ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރިޕޯޓް

ކުރެވޭނެކަން ފެނިއްޖެ، ދެން ފަހަތަށް ނުދެވޭނެ!

މީގެ ބައި ގަރުނު ވަރު ކުރިން ރާއްޖޭގައި ހިނގައިދިޔަ ކަމެއް ގިނަ ބަޔެއްގެ ހަނދާނުގައި ފަހަރުގައި ނުހުރެދާނެ އެވެ. އެކަމަކު، 1978 ވަނަ އަހަރު ދިވެހިން ތަހައްމަލު ކުރަމުންދިޔައީ ހަމަ މިހާރު ކުރިމަތިވެގެން އުޅޭ ފަދަ ބިރުވެރި އަދި ނާމާންކަމެވެ. އޭރުވެސް ބަލިމަޑުކަމާއެކު މުޅި ގައުމެއް ކުޑަކަކޫ މައްޗަށް ތިރިކޮށްލީ އެވެ. "ކޮލެރާ" ރާއްޖޭގެ 119 ރަށަކަށް ފެތުރިގެންގޮސް، 11،300 އަށް ވުރެ ގިނަ ދިވެހިން ޝިކާރައަކަށް ވެގެން ދިޔަ މާޒީ އެވެ. އެ ބަލީގައި 119 ދިވެހިން މި ދުނިޔެއަށް އަލްވަދާއު ކިޔަންޖެހުނު ހިތްދަތިކަމެވެ.

ކޮލެރާގެ ބަލިމަޑުކަމުން ރާއްޖޭގެ ހާލަތު ނާޒުކުވާން ފެށުމާއެކު، ރައީސް އިބްރާހިމް ނާސިރު "ކުއްލި ހާލަތު" އިއުލާނު ކުރައްވައި، މުޅި ކާރިސާ ސީދާ އެމަނިކުފާނުގެ ބެއްލެވުމުގެ ދަށަށް ގެންނަވައި، ސަރުކާރުން އަވަސް އަވަހަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅައި، ތަންފީޒު ކުރަން ފެށި އެވެ. ގާތްގަނޑަކަށް ހައެއްކަ މަސް ދުވަހަށް ދިގުދެމިގެންދިޔަ ބިިރުވެރިކަމުން އަރައިގަނެ، އެ ބަލީން ރާއްޖެ ސަލާމަތްވިއިރު، އޭރު ރާއްޖެއާއި ދިވެހީން ފަރިތަ، ދިރިއުޅުމުގެ އަސާސް ބިނާވެފައިވާ އޮތް ބިންގަލަށާއި ވައްޓަފާޅިއަށް އިންގިލާބީ ބަދަލުތަކެއް ގެނުވި އެވެ.

އޭގެ 42 އަހަރު ފަހުން ރާއްޖޭން ފެންނަމުންދަނީ އެ ނާމާން މާޒީ ތަކުރާރުވާ މަންޒަރެވެ. އިތުރު ކަމަކާ ވިސްނޭނެ ނޫނީ ފިކުރު ކުރެވޭނެ އަވައްޖެއް އެކަކަށްވެސް ނުލިބެ އެވެ. ކުރިން އެންމެ އިސްކަމެއް ދިން ހަޔާތުގެ ރުކުންތައް މި ވަނީ އަލުން ތަރުތީބުވެފަ އެވެ. ނަމޫނާއަކަށް ބަލަމުން އައި ގައުމުތަކާއި ވެރިކަމުގެ ނިޒާމުތަކުގެ ދޯހަޅިކަމާއި ނާގާބިލުކަން އެނގި، ހާމަވެފައި އެވެ. ޒަމާނުއްސުރެ ހިތުގެ އަޑީން ގަބޫލުކޮށްގެން ތިބި ގަބޫލުކުރުންތައް ކުއްލިއަކަށް އެފުށުން މި ފުށަށް ޖެހިފަ އެވެ.

