މާލޭ ސިޓީ ކައުންސިލް

މިފަހަރު ނަގާނީ ނުދުއްވާކަން ޔަގީންވާ ވެހިކަލް: މުއިއްޒު

މާލޭގެ މަގުމަތީގައި ހަލާކުވެ ގިނަ ދުވަސް ވަންދެން ބަހައްޓާފައި ހުރި ވެހިކަލްތައް ނެގުން ކުރިއަށް ގެންދިޔައީ އިންސާފުވެރިކޮށް ނޫން ކަމަށް ބުނެ ލިބުނު ޝަކުވާއަކާ ގުޅިގެން މަސައްކަތް މެދުކަނޑާލުމަށްފަހު އަންނަ ހަފުތާ ބަންދުގައި އެ މަސައްކަތް އަލުން ފަށަން ނިންމައިފި އެވެ.

މާލޭގެ ރައްޔިތުންނާ ބައްދަލުކުރުމަށް، އެކި އަވަށްތަކަށް ބަހާލައިގެން މިހާރު ބާއްވަމުން ގެންދާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން މައްޗަންގޮޅީ ރައްޔިތުންނާ ރޭ ބައްދަލުކުރައްވައި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެ މަސައްކަތް އަލުން ފަށަނީ އާ އުސޫލެއް ހަދައިންގެ ކަމަށެވެ.

އަންނަ ހަފްތާ ބަންދުގައި އެ މަސައްކަތް އަލުން ފަށަން ނިންމާފައިވާއިރު މިފަހަރު ނަގާނީ ނުދުއްވާނެ ކަން ޔަގީންވާ ބާވެފައި ހުރި އަދި މަގުމައްޗަށް ދޫކޮށްލައިފައި ހުރި ވެހިކަލްތައް ކަމަށް މޭޔަރު ވިދާޅުވި އެވެ. އެހެންކަމުން އަލުން މަސައްކަތް ފަށާއިރު އިންސާފުވެރިވާނެ ކަމުގެ ޔަގީންކަން މޭޔަރު ދެއްވި އެވެ.

ބާވެފައިވާ ވެހިކަލް ނެގުން ހުއްޓާލީ ގަލޮޅުގެ ރައްޔިތުންނާ އެކު ސިޓީ ކައުންސިލުން މިދިޔަ ހަފުތާގައި ބޭއްވި ބައްދަލުވުމުގައި އާންމުންގެ މީހަކު ކުރި ޝަކުވާއަކާ ގުޅިގެންނެވެ. އެމީހާ ބުނެފައިވަނީ ކޮވިޑްގެ ސަބަބުން ދިރިއުޅުމަށް ދިމާވެފައި ދަތިތަކާ އެކު، އާންމުން އެކި ތަންތަނުގައި ތާށިވެފައި ތިބުމުން އެ މީހުން ދުއްވަމުން އައި ވެހިކަލްތައް މާލޭގެ މަގުތަކުގައި ހުރުމުން އެއީ ބޭނުންނުކޮށް ދޫކޮށްލާފައިވާ ތަކެތި ކަމަށް ބެލުން އެއީ މައްސަލައެއް ކަމަށެވެ. އެހެންވެ ސިޓީ ކައުންސިލުން ކުރަނީ ކިތަންމެ ރަނގަޅު މަސައްކަތަކަށް ވިޔަސް، މި ދުވަސްވަރުގެ ގޮތުން އެގޮތަށް ވެހިކަލްތައް ނެގުން އިންސާފުވެރި ނޫން ކަމަށެވެ.

މާލޭގެ މަގުމަތީގައި ހިނގަން އުނދަގޫވާ ގޮތަށާއި އަދި ވެހިކަލް ދުއްވަން ދަތިވާ ގޮތަށް ބަަހައްޓާފައި ހުންނަ ވެހިކަލްތަކާއި ނުދުއްވާ ގިނަ ދުވަސްވެ ހަލާކުވެފައި ހުންނަ ވެހިކަލްތައް ވަރަށް ގިނަ އެވެ. އެހެންވެ، އެތަކެތި ނެގުމުގެ މަސައްކަތް ފުލުހުންނާއި ގުޅިގެން ސިޓީ ކައުންސިލުން ކުރަން ފަށާފައިވަނީ މިމަހުގެ ދެވަނަ ދުވަހު އެވެ.

ސިޓީ ކައުންސިލުން ބުނީ ވެހިކަލްތައް ނެގުމަށްފަހު ގާނޫނާއި ގަވައިދުތަކުގެ ތެރެއިން އެތަކެތި ނައްތާލާނެ ކަމަށެވެ. އަދި ވެހިކަލް ނެގުމުގެ ތެރޭގައާއި ނެގުމަށްފަހު އުޅަނދާއި ތަކެއްޗަށް ލިބޭ ގެއްލުމާއި އުނި އިތުރަށް ކައުންސިލުން ޒިންމާ ނުވާނެ ކަމުގައިވެސް ބުނެފައިވެ އެވެ.