ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ލުއިތަކުގެ ފިލާވަޅާއެކު އާ ފިޔަވަޅުތަކުގެ ތެރެއަށް!

May 26, 2021

ރާއްޖޭގެ ކޮވިޑްގެ ހާލަތު ގޯހުން ގޯހަށް ބަދަލުވެފައި ވަނިކޮށް މިހާރު ވަނީ އަނެއްކާ ވެސް ފިޔަވަޅުތައް ވަރުގަދަކޮށް ތަންފީޒު ކުރަން ފަށާފަ އެވެ. މި ނިންމުން އައީ މުޅި ރާއްޖެ އެކަމާ ވަރަށް ބޮޑަށް ކަންބޮޑުވެ ހާސްވެފައި އޮއްވަ އެވެ. ރާއްޖޭގައި ކޮވިޑް-19 އިގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ ނުރައްކާވީ ވަރަށް ބޮޑަށް އަތް ދޫކޮށް ލެވިގެނެވެ. ހުރިހާ ދިމާއަކުން ފަރުވާ ކުޑަ ކުރެވިގެނެވެ. އެކަމަކު ސަރުކާރުން މިހާރު ވަނީ އެކަން ބަދަލުކޮށްފަ އެވެ.

ކޮވިޑްގެ ހާލަތާ ގުޅުވައި ރޭ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި ގޮތުގައި ކޮވިޑްގެ ހާލަތު ގޯސް ހިސާބަށް ދިޔައީ މިދިއަ އޭޕްރީލް މަހުގެ ތެރޭގައި ދިން ލުއިތަކުގެ ސަބަބުންނެވެ. އެމަނިކުފާނު ގަބޫލުފުޅު ކުރައްވާ ގޮތުގައި ރާއްޖެ މިވަގުތު ވަދެފައި ވަނީ ކޮވިޑްގައި މިހާތަނަށް ދިވެހިން ތަޖުރިބާކޮށްފައި ނުވާފަދަ އުނދަގޫ ހާލަތެއްގެ ތެރެއަށެވެ. މި މަހުގެ މިހާތަނަށް 28،600 ވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހިފައިވާއިރު މި މަހު އެކަނިވެސް 71 މީހަކު ކޮވިޑްގައި މަރުވެފައި ވެއެވެ.

ވަރުން އެޅުވުމަކާއެކު ރައީސް ވިދާޅުވި ގޮތުގައި ކޮވިޑްގައި ދިވެހިން ހޭދަކުރި 14 މަސް ދުވަހާއި މި މޭ މަހުގެ ނަންބަރު ހުރީ އެއް މިންވަރެއްގަ އެވެ. މިދިއަ އޭޕްރީލް މަހު ތެރޭ ދިން ލުއިތަކަކީ ރަނގަޅަށް ދެވުނު ލުއިތަކެއް ނޫނެވެ. އެކަމާއި ގުޅުވައި ވަކި ބަޔަކު ކުށްވެރި ކުރުމެއް ނެތެވެ. އޮތީ މާޒީ ހަނދާން ނައްތާލަފައި އަލުން ފެށުމެވެ.

ރައީސް ސޯލިހު ދެކެ ވަޑައިގަންނަވާ ގޮތުގައި ރާއްޖޭގައި ކޮވިޑް މެނޭޖްކުރަމުން އައީ ވަރަށް ރަނގަޅަށެވެ. މެނޭޖު ކުރުމުގައި ރާއްޖެ ފެއިލެއް ނުވެ އެވެ. އެހެން ނަމަވެސް ތަފާތު ސަބަބުތައް މެދުވެރިވެގެން އޭޕްރީލް މަހުގެ ތެރޭގައި އެކި ދިމާއިން ދެވުނު ލުއިތަކުގެ ސަބަނުން އަދި ކަންފަސޭހަ ކޮށްލެވިފައިވާތީ މިހާރު މި އޮތް ހާއްސަ ހާލަތުގެ ތެރެއަށް ރާއްޖެ ވަނީ އެވެ. އެމަނިކުފާނު ދެކެ ވަޑައިގަންނަވާ ގޮތުގައި މިއީ ކޮވިޑް މާޒީގެ ވާހަކަ ނުދައްކާ ކޮވިޑުގެ މިހާރުގެ އަރައިގަތުމަށް މަސައްކަތް ކުރަންވީ ވަގުތެކެވެ.

