މާލެ ސިޓީގައި އެއްގަމު އުޅަނދު ރަޖިސްޓްރީކޮށްދޭނެ އަދަދު ކަނޑައެޅުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފި އެވެ.
މިމަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށާފައި މިވަނީ އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް މިދިޔަ އަހަރު ގެނައި އިސްލާހުތަކެއްގައި މިމަސައްކަތް ކުރުމަކީ ލޯކަލް ކައުންސިލް ތަކުގެ ޒިންމާއެއް ކަމުގައި ކަނޑައަޅާފައިވާތީ އެވެ.
އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ 24 ވަނަ މާއްދާގެ (ހ)ގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ވަކި ރަށެއްގައި ނުވަތަ ސިޓީއެއްގައި ނުވަތަ ސަރަހައްދެއްގައި އެއްގަމު އުޅަނދު ރަޖިސްޓްރީކޮށްދޭނެ އަދަދާއި އުޅަނދު ބޭނުންކުރެވޭނެ މުއްދަތު އެރަށެއްގެ ނުވަތަ ސިޓީއެއްގެ ކައުންސިލުން ކަނޑައަޅަން ވާނެ ކަމަށެވެ. އެގޮތަށް އުޅަނދުގެ އަދަދާއި ބޭނުންކުރެވޭނެ މުއްދަތު ކަނޑައަޅަން ޖެހެނީ އެއިން ކޮންމެ ތަނަކަށް ވަކިންނެވެ.
އެ މާއްދާގެ (ނ)ގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ވަކި ރަށެއްްގައި ނުވަތަ ސިޓީއެއްގައި މީހެއްގެ ނަމުގައި ނުވަތަ ވިޔަފާރިއެއްގެ ނަމުގައި ނުވަތަ ކުންފުންޏެއްގެ ނަމުގައި ނުވަތަ ދައުލަތުގެ އިދާރާއެއްގެ ނަމުގައި އެއްގަމު އުޅަނދު ރަޖިސްޓްރީ ކޮށްދޭނެ އަދަދު ކަނޑައެޅުމުގެ އިހްތިޔާރު އެ ރަށެއްގެ ނުވަތަ އެ ސިޓީއެއްގެ ކައުންސިލަށް ލިބިގެންވާ ކަމަށެވެ. އަދި އެގޮތަށް ކަނޑައަޅާ ކަނޑައެޅުމަށް އަމަލުކުރަން ލާޒިމުކުރުމުގެ މަދުވެގެން ހަމަސް ދުވަސް ކުރިން އެކަން އާންމުކޮށް އަންގާ އިއުލާންކުރުމަށްވެސް ގާނޫނު ލާޒިމު ކުރެ އެވެ.
މިކަމާ ގުޅިގެން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވީ މާލެ ސިޓީގައި އެއްގަމު އުޅަނދު ރަޖިސްޓްރީކޮށްދޭނެ އަދަދު ކަނޑައެޅުމަކީ މާލެ ސިޓީ ކައުންސިލްގެ ގާނޫނީ ޒިންމާ އަކަށްވީ ނަމަވެސް އެއީ މިހާތަނަށް ކުރެވިފައި ނެތް ކަމެއް ކަމަށެވެ. އެއީ އާދައިގެ މަސައްކަތަކަށް ނުވާނެ ކަމަށާއި އަދި އެއީ ވަރަށް ގިނަ ކަންކަމާ ގުޅިފައި އޮތް މައްސަލައެއް ކަމުގައިވެސް ވިދާޅުވި އެވެ.
މާލޭގައި ވެހިކަލްގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަން ފާހަގަކުރައްވަމުން މުއިއްޒު ވިދާޅުވީ ބޭނުން ނުކުރާ ވެހިކަލާއި ރޯޑްވާދިނަސް ނެތް ވެހިކަލް ވެސް ވަރަށް ގިނަ ކަމަށެވެ. އެހެންވެ ގާނޫނީ ޒިންމާ އަދާކުރުމުގެ ގޮތުން މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފެށުމަށްޓަކައި ހަތް ކައުންސިލަރުންގެ ޓީމެއް މިއަދު ވަނީ އެކުލަވާލާފަ އެވެ. އަދި މިޓީމުގެ ހޯދުންައް ގިނަ ދެ ހަފްތާގެ ތެރޭގައި ކައުންސިލްގެ ރަސްމީ ބައްދަލުވުމަކަށް ހުށަހެޅުމަށްވެސް މިއަދު ވަނީ ނިންމާފަ އެވެ.
"އެކަން ކުރުމަށްޓަކައި އަޅުގަނޑުމެން ކަމާ ގުޅޭ އިދާރާތަކާ މަޝްވަރާކޮށް ހޯދަންޖެހޭ މައުލޫމާތު ހޯދައި އަޅުގަނޑުމެން މައުލޫމާތު އެއްކުރުމަށްފަހު އަޅުގަނޑުމެން އެކަން [ވެހިކަލް ރަޖިސްޓްރީކޮށްދޭނެ އަދަދު] ކަނޑައަޅާނީ.،" މޭޔަރު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ މާލެ ސިޓީގައި އެއްގަމު އުޅަނދު ރަޖިސްޓްރީކޮށްދޭނެ އަދަދު ކަނޑައެޅުމުން އެކަން ވެގެންދާނީ ޓްރެފިކުގެ މައްސަލައަށް ރަނގަޅު ހައްލެއް ލިބި، މާލޭގެ މަގުތައް ބޭނުންކުރާ ރައްޔިތުންނަށް ވަރަށް ގިނަ ފަސޭހަތައް ލިބިގެންދާ ނިންމުމަކަށް ކަމަށެވެ. މާލޭގައި ކިތަންމެ ވަރަކަށް ވެސް ޕާކިން ބިލްޑިންތައް ހަދައި ޕާކް ކުރާނެ ޖާގަ ދެވިދާނެ ކަމަށާއި އެކަމަކު ވެހިކަލް އެތެރެކުރާ އަދަދު ލިމިޓް ނުކުރާނަމަ ޕާކިން މައްސަލަ ހައްލުކުރަން އުދަގޫ ވާނެ ކުގައިވެސް ވިދާޅުވި އެވެ.
"އެކަމަކީ އަދި ކުރެވިފައި އޮތް ކަމެއް ނޫން. އެއީ އަދި އާދައިގެ ކަމެއްވެސް ނޫން. އެއީ ވަރަށް ގިނަ ކަންކަމާ ގުޅިފައި އޮތް މައްސަލައެއް،" ވެހިކަލްގެ އަދަދު ކަނޑައެޅުން އުދަގޫވެދާނެ ކަމަށް އިޝާރާތް ކުރައްވާ ވިދާޅުވި އެވެ.
ވިލިމާލޭގައި އެއްގަމު ދަތުރުފަތުރުގެ ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން ވާދަވެރިކަން ގެނައުމަށްޓަކައި ކަނޑައަޅާ ވަކި އަދަދަކަށް އިތުރު ފަރާތްތަކަކަށް ވިލިމާލޭގައި ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް ހުޅުވާލުމަށްވެސް މާލެ ސިޓީ ކައުންސިލުން މިއަދު ވަނީ ނިންމާފަ އެވެ.