މާލެ ސަރަހައްދުގެ އެކި މަގުތަކުގައި ނުދުއްވާ އެތައް ދުވަހެއް ވަންދެން ބަހައްޓާފައި ހުރި އުޅަނދުތައް ނެގުމަށް ކުރިއަށް ގެންދިޔަ މަސައްކަތުގެ ފުރަތަމަ ބުރު ނިންމާލައިފި އެވެ.
މާލެ ސަރަހައްދުގެ މަގުތަކުގައި ބޭނުންނުކޮށް ގިނަ ދުވަސްތަކެއް ވަންދެން ބަހައްޓާފައި ހުރި އުޅަނދުތައް ނައްތާލުމުގެ މަސައްކަތް ފެށި މިދިޔަ ފެބްރުއަރީ 17 ވަނަ ދުވަހު އެވެ.
މި މަސައްކަތް ކުރިއަށް ގެންދަނީ ޓްރާންސްޕޯޓް މިނިސްޓްރީއާއި ޕޮލިސް އަދި މާލެ ސިޓީ ކައުންސިލް ގުޅިގެންނެވެ.
މަގުތަކުން އުޅަނދުތައް ނެގުމުގެ ފުރަތަމަ ބުރު ނިންމާލިއިރު 158 އުޅަނދު ވަނީ ނަގާފަ އެވެ. މިއުޅަނދުތައް ފުނޑުފުނޑުކޮށްލުމަށްފަހު މިހާރު ވަނީ ތިލަފުށްޓަށް ގެންގޮސްފަ އެވެ.
ޓްރާންސްޕޯޓްސް މިނިސްޓްރީން މި ޕްރޮގްރާމުގެ ދެވަނަ ބުރުގައި އިސްކަންދޭނީ މާލެއާއި ހުޅުމާލޭގެ މަގުމަތީގައި ބަހައްޓާފައި ހުރި ރަޖިސްޓްރީ ނުކުރާ އުޅަނދުތައް ނެގުމަށް ކަމަށެވެ. އެފަދަ އުޅަނދުތައް ނެގުމަށްފަހު ރަޖިސްޓްރީ ކުރެވެންދެން ވަކި ތަނެއްގައި ވަކި މުއްދަތަކަށް ބަހައްޓާނެ ކަމަށްވެސް މިނިސްޓްރީން ބުނެ އެވެ.
މާލެ ސަރަހައްދުގެ މަގުތަކުގައި ނުދުއްވާ އެތައް ދުވަހެއް ވަންދެން ބަހައްޓާފައި ހުރި އުޅަނދުތައް ނެގުމުގެ ބޭނުމަކީ ނުދުއްވާ ގިނަ ދުވަސްވެފައި ހުންނަ އުޅަނދުތަކުން މަގުތައް ތޮއްޖެހުން ކުޑަކުރުމާއި ތޮއްޖެހުމާ ގުޅިގެން ހިނގާ އެކްސިޑެންޓްތައް މަދުކުރުމެވެ.