"އަޅުގަނޑުމެން ހުރިހާ ކަމެއް މި ކުރަނީ ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި. ސަަރުކާރުގެ ކެރިފޯރުންތެރިކަން ހުރި މިންވަރުން އިތުރު އެހީ އިރާދަކުރެއްވިއްޔާ ކުރިއަށް އޮތްތަނުގައި ކޮވިޑުން ސަލާމަތްވުމަށްޓަކައި ދެމުން ގެންދާނެ،" ރައީސް ވިދާޅުވި އެވެ. "ސަރުކާރުން އެންމެ އިސްކަން ދެނީ މި ބަލިމަޑުކަމުން އަރައިގަތުމަށް. ސަރުކާރުގެ ހުރިހާ ވަސީލަތެއް މިކަމަށް ބޭނުން ކުރާނަން. މި އަޅާ ފިޔަވަޅުތައް ތަންފީޒު ކުރެވިއްޖެނަމަ މާލަސްތަކެއް ނުވެ އާއްމު ހާލަތަކަށް ރުޖޫއަވެވޭނެ ކަމަށް އުއްމީދު ކުރެވޭ." ރައީސް ވިދާޅުވި އެވެ.

އޭޕްރީލް މަހުގެ ތެރޭގައި ކައުންސިލް އިންތިހާބު ބޭއްވުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުން ބާރު އަޅައިގެން ބައެއް ފިޔަވަޅުތަކަށް ބަދަލުތައް ގެންނާން އެޗްޕީއަށް ޖެހުނެވެ. އަދި އިންތިހާބާ ގުޅުވައިގެން ބައެއް ބަންދުތައް ދޫކޮށްލައި ހުޅުވާލަން މަޖުބޫރުވި އެވެ. އަދި ރަށްރަށަށް ދިއުމާއި ކެމްޕޭން ކުރުމަށާއި އެނޫންވެސް އިންތިހާބާ ގުޅުންހުރި ވަރަށް ގިނަ ކަންކަމަށް ފަހިކޮށް ދިނުމުގެ ގޮތުން ފިޔަވަޅުތައް ދޫކޮށްލާން ޖެހިފައި ވެއެވެ. އޭޕްރީލް މަހުގެ ބޮޑު ބަޔަކީ ރޯދަ މަހަށްވުމުން މާލޭގެ ދިރިއުޅުމަށް އެހެން ބޮޑެތި ބަދަލުތައް ވެސް އައެވެ. އޭގެ ސަބަބުން ކޮވިޑް ފެތުރުން އިތުރުވި އެތައް ސަބަބެއް ކުރިމަތިވެފައި ވެއެވެ.

އޭޕްރީލަށް ފަހު މޭ މަސް ނިމެންދާއިރު މިހާތަނަށް ރާއްޖެއިން 58،345 މީހަކަށް ވަނީ ކޮވިޑް ބަލިޖެހިފައެވެ. މިހާތަނަށް 145 މީހަކު ވަނީ މި ބަލީގައި މަރުވެފަ އެވެ. މިހާރު އޮތީ ވެދިޔަތަނުގައި ހެދުނު ގޯސްތައް ހަނދާން ނައްތާލުމެއް އަލުން ކޮވިޑްގެ ކޮންޓްރޯލް ނަގަން ކުރަން ޖެހޭ ހުރިހާ ކަމެއް އެންމެން ވެގެން ކުރުމެވެ.