބަލައިދިނުމަށް އެދި މަޖިލީހުގެ ރިޔާސަތުން ފޮނުވާފައިވާ މައްސަލަ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ދިރާސާ ކުރި ގޮތުގެ ރިޕޯޓް ފާސްކޮށްފައިވަނީ މިއަދު ނެގުނު ވޯޓުގައި ބައިވެރިވެޑައިގެންނެވި 50 މެމްބަރުންގެ އިއްތިފާގުންނެވެ.

ޖުޑީޝަރީ ކޮމިޓީގެ ރިޕޯޓުގައި ތިން ހުށަހެޅުމަށް ވަނީ ހުށަހަޅާފައިވާއިރު، ފުރަތަމަ ހުށަހެޅުމަކީ އޭސީސީއާއި ފުލުހުން ފަދަ ކަމާގުޅުންހުރި ތަހުގީގީ އިދާރާތަކުގައި ހުރި މައްސަލައާއި ގުޅުން ހުރި އިތުރު މައުލޫމާތުތައް ހޯދުމަށް ޕީޖީއަށް ލަފާއެރުވުމެވެ.

ދެވަނަ ހުށަހެޅުމަކީ ތަހުގީގީ އިދާރާތަކުގައިވާ މައުލޫމާތުތައް ހޯދުމަށް ފަހު ދައުވާ ކުރުމުގައި، ކުރިން ޕީޖީއިން ނިންމާފައިވާ ނިންމުން އަލުން މުރާޖައާ ކުރުމާއި މެދު ގޮތެއް ނިންމަން ލަފާއެރުވުމެވެ.

އަދި ތިންވަނަ ހުށަހެޅުމަކީ މައްސަލަ މުރާޖައާކުރުމާމެދު ޕީޖީ އޮފީހުން ނިންމާ ނިންމުން ޖުޑީޝަރީ ކޮމިޓީއަށް ހިއްސާކުރުމެވެ.

އެ ރިޕޯޓާ ގުޅިގެން މިއަދު ކުރިއަށްދިއަ ބަހުސްގައި ވާހަކަ ދެއްކެވި ގިނަ މެންބަރުން ވަނީ އޭސީސީގެ އިތުރުން ޕީޖީ އޮފީހަށްވެސް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ.

މިގޮތުން، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އޭސީސީ އިން އެކުލަވާލި ތަހުގީގު ރިޕޯޓުން ދައުވާ ކުރެވޭ މިންވަރަށް ހެކި އެބަ ހުރި ކަމަށް ވިދާޅުވެފަ އެވެ.

"އޭސީސީގެ ރިޕޯޓްގައި އެ އޮތް މިންވަރުން ވެސް ދައުވާ ކުރެވޭނެ. ދެން ދައުވާއަކުން ހުކުމެއް އައުމާއި ނައުން އެއީ ފަނޑިޔާރުގެ ކަމެއް. އެއީ ޕްރޮސެކިއުޓަރުގެ ކަމެއް ނޫން. ދައުވާނުކޮށް ހިނގާ ކޮންމެ މިނެޓަކާ އެކު ކަންބޮޑުވުން އިތުރު ވެގެންދޭ،" ނަޝީދު ތަކުރާރުކޮށް ވިދާޅުވި އެވެ.

އިތުރަށް ވިދާޅުވީ މި މައްސަލަ މަޖިލީހުން ދޫކުނުކުރާނެ ކަމަށެވެ.

ވެންޓިލޭޓަރު މައްސަލަ މުރާޖައާކުރަން ޕީޖީގައި އެދެން މަޖިލީހުން ފާސްކޮށްފައިވަނީ، އެކަން ކޮށް ދިނުމަށް އޭސީސީން ވެސް ޕީޖީގައި އެދިފައިވަނިކޮށެވެ.