މި ހުރިހާ ކަމެއްގެ ތެރެއިން އުފައްދަންޖެހެނީ އެއްމެ ސުވާލެކެވެ. "ކޮލެރާ" އާއެކު ދިވެހީންގެ އެތަކެއް ޒަމާނެއްވީ ވިސްނުމަށާއި، ރައްޔިތުންނާ ގުޅުވައިގެން ސަރުކާރުގެ ހިންގުމަށް މަޖުބޫރުން ނަމަވެސް އައި ބަދަލުތަކެކޭ އެއް ފަދައިން، ކޮވިޑް-19ގެ ބަލާއާފާތާއެކު ކުރިން އޮތް އާއްމު ހާލަތަށް އެނބުރި ދެވޭނެބާވަ އެވެ. ނޫނީ އެއްވެސް ދިވެއްސަކު، އެ މާޒީއަށް އެނބުރި ދާން ބޭނުންވާނެ ހެއްޔެވެ؟

ތަޖުރިބާކާރުންގެ "އިސް" އަދި "ފަހު" ބަސް

ކޮވިޑް-19 ގެ ބިރުވެރިކަމާއި ނާމާންކަމުގެ ބޯ ކަޅު ވިލާގަނޑެއްގެ ދަށުގައި މުޅި ދުނިޔެ ދަތި އުނދަގޫ ދުވަސްތަކެއް ގުނަމުންދާއިރު، ޒަމާނުއްސުރެ ހައްލުކޮށް ދިނުމަށް ރައްޔިތުން ރޮއެ އާދޭސް ކުރަމުން އައި އެތައް ކަމެއްގައި ވަނީ ކުލަ ޖެހިފަ އެވެ. ކެޕިޓަލިސްޓް ގައުމުތަކުގައި ސިއްހީ ނިޒާމުތައް ފުނޑިގެން، ބިމާ ހަމައަށް ފައިބައިގެން އަންނަ މަންޒަރެވެ. ފައިދާގެ ދަހިވެތިކަމުގައި އުޅޭ އަމިއްލަ ކުންފުނިތަކުގެ ހަރަދު ކުޑަކުރުމުގެ ވިސްނުމުގެ ތެރެއިން، މުވައްޒަފުން ގުރުބާން ކަންބަޅިއަށްވާ މަންޒަރެވެ. ކުދި ވިޔަފާރިތައް ބިކަވާން ދޫކޮށްލާފައިވާ ސިޔާސަތުތަކާއެކު، ދުނިޔޭގެ އިގުތިސޯދު ހުއްޓުމަކަށް އައިސްފައިވާ ތަނެވެ.

މި ބަލިމަޑުކަމަކީ މުޅި ދުނިޔެއަށް ހޭލެވުމަކަށް ވަނީ ވެފަ އެވެ. ސަރުކާރުތައް ކޮޅު ކޮޅަށް ދުވަނީ އެވެ. ކުރިން ނުވާނެއޭ ބުނި އެތައް ކަމެއް މިހާރު ކުއްލިއަކަށް ވަމުންދާތަން ދަނީ ފެންނަމުންނެވެ. އެކަމުގައި ރާއްޖެއާއި ދިވެހި ސަރުކާރުވެސް އިސްތިސްނާއެއް ނުވެ އެވެ.

"ރާއްޖެ އިން ކޮވިޑް-19 ކޮންޓްރޯލް ކުރުމަށްޓަކައި އެންމެ އިސް އަދި ފަހު ބަސް ވެސް ބުނާނީ ސިއްހީ ދާއިރާގެ ތަޖުރިބާކާރުން، ސަރުކާރުގެ ކަމަކީ އެ މީހުންގެ ލަފަ އާއި އިރުޝާދުތައް ތަންފީޒު ކުރުން،" މިއީ މިދިޔަ ބުދަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނޫސްވެރިންނާ ބައްދަލުކުރައްވައި އެންމެ ފުރަތަމަވެސް ވިދާޅުވި އެއް ވާހަކަފުޅެވެ.

