މާލެ ސަރަހައްދުގެ އެކި މަގުތަކުގައި ނުދުއްވާ އެތައް ދުވަހެއް ވަންދެން ބާއްވާފައި އޮންނަ ދުވަސްވީ އުޅަނދުތައް ނައްތާލުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.
މި މަސައްކަތް ކުރިއަށް ގެންދަނީ ޓްރާންސްޕޯޓް މިނިސްޓްރީއާއި ފުލުހުންނާ އަދި މާލެ ސިޓީ ކައުންސިލް ގުޅިގެންނެވެ.
މާލޭގެ ސިނާއީ ސަރަހައްދުގައި މި ޕްރޮގްރާމު މިއަދު ފައްޓަވައިދެއްވުމަށްފަހު ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ ވެހިކަލްތައް ގިނަވެ މަގުތައް ތޮއްޖެހުން ބޮޑުވެ އާންމުންނަށް ދަތިވަމުންދާތާ އަހަރުތަކެއް ވެއްޖެ ކަމަށެވެ. އެކަމަކު މިއަދު ފެށި ޕްރޮގްރާމާ އެކު ކޮންމެވެސް ވަރެއްގެ ލުއިތަކެއް ލިބިގެންދާނެ ކަމުގައި ވިދާޅުވި އެވެ.
"މާބޮޑު އުސޫލުތަކެއް ނެތި ރައްޔިތުންނަށް އުނދަގޫވާ ގޮތަށް ވެހިކަލްތައް ޕާކްކޮށްފައި މި ހުންނަނީ،" އަމީން ވިދާޅުވި އެވެ.
މިރަސްމިއްޔާތުގައި ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ގަވައިދާ ހިލާފަށް އެތައް އުޅަނދެއް އެތައް ދުވަހެއް ވަންދެން ޕާކް ކޮށްފައި ހުންނަކަން ފާހަގަކުރެވޭތީ އެފަދަ އުޅަނދުތަކާ މެދު އަމަލުކުރާނެ ގޮތްތަކެއް ހަމަޖައްސައި ވަރަށް އަވަަހަށް އެކަން އިއުލާންކުރައްވާނެ ކަމަށެވެ.
"އްޔިތުންގެ ކިބައިންވެސް އެދެން ގިނަ ދުވަސްވީ އުޅަނދުތައް ނެގުމަށް. ފުލުހުން އަޅާ ފިޔަވަޅަކުން އެއްވެސް ރައްޔިތަކަށް ދަތިވާކަށް ނޭދެން،" ޝުޖާއު ވިދާޅުވި އެވެ.
މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ މާލޭގައި އެއްވެސް ހަމައެއް ނެތި ވެހިކަލްތައް ގިނަވަމުންދާތީ ފިޔަވަޅުތަކެއް އެޅުމަށް މަސައްކަތްތަކެއް ފެށުމަށް ތައްޔާރުވަމުންދާ ކަމަށާއި ގާނޫނުތައް ތަންފީޒުކުރުންވެސް މުހިއްމު ކަމަށެވެ.
"ބައެއް ގޭގެއަށް އެބަހުރި 200 ކާރު ރަޖިސްޓްރީކޮށްފައި. މިދައްކަނީ އެއްހާސް އަކަފޫޓުގެ ތަންތަނުގެ ވާހަކަ، މިއީ ދައްކަން ޖެހޭ ވާހަކަ،" އާޒިމް ވިދާޅުވި އެވެ.
މި ޕްރޮގްރާމުގެ ފުރަތަމަ ބުރުގައި ނައްތާލާނީ މާލޭގެ މަގުތަކުގައި ޕާކްކޮށްފައި އޮންނަތާ ގިނަ ދުވަސްވީ އުޅަނދުތަކެވެ. އަމިއްލައަށް އެދިގެން ވެހިކަލެއް ނައްތާލުމަށް އެއްވެސް ފަރާތަކުން އެދޭނަމަ މި ޕްރޮގްރާމުގެ އިތުރު ބައެއްގައި އެކަން ހަމަޖެހިގެންދާނެ އެވެ.
މިއަދު ފެށި ޕްރޮގްރާމު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް މާޗް ތިންވަނަ ދުވަހުގެ ނިޔަލަށެވެ.