ރާއްޖޭގެ އެކި ކަންކޮޅުތަކުން މާލެއަށް އަދި މާލެ އިން އަތޮޅުތަކަށް ދަތުރުކުރާ އާންމުން އެންމެ ގިނައިން މާލެއަށް އަންނަނީ ލޯންޗްތަކުގަ އެވެ. މާލެއިން އަތޮޅުތަކަށް އާންމުން ކުރާ މިފަދަ ލޯންޗް ދަތުރުތަކުގައި އެންމެ ގިނަ އިން ބޭނުންކުރަނީ މާލޭގެ މޫނު މައްޗަށްވާ ގޮތަށް ހުންނަ ބަނދަރުތަކެކެވެ. ލަފާފުރުމަށް މާލޭގެ އެކި ސަރަހައްދުތައް ނުވަތަ ބަނދަރުތައް ކަނޑައަޅާފައިވާއިރު މިއިން އެއްވެސް ސަރަހައްދެއްގައި ހަރުދަނާ އިންތިޒާމެއް ނެތެވެ. ވިލިމާލެއަށް އަދި ހުޅުމާލެއަށް ދަތުރުކުރުމަށް ފެރީ ޓާމިނަލެއް ހަދައި އެ ދެ ތަނުގައި އިންތިޒާމެއް ނެތް ކަމަކަށް ނުބުނަމެވެ.
އެކަމަކު އާންމު ފަރާތްތަކުން އަތޮޅުތަކަށް އަދި ރިސޯޓުތަކަށް ކުރާ ދަތުރުތަކަށް މާލޭގައި ބޭނުންކުރާ ބަނދަރުތަކުގައި އަސާސީ އެއްވެސް ހިދުމަތެއް ލިބޭނެ އިންތިޒާމެއް ނެތެވެ. ފެނެއް، ކަރަންޓެއް ލިބެން ނެތް އިރު އެންމެ ކުޑަމިނުން ފާހާނާކޮށްލެވޭނެ ގޮތެއްވެސް ބަނދަރުތަކުގައި ނެތެވެ. ގަދަ ހޫނުން ސަލާމަތްވުމަށާއި ވާރޭވެހޭނަމަ ވާރެއިން ސަލާމަތްވުމަށް އެންމެ ކުޑަމިނުން ޓެންޓެއްހާ ހިސާބުވެސް މިއިން ބަނދަރަކު ނެތެވެ. މިއަށް ވުރެ ވެސް ބޮޑު ކަންބޮޑުވުމަކީ އަލިފާނުގެ ހާދިސާއަކުން ސަލާމަތްވުމަަށްޓަކައި ރައްކާތެރިކަމުގެ ފިޔަވަޅެއް ވެސް އަޅާފައި ނެތުމެވެ.
"ކުދިން ގޮވައިގެން އައިސް މިތާ ފުރަން ތިބޭ އިރު ވަރަށް އުނދަގޫ ހަގީގަތުގައި. އެތައް އިރަކު ބައެއް ދުވަސް ދުވަހު ކޮޅަށް ހުންނަން އެބަޖެހޭ. ވާރޭވެހޭނަމަ މީހާގެ އިތުރުން ގެންގުޅޭ ސާމާނުތަކަށް ދަންދެން ތެމިގެން ނޫނީ ފެން އެޅިގެން އެބަ ގެއްލުންވޭ. ރާއްޖޭގެ ވެރިކަން ކުރާ ރަށުގައި މިއޮށް ވުރެ ބަނދަރުތަކުގައި ހަރުދަނާ އިންތިޒާމެއް ހުންނަންޖެހޭނެ،" އެމްއެމްއޭ ސަރަހައްދުގައި ފުރަން ގޮސް ހުރި މުހައްމަދު ހުޝާމު ބުންޏެވެ.
ޖުމްހޫރީ މައިދާނާ ދިމާލުގައިވާ ބަނދަރުތަކުން ފުރާ މީހުންނަށް ޖުމްހޫރީ މައިދާނުގެ ވަށައިގެން ކަހަލަ ގޮތަކަށް ހަދާފައިވާ ގާފޮޅުތަކުގައި އިށީދެލައިގެން ތިބެވެ އެވެ. އެކަމަކު އެވެސް އަވީގަ އެވެ. މާލޭގެ ދެކުނު ފަރާތުން ލޯންޗުތަކުގައި ފުރާ މީހުންނަށް އެވަރުކޮށްލެވޭނެ ގޮތެއްވެސް ނެތެވެ.