ހާއްސަކޮށް ރާއްޖޭގެ ސިއްހީ ނިޒާމާ ގުޅުވައިގެން، ހުރި ބޮޑެތި ބާގަނޑުތަކުގެ ކަންބޮޑުވުން ރައީސް އެ އިޝާރާތް ކުރެއްވި ސިއްހީ ތަޖުރިބާކާރުން އިސްވެ ދައްކަވާތާ އެތަކެއް ޒަމާނެއްވެއްޖެ އެވެ. ވީ އެއްކަމެއް ވެސް ނެތެވެ. އާދައިގެ ރޯގާއެއް ޖެހިގެން ވިޔަސް، ދާންޖެހެނީ ރާއްޖޭން ބޭރަށެވެ. ހޮސްޕިޓަލުތަކާއި ސިއްހީ ފަރުވާ ދޭ ތަންތަނުގެ ފެންވަރު ރަނގަޅު ކުރުމުގެ ހިކުމަތެއް އެއްވެސް ސަރުކާރަކަށް ނެރެވޭކަމަކަށް ނުހެދި އެވެ. އެކަމަކު މުސީބަތަކާއެކު ގައުމުގެ އެންމެ "ފަހު ބަސް" ބުނުމުގެ ޖާގަ، މާހިރުންނަށް ހިތުން ރުހުމުން ދިނީ އެވެ.

ކުޑަ "ނުކުރެވުނު" ދައުލަތުގެ ހަރަދު

ސިއްހީ ތަޖުރިބާކާރުންގެ އިތުރުން، ރާއްޖޭގެ ނާޒުކު އިގުތިސޯދާ ގުޅުވައިގެން ވެސް އެކަމުގެ މާހިރުން ވެސް ތަފާތު ގިނަ ރައުޔުތަކާއި ލަފާތައް ތަކުރާރުކޮށްދަނީ ދެމުންނެވެ. ދައުލަތް ހިންގުމުގެ ހަރަދު ކުޑަކުރުމަށް ކެނޑެޅޭނި ކުރާ އާދޭހެވެ. އެހެނަސް، އެއް ޕާޓީއަށް ވުރެ ގިނަ ސިޔާސީ ޕާޓީތަކުގެ ނިޒާމަށް ރައްޔިތުން ދައްކަންޖެހޭ އަގު އެއް އިންތިހާބުން އަނެއް އިންތިހާބަށް ދަނީ އިތުރުވަމުންނެވެ. އެކި ނަން ނަމުގައި ޕާޓީތަކުގެ އެކްޓިވިސްޓުންނަށް ބަހާލައި މަގާމުތަކުގެ ލިސްޓު އެހާމެ ދިގެވެ.

ޕާޓީއެއް ނުވަތަ ޕާޓީތަކެއް ވެރިކަމަށް ގެންނަން ބަޔަކު ކުރާ މަސައްކަތުގެ އިނާމެއްގެ ގޮތުގައި ބަލައިގެން، އެއީ "އާއްމު ހާލަތު" ކަމަށް ރައްޔިތުން ނިންމައިގެން ތިއްބާ ރައީސް ސޯލިހު ބުދަ ދުވަހު ވިދާޅުވީ ސިޔާސީ މަގާމުތަކަށް މީހުން ނެގުންވެސް ކޮވިޑް-19 އާ ގުޅިގެން މަޑުޖައްސާލާފައިވާ ކަމަށެވެ. ސިޔާސީ މަގާމުތައް ބަހާލުމަކީ ސަރުކާރުން ކޮންމެހެން ނުކޮށް ފަރުޖައްސާލެވޭނެކަމުގެ މެސެޖު ދެއްވަމުންނެވެ.

އެކަމަކީ އަދި ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި މިހާރު ތިއްބެވި ބޭފުޅުންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ކޯޓުތަކުގެ ފަނޑިޔާރުން މުސާރައިގެ 20 ޕަސަންޓް ދަށް ކުރުމުގެ އިތުރަށް ރައީސް ނިންމެވި ނިންމުމެކެވެ. ސަރުކާރުގެ އާދައިގެ މުވައްފުންނަށް ލިބޭ އުޖޫރައަކަށްވުރެ އެތައް ގުނައެއް ބޮޑުކޮށް، މުސާރަތައް އަމިއްލައަށް ކަނޑައަޅައިގެން ތިއްބަވާ ސިޔާސީ ބޭފުޅުންނަށް، އެއަށްވުރެ ކުޑަ މުސާރައެއްގައި ދިރިއުޅެވޭނަކަންވެސް މިވަނީ ހާމަވެގެން ގޮސްފަ އެވެ.

