ޑރ. މުހައްމަދު މުއިއްޒު

މަގުތަކަށް ވެހިކަލް އިތުރުވާ ގޮތަށް އަމަލުނުކުރަން މުއިއްޒު އެދިވަޑައިގެންފި

Apr 27, 2021
1

މާލޭގެ މަގުތަކަށް ވެހިކަލް އިތުރުވާ ގޮތަށް ގާނޫނުތައް އިސްލާހު ނުކުރުމަށް މާލޭގެ އިންތިހާބީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ.

މުއިއްޒު އެކަމަށް އެދިވަޑައިގެންފައި މިވަނީ ގަރާޖު ސިޓީއަކާ ނުލައި ވެހިކަލް ރަޖިސްޓަރީ ކުރެވޭ ގޮތް ހެދުމަށް އަމިއްލަ މެންބަރެއް ކަމުގައިވާ މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ހުށަހަޅުއްވާފައި ވަނިކޮށެވެ.

ނަޝީދު އެފަދަ ބިލެއް މަޖިލީހަށް ހުށަހެޅުއްވީ ބައެއް ގަރާޖުތަކުގެ ވެރިފަރާތްތަކުން ވެހިކަލް ރަޖިސްޓްރީ ކުރުމުގެ ނަމުގައި ގަރާޖު ފީގެ ގޮތުގައި ނުވަތަ ގަރާޖު ކުލީގެ ގޮތުގައި ގިނަ އަދަދަކަށް ފައިސާ ނަގާ، ނާޖާއިޒު މަންފާ ހޯދަމުންދާތީ އެކަމަށް ހައްލެއް ގެނައުމަށެވެ.

ނަޝީދު ހުށަހެޅުއްވި ބިލް ދިރާސާކުރަމުން ދަނީ ގައުމީ ތަރައްގީއާއި ތަރިކަ ކޮމިޓީންނެވެ. ކޮމިޓީ މަރުހަލާގައި ވަނީ ފުލުހުންނާއި ޓްރާންސްޕޯޓް އޮތޯރިޓީގެ އިތުރުން މާލެ ސިޓީ ކައުންސިލްގެ ބޭފުޅުން ހާޒިރުކޮށް އިސްލާހާ ގުޅޭގޮތުން ހިޔާލު ހޯދާފަ އެވެ. އަދި ކޮމިޓީން މިހާރު ވަނީ ނަޝީދު ހުށަހެޅުއްވި އިސްލާހު ފާސްކުރުމަށް ނިންމާފަ އެވެ. އޭރުން އިންޖީނުލީ އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރަން ހުށަހަޅާއިރު އެ އުޅަނދެއް ބާއްވާނެ ގަރާޖެއްގެ ލިޔުން ހުށަހަޅާކަށް ނުޖެހޭނެ އެވެ.

މާލޭގައި ދުއްވާ ވެހިކަލް ތަކުގެ އަދަދު އަހަރުން އަހަރަށް އިތުރުވަމުންދާއިރު ހަތަރުފުރޮޅުލީ އުޅަނދު ރަޖިސްޓްރީ ކުރަން މިހާރު ހުށަހަޅަންޖެހެނީ އެ ވެހިކަލެއް ބާއްވާނެ ގަރާޖެއް ދެއްކުމަށްފަހު އެވެ. އެހެންވެ މާލޭގައި ބައެއް މީހުން ގެންދަނީ އެކަން ބޮޑު ވިޔަފާރިއަކަށް ހަދައިގެން ގާނޫނާ ހިލާފަށް އެއް ގަރާޖަކަށް އެތައް ވެހިކަލެއް ބާއްވަން ހުއްދަދީ ބޮޑެތި ފައިދާތަކެއް ނަގަމުންނެވެ. އެކަމަކު އެގޮތަށް ރަޖިސްޓްރީ ކޮށްދޭ ގިނަ ވެހިކަލްތައް މަގުމަތީގައި ޕާކް ކޮށްފައި ހުންނަ މައްސަލައަކީ މިހާރު ވެސް ބޮޑުވެފައި އޮތް މައްސަލަ އެކެވެ.

އެކަމާ ކަންބޮޑުވެ ވަޑައިގެން މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލެ ސިޓީގެ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ އާއި ނުލައި އެއްވެސް ހިފެހެއްޓުމެއް ނެތި މާލޭގެ މަގުތައް މައްޗަށް ވެހިކަލްތައް އިތުރުވާނެ ގޮތަކަށް އެއްވެސް ގާނޫނެއްް އަދި ގަވައިދެއްް އިސްލާހު ނުކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

"[މިއީ] މާލެ ސިޓީ ރައްޔިތުންގެ ހައްގުގައި އަޅުގަނޑު ވަރަށް އެދޭ ކަމެއް" ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ރަސްމީ ޓްވިޓާ އެކައުންޓް ޓެގް ކުރައްވާ މުއިއްޒު ވިދާޅުވެފައިވެ އެވެ.