ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރިޕޯޓް

އޯނަރުގެ ތާޖު: ފަރަގުގެ ބޮޑު ބޭޒާރެއް!

މިދިއަ ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުއްގައްޔޫމްގެ ސަރުކާރާ ދެކޮޅަށް ނުކުތް ކޮންމެ ޕާޓީއަކަށް ވެސް އެއްކަމެއް ލާޒިމުވެފައި އޮތެވެ. އެއީ ފަސަދާއާ ކަޮރަޕްޝަަނާ ދެކޮޅަށް މަސައްކަތް ކުރުމެވެ. ރާއްޖޭގެ ތާރީހުގައި ހިންގި އެންމެ ބޮޑު ހިޔާނާތުގެ ހިޔަނީގެ ތެރޭގައި ބޭއްވި އެ އިންތިހާބު ކާމިޔާބުގައި އެންމެން އެކުވެ އެކަައްޗެއް ކިޔައިގެން ރައީސް ޔާމީން ބަލިކޮށްލެވުމާއެކު ކޮރަޕްޝަނާ ދެކޮޅަށް ރަސްމީ ހަނގުރާމަ އިއުލާނުކުރި އެވެ. ކޮރަޕްޝަނާ ދެކޮޅަށް "ޒީރޯ ޓޮލަރަންސް" ގެ ވަރުގަދަ ސިޔާސަތެއް އިއުލާ ނުކޮށް، ބިސްމި ކިޔާފައި، ސަރުކާރު ހިންގަން އައްޔަނު ކުރި ބޭފުޅުންގެ މާލީ ބަޔާންތައް ނެރެ ރައްޔިތުންގެ ކުރިމަތީ ރީއްޗަށް އަތުރާލި އެވެ.

އެއިން ހާމަ ކޮށްދޭން ބޭނުންވީ، އެ ބޭފުޅުންގެ ފަސް ބައި ހަޑިވެފައި ނުވާ ކެމެވެ. ގައުމަށާއި ރައްޔިތުންނަށް އިހުލާސްތެރިވާނެ ކަމެވެ. ކެބިނެޓުގެ އިތުރުން، ދައުލަތުގެ އިސް މަގާމުތަކަށް ވަޑައިގެންނެވި ގިނަ ބޭފުޅުންގެ މާލީ ހާލަތު ފެނުނީ ވަރަށް އާދައިގެ ގޮތަކަށެވެ. ހަމަ އާއްމު ރައްޔިތު މީހާއެކޭ އެއް ފަދައިން، އެކައުންޓުގައި ގިނަ ފައިސާތަކެއް ވެސް ނެތެވެ. ގެދޮރާއި މުދާ ކޮޅެއް ވެސް ފެނުނީ މަދު ބަޔާނަކުންނެވެ. ކިރިޔާ ވެސް ގިނަކޮށް ފެނުނު އަދަދު ހުރީ ދަރަނީގެ ކޮލަމުގަ އެވެ.

އެކަމަކު މުއްސަނދިންގެ ތަނަވަސް ކަމަކީ "ސިޔާސީ މާލީ ބަޔާނަކުން" ހާމަވާނެ އެއްޗެއް ނޫންކަން އެއީ ހަގީގަތެކެވެ.

މި ސަރުކާރުން އޭރު މާލީ ބަޔާންތައް ހާމަކޮށް އަތުރައިލި އިރު އެންމެ ބޮޑު ހައިރާން ކަމެއް ލިބުނީ، ރާއްޖޭގައި ހުރި އެންމެ ބޮޑު އެއް މަހުޖަނުގެ އަނބިކަނބަލުންގެ ހާލަތުންނެވެ.

އެތައް ރިސޯޓަކާއި އެތައް ކުންފުނިތަކެއް އެކުލެވޭ ބޮޑު "ވިޔަފާރި އެމްޕަޔާ" އެއް ހިންގަވާ ބޭފުޅެއްގެ އަނބިކަނބަލުން، އެންމެ އާދައިގެ ރައްޔިތު މީހާއެކޭ އެއް ދަރަޖާގައި ގައިމު ވެސް ކަރުދާހުން ފެންނާން އޮތެވެ. މާ ގިނަ، ރަނގަޅު ސިޔާސީ މަސައްކަތެއް ވެސް އަދިި މާގިނަ ގައުމީ ހިދުމަތެއް ވެސް ނެތި ފިރިކަލުންގެ ހިޔަނީގެ ތެރެއިން ފާޅުވެ ޓްރާންސްޕޯޓް މިނިސްޓަރު ކަމަށް ވަޑައިގެންނެވި އެކަމަނާ އެކަންޏެއް ނޫނެވެ. އެހެން ގިނަ ބޭފުޅުންގެ ވެސް ބޭރު ފުށަށް ފެންނަ ތަނަވަސް ކަމެއް އެ ބަޔާންތަކަކުން ފެންނާކަށެއް ނެތެވެ.