އަދި އެ ވަރުންވެސް ނިމުނީކީ އެއް ނޫނެވެ. އަހަރުން އަހަރަށް ބިޔަވަމުންދާ ދައުލަތުގެ ބަޖެޓުން ރިކަރަންޓް ހަރަދު ކުޑަކުރެވޭކަންވެސް ސާބިތުވެގެން ގޮސްފައިވަނީވެސް މި ބަލާއާފާތުގެ ތެރެއިންނެވެ. އެގޮތުން، ސަރުކާރުގެ "ބޭކާރު" ދަތުރުތަކާއި ހަފްލާތައް ކަނޑާލުމާއެކު، ސަރުކާރު ހިންގުމުގެ ހަރަދުން އެއް ބިލިއަން ރުފިޔާ ސަލާމަތް ކުރެވިދާނެކަންވެސް ހާމަވެއްޖެ އެވެ.

ފަސޭހަގޮތް އެނގުނީ އަދިކިރިޔާ

އޭގެ އިތުރުން، ކޮވިޑް-19 ރާއްޖޭގައިވެސް ފެތުރުން ހުއްޓުވޭނީ، މީހުން އެއްވެ އުޅުން މަދުކޮށްގެންކަން ސަރުކާރުން ބުނުމާއެކު، އެކަމުގެ އަމަލީ ސިފަ ޖައްސަން މީގެ ކުރިން ނުވެގެން އުޅުނު އެތައް ކަމެއް އެ ވަނީ ކޮށްދީފަ އެވެ. ދިގު ކިޔުތަކުގައި އެތައް ގަޑިއިރަކު ރައްޔިތުން ބައިތިއްބައިގެން ދެމުން ގެންދިޔަ ހިދުމަތްތައް ރައްޔިތުން ގޭގައި ތިއްބަސް ފޯރުކޮށްދެވިދާނެކަން ވަނީ ފެނިގެން ގޮސްފަ އެވެ. ޓެކްނޮލޮޖީގެ ޒަމާނެއްގައި، އޮންލައިންކޮށް ގިނަ ހިދުމަތްތަކެއް ދީގެން، ރައްޔިތުންނަށް ފަސޭހަވުމުގެ އިތުރުން، ދައުލަތުގެ ބަޖެޓުން އެތައް މިލިއަން ރުފިޔާއެއް ކުއްލިއަކަށް ސަލާމަތް ކުރެވޭގޮތް ވެއްޖެ އެވެ.

ސަރުކާރުގެ އޮފީސްތަކަށް ސިޓީ ހިފައިގެން ދިއުން، އެންމެ ދެ ހަފްތާގެ ތެރޭގައި ހުއްޓުވިއްޖެ އެވެ. އެންމެ ކުޑަމިނުން، ފުލުހުންނަށް މައްސަލަ ހުށަހެޅުމާއި، ކޯޓުތަކަށް މައްސަލަ ހުށަހެޅުން ފަދަ ކުރިން ރައްޔިތުން ގިނަ ވަގުތެއް ހޭދަކުރި ކަންކަން، އީމެއިލްގެ ޒަރިއްޔާއިންވެސް ކުރެވިދާނެކަން އެނގިގެން ދިޔުމަކީ ހަގީގަތުގައިވެސް ލިބުނު ހައިރާންކަމެކެވެ. މުއްދަތުގެ މަޖިލީހަށް އެތަކެއް ގައިދީންނެއް، ކޮންމެ ދުވަހަކު، ކޯޓަށް ހާޒިރުކޮށްގެން ޖަހަމުން އައި "ސަކަރާތު"ގެ ހަރަދުވެސް ކުރަންނުޖެހި، ވީޑިއޯ ކޮންފަރަންސް ކޯލަކަށް ވަނީ ތިރިކުރެވިފަ އެވެ.

