ޓިއޯލޯ އަލިފާން

އަނެއްކާވެސް ބޮޑު ހުޅެއް، ބޮޑު ގެއްލުމެއް!

ރޭ މާލޭގައި ހިނގައިދިޔަ އަލިފާނުގެ ބޮޑު ހާދިސާ މަންޒަރުތައް ސިފަވާ ގޮތަށް އަވަސްގެ މަލްޓި މިޑިއާ ޔުނިޓުން އުފައްދާފައިވާ ވިޑިއޯ -- އާއިމް ޒަމީރު | އަވަސް

ވެރިރަށް މާލޭގައި ރޭ ވަރަށް ނުރައްކާތެރި، އަލިފާނުގެ ވަރަށް ބޮޑު ހާދިސާއެއް ހިނގުމުން މި ދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި މާލޭގައި ގައި އަލިފާނުގެ ބޮޑު ތިން ހާދިސާއެއް އައީ އެވެ. ސެޕްޓެންބަރު، 2019 ގެތެރޭގައި އަލިފާނުގެ ބޮޑު ދެ ހާދިސާއެއް އައެވެ. އެއް ހާދިސާއަކީ މާލޭގެ ހުޅަނގު ދެކުނު ފަރާތު ޓީޖެޓީއާ ކައިރިން ސިނާއީ ސަރަހައްދުގައި ރޯވި ހުޅެވެ. އެ ހާދިސާގައި ހަތް މީހަކު ވަރަށް ބޮޑަށް ފިހުނެވެ. އަދި ތެޔޮ ބައުޒަރުތަކަށް ބޮޑެތި ގެއްލުންތައް ލިބުނު އިރު ލޯންޗެއް އެކަށް އެނދި އެވެ. އަނެއް ހާދިސާއަކީ އޭގެ ކުޑަ ދުވަސްކޮޅެއް ކުރީން ހެންވޭރު އަބަށް ފެހި މަގުގައި ރޯވި އަލިފާނެވެ. ކެމިކަލް ގުދަނެއްގައި ހިފި ހުޅުގަނޑު ބޮޑު އަލިފާނަކަށްވެ އެއީ މި ފަހުގެ ތާރީހުގައި ރާއްޖޭގައި އައި އަލިފާނުގެ އެންމެ ބޮޑު ހާދިސާއަށް ވިއެވެ. ޖުމްލަ 31 ގެއެއް އަނދާ އަޅިއަށްވެ، އުމުރުން 46 އަހަރުގެ އަންހެނަކު މަރުވި އެވެ. މާލީ ގެއްލުމުގެ އަގު 31 މިލިއަން ރުފިޔާއަށް އަރަ އެވެ. ރޭ އައި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ދެ އިމާރާތަކަށް ބޮޑެތި ގެއްލުން ވެފައި ވެއެވެ. ގާތްގަނޑަކަށް ރޭ 9:30 އެހާކަންހާއިރު ފުރަަތަމަ އަލިފާން ރޯވީ ބޮޑުތަކުރުފާނު މަގުން އާޓިފިޝަލް ބީޗާ ދިމާއަށް ވާގޮތަށް ހުންނަ "ކެފޭ ޓިއޯލޯ" ހިންގަމުން އައި ދެ ބުރި އިމާރާތުގަ އެވެ. އެ އަލިފާން ނިއްވާ ނުލެވި މުޅިތަން އަނދާ ހުލިވަމުން ދަނިކޮށް ޖެހިގެން ހުންނަ އެސްބީއައި، އާއި މުއާސަލާތީ ކުންފުނި އުރީދޫގެ އޮފީސް ހިންގާ، 12 ބުރީގެ ގަދަގޭ މުހައްމަދުފުޅު ބިލްޑިންގުގެ އެން މަތީ ބުރިއާއި ޓެރަހުގައި އަލިފާން ރޯވެ ގެއްލުންތައްވީ އެވެ. ގިނަ އަދަދެއްގެ ފަޔާމަނުންނާއި ފަޔާލޯރިތައް ބޭނުންކޮށް އަލިފާން ނިއްވާލެވުނީ ދަންވަރު 12:00 ޖަހައި ބޮޑުވި ފަހުންނެވެ. މި ބޮޑު އަލިފާނުގައި މީހަކަށް ގެއްލުމެއް ނުވެއެވެ. އެކަމަކު މާލީ ގެއްލުން މިލިއަނުން ގުނޭނެ އެވެ.