އެކަމަކު އެ ބޭބޭފުޅުން އާއްމު ރައްޔިތުންނާ ތަފާތު ވަނީ އެ ބޭފުޅުންނަށް ބޭނުންޖެހޭ ކޮންމެ އިރަކު ބޭނުން ވައްތަރެއްގެ "ތޮތްޕެއް" އެޅުއްވުމުގެ އިހުތިޔާރު "ހޯއްދަވައިގެން" އުޅުއްވާތީ އެވެ. އެއަށް ތޮތްޕެކޭ، ތާޖެކޭ، ތާހިކާއެކޭ ކިޔަސް ކިޔޭނީ ހަމަ އެކައްޗެކެވެ.

ބޭނުން ޖެހުނީމާ، އިދިކޮޅު ތޮފި ބާލާފައި އަނެއް ކޮޅަށް އެނބުރިލާފައު އެއްކޮޅުގެ ތޮފި އެޅުއްވޭނެ އެވެ. ވޯޓު ހޯއްދަވާން ވީމާ، މަހުޖަނުގެ ތޮފި ފޮރުވާފައި، އާއްމު މީހެއްގެ ތޮފި ބޮލަށް މަހާލައިގެން އާއްމުންގެ ތެރެއަށް ވެސް ނުކުންނަންވީ އެވެ.

ކުންފުންޏަށް ދަތިވީމާ، އެ ތޮފި ބާލާފައި، ވިޔަފާރިވެރިއެއްގެ ތޮފި ވެސް އެޅުމުގެ ފުރުސަތު އޮވެ އެވެ. ވިޔަފާރިވެރިއެއްގެ ތޮފި ނަގާފައި، ވަޒީރެއް ނުވަތަ ދައުލަތުގެ މުއައްސަސާއެއްގެ އިސް ވެރިއެއްގެ ތޮފި ވެސް އެޅުއްވޭނެ އެވެ. ދެންވެސް ބޭނުންފުޅު ވެއްޖިއްޔާ އެ ތޮފި ނަގާފައި، ރިސޯޓު އޯނަރުގެ ތާޖު އެޅުއްވުމުގެ އިހުތިޔާރު ލިބެ އެވެ.

އެ އިރެއްގެ މަސްރަހު ކޮންމެ ގޮތަކަށް އެނބުރުނަސް އެ ބޭފުޅުންނަކަށް އެކަން ކަމުގައި މާބޮޑު ފަރުވާލެއް ނޯވެ އެވެ. އެއީ ކޮންމެ ހާލަތަކަށް ހެޔޮވަރު ތޮތްޕެއް ފޮށީގައި އޮންނާނެކަން އެނގިވަޑައިގަންނަވާތީ އެވެ. އެއިން ކޮންމެ ހާލަތެއްގައި ތުރުކުރައް ވާނީ އެވަގުތަކު އެ ބޭފުޅުންނަށް އެންމެ ފައިދާ ބޮޑު ވާނެ ބޮޑު ތާޖެކެވެ.

ކޮންމެ ފަދަ ތާޖެއް އިސްތަށިފުޅުގައި އޮތް ނަމަވެސް ހަގީގަތަކީ އާއްމު ރައްޔިތު މީހާއާ އަޅައި ވެސް ނުކިޔޭހާ ފަރަގު ބޮޑު ކަމެވެ.

އެކަން އެންމެ ބޮޑަށް ހާމަވެގެން ގޮސްފައިމި ވަނީ ރާއްޖެއަށް ވެސް މިހާރު ކުރިމަތިވެގެން މިއުޅޭ ކޮވިޑް-19 އިގެ ބަލާއާފާތުގެ ތެރެއިންނެވެ. އިގުތިސޯދުގެ މައި ލޭ ނާރުން ލޭ ތިއްކެއް ދައުރުވުން ވެސް ހުއްޓުމާއެކު ސަރުކާރުގެ މާލިއްޔަތު ވަނީ ގޯހަށް އިނދަޖެހިފަ އެވެ. ފައިސާ ވަންނާނެ ފެން ލައިޓެއްހާ މިންވަރު ވެސް ނެތް އިރު، އަތުގައި އޮތް އެއްޗަކުން ހަރަދު ކުޑަކުރަން ވެސް މަޖުބޫރުވެފައި ވެއެވެ.