ސަރުކާރުގެ ކުންފުނިތަކުންވެސް ބޮޑެތި ހަރަދުތަކާއެކު، ޕްރިންޓުކޮށްގެން ފޯރުކޮށްދެމުން އައި ބިލު ފަދަ ތަކެތި، އާދައިގެ އެސްއެމްއެސް ގަނޑެއްގެ ޒަރިޔާއެއް ފޮނުވިދާނެކަންވެސް މިހާރު ވަނީ ސާފުވެފަ އެވެ. އޭގެ އިތުރުން ސަރުކާރު އަދި ބައެއް އަމިއްލަ ކުންފުނިތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ސިއްހީ ހާލަތު މުހިއްމުވެ، ރޯގާޖެހި ހުންއައިސްފައިތިބޭ މުވައްޒަފުން މަސައްކަތަށް ނުނެރެ، ނޫނީ ގޭގައި ތިބިގެން މަސައްކަތްކުރިޔަސް، ކުންފުނިތައް ބަނގުރޫޓު ނުވާނެކަން ވިސްނުނީ އެވެ.

ކުދި ވިޔަފާރިތަކުގެ މުހިއްމުކަން ވިސްނިއްޖެ

ދެން މި މުސީބާތުގެ ދަނޑިވަޅުގައި ހާއްސަ ސަމާލުކަމެއް ހުއްޓިގެން ގޮސްފައިވަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަކަށެވެ. ސަރުކާރުން އިއުލާނުކުރި 2.5 ބިލިއަން ރުފިޔާގެ އިގުތިސޯދީ ޕެކޭޖުން ވެސް ކުދި ވިޔަފާރިތަކުގެ މުހިއްމުކަން ކުއްލިއަކަށް ވިސްނުނު ކަހަލަ އެވެ. ކުރިން މާލީ އެހީތެރިކަން ހޯދަން ބޭންކުތަކުގެ ދޮށުގައި އާދޭސް ކުރަމުން ދިޔަ ކުދި ވިޔަފާރިތަކުން ވަޒީފާތަކަށް ހިއްސާކުރާ މިންވަރު ސަރުކާރަށް އެނގުނީ އެވެ.

އޭގެ އިތުރުން، ރަންބިސް އަޅާ ކުކުޅުގެ ދަރަޖަ ދީގެން ގެންގުޅުނު ޓޫރިޒަމް ސިނާއަތް މިކަމާއެކު ހުއްޓިގެން ދިޔުމުން، މި ހުރިހާ ދުވަހަކު ބިކަކޮށްފައިވާ އޮތް މަސްވެރިކަމާއި ދަނޑުވެރިކަމަކީ އިގުތިސޯދީ ބައިވެރިއަކަށްވީ އެވެ. ޓޫރިޒަމަށް ބަރޯސާވެފައި އޮތް މިންވަރު ކުޑަކޮށް، އަޑަށް ބާރުލާފައި، އިގުތިސޯދީ ފުދުންތެރިކަން އެހެން ސިނާއަތްތަކަށް ފުޅާކުރަންޖެހޭކަން ދައުލަތުގެ އިސް ބޭފުޅުންނަށް ރޭކައިލީ އަދި ކިރިޔާ އެވެ.

