މާލޭގެ މަގުމަތީގައި ހަލާކުވެ ގިނަ ދުވަސް ވަންދެން ބަހައްޓާފައި ހުރި ވެހިކަލްތައް މާލޭ ސިޓީ ކައުންސިލުން ނަަގަން ފަށައިފި އެވެ.
މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާލެ ތެރޭގައި އުކާލާފައި ހުރި، ބޭނުން ނުކުރެވޭ ހާލަތުގައިވާ ވެހިކަލްތައް ނެގުމުގެ މަސައްކަތް ފަށައިފައިވާ ކަމަށެވެ.
މި މަސައްކަތް ކުރަމުންދަނީ ސިޓީ ކައުންސިލް އަދި ފުލުހުން ގުޅިގެންނެވެ.
މާލޭގެ މަގުމަތީގައި ހިނގަން އުނދަގޫވާ ގޮތަށާއި އަދި ވެހިކަލް ދުއްވަން ދަތިވާ ގޮތަށް ބަަހައްޓާފައި ހުންނަ ވެހިކަލްތަކާއި ނުދުއްވާ ގިނަ ދުވަސްވެ ހަލާކުވެފައި ހުންނަ ވެހިކަލްތައް ވަރަށް ގިނަ އެވެ.
އެ ވެހިކަލްތައް މިއަދު ނަގަން ފަށާފައި މިވަނީ މިއީ ސިޓީ ކައުންސިލުން ކުރަން ނިންމާފައިވާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަމަކަށް ވާތީ އެވެ. ސިޓީ ކައުންސިލުން ވެހިކަލްތައް ނެގުމުގެ ކުރިން ވެހިކަލްތަކުގެ ވެރިފަރާތުން ވެހިކަލްތައް ނަގަައި މަގުމަތި ސާފުކުރުމަށް ވެސް ކައުންސިލުން މީގެކުރިން އެދިފައިވެ އެވެ.
ސިޓީ ކައުންސިލުން ބުނީ ވެހިކަލްތައް ނެގުމަށްފަހު ގާނޫނާއި ގަވައިދުތަކުގެ ތެރެއިން އެތަކެތި ނައްތާލާނެ ކަމަށެވެ. އަދި ވެހިކަލް ނެގުމުގެ ތެރޭގައާއި ނެގުމަށްފަހު އުޅަނދާއި ތަކެއްޗަށް ލިބޭ ގެއްލުމާއި އުނިއިތުރަށް ކައުންސިލުން ޒިންމާ ނުވާނެ ކަމުގައިވެސް ބުނެފައިވެ އެވެ.