އެއާއެކު އެންމެ ފުރަތަމަ ކަނޑާން ފެށީ ދައުލަތުގެ އިސްވެރިންގެ މުސާރަތަކެވެ. އެއީ މުސާރައިން 20 ޕަސަންޓެވެ. އޭގެ ފަހުން، ސަރުކާރުގެ މާލީ ހާލަތު އިތުރަށް ނިކަމެތިވާނެ ކަމަށް ފެންނާތީ، އެ އަދަދު އިތުރުކޮށް، އަދި އޭގެ ތެރޭގައި ކުންފުނިތަކުގެ އެންމެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވެސް މިހާރު ވަނީ ހިމަނާފަ އެވެ.

ރައްޔިތުންނަށްޓަކައި، ވަގުތީ ގޮތުން ނަމަވެސް، އަމިއްލައަށް ވެވަޑައިގަންނަވާ ބޮޑު ގުރުބާނީއެއް ގޮތަށް ފެންނަނީ ބޭރު ފުށަށެވެ. އެންމެ ބޮޑުކޮށް ކެނޑޭ މުސާރައިގެ ކެޓަގަރީގެ ބޭފުޅުން އަދި ވެސް މަހަކު ބައިލައްކަ އެއްހާ ރުފިޔާ "ޓޭކް ހޯމް" ގެ ގޮތުގައި ގެއަށް ގެންދަވާނެ އެވެ. އެހެން ގޮތަކަށް ބުނާނަމަ އެއީ "ރަނގަޅު" ކަމަށް ބުނާ އުޖޫރައެއް ލިބޭ ހަތަރު ފަސް މީހެއްގެ މުސާރާ އެވެ.

އެއީ ނިޒާމު ތަރުތީބު ކޮށް ބާއްވާފައި އޮންނަ ގޮތެކެވެ. ޕާޓީއެއް ނުވަތަ ޕާޓީތަކެއް ވެރިކަމަށް ގެންނަން ބަޔަކު ކުރާ މަސައްކަތުގެ އިނާމެވެ. ވޯޓު ދޭ ރައްޔިތުންނަކީ އެއްވެސް އިރެއްގައި ވޯޓު ކަރުދާސްކޮޅު ވައްޓާލުމަށްފަހު އަނެއް އިންތިހާބާ ހަމައަށް މާ މުހިއްމު ބައެއް ނޫނެވެ.

"ފަގީރު ކަމުގެ މިންގަނޑު އަދި ފަގީރުންގެ ނިސްބަތް" ދެނެގަތުމަށްޓަކައި 2016 ވަނަ އަހަރު ރާއްޖޭގައި ދިރާސާއެއް ހެދި އެވެ. އެ ދިރާސާ އިން ދެއްކި ގޮތުގައި ދުވާލަކު ބޮލަކަށް ޖެހޭ މީޑިއަމް ހަރަދުގެ ދެބައިކުޅައެއްބައި ނުވަތަ 74 ރުފިޔާ އަށްވުރެ ދަށުން ހަރަދުކުރާ މީހުންނަކީ ފަގީރުންގެ ގޮތުގައި ބަލާނަމަ ރާއްޖޭގެ އާބާދީގެ 2.8 ޕަސެންޓް މީހުންނަކީ ފަގީރުންނެވެ.

އަދި މާލެއަށް ބަލާއިރު މާލޭގެ އާބާދީގެ 7.1 ޕަސެންޓް މީހުންނަކީ ފަގީރުންނެވެ. އަތޮޅުތަކަށް ބަލާއިރު އަތޮޅުތަކުގެ އާބާދީގެ 8.12 ޕަސެންޓް މީހުންނަކީ ފަގީރުންނެވެ.

މިހާރު މިއޮތް ކޮވިޑްގެ ބަލިމަޑުކަމާއެކު، ގިނަ ބައެއްގެ ވަޒީފާ ގެއްލި، ގޭ ބަންދުވެފައި ތިބެން ޖެހިފައި ވާއިރު، އެ އަދަދު އެތައް ގުނައެއް މިހާރު އިތުރުވެފައިވާނެކަމީ މުޅީން ޔަގީންވާ ކަމެކެވެ.