މިއީ އަދި ކުޑަ މިންވަރެކެވެ. ކޮވިޑް-19 އާ ގުޅުވައިގެން މިފަދަ އެތައް އަޑުތަކަކާއި މަންޒަރުތަކެއް ދަނީ ފެންނަމުންނެވެ. މާލޭގެ މަގުތައް ސާފުކޮށް، ޖަރާސީމު ފިލުވޭކަންވެސް ރައްޔިތުންނަށް ފެނިއްޖެ އެވެ. ކޮންމެ އަހަރަކު ރޯގައިގެ މޫސުމުގައި، ހޮސްޕިޓަލުތަކަށް އެންމެން ޖަމާނުވެ، ޑޮކްޓަރެއްގެ އިރުޝާދު ހޯދިދާނެކަންވެސް އެނގިއްޖެ އެވެ. ކޮންމެ އިދާރާއަކަށް ސަތޭކައަށް ވުރެ ގިނަ މުވައްޒަފުން ލައިގެން އުޅުމުގެ ބަދަލުގައި، މަދު ވަސީލަތްތަކެއް ހުރި ގައުމެއްގައި، ހުރިހާ އިދާރާތަކެއް ގުޅިގެން މަސައްކަތް ކުރެވިދާނެކަން ހާމަވެގެން ގޮސްފައިވަނީ ވެސް މި ބަލާއާފާތުގެ ތެރެއިންނެވެ.

މީގެ 42 އަހަރު ކުރިން، ކޮލެރާގެ ނުރައްކަލާއެކު، ދިވެހިން އަތިރިއަށް ދިޔުން ހުއްޓި، ރަށްރަށުގައި ނަރުދަމާ ނިޒާމުތައް ގާއިމުކުރުމުގެ ބަދަލަށް އެނބުރިގެން ދިޔަ އެވެ. މެހީގެ ނުރައްކާ ވިސްނި، ކާބޯތަކެތީގެ ރައްކާތެރިކަމަށް ސަރުކާރާއެކު ރައްޔިތުން ހޭލެވުނެވެ. މިފަހަރުވެސް ސަރުކާރާއި ދައުލަތުގެ އެކި ފަރާތްތަކުން އެފަދަ އިންގިލާބީ ބަދަލުތަކެއް ގެނައި މަންޒަރު ރައްޔިތުންނަށް މިވަނީ ފެނިފަ އެވެ. އެއީ ހައްތަހާވެސް ނުކުރެވޭނެއޭ ނުވަތަ ނުވާނެއޭ ހިތަށް އަރުވައިގެން ތިބި ކަންކަމެވެ.

ކޮލެރާ ފަދައިން، ކޮވިޑް-19ގެ ބަލާއާފާތުން ދުނިޔެއާއެކު ރާއްޖެވެސް ސަލާމަތްވާނެ ދުވަހެއް އިރާދަކުރެއްވިއްޔާ އަންނާނެ އެވެ. އެ ދުވަހަކުން ރާއްޖެ އަނބުރާ އާއްމު ހާލަތަށް އަންނާނެ އެވެ. އެކަމަކު، ހާއްސަކޮށް ސަރުކާރުތަކުން ދައްކަމުން ދިޔަ އާއްމު ހާލަތަކީ ކޮބައިކަން ރައްޔިތުންނަށް މިހާރު ވަނީ އޮޅިފަ އެވެ. މީގެ 40 އަކަށް އަހަރު ކުރިން ރައްޔިތުންނަށް ވިސްނުނީ ފާހާނާ ކުރަން އަތިރިމައްޗަށާއި، ވަލަށް ދިޔުމަކީ އާއްމު ހާލަތު ނޫން ކަމެވެ.

އެ ބީދައިން ބަލާނަމަ، "އާއްމު ހާލަތު"އޭ ބުނެ، ކޮވިޑް-19 ގެ ކުރިން އޮތް މާޒީއަށް ސަރުކާރަށް އިއާދަކުރެވޭނީ ކޮން މިންވަރަކަށް ކަމެއް އެނގޭނެ ދުހަކަށް ކުރެވޭ އިންތިޒާރު ބޮޑެވެ. އެކަމަކު އެއް ކަމެއް ޔަގީނެވެ. މިކަމުން އަރައިގަނެ، އަންނަން އޮތް މުސްދަގުބަލެއްގައި، މާޒީގެ ހިޔަނި އެކީގައި އަޅުވާފައި ބޭއްވުމުގެ ފުރުސަތު ސަރުކާރުތަކަށާއި ސިޔާސީ ލީޑަރުންނަށް ދޭން، ދެން ހަމަ ހަގީގަތުގައިވެސް ދަތިވާނެ އެވެ.