ފަސިންޖަރުން މަޑުކުރުމަށް ހާއްސަތަނެއް ނެތުމަކީ ރައްރަށަށް ފުރަންގޮސް ތަފާތު އެކި ސަބަބުތަކައްޓަކައި ގިނައިރު މަޑުކުރަން ޖެހޭ ފަރާތްތަކަށް ކުރިމަތިވާ ވަރަށް ބޮޑު ތަކުލީފެކެވެ. އެކަމަކު ސިޔާސަތު ކަނޑައަޅައި ތަންފީޒު ކުރަން ތިބޭ ބޭފުޅުންނަށް އެ މަންޒަރެެއް ނުފެނެ އެވެ.
ބަރިބަރިއަށް ހުންނަ އެއް ލޯންޗުން އަނެއް ލޯންޗަށް އަރަމުން އައިސް އެއްގަމަށް ފައިބަން އުޅޭގޮތް ވެސް ފެނުނަސް ބިރުން ފިތްކަނޑައިގެންދެ އެވެ. ވިއްސާރަވެ ކަނޑުގަދަ ދުވަސްތަކުގައި އުމުރުން ދުވަސްވީ މީހުންނާއި މާބަނޑު މީހުން ލޯންޗުތަކަށް އަރުވާ ބޭލުމުގައި އުފުލަންޖެހެނީ ހީވެސް ނުކުރާފަދަ ބުރަ އެކެވެ. ލޯންޗަކުން ކައްސަލައިގެން ވެއްޓޭނެއިރެއް ނޭނގެ އެވެ.
"އެންމެ އުނދަގޫވާކަމަކީ ލޯންޗް ކައިރި ކުރަން ބޭނުންވާ ޖާގަ ނުލިބޭ މައްސަލަ. ދެތިން ހަތަރު ލޯންޗް ފަހަތުގައިވެސް އޮންނަން ޖެހިދާނެ މީހުން އަރުވާ ބޭލުމަށް. ހަގީގަތުގައި މިއީ ވަރަށް ނުރައްކާތެރި ހާދިސާއެއް ވެސް ހިނގާފާނެ ކަމެއް. ލޯންޗް ކައިރި ކުރަން ކިޔު ސިސްޓަމެއް އޮންނަ ނަމަވެސް މިކަަމަށް ހައްލެއް ލިބޭނެހެން ހީވޭ،" ލޯންޗް ދުއްވާ ފަރާތެއް ކަމުގައިވާ ނަސްރު ސްޕީޑުގެ ކެޕްޓަން އަޝްފާގް އަވަސް އަށް މައުލޫމާތު ދެމުން ބުންޏެވެ.
ލޯންޗްތައް ފުރާގަޑިތަކުގައި ޖުމްހޫރީ މައިދާން ސަރަހައްދުގައި ޓްރެފިކް ބާރު ބޮޑުވެ އެ ސަރަހައްދުގައި ހިނގާފައި އުޅޭ މީހުންނަށާއި އެއްގަމު އުޅަދުތައް ދުއްވާ މީހުނަށްވެސް އެތައް ދަތިތަކެއް ކުރިމަތިވެ އެވެ. މިސަރަހައްދުތަކުގައި ޓްރެފިކް ފްލޯ މެނޭޖް ކުރެވޭ ތަނެއް ނުފެނެ އެވެ. ލޯންޗުތަކަށް އަރާ ފައިބާ މީހުން ގޮވައިގެން ދަތުރުކުރާ ޓެކްސީތައް މަޑުކުރަން ވަކި ތަނެއް ނޯވެ އެވެ. ކުރިން އަންނަ ޓެކްސީއަކަށް އިސްކަންދިނުމެއް ނޯވެ އެވެ.
ބައެއް ލޯންޗްތަކުގެ ކެޕްޓަނުން ބުނި ގޮތުގައި މާލޭގެ ބައެއް ބަނދަރުތަކުގައި އެއްގޮތަކަށްވެސް ތެޔޮ އެޅޭނެ އިންތިޒާމެއް އަދި ސާފު ބޯފެން ލިބޭނެ އިންތިޒާމެއް ނެތުމަކީ ވެސް ވަރަށް ބޮޑަށް ދަތިވާ ކަމެކެވެ. ބަނދަރުތަކުގައި ޖާގަ އިންތިހާއަށް ދަތިއިރު އެހެން ސަރަހައްދަކަށް ގޮސް ތެޔޮ އަޅައިގެން އަންނައިރު ކުރިން އޮތް ޖާގަ ނުލިބޭ މައްސަލަ ވެސް ބައެއް ކެޕްޓަނުން ފާހަގަކުރި އެވެ.