އެކަމަކު މާލީ ބަޔާނުން ފެންނާން ނެތަސް "އަޅުގަނޑަކީ އެކަހަލަ މީހެއް ނޫންކަން އެންމެނަށް އެނގޭނެޔޭ" ވިދާޅުވެފައި، އާއިލީ ގުޅުމާއި އަމިއްލަ މަސްލަހަތު އޮތް ބޭބޭފުޅުން، އާއްމު އުސޫލުގެ ދަށުން މި ބޮޑު ބަލާމުސީބާތުގެ ކާރިސާއިން ވެސް ރަނގަޅަށް ފައިދާ ނަގަނީ އެވެ.

ރައްޔިތުންގެ ގޭގައި ތިބެ ބަނޑަށްޖެހޭއިރު، ބާކީ ތިއްބެވި ބޭފުޅުން ކުރާނެ ކަންތައް ހުސް ވެގެން، ޑެލިވަރީ ކުރައްވަން ވެސް ނުކުންނެވީ އެވެ. ބޭރުގެ ފަންޑުތަކަށް ފައިސާ ވެސް ލާން ފެށީ އެވެ. އަދި "މިއީ އެންމެން ގަސް އިންދަންވީ ވަގުތޭ" ވިދާޅުވެފައި އަނެއް ބައި ބޭފުޅުން ވެންނެވި ހޮރެއް ވެސް ނޭނގެ އެވެ.

އަމިއްލަ އެކައުންޓުގައި ހަމައެކަނި ވަކި ލާރިކޮޅެއް ހުރި ޓްރާންސްޕޯޓް މިނިސްޓަރު ގޭގައި ހުންނަވާތާ ގިނަ ދުވަސްވެ، މާބޮޑަށް ފޫހިފުޅު ވުމުން ފޮށިން ރިސޯޓު އޯނަރުގެ ތާޖު ނަންގަވައި އެ އަޅުއްވައިގެން ވަޑައިގެންނެވީ ރިސޯޓް ޗުއްޓީއަށެވެ. ސަރުކާރާއެކު ރައްޔިތުން ނޭވާ ހައްޓަށް ނުފެތިގެން އުޅޭ ދަނޑިވަޅެއްގަ އެވެ. އެކަމަނާ ވަޑައިގެންނެވި ރިސޯޓު ވެސް އެ ރިސޯޓް ހިންގާ ކުންފުނިން އެތަކެއް ހާސް މުވައްޒަފުންގެ މުސާރަތައް ވެސް ކުރިއަށް އޮތް މަސްތަކުގައި ދެހާހެއްހާ ރުފިޔާ އަށް ކުޑަކުރިޔަސް ވަރިހަމަ ކޮށްލައިގެނެވެ.

ގޮތް ހުސްވެފައި ތިބެން ޖެހޭނީ އާންމު ރައްޔިތުންނެވެ. މާދަމާ ވެސް ވާނެ ގޮތެއް ނޭނގި، ގެއްލިފައި ވެސް ފައިސާ ފޮއްޗެއް އޮތްތޯ ބަލަން ހުރިހާ އަންނައުނުތަކެއްގެ ޖީބުތައް ވެސް މިހާރު ޗެކުކޮށް ނިމިއްޖެ އެވެ. އެކަމަކު އެއީ އާއްމު ރައްޔިތު މީހާގެ ހާލެވެ. އެކި ކުލައިގެ ތާޖުތައް ގެންގުޅުއްވާ ބޭފުޅުން މާ ބޮޑަށް ކަންބޮޑުވާކަށް ޖެހިވަޑައިނުގަންނަވާނެ އެވެ.

އަންނަ މަހުވެސް ބަރާބަރު ދުވަހަށް މުސާރަ ޖަމާވާނެ އެވެ. ކިތަންމެ ވަރަކަށް ކެނޑިޔަސް، އެ މުސާރަ ރައްޔިތު މީހާއާ އެއްހަމައަކަށް ތިރި އެއް ވެސް ނުވާނެ އެވެ. މާލީ ބަޔާންތަކުން ފެންނާން ނެތަސް އެއް ގޮތަކުން ނުވިއްޔާ އަނެއް ގޮތަކުން ފައިސާ ވަންނާނެ ދޮރުތައް ހުންނާނެ އެވެ. މުޅި މި ނިޒާމު ރާވާފައި މި އޮތީ މިގޮތަށް ބޮޑު އެތި ކުޑައެތި ކާލާ ގޮތަށެވެ.