ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޗްޕީއޭ

އެޗްޕީއޭ ބަންދުގެ ލިސްޓައް މާފަރު އިތުރުކޮށްފި

ކޮވިޑް ފެތުރެމުންދާތީ އެޗްޕީއޭ އިން ބަންދު ކޮށްފައިވާ ރަށްތަކުގެ ލިސްޓައް ނ. މާފަރު އިތުރުކޮށްފި އެވެ.

އެޗްޕީއޭއިން ބަންދު ކޮށްފައިވާ ރަށްތަކުގެ އަދަދު މި ފަހަކަށް އައިސް އިތުރުވުމަށް ފަހު އަނެއްކާވެސް ވަނީ ދައްވާން ފަށާފަ އެވެ.

އާ ލިސްޓް ބުނާ ގޮތުން އެންމެ ގިނަ ދުވަހު ބަންދު ކޮށްފައި އޮތް ރަށްރަށުގެ ގޮތުގައި އަދިވެސް އޮތީ އޯގަސްޓު މަހުގެ 28 ވަނަ ދުވަހު ބަންދުކުރި ސ. ހިތަދޫ އާއި މަރަދޫ އާއި މަރަދޫފޭދޫ އަދި ފޭދޫ އެވެ.

ކޮވިޑް ފެނިގެން ސެޕްޓެމްބަރު މަހު ބަންދު ކޮށްފައިވާ ރަށްތަކުގެ އަދަދު ވަނީ އެކަކަށް ދަށްވެފަ އެވެ. އެ މަހު ބަންދުކުރި ރަށްތަކުގެ ތެރެއިން މިހާރު މޮނިޓަރިންގައި އޮތީ ސ. ހުޅުމީދޫ އެވެ.

އެޗްޕީއޭއިން ވަނީ އޮކްޓޫބަރު މަހު ދެ ރަށެއް މޮނިޓަރިންގެ ލިސްޓަށް އިތުރު ކޮށްފަ އެވެ. އެއީ މ. މުލަކާއި ނ. މިލަދޫ އެވެ. އަދި ނޮވެމްބަރު މަހު އެޗްޕީއޭއިން ބަންދުކޮށްފައިވަނީ ދެ ރަށެކެވެ. އެއީ ނ. ވެލިދޫ އާއި އދ. މަހިބަދޫ އެވެ.

މި މަހުގެ މިހާތަނަށް އެޗްޕީއޭއިން ތިން ރަށެއް ވަނީ ބަންދުކޮށްފަ އެވެ. އެއީ ދ. ކުޑަހުވަދު އާއި އދ. މާމިނގިލި އަދި މިއަދު ބަންދުކުރި ނ. މާފަރެވެ.

ރާއްޖެއިން އިއްޔެ 125 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވެ އެވެ. އޭގެތެރެއިން މާލެ ސަރަހައްދު ފިޔަވައި އަތޮޅުތަކުގެ ތެރެއިން ޕޮޒިޓިވްވި މީހުންގެ އަދަދަކީ 93 އެވެ.