"ކަމާކަންފަށާ މާފުއްޓަށް ވެސް ދާން އެބަޖެހޭ ތެޔޮއަޅަން. އެއީ އިތުރު ބޮޑު ހަރަދެއްވެސް ހިނގާ ކަމެއް. ހަގީގަތުގައި ވެސް އަސާސީ ހިދުމަތްތައް ލިބޭނެ އިންތިޒާމުތައް މިބަނދަރުތަކުގައި ހުންނަން އެބަޖެހޭ،" ލޯންޗް ދުއްވާ ފަރާތެއް ކަމަށްވާ ބުމްބާ ފެރީ ސާވިސް ހިންގުމާހަވާލުވެ ހުންނެވި އަބްދުލް ސަލާމް ބުންޏެވެ.
ގިނަ ބައެއްގެ ސަލާމަތާއި ރައްކަތެރިކަމާއި ގުޅިފައިވާ މާލޭގެ ބަނދަރުތަކުގެ މައްސަލަ އަކީ އަވަސް ހައްލުތަކެއް ހޯދަންޖެހޭ މައްސަލަ އެކެވެ. މާލެ ސިޓީ ކައުންސިލުން ވެސް އެކަން ގަބޫލުކުރެ އެވެ.
މާލެ ސިޓީކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ވިދާޅުވީ ބަނދަރުތަކުގައި ހުރި މައްސަލަތަކަށް ހައްލު ހޯދުމަށްޓަކައި ކަމާ ގުޅޭ އިދާރާތަކާ މަޝްވަރާކުރަމުންދާ ކަމަށެވެ. އެގޮތުން ރައީސް އޮފީހާއި ފުލުހުންނާއި ޓްރާސްޕޯޓް މިނިސްޓްރީގެ އިތުރުން ހޯމް މިނިސްޓްރީއާ އެކު މިހާރުވެސް މަޝްވަރާތަކެއް ކުރެވިފައިވާ ކަމުގައިވެސް ވިދާޅުވި އެވެ.
ނަރީޝް ވިދާޅުވި ގޮތުގައި މާލޭގެ ބަނދަރުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލު ގެނައުމަށް މިވަގުތަށް ކުރެވޭނެ މާބޮޑު ކަމެއް ނެތް ކަމަށެވެ. ނަމަވެސް ދުރުމުސްތަގުބަލްގެ ޕްލޭނަކީ މުދާ އުފުލާ އުޅަނދުތައް ތިލަފުށްޓަށް ކައިރިކޮށް ބަނދަރުކުރާ ގޮތް ހެދުމަށްފަހު މީހުން އުފުލާ އުޅަނދުތަކަށް މާލޭގެ ބަނދަރުތަކުން ޖާގަ ދިނުން ކަމަށެވެ. މާލޭގެ ބަނދަރުތަކުގައި ސިޓީ ކައުންސިލަށް ވީވަރަކުން އަސާސީ ހިދުމަތްތައް ގާއިމުކޮށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާނެ ކަމުގެ ޔަގީންކަންވެސް ނަރީޝް ދެއްވި އެވެ.
"މެރިބްރައުން ކައިރީގައި ފުރާ މީހުންނަށްވެސް މިހާރުވެސް ވަކި ތަނެއް ހާއްސަ ހާއްސަކުވިފައިވާނެ. އެސަރަހައްދުގައި ހިޔާވެލުމަށް ކޮންމެވެސް ކަހަލަ އިންތިޒާމެއް މިދަނީ ހަމަޖައްސަމުން. އަދި އެ ސަރަހައްދުގައި ފެން ލިބޭނެ އިންތިޒާމެއް މިހާރު ވާނީ ހަމަޖައްސާފައި،" ނަރީޝް ވިދާޅުވި އެވެ.
މާލޭގެ ބަނދަރުތަކުގައި މީގެކުރިން ވެސް އަލިފާނުގެ ނުރައްކާތެރި ހާދިސާތައް ހިނގާ، އެފަދަ ހާދިސާތަކުގައި ބައެއް މީހުން މަރުވެފައިވެ އެެވެ. އެހެންކަމުން މާލޭގެ ބަނދަރުތަކުގައި ހުރި މައްސަލަތަކަށް އަވަސް ހައްލެއް ލިބުމަކީ އެތައް ބަޔަކު ކުރާ އުއްމީދެކެވެ. ހާއްސަކޮށް މީހުން އުފުލާ ބޭލުމަށް ބޭނުންކުރާ ބަނދަރުތަކުގައި ހުރި މައްސަލަތަކަށް އިސްކަންދޭންޖެހެ އެވެ. އެތައް ބައެއްގެ ފުރާނައިގެ ރައްކާތެރިކަމަށްޓަކަ އެވެ.