ހަބަރު

އޭސީސީ މެންބަރުން ވަކިކުރާ މައްސަލަ އެހެން ދުވަހަކަށް

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެންބަރުން މަގާމުން ވަކި ކުރުމަށް އެދި ހުށަހެޅި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން މިއަދަށް އެޖެންޑާ ކުރުމަށްފަހު، އެހެން ދުވަހަކަށް ފަސްކޮށްފި އެވެ.

އޭސީސީގެ މެންބަރުންގެ އިތުބާރު ނެތްކަމަށް އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދު ހުށަހެޅުއްވި މައްސަލަ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އެޖެންޑާކޮށްފައިވަނީ މިއަދު ހެނދުނު 11:00 އަށެވެ. އެ މައްސަލަ އޮތީ އެޖެންޑާގެ ދެވަނަ އައިޓަމުގެ ގޮތުގައި އެވެ.

އޭސީސީ އިން ހެލްތުގެ އޮޑިޓް ރިޕޯޓުގެ މައްސަލަ ތަހުގީގު ކޮށް މިނިސްޓަރު އަމީން ހިމެނޭ ގޮތަށް 11 ބޭފުޅަކަށް ދައުވާ ކޮށްދޭން ޕީޖީ އޮފީހަށް ފޮނުވީ މިމަހުގެ 14 ވަނަ ދުވަހު އެވެ. ޕީޖީއަށް ފޮނުވީ މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ވަކި ބަޔަކަށް ފައިދާ ހޯދި ކަމަށްބުނެ ދައުވާ ކޮށްދޭށެވެ.

ނަމަވެސް، މި މައްސަލާގައި އެކަށީގެންވާ ވަރަށް ހެކި ނެތުމުގެ ސަބަބުން އަނބުރާ ވަނީ ގެންގޮސްފަ އެވެ. ޕީޖީން އެ ނިންމުން ހާމަކުރުމުން އޭސީސީގެ ތަހުގީގުގެ ފެންވަރާމެދު ވަރަށް ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. މި ސަރުކާރު އައިސް އޭސީސީގެ މެންބަރުން ބަދަލުކުރި ފަހުން އެ ކޮމިޝަނުން ކުރާ ކޮންމެ ތަހުގީގަކަށްވެސް ބޮޑެތި ފާޑުކިޔުން އަމާޒުވެއެވެ.

އެޖެންޑާގެ ތަރުތީބު އޮތް ގޮތުން، އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލާގައި ދައުވާ ކުރުން ލަސްވާތީ އެކަމުގެ ސަބަބު ސާފު ކުރުމަށް ޕީޖީ އޮފީހާއި، އޭސީސީގެ އިތުރުން ހިޔާނާތް ބަލަން ރައީސް އުފެއްދެވި ރިޔާސީ ކޮމިޝަންގެ ބޭފުޅުން ވަނީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ވަނީ ހާޒިރު ކޮށްފަ އެވެ.

އެކި ފަހަރު މަތިން ވަގުތު އިތުރުކުރަމުން ގޮސް، އެޖެންޑާގެ އެބައި ދެ ގަޑިއިރަށް ދިގުދެމިގެން ގޮސްފައިވާއިރު، މަޖިލީހުގެ ވޯޓަށްފަހު އޭސީސީގެ މެންބަރުން މަގާމުން ވަކި ކުރުމުގެ މައްސަލަ ކުރިއަސް ގެންދަން ހުށަހެޅި އެވެ.

ނަމަވެސް، ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ހުށަހެޅުއްވީ ކޮމިޓީގެ ވީހާވެސް ގިނަ މެންބަރުން ތިއްބަވައިގެން އެ މައްސަލަ ކުރިއަށް ގެންދިއުމަށްޓަކައި، އެ މައްސަލަ އެހެން ދުވަހަކަށް އެޖެންޑާ ކުރުމަށެވެ.

އުޝާމްގެ ހުށަހެޅުން ވަނީ ހަތަރު މެންބަރުންގެ އަގުލަބިއްޔަތުން ފާސްކޮށްފަ އެވެ.

އެމްއެމްޕީއާރުސީގެ މައްސަލަ އެޖެންޑާގައި އޮތް ނަމަވެސް، މިއަދުގެ ބައްދަލުވުމުގައި ކޮމިޓީގެ ގިނަ މެންބަރުންގެ ސުވާލުތައް އަމާޒުވީ ވެންޓިލޭޓަރު މައްސަލަ އަށެވެ.

މިގޮތުން، މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމުގެ ތެރެއިން ޕްރޮސެކިޔުޓާ ޖެނެރަލްގެ އޮފީހާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ދެމެދު ހިޔާލު ތަފާތުވެ، މިއަދުގެ ބައްދަލުވުމުގައި އެއް ބަޔަކު އަނެއް ބަޔަކަށް ވަނީ ނުސީދާކޮށް ފާޑު ކިޔައިފަ